ޔޫއޭއީގެ، ދުބާއީގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭއްވެވި ހަފުލާއިން ބައްދަލުވީ ހުސް އިންޖިނޭރުކަން ކިޔަވާ ޒުވާން ދިވެހި ކުދިންނާއި، ޕައިލެޓުކަން ކިޔަވާ ކުދިންނާއި، މުސްތަގުބަލުގެ ސްޕެޝަލިސްޓު ޑޮކްޓަރުންނާއެވެ.
ބައްދަލުވުމަށް އައި ބައެއް މީހުންނަކީ މި ތަނުގެ ކޮލެޖު ޔުނިވާސިޓީތަކުގެ ޕްރޮފެސަރުންނެވެ. މި ތަނުގެ އެއާލައިންތަކުގެ ޕައިލެޓުންނެވެ.
އެކަމަކު ހައްތަހާ ވެސް ދައްކަން ޖެހޭ ވާހަކައަކީ، އަމިއްލަ ރާއްޖޭގައި ދިވެހި ސިވިލް އިންޖިނޭރުން ނެތީމާ، އެ ކަމަށް ބޭރު މީހަކަށް ބޮޑު މުސާރަ ދީފައި ވަޒީފާ ދޭންޖެހޭ ވާހަކައެވެ.
ދިވެހި ޕައިލެޓުން ނެތީމާ، މަތިންދާބޯޓުތައް އޮޕަރޭޓުކުރަން ބިދޭސީންނަށް އެ ފުރުސަތު ވެސް ދޭންޖެހޭ ވާހަކައެވެ. މޮޅު ދިވެހި އެކައުންޓެންޓުން މަދުވީމާ، ޑޮލަރުން މުސާރަދޭ ވަޒީފާތަކަށް ވެސް ހަމަ ބިދޭސީން ހަމަޖައްސަން މަޖުބޫރު ވާހަކައެވެ.
ހުރިހާ ދާއިރާއެއްގައި ވެސް ކަން އޮތީ މިހެންނެވެ. އެކަމަކު ހަމަ ހަގީގަތުގައި ވެސް ވިސްނަންޖެހޭ ކަމެއް އެބައޮތެވެ.
އެއީ އަމިއްލަ ގައުމުން ހިލޭ އަސާސީ ތައުލީމު ހާސިލުކޮށް، މޮޅު ފާސް ހޯދައިގެން ބޭރު ގައުމަކަށް ކިޔަވަން ގޮސް، ކިޔެވުން ނިމުނީމާ، އަމިއްލަ ފަސްގަނޑަށް ޚިދުމަތް ކުރުމުގެ ވިސްނުން ނެތީ ކީއްވެގެންތޯއެވެ؟
އެއް ކަމަކީ ހޭލުންތެރިނުކުރުން، ނުވަތަ ފުރުސަތު މަދީ
ދުބާއީގައި ކިޔަަވަމުން އަންނަ ދިވެހި ބައެއް ދަރިވަރުންގެ ވިސްނުމުގައި، ރާއްޖެއަށް ޚިދުމަތްކުރުމަށް، ގައުމަށް އެނބުރި ދިއުމުގައި ބައެއް ދިވެހީން ފަސްޖެހޭ ސަބަބުތަކެއް އެބަހުއްޓެވެ.
އެއް ކަމަކީ ފުރުސަތު މަދުވުމެވެ.
"އަޅުގަނޑުގެ ރައްޓެއްސަކު އެބަ ކިޔަވާ ކެންސަރުގެ ދާއިރާއިން، ކެންސާ ރިސާޗް ސްޕެޝަލިސްޓުކަން. އަދި ވިސްނުން ހުރީ ރާއްޖެ ބަދަލުނުވާ ގޮތަށް. އެއީ ކީއްކުރަން. އަސްލު މާ ފުރުސަތުތައް ހަނިވާނެ ދޯ،" ދުބާއީގައި ހުރި ދިވެއްސަކު ބުންޏެވެ.
ފުރުސަތު މަދުވުމާއި، މަސައްކަތް ކުރުމަށް އޮތް ދާއިރާ ހަނިވި ނަމަވެސް، އެއީ ވަގުތާއެކު ބަދަލުވުމުގެ ފުރުސަތު އޮތް ކަމެކެވެ. ރާއްޖޭގައި ވެސް "އެންމެ ފުރަތަމަ ދިވެހި ޕައިލެޓް" އުޅޭނެއެވެ. ހަމަ "އެންމެ ފުރަތަމަ ހިތުގެ ބައްޔަށް ޚާއްސަ ދިވެހި ޑޮކްޓަރު" ވެސް އުޅޭނެއެވެ.
އެންމެ މުހިންމީ ނިންމާ ނިންމުމެވެ.
އެހެން ނަމަވެސް ކިޔަވާ ގައުމަކުން ވަޒީފާގެ ފުރުސަތެއް ލިބިއްޖެނަމަ، އެ ތަނެއްގައި ތަޖުރިބާ ހާސިލްކޮށްލުމަށް ތިންވަރަކަށް އަހަރު މަޑުކޮށްލުމަކީ މާ ބޮޑު މައްސަލައެއް ނޫންކަމަށް، ވާހަކަ ދެއްކި ބައެއް ދަރިވަރުން ދެކެއެވެެ. ސަބަބަކީ އެއީ ވެސް ތަޖުރިބާއާއެކު މީހާ އެ ކަމަކަށް ފަރިތަވެ ޚާއްސަވާން ނަގާނެ މުހިންމު ދުވަސްތަކެކެވެ.
"މައްސަލައެއް ނެތް ދުވަސްކޮޅަކު އަދި އެކްސްޕީރިއެންސް ހަމަ މިކޮޅުގައި މަސައްކަތް ކޮށްލައިފައި ވިޔަސް، އެނބުރި އައިސް ގައުމަށް ޚިދުމަތް ކުރުމުގެ ވިސްނުން، އެ އަޒުމު ކޮންމެ ވެސް ހިސާބެއްގައި އިންނަންވާނެ،" ދަރިވަރަކު އޭނާގެ ޚިޔާލު ހާމަކުރަމުން ބުންޏެވެ.
މޮޅަށް ކިޔަވައިގެން އައިސް ގައުމަށް ޚިދުމަތްކުރުން މާ މުހިންމު
ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމުގެ އެ ހަފުލާގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެއް ކަމެއް ފާހަގަކުރެއްވިއެވެ.
އެއީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ރާއްޖެއިން ބޭރަށް ކޮންމެ އަހަރަކު ވެސް އެކި ސްކޮލަޝިޕް ޕްރޮގްރާމްތަކާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕްތަކުގައި ފުރާ ކަމެވެ.
ސަރުކާރުން ދޭ ސްކޮލަޝިޕާއެކު، ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ޝަރުތުތަކެއް ހިމެނޭ ނަމަވެސް އަމިއްލަ ގޮތުން ހުންނަ ސްކޮލަޝިޕުތަކާއި، އަމިއްލަ ޚަރަދުގައި ކިޔަވާނަމަ އެއީ ކޮންމެހެން މަޖުބޫރު ކަމެއް ނޫނެވެ. އެއީ މަޖުބޫރުވާން ޖެހޭ ކަމެއް ވެސް ނޫނެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި ކަންބޮޑުވުމަކީ އޭގެ ތެރެއިން ގިނަ ދިވެހީން، ތައުލީމަށްފަހު އެނބުރި ރާއްޖެ އަންނަނީ މަދު ފަހަރެއްގައި ކަމަށް ވުމުންނެވެ.
"ވަރަށް ގިނަ ދަރިވަރުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގައި، ހައި އެޗީވާޒް ސްކޮލަޝިޕްގައި އަދި އެހެނިހެން ދައުލަތުގެ ސްކޮަލިޝަޕްތަކުގައި ވެސް މަތީ ތައުލީމް ހާސިލްކޮށްގެން ދިވެހިރާއްޖެއަށް އަނބުރާ ނާދޭ. މިއީ ވަރަށް ބޮޑު ދެރައެއް، ވަރަށް ބޮޑު ގެއްލުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުން ތަޖުރިބާއާއި ތައުލީމް ހާސިލްކުރުމަށްފަހު ރާއްޖެއަަށް ޚިދުމަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ ވެސް އަޒުމަކަށް ހަދަންޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔެވުމަށްފަހު ރާއްޖެއަށް ޚިދުމަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ދިރުވަންވީ ގައުމީ ލޯބި
އާ ޖީލެއްގެ ވާހަކަ އެބަދެކެވެއެވެ. އެއީ ހަގީގަތެކެވެ. އެ މީހުންގެ ވިސްނުމުން ރާއްޖެއާއި ބޭރުގެ ކުރިއަރައިފައި އޮތް އެހެން ގައުމުތައް ކިރައިލަނީ ހަމަހަމަ ތަރާދަކުންނެވެ.
ނަމަވެސް ހަގީގަތަކީ އެ ފަދަ ފެންވަރަކާ ގާތަށް ވެސް އަދި ރާއްޖެ ނުދާ ކަމެވެ. އެއް ހަމައެއްގައި ކިރައިލައިފިނަމަ ރާއްޖެއިން ނުފެންނަ ނުރަނގަޅު ކަމެއް ނޯންނާނެއެވެ.
އަމިއްލަ ގައުމާމެދު ވިސްނުން މުހިންމުވާ ހިސާބަކީ މިއީއެވެ.
"މިހާރު ބޭރަށް ކިޔަވަން އަންނަ ކުދިންގެ ކިބައިގައި ލެކުވާ ތަންކޮޅެއް ކަންނޭނގެ އެއީ ގައުމަށް ޚިދުމަތް ކުރުން. އެ ކުދިންގެ މައިންޑް ސެޓް ބައްޓަންވެފައި ހުންނަ ގޮތުން. އެހެންވީމާ ހަަމަ ކުރެވިދާނެ މުހިންމު ކަމެއް އެއީ ރާއްޖޭން ބޭރުގައި އުޅޭ ދިވެހީންގެ މެދުގައި ވެސް ގައުމީ ރޫހު ދިރުވޭނެ ކަންކަން ކުރުމަކީ،" ދުބާއީގައި ސިވިލް އިންޖިނޭރުކަން ކިޔަވަމުން އަންނަ ޔޫސުފް އިނާޝް ބުންޏެވެ.
އީނާޝްގެ ވިސްނުމުގައި ގައުމީ ލޯބި އެންމެ ޅަދުވަހުއްސުރެ އާލާކުރެވުމަކީ ގައުމުން ބޭރަށް ކިޔަވަން ދިރިއުޅުން ބަދަލުކުރި ނަމަވެސް އަމިއްލަ ގައުމަށް ޚިދުމަތްކުރުމަކީ ޒިންމާއެއް ކަމަށް ދެކޭނެ ޖީލެއް ބިނާވާނެ ކަމެކެވެ.
ދުބާއީގެ މަގުތަކުން ފެންނަ ތަހުޒީބީ މަންޒަރާއި ތަރައްގީގެ ވާހަކަ ހަމަ ކޮންމެ ދިވެއްސަކު ވެސް ދައްކައެވެ. ރާއްޖެ މި ފެންވަރަށް ނުދާކަމުގެ ޝަކުވާ ކުރުމާއެކު އެ ކަމުގެ ޒިންމާ ވަކި ބައެއްގެ ބޮލަށް ވެސް ޖަހައެވެ.
ނަމަވެސް އެންމެ މުހިންމު އެއް ކަމަކަށް، ރާއްޖެ ކޮޅަށް ޖަހައި، ތަހުޒީބީ ދުނިޔެއަކަށް ބަދަލުކޮށްލަން އެކި ދާއިރާތަކުން ކިޔަވައި ޚާއްސަވެގެން ތިބި، ފަންނީ ތައުލީމީ ދިވެހީންގެ ޚިދުމަތް ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންވެއެވެ.