ފަޔަރ އެންޑް އައިސް (15)

ފަޔަރ އެންޑް އައިސް

އާރިޒް ގާތަކުގެ މަތީ ޖެހުނުލެއް ބާރުކަމުން ހަރަކާތެއްނެތި ބަންޑުންއޮތްތަން ފެނުމުން ޖަނާހު ބިރުން އަވަދިނުވީ ކިރިޔާއެވެ. ވަގުތުން ދެލޯ ފެންކަޅިވެގެން ދިޔުމާއިއެކުވެސް ބާރަކަށް އާރިކްއަށް ގޮވާފައި އެންގީ އެމްބިއުލެންސްއަށް ގުޅުމަށެވެ. އެއަޑުގައިވި އަވަސްކަމާ އިއެކު ހަމަ ދެންމެ ދެންމެ ރޮއިގެންފާނެފަދައެވެ. އާރިޒްއަށް ފަސްޓްއެއިޑްދޭން އަވަސްވެގަތްއިރު އާރިކް އެއްވެސް ހަރަކާތެއް ނުކޮށް ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހުރިތަން ފެނުމުން ޖަނާހުއަށް ވިސްނުނެވެ. އާރިކްވެސް އެހެރީ ޝޮކެއްގައެވެ. ނަމަވެސް ޖަނާހުއަށް ހީވި ހީވުން މުޅިން ރަގަޅެއް ނޫނެވެ.

"ކާމް ޑައުން ޖަނާ..ހީޒް ފައިން" އާރިކް ހީލާފައި ކިޔައިލިއެވެ.

"އާ ޔޫ ކިޑިން މީ..........." ޖަނާހު އަނގަޔަށް ނުބައިގޮތެއް ހެދުނެވެ. އާރިކް ޝޮކެއްގައި ހުއްޓަސް މިހާ ސީރިޔަސްވަގުތެއްގައި ސަމާސާކޮށްގެނެއް ނުވާނެއެވެ.

"މީހަކު ފައިން ވާނީ މިހާވަރަކަށްނު...."

"ފޭކް ޖައްސައިގެން މިކުއްޖާ މިއޮތީ. އަހަރެމެންނެއް ނެހެއްދޭނެ އިނގޭ ލުސިފާރ. ތެދުވޭ ނޫނީ ޖަނާ ހިތް ފަޅައިގެން ގޮސްދާނެ..." އާރިކް ގުދުވެ އާރިޒްގެ ފައިގެ ދަށްފުށް ކަހާލުމާއިއެކު ޖާދޫއެއްފަދައެވެ. އާރިޒް ފުންމައިގެން ތެދުވުނީ ހީގަނެފައެވެ. ޖަނާހު ބިންމަތީ ދެއަތް ވިއްދައިލިގޮތަށް ދެލޯ ބޮޑުކޮށްގެން އާރިޒްގެ މޫނަށް ބަލަން އިނީ ގަބޫލުކުރާން ބޭނުންނުވެފައެވެ. އެހާ މަތިން މިގާތަކުގެ މަތީ ޖެހުނުގޮތަށް އަނިޔާއެއް ނުލިބި ސަލާމަތްވެދާނެ ހެއްޔެވެ؟

"ތީ ހަމަ އިންސާނެއްތަ؟ " ޖަނާހު ހިތާހިތުން ކިޔައިލިއެވެ.

"އިފުރީތުންގެ ނަސްލުން އައިސްފަ...." އާރިކް ޖަވާބުދިނީ ހިނިގަނޑެއް ޖަހައިލިއެވެ.

"ކީކޭ. އެރިކް މައިންޑް ރީޑްކުރަން ފެށީތަ" ޖަނާހު ހައިރާންވެ އަންތަރީސްވިއެވެ.

"ބިރުނުގަނޭ އަހަރެން އިފުރީތަކަށް ވިޔަސް ޖަނާއާއި އެރިކް ކާލާކަށް ނޫޅެން. އައިސްޕެކް ހުންނާނެތަ؟ ބޯ ބާރަކަށޭ ޖެހުނީ. މިއޮތީ ދުޅަވެފައި..." އާރިޒް ޖަނާހުގެ އިސްތަށިގަނޑު އަތުން ހާވާލާފައި އެތެރެއަށް ދާން ހިނގައިގަތެވެ. ޖަނާހުގެ ހިތުގައި ޝައްކުތަކެއް ހިނގައިލިއެވެ. އާރިޒްގެ އެކްސިޑެންޓަށްފަހު އޭނަގެ މޫނުމަތީ ހުރި ކަޅުކުލައިގެ އުފަންލައް އެއްކޮށް ފިލައިގެން ދިޔައީއެވެ. އެކްސިޑެންޓަށްފަހު ޗަސްވެ ހަލާކުވެފައި ވާ މޫނެއް ވެއްޖެއްޔާ ޕްލާސްޓިކް ސާޖަރީހެދިޔަސް މިހާ ރީތިކޮށް އެއްވެސް ކޫރުމެއްނެތި އާރިކްގެ ޓްވިންއެއްހެން ހުރުމަކީ ހަމަ އަޖައިބެކެވެ. މުޅިން ކަރާމާތްހެއްޔެވެ؟ ސައިންސްގެ އަލީގައި މިއިން އެއްވެސް އެއްޗެއް ގަބޫލުކުރަން ފަސޭހައެއްނޫނެވެ.

***

ޖަނާހު އިސްތިރިކުރަން ހުރިއިރު އިސްތިރިން ދުން އަރާހާ ހޫނުގަދައެވެ. ދެމީހުންގެ މައުޟޫއަކީ ޑޮކްޓަރ އާޔާއެވެ. އާރިޒް ސުވާލުކުރާވަރުން ޖަނާހު ހުރި ހިނި އައިސްފައެވެ. އާރިޒް ހަމަރަގަޅަށްވެސް އާޔާއަށް ހިތް ކީހެއްޔެވެ؟

"މަށަށް ދެރައީ އޭނަ މީހެއްގެ ހައްގަކަށްވީމަ..." ޖަނާހު ބުނެލިއެވެ.

"މިހާރު ހުހަށް ހުރީ..."

"އާޔާ އަދިވެސް އެކްސް އިންތިޒާރުގައި ހުރެދާނެއްނު. ފަސްޓްލަވް ހަނދާން ނައްތައިލާކަށް ފަސޭހައެއްނުވާނެ............................"

"އެރިކް ބުނި އާޔާ ވަރަށް އަޅުވެރި ރަގަޅު ކުއްޖެކޯ....."

"ހޫމް ތިވީ މާރަގަޅަކަށްނު. އެކަހަލަ އަންހެންކުދިން އަޅުވެރިންނާއި އިންނަން ބޭނުންވާނީ. އާރިޒް ގިނަގިނައިން މިސްކިތުން އޭނައަށް ފެންނަންވީ. ދީނީވާހަކަތައް ދައްކަންވީ. އަންހެންކުދިން މައުސޫމްކަމުން ފަސޭހައިން ހެއްލޭނެ....."

ޖަނާހު ވާހަކަދައްކަން ހުރެފައި އިސްތިރި ބެހެއްޓުނީ މޭޒުގެ ކައިރިފަށުގައިއެވެ. ގަމީސް ހަރުގައި އަޅުވަން އެނބުރިލި ވަގުތު އަތުންޖެހި އިސްތިރި ކައްސައިލިއެވެ. އާރިޒް ހުޝިޔާރުކަމާއިއެކު އިސްތިރީގައި ހިފެހެއްޓިއިރުވެސް ދުންއަރާފަދައެވެ.

"ލުސިފާ...." ޖަނާހު ހަޅޭއްލަވައިގަތެވެ.

"ކިހިނެއްވީ..." އާރިޒް ހައިރާންވިއެވެ. ޖަނާހު އިސްތިރި ޖަހައިގެންފާ މޭޒުމަތީގައި ބެހެއްޓިއެވެ.

"ނުވަނީ ކޮންކަމެއް. ބަލަ ދޮންކޮށްފައި ހުރި އިސްތިރިއެއްގައި ހިފަހައްޓައިގެންނޭ ހުރީ. ތިއަތަށް ތަދުގެ އިހުސާސެއްނުވޭތަ؟ އަތް ނުފިހޭތަ؟ ދައްކަބަލަ ބަލައިލަން..........."

ޖަނާހުގެ ކަންބޮޑުވުން ގުޅުފައިވަނީ އޭނަގެ އަތްތިލައާއިކަން އެނގުމާއިއެކު އާރިޒްގެ އަނގަޔަށް ވަގުތުން ވައްތަރެއް ޖައްސައިލިއެވެ. ތަދު އިހުސާސްނުވާކަން ޖަނާހުއަށް އެނގިގެން ނުވާނެއެވެ. އޭނައަށް ތަދު އިހުސާސްނުވުމާއި ކޮންމެވެސް ކަހަލަ ބާރުތަކެއް ލިބިފައިވުމާއި ޖިންނިން ފެންނަކަން އަދި އެހެން މީހަކަށް އެނގިގެން ނުވާނެއެވެ. އެންމެ ގާތް އެކުވެރިންނަށްވިޔަސް ހެވެވެ.

"އޫ......އާ..." އާރިޒްގެ ދެފައި ބިންމަތީގައި ހަރުނުލިއެވެ. އާރިޒް ވޭނުގައި ތެޅިފޮޅެންފެށިއެވެ. ދުއްވައިގަތެވެ.

ޖަނާހު ފަހަތުން ގޮސް ބަލައިލިއިރު އާރިޒްހުރީ އިސްކުރުދޫކޮށްލައިގެން އަތްލައިގެންނެވެ. ޖަނާހު ލޮލުތެރޭ ކަޅި ހިންގައިލީ އާރިޒްގެ "އެކްޓް" އޭނައަށް ގަބޫލުނުކުރެވިފައެވެ.

"ލުސިފާ. ކޮންކަމެއް މަށަށް ފޮރުވަނީ.. ވަޓް އާ ޔޫ........."


***

އާޔާ ޑިއުޓީ ނިންމާލުމަށްފަހު މީޓިންއަކަށް ދާން ޖެހުނެވެ. އަސުރުނަމާދުކޮށްގެން މީޓިންއަށް ދެވުނީ ތަންކޮޅެއްލަހުންނެވެ. ޑޮކްޓަރ އާރިކް އެކަމާއި މައްސަލަޖެއްސިއެވެ. އެކަން ތަކުރާރު ނުކުރާން އަމުރުކުރިއެވެ. އާޔާ ޚިޔާރުކުރީ ހިމޭންކަމެވެ. ވަގުތުން ނަމާދު ގާއިމުކޮށް ދުންޔަވީ އެހެން ކަމެއްގައި ޝާމިލް ނުވާން އަމިއްލަ ނަފުސަށް އޭނަވަނީ ވައުދުވެފައެވެ. އޭނަގެ މަންމަވެސް ނިޔާވީ އުމުރުން އެންމެ ޒުވާންއިރުގައެވެ. ވީއިރު މަރާއިމެދު އޮތީ ކޮން ޔަގީންކަމެއްހެއްޔެވެ؟ އާރިކް ކިތަންމެ އިންޒާރުކުރިޔަސް އޭނަ ވަޒީފާއިން ވަކިކުރިޔަސް ނަމާދުގަޑިއާއި ފުށުއަރާގޮތަށް ބޭއްވޭ ޖަލްސާއަކަށް އޭނަ ހާޒިރުކުރާކަށް ކުޅަދާނައެއް ނޫނެވެ. ޖަލްސާ ނިންމާފައި ކާރުގައި ގެއަށް އައިއިރު އޭނަ އިނީ ގުރުއާން އަޑުއަހާށެވެ. ކުއްލިއަކަށް ކާރުގެ ކުރިމަތިން ހުރަސްކުރި މީހެއްގެ ގައިގާ ނުޖައްސަން އޭނަ މަސައްކަތްކުރިއެވެ. އޭނަގެ ނިތްކުރިވެސް ހުންގާނުގައި ޖެހި ދުޅަވިއެވެ.

އެހާވަރުން ބެލިއިރު ކާރުގެ ކުރިމައްޗަށް ނުކުތް މީހާގެ ހިލަމެއްނުވިއެވެ.

"ހެލުސިނޭޝަންއެއްތަ؟ " އާޔާގެ ހިތް އަވަސްވިއެވެ.

ގެއަށްވަދެ އައިސްޕެކެއް ހިފައިގެންގޮސް ކޮޓަރިއަށް ވަނެވެ.

ސްވިޒަލޭންޑްގައި އުޅުނު ކޮޓަރިފަދައިން މި ކޮޓަރިވެސް ތަނަވަސްވެފައި ހިތްގައިމެވެ. ދަނބާއި ހުދުކުލައިގެ ފަރުނީޗަރުތަކުން ފެށިގެން އެނދާއި ފަރުދާތައް އެކުލައިން ހުރުމުން އަންހެންކުއްޖަކާއި ނިކަން ގުޅެއެވެ. ފަތިޓީވީއާއި ފާރުގައިވާ ކުރެހުންތަކާއި މާބްލްތައް އެންމެ އަގު ބޮޑެވެ. އަދި ބެލްކަނީގައިވާ ބިއްލޫރިދޮރުގައި ދަމާލާފައިވާ ބޯ ފަރުދާތަކުގައި ޑިޒައިން ކޮށްފައިވާގޮތުން ޝާހީކަމަށް ދައްކައެވެ. ބިންމަތީގައި މަޑުކަފަކޮޅެއްހެން ހީވާ ރަގްތަކެވެ. އެއްފަރާތުގައިވާ ފޮތް ހަރުގަނޑުފުރިފައިވަނީ ދީނީ އަދި ބޭސްވެރިކަމާއި ބެހޭފޮތްތަކުންނެވެ. އާޔާ އޮފީސްހެދުން ބަދަލުކޮށްލާފައި ގަޔަށްދޫ ހެދުމަކާއި ސްކިނީއެއް ލައިގެންގޮސް ސޯފާގައި އޮށޯވެލިއެވެ.

"އާރިޒްއާއި އާރިކް ހާދަ ވައްތަރޭ. އެކަމަކު އާރިކްގަނޑުގެ އެހެރަ ފޮނިކަމެއް. އާރިޒް ކިހާ ސްވީޓް.........................................." އާޔާ ދެލޯ މަރާލައިގެން އޮވެ އަމިއްލަ ނިތްކުރި ގަނޑުފެނުން ބޮނޑިތާންކުރަމުން ދިޔަސް ވިސްނުން ހުރީ އާރިޒްއާއިމެދުގައެވެ.

"އާޔާ............" ބަލްސަމްގެ އަޑު އިވުނެވެ.

"ލައްބަ........" އާޔާ ކަންނެތްވެފައި އައިސް ދޮރު ހުޅުވާލައިފިއެވެ.

"ޕޮޓްތަކަށް ފެންކޮޅެއް އަޅާބަލަ. ފްރެންޑަކާއިއެކު ކޮފީއަކަށް ދާން ބުނެފައި އޮތީމަ........." ބަލްސަމް ބުނެލިއެވެ.

"މިދަނީ......"

އާޔާ ކުޑަބުރުގާކޮޅެއް ބޮލަށް މަހާލުމަށްފަހު ގައުނެއް ލައިގެން ނުކުތެވެ. ޑިއުޓީއަށްފަހު ޖަލްސާގައި އިނުމުގެ ސަބަބުން އޭނަގެ ތަބީއަތަށް ލޮޑުކަމެއް އައިސް އަރާމްކޮށްލަން ބޭނުންވެފައި ވިއެވެ. ނަމަވެސް ދޮންމަންމަގެ އެދުން ބޮލާލާ ޖަހާކަށް ނުކެރުނެވެ. ބައްޕައާއި ދޮންމަންމަ ގެ ކައިވެނި ރޫޅުމަށްފަހު ބަލްސަމް އާދޭސްކޮށް ރޮއިގެން ދެވަނަފަހަރަށް އެމީހުންގެ ހަޔާތަށް އައެވެ. އެފަހުން ބަލްސަމް ތަންކޮޅެއް މައިތިރިއެވެ. ބައްޕަދެކެ ބިރުވެސް ގަނޭމެއެވެ.

ގަސްމުށިތަކުގައި ހެދިފައިވާ ގަސްތަކުގައި މާތައް އަޅާބަރާވެފައިވާއިރު ލޮލަށް ފިނިކަން ގެނެސްދެއެވެ. ނަމަވެސް ސްވިޒަލޭންޑް ބަގީޗާއާއި ކައިރިކުރާވަރެއް ނޫނެވެ. އޭނައަށް މިރަށުން ކަމުދަނީ އާރިޒްމެންގެ ފިނިފެންމާ ބަގީޗާއެވެ. އެ މާގަސްތަކުން މާ ބިދެލެވޭނީ ނަސީބުވެރި ކުއްޖަކަށެވެ. ކުދި ފަތްތަރުމަތީގައި އިށީދެލައިގެން އިނދެ ކުރައިން މާގަސްތަކަށް ފެންދެމުން ދިޔައިރު ޚިޔާލުތަކެއްގެ ތެރެއަށް ގެއްލިފައެވެ.

"ގުޑް އިވިނިން އާޔާ........."

އާރިޒްގެ އަޑު އިވުމުން ފުރަތަމަ ހީކުރެވުނީ ހީވިގޮތެއްކަމަށެވެ. ވައިރޯޅިއެއް ކަނދުރާގައި ބީހިލާ ގައިން ހީބިހިނެގިއެވެ. އާޔާ ފުންމައިގެން ތެދުވެ އަނެއްފަރާތަށް އެނބުރުނުއިރު އާރިޒް މިހިރީ ދާދި ގާތުގައެވެ. ފިޔަވަޅުގެ އަޑު ނީވުނީ އޭނަ އެހާވެސް ފުން ޚިޔާލެއްގައި އިނުމުންހެއްޔެވެ؟ އާރިޒް އެއްއަތުން ޗީޒްކޭކެއް ހިފަހައްޓާލައިގެން ހުރިއިރު އަނެއް އަތުގައި ފިނިފެންމާ ގުލްދަސްތާއެކެވެ.

"އާޔާ ބަލިވެއުޅޭކަން އެނގުނީމަ މިއައީ....." އާރިޒް ހިނިތުންވެލުމުން ހުދުކަން ގަދަ ދަތްތައް ވިދައިލިފަދައެވެ.

"ކާކު ބުނީ. ބައްޔެއް ނޫން...." އާޔާ ހައިރާންވިއެވެ.

"މިއަދު އެކްސިޑެންޓެއްވި އެއްނު........"

"އޯ. އެއީ އާރިޒްތަ؟ " އާޔާ އަނގަމަތީ އަތްއެޅިއެވެ.

"ނަސީބެއްނު އަނިޔާއެއްނުވިކަން..........."

"އެކަމަކު. އެހާ އަވަހަށް ކާރުން ފޭބިއިރު ނެތީމެއްނު....." އާޔާ އަނގަމަތިން އަތްނެގިއެވެ. " އެނީވޭސް ތެންކިއު......................"

"އައި ކެން އެކްސްޕްލެއިން އާޔާ. އައި ހޭވް ދިސް އެބިލިޓީ ޓު..........." އާރިޒް އެއްޗެކޭ ބުނަން އުޅެފައި ހިންދިރުވައިލިއެވެ. "ކުޑައިރުވެސް މާ ހައިޕާވެގެން އުޅެވުނީ. އެހެންވެ އާޔާ ކާރުން ފޭބިވަގުތު އަވަހަށްގޮސް ގޯޅިން ލަނބައިލީ. ވަރަށް ފާސްޓްވާނެ. ސޮރީ އެކަމުން ހާސްކަމެއް ލިބުނިއްޔަ"

އާޔާ އެކޭކާއި ފިނިފެންމާ އަތުލުމަށްފަހު ސިޓިންރޫމްގައި ބަހައްޓާފައި ނުކުތުމުން އާރިޒް ހައިރާންވިއެވެ. މިއީ ކޮންކަހަލަ އަންހެންކުއްޖެއް ހެއްޔެވެ. މެހުމާނަކު ބޭރުގައި ބަހައްޓައިގެން ވާހަކަދެއްކުމަކީ އެންމެ ރަގަޅުގޮތެއް ނޫނެވެ.

"އެތެރެއަށް ވަންނާކަށް ދައުވަތެއް ނުދޭނަންތަ؟" އާރިޒް އެހިއެވެ.

"ސޮރީ. އައި ކާންޓް.." އާޔާ ވަގުތުން ދެކޮޅުހެދިއެވެ.

"ނަމްބަރު ދީފާނަންތަ؟ " އާރިޒް ބުމަ އަރުވައިލިއެވެ.

"ސޮރީ.............."

"މިހާރު މާމަ ދުރުވަން އުޅޭނެ. މިގެއިން އާރިޒް ފެނުމަކީ މާމަ ހިތްހަމަޖެހޭކަމަކަށްނުވާނެ. މާމަ ވަރަށް ދީންވެރި އެހެންވީމަ އާރިޒްއަށް އަންޑަސްޓޭންޑްވަނެކަމަށް ހީކުރަން. ޕްލީޒް ލީވް...."

"އޯކޭ. ފަހުން ބައްދަލުވާނަން. އެނގޭތަ؟ ތިހާ ސިމްޕަލްކޮށް މޭކަޕެއްނެތި ހުރީމަ ވަކިން ރީތި..............................................." އާރިޒް ބަލައިލީ ހިތްގައިމު ނަޒަރަކުންނެވެ. އެލޮލުން ފެނުނު ކުލަވަރު އާޔާއަާް ތަރުޖަމާކުރަން ނޭގުނަސް އަޒިކިއަލްއާއި ހާސްބައި ތަފާތެވެ.


***

އާރިޒް ކޮޓަރިއަށްވަދެފައި އަލިފާންދަނޑިއަކުން އުއްބައްތިތައް ރޯކޮށްލައިފިއެވެ. އުއްބައްތީގެ އަލި މޫނަށް އެޅުމުން ރަންކުލައެއްގައި ފެންނައިރު އަޅިދެލޮލުގެ ޖާދުވީކަމުން ފިރިހެނުން ހަސަދަވެރިވާނެއެވެ. ގިޓާހިފައިގެން ބެލްކަންޏަށް ނުކުމެ ރީތި ރާގެއް އަޅުވާލައިފިއެވެ. މިއުޒިކްކުޅެ ނިމިގެން ތެދުވާން އުޅެނިކޮށް މާބްލްމަތީ އޮތް ކަރުދާސްކޮޅު ލޮލުގައި އަޅައިގަތެވެ. އޭގައި އޮތީ ނަމްބަރެކެވެ. ފޯނު ނަމްބަރެކެވެ. ރީތި އަތު ލިޔުމަކުން ލިޔެފައެވެ.

"އާޔާ...." އާރިޒްއަށް ކިޔައިލެވުނެވެ.

"ހެލޯ...." އާރިޒް ގުޅުމުން އާޔާ ފޯނުނެގިއެވެ. އޭނަގެ ނަމްބަރު ލިބުނުގޮތެއް ނޭގުނަސް އަހާކަށް ނޫޅުނެވެ. އާރިކްއާއި ޖަނާހު އޭނަގެ ނަމްބަރު އެންމެނަށް ބަހަންފެށީއެވެ.

"ތީ ކޮންކަހަލަ ކުއްޖެއްތަ؟" އާރިޒް ހެމުން އަހައިލިއެވެ.

"ކީއްވެ؟ "

"ނަމްބަރު ނުދޭނެކަމަށް ދައުވާކޮށްފައި ކަރުދާސްކޮޅެއްގައި ލިޔެފައި ފޮނުވައިލީވިއްޔަ. ކިހާ ރޮމެންޓިކް............"

ނަމްބަރު ދިނީ އޭނަ ނޫންކަމަށް ބުނެ ހަޅޭއްލަވައިގަންނަން އާޔާ ބޭނުންވިއެވެ. އޭނަގެ ނަމްބަރުތައް މިގޮތަށް އެންމެނަށް ދޭން އޭނަގެ ހިތާއި ހަށިވެސް ނުރުހެއެވެ. ނަމަވެސް އާރިޒްއާއި ދިމާލަށް އެއްޗެކޭ ބުނަން ހިތް ދެކޮޅުހެދިއެވެ.

"އަހަންނަށް ފޯނުން ވާހަކައެއް ނުދެއްކޭނެ. ހިލޭ ފިރިހެނުންނާއި ވާހަކަދެއްކުމަކީ ހުއްދަކަމެއްނޫން. ބުނެފާނަން. އަހަރެން ވަނީ ހިތި ތަޖުރިބާއެއްކޮށްފައި. ދެވަނަފަހަރަށް އެފަދަ ހިތްދަތިކަމަކާއި ކުރިމަތިލާނެ ހިތްވަރެއްނެތް. އަންޑަސްޓޭންޑްވާނެކަމަށް ހީކުރަން........" އާޔާ ފޯނުބޭއްވިއެވެ.

އާރިޒް ހިނި އައެވެ. ފޯނު ނަމްބަރުދީފައި އާޔާ ބުނަންއުޅުނީ އެވާހަކަހެއްޔެވެ؟

ކޮންމެ ގޮތެއް ހަދާފައިވެސް އާޔާގެ ހިތް މިލްކުކޮށްފައި ދެވަނަފަހަރަށް އެ ހިތް ހަލާކުކޮށްލަން އޭނައަށް އެބަޖެހެއެވެ. އޭނަގެ ހުސްވަގުތު ފުރާލަން އެމީހަކު ދެއްކި މަސައްކަތް ގޯހެއްނޫނެވެ.


***


ރޯޒްޕްލޭސް އަނދިރިކަމުގެ ތެރެއަށް ގެނބިފައިވާއިރު ހުރިހާ ދިމާލަކުން ފެންނަނީ އަނދިރިކަމެވެ. ފާނޫޒުގެ ފަނޑު އަލިކަން ފިޔަވާ އަލިކަންފުޅެއް ނެތްއިރު ހިޔަނިތައް ހޫރޭތަން ފެނުނެވެ. ކަޅުކުލައިގެ ބޯޑެއްފަދައިން ފެންނަމުންދިޔަ އުދަރެސް ހަނދުވަރުގެ ތޫނު އަލިން ޕެއިންޓްކޮށްލަމުން ދާއިރު މަންޒަރުތައް ފުރިހަމަކަމުން ބަލާ ބަލާ ފޫހިނުވާނެއެވެ. ދޭތެރެއަކުން ބޯ ވިލާއިން ހަނދު ފަރުދާކޮށްލުމުން މާހައުލަށް ވެރިވެގަންނަ އަނދިރިކަން އިންސާނުންގެ ހިތްތަކަށް ބިރުވެރިކަން ވައްދާނެއެވެ.

ފެންޑާގައި ހުރި ސޯފާގައި ކުރު އަތް މައްޗަށް އޮށޯވެލައިގެން އޮތީ ޖަނާހުއެވެ. އާރިކްއަށްޓަކާ ފިކުރުބޮޑުވެފައެވެ. ދަންވަރު ދޭއްޖަހާ ބޮޑުވަނީއެވެ. އާރިކްއަށް އެތައްފަހަރު ގުޅިއްޖެއެވެ. ފޯނު އޮތީ ނިވާލާފައެވެ. މިރޭ ޑިއުޓީ ނެތުމުން އޭނަ ވަކި ދާނީ ކޮންތާކަށްހެއްޔެވެ؟ ގަދަކަމުން ލޯ ހުޅުވަން މަސައްކަތްކުރި ނަމަވެސް އެންމެފަހުން ޖަނާހުގެ ލޯ މަޑުމަޑުން މެރެމުންގޮސް ފުން ނިންޖަކަށް ގެނބިއްޖެއެވެ. އެވަގުތު ގޭޓާއި އަރާހަމަވީ އިސްކޮޅުން ދިގު ބިޔަ ޒުވާނެކެވެ. އޭނަގެ ލޮލުން ފޮނުވައިލި އައްޔަކުން ގޭޓްގެ ތަޅު ހުޅުވާލައިފިއެވެ. ނިވިދިއްލޭފަދައިން ދޭތެރެއަކުން ފެނި ގެއްލެމުން ކުރިއަށް ދިޔައިރު ވައިވެސް ހިމޭންވެ އަޑުތައް ކެނޑުނެވެ. އޭނަގެ އަމުރަށް އެންމެން ތަބާވާފަދައެވެ. ޖަނާހުއާއި އަރާހަމަވެފަ އޭނަ އާރިކްގެ ސިފައަށް ބަދަލުވިއެވެ.

"ސޮރީ ޑާލިން. އަހަރެންދެކެ ހާދަ ލޯތްބެކޭ ތިވަނީ. ޖަނާއަށްވެސް އަހަރެން މިއީ ކާކުކަން އެނގޭނަމަ. ބިރުގަންނާނެ ދޯ. އަހަރެންގެ ދުނިޔެއަށްގޮސް ކުޑަކޮށް ލަސްވީ...." އާރިކް ޖަނާހު ކޮނޑުމައްޗަށް ލީ މީހަކު ކުޑަކުއްޖަކު އުފުލާނެހާ ލުއިކޮށެވެ. އެމުލައްދަނޑީގެ ބާރު ލަފާކޮށްލަން ދަތްޗެވެ. އޭނަ ދޮރާ އަރާ ހަމަވުމާއިއެކު ދޮރު އޭގެ އަމިއްލަ ޒާތުގައި އަޑާއަށް ހުޅުވުނެވެ. އެތެރެއަށް ވަނުމާއެކު ދޮރު ލެއްޕި ތަންޑުވެސް އެޅުވުނީ ނުފެންނަ ފަރާތަކުން އެހީވާފަދައަކުންނެވެ. މަތީބަޔާއި ހަމަޔަށް އާރިކްދިޔައީ ވިދައިލި ވިދުވަރެއްހެންނެވެ. އުދުހިލާފައި ކަހަލަގޮތަކަށް ސިޑިތައް ކަޑައްތުކޮށްފައެވެ.

ޖަނާހު ހޭލެވުނުއިރު އޭނައަށް އޮވެވުނީ އެނދުގައި ރަޖާތެރޭ ފޮރުވިގެންނެވެ.

"ޑޭމިޓް. ކާކު އަހަރެން މިތަނަށް ގެނައީ؟ " ޖަނާހު ދެލޯ ކުޑަކޮށްލިއެވެ.

(ނުނިމޭ...)

https://sun.mv/120771

comment ކޮމެންޓް