ދުބާއީގެ ވެރިޔާގެ ހަނގު އަނބިކަނބަލުން ދެ ދަރިކަލުންނާއެކު ފިއްލަވައިފި

އަމީރާ ހަޔާ ބިންތިލްޙުސައިން

ދުބާއި (ޖޫން 29) : ޔުނައިޓެޑް އަރަބް އެމިރޭޓްސް ގެ ނާއިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އާލްމަކްތޫމްއާއި އޭނާގެ އަނބިކަނބަލުން އަމީރާ ހަޔާ ބިންތިލްޙުސައިންގެ މެދުގައި ބޮޑެތި މައްސަލަތަކެއްޖެހި ދުބާއި ދުކުރައްވައި ސިއްރިޔާތުގައި ފިއްލަވައިގެން އެކަމަނާ ލަންޑަނަށް ވަޑައިގެންފިއެވެ.

އަރަބި އޮންލައިން ނޫހެއްކަމަށްވާ "އައްޝުރޫޤް" ބުނާގޮތުން 45 އަހަރުގެ ހަޔާއާއި އެކަމަނާގެ ފިރިކަލުން 68 އަހަރުގެ މުޙައްމަދު ބިން ރާޝިދުއާ ދެބޭފުޅުންގެ މެދުގައި މައްސަލަ ޖެހިގެން އުޅޭތާ ދުވަސްތަކެއްވެއްޖެއެވެ. ނަމަވެސް މިއީ ކޮންމައްސަލަތަކެއްކަން ދެބޭފުޅުންގެ އާއިލާއަށްވެސް ސާފުކޮށް އެނގިފައިނުވާ ކަމަށްވެއެވެ. ރިޕޯޓްތައް ބުނާގޮތުން ހަޔާ ކޯފާވެވަޑައިގެންފައިވަނީ ފަހަކަށް އައިސް، މުހައްމަދު ބިން ރާޝިދު ގެ އެހެން އަނބިކަނބަލަކާ މާބޮޑަށް ގާތްވެވަޑައިގަތުމާއެކު ހަޔާއާ ތަންކޮޅެއް ދުރުވެ ވަޑައިގަތުމެވެ.

ހަޔާ ދަރިކަނބަލުން ޖަލީލާ އާއި ދަރިކަލުން ޒާޔިދް އާ އަދި ފިރިކަލުން މުހައްމަދު ބިން ރާޝިދު އާއެކު

ހަޔާއަކީ މުހައްމަދު ބިން ރާޝިދު ގެ ހަތަރު އަބިކަނބަލުންގެ ތެރެއިން އެންމެ ހަނގު އަނބިކަނބަލުންނެވެ. މި ހަތަރު އަނބިކަނބަލުންގެ އިތުރުން ވަރަށް ޒުވާން 2 ޖާރިއާ އިންވެސް މުހައްމަދު ބިން ރާޝިދު ގެންގުޅެއްވާކަމަށް ޚަބަރުތައް ބުނެއެވެ.

އުމުރުފުޅުން 45 އަހަރުގެ ހަޔާ ބިންތިލްޙުސައިންއަކީ އުރުދުންގެ ކުރީގެ ރަސްގެފާނު އަވަހާރަވެފައިވާ ކިންގް ޙުސައިންގެ ދަރިކަނބަލެކެވެ. އުރުދުންގެ މިހާރުގެ ރަސްގެފާނު އަބްދުﷲ ދެވަނައަކީ ވެސް ކިންގް ޙުސައިންގެ ދަރިކަލެކެވެ. އެހެންކަމުން އުރުދުންގެ އަބްދުﷲ ރަސްގެފާނަކީ ހަޔާ ގެ އެއްބަފާކޮއްކޯފުޅެވެ. ހަޔާގެ މަންމާފުޅަކީ ކިންގް ހުސައިންގެ އަނބިކަނބަލެއްކަމަށްވާ އަލްޔާގެ ދަރިކަނބަލެކެވެ. އަބްދުﷲ ރަސްގެފާނުގެ މަންމާފުޅަކީ ރާނީ މުނާއެވެ. މުނާއަކީ އަރަބި ނަސްލުގެ އިނގިރޭސި އަންހެނެކެވެ.

ޚަބަރުތައް ބުނާގޮތުން ހަޔާ ދުބާއިން ސިއްރިޔާތުގައި ފިއްލަވައިގެން ދެދަރިކަލުންނާއެކު ފުރަތަމަ ވަޑައިގަތީ ޖަރުމަނަށެވެ. ޖަރުމަނުން އެކަމަނާ ހިމާޔަތް ހޯއްދަވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ޔުނައިޓެޑް އަރަބް އެމިރޭޓްސް ގެ ސަރުކާރުގެ ޖަރުމަނަށް ކުރިމަތިކުރި ފިއްތުންތަކާ ގުޅިގެން ހަޔާ ވަނީ އަމިއްލަފުޅަށް ޖަރުމަނު ދޫކުރައްވައި ދެދަރިކަލުންނާއެކު ރޭ ލަންޑަނަށް ވަޑައިގެންފައެވެ.

ހަޔާ އެކަމަނާގެ ފިރިކަލުން މުހައްމަދު ބިން ރާޝިދު އާލް މަކްތޫމް އާއެކު

ޔޫއޭއީން ޖަރުމަނަށް ސިއްރިޔާތުގައި ހަޔާ ވަޑައިގަތުމަށްޓަކައި އެކަމަނާއަށް އެހީތެރިވީ ދުބާއި ގެ ބައެއް މަސްއޫލުވެރިންނާއި ދުބާއިގައި ހުންނަ ޖަރުމަނުގެ ކޮންސިއުލޭޓްގެ އިސް މުވައްޒަފެކެވެ. ދުބާއި ގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދާ ކައިވެނި ކުރައްވައިގެން ހަޔާ އަށް އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފައިވެއެވެ. އެއީ އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅު ޖަލީލާ ބިންތި މުހައްމަދު އާއި 7 އަހަރުގެ ފިރިހެން ދަރިފުޅު ޒާޔިދު ބިން މުހައްމަދެވެ.

ހަޔާ ފިއްލެވުމުގެ ކުރިން އެކަމަނާގެ އެކައުންޓަށް 100 މިލިއަން އެމެރިކާ ޑޮލަރު ޖަމާކުރައްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ދުބާއިގެ ޝާހީ އާއިލާގެ އިސް ބޭފުޅަކު މިހާރުވަނީ ޝައިޚް މުހައްމަދު ބިން ރާޝިދު އާއި ހަޔާ އާދެމެދު ޖެހުނު މައްސަލާގައި ހަޔާ އެކަމަނާގެ ދެދަރިކަލުންނާއެކު ސިއްރިޔާތުގައި ލަންޑަނަށް ވަޑައިގެންނެވިކަން ކަށަވަރުކޮށްދެއްވާފައެވެ.

ދުބާއިގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އާލްމަކްތޫމް ގެ އެހެން ބަނޑެއްގެ އަންހެން ދަރިކަނބަލެއްކަމަށްވާ އުމުރުފުޅުން 33 އަހަރުގެ ލަތީފާ ބިންތި މުހައްމަދު ވެސް މިދިޔައަހަރުވަނީ ބައްޕާފުޅާއި އާއިލާއަށް ސިއްރުން ގައުމުން ފިއްލަވަން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެކަން ނާކާމިޔާބުވުމުން އެކަމަނާ ވިހާރުވަނީ ބައްޕާފުޅުގެ ބެއްލެވުމުގެ ދަށުގައި ކަމަށް ވެއެވެ.

އަމީރާ ލަތީފާ

ލަތީފާ ހިތްޕުޅު ހަމަނުޖެހުނީ އެކަމަނާ ހިންގެވި ބޮޑު ޖަރީމާއަކާ ގުޅިގެން ޖަލަށްލާން ހުކުމް ކުރުމާ ގުޅިގެންކަމަށްވެއެވެ. 3 އަހަރުގެ ޖަލުހުކުމުގައި ކުޑަ ދުވަސްކޮޅަކު ޖަލުގައި ހުންނެވުމަށްފަހު ލަތީފާ ވަނީ ސަލާމަތްވެ ވަޑައިގެންފައެވެ. ލަތީފާ ފިއްލަވަން މަސައްކަތްކުރެއްވީ އެކަމަނާ ރައްޓެހިވެގެން އުޅުއްވި ފަރަންސޭސި ލޯބިވެރިޔާ ޖޯން ޕިޔާރް އާއެކުގައި ކަމަށް ވެއެވެ.

ލަންޑަނަށް ފިއްލެވި ދުބާއިގެ ވެރިޔާގެ ހަނގު އަނބިކަނބަލުން ހަޔާ އަކީ އިންސާނީ އެހީގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭކަނބަލެކެވެ. އެކަމަނާ ޔަތީމުންނަށް އެހީތެރިވުމަށް ޚާއްސަ ޕްރޮގްރާމެއް ހިންގަވާއިރު އެކަމަނާއަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އދ. ގެ އެންބެސެޑަރުންގެ ތެޜޭގައި ހިމެނިވަޑައިގަންނަވާ ބޭކަނބަލެކެވެ. ހަޔާ ލަންޑަނަށް ވަޑައިގަތުމުން، ލަންޑަންގައި ދިރިއުޅުއްވާ އެކަމަނާގެ އެއްބަނޑު އެއްބަފާ ފިރިހެން ކޮއްކޮ އަމީރު އަލީ ބިން ޙުސައިން ވަނީ އެކަމަނާގެ ކަންކަމާ ހަވާލުވެ ވަޑައިގެންފައެވެ.

ހަޔާ، ބައްޕާފުޅު އުރުދުންގެ ކުރީގެ ރަސްގެފާނު މަރްހޫމް ކިންގް ޙުސައިން އާއެކު

އަލީ ބިން ޙުސައިންއަކީވެސް އުރުދުންގެ އަވަހާރަވެފައިވާ ރަސްގެފާނު ކިންގް ހުސައިންގެ ދަރިކަލެކެވެ. ހަޔާ ފިއްލެވުމުން މުހައްމަދު ރާޝިދު ގެންދަވަނީ ހަޔާގެ ކޮއްކޯފުޅު އަބްދުﷲ ރަސްގެފާނާ ގުޅުއްވައިގެން އެކަމަނާއާއި ދެކުދިން އަލުން އަނބުރައި ގައުމަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. (އަރަބި މިޑީއާ)

ގުޅޭ ޓެގު
comment ކޮމެންޓް