ބޭރުގައި އުޅޭ ދިވެހީންނަށް ދިވެހި އިސްލާމް، އޮންލައިންކޮށް ކިޔަވައިދޭ ޕްރޮގްރާމް ފަށައިފި

ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންނަށް އޮންލައިންކޮށް، ދިވެހި، އިސްލާމް، ދިވެހިބަހުން މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް "ރިވެލި" ޕްރޮގްރާމް ފެށުން -- ފޮޓޯ/ ނަވީން

ރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންނަށް އޮންލައިންކޮށް، ދިވެހި، އިސްލާމް، ދިވެހިބަހުން މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް "ރިވެލި" ޕްރޮގްރާމް މިރޭ އިފްތިތާހުކޮށްފިއެވެ.

މި ޕްރޮގްރާމް ފެށީ ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް އޮންލައިންކޮށް ދިވެހި، އިސްލާމް، ދިވެހިބަހުން މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުމަށް ސަރުކާރުން އަލުން މަސައްކަތް ފަށަން ނިންމީ ނިމިދިޔަ ސަރުކާރުގެ ތެރޭގައި އެ ކަމަށް މަޑުޖެހުމެއް އައިސް ހުއްޓިފައި އޮތުމުންކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެފައިވެއެވެ.

އެއާއެކު މިފަހުން ރައީސް ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރުވަނީ އެ ކަމަށް ޓަކައި އޮންލައިން ޕްރޮގްރާމެއް ފަށަން ސަރުކާރުން ނިންމައިފައިވާކަން ހާމަކުރައްވައިފައެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް ދިވެހި ގައުމިއްޔަތު އުނގަންނައިދީ، ގައުމީ ސިފަ އަށަގެންނެވުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

ކުރިއަށް ހުރި ދުވަސްތަކުގައި ރާއްޖެއާ ތަފާތު އެހެން ޓައިމްޒޯންތަކުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވެސް ޕްރޮގްރާމުން ތައުލީމް ލިބޭނެ މަގުފަހިކޮށްދެއްވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަގުބަލެއްގައި މެލޭޝިއާ، ސިންގަޕޯ އަދި އޮސްޓްރޭލިއާގައި އުޅުއްވާ ބޭފުޅުންނަށް ޚިދުމަތް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މި ހަފުލާގައި ވާހަކަދަައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ދިވެހީން، އަމިއްލަ ގައުމުން ބޭރުގައި ދިރިއުޅުނު ނަމަވެސް، ދިވެހި ދަރީން، ދިވެހި ގައުމިއްޔަތުގެ ތެރޭގައި ތަރުބިއްޔަތުކުރުމަކީ ދިވެހި ބެލެނިވެރިންގެ ވިސްނުންކަން ޔަގީންކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އަމާޒަކީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް އޮންލައިންކޮށް ދިވެހިބަހާއި، ދިވެހިބަހުން އިސްލާމް ކިޔަވައިދޭ ޗެނަލެއް، ތައާރަފްކުރުން ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހިބަހުން ހުރި އެކި މައުލޫމާތު ފޮތްތަކާއި، ވާހަކަ ފޮތްތައް މަދު ކަމަށެވެ. އެކަށީގެންވާ އަދަދަށް ފޮތް ޝާއިއުކުރެވިފައި ނުވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން މިހާރު މަސައްކަތްކުރަނީ މި ޒަމާނާ ގުޅޭ، ވާހަކައާއި މަޖައްލާތައް ދިވެހިބަހުން ނެރުން ކަމަށެވެ.

"އަޅުގަނޑުމެން ގަސްތުކުރަނީ އަގުބޮޑު މަސައްކަތެއް ކަމުގައި ވިޔަސް، ދިވެހިބަހުން މި ޒަމާނާ ގުޅޭ އަދި ކުދީންގެ ޚިޔާލާއި ފިކުރު ތަރައްގީކޮށް ކުދިން ޝައުގުވެރިވާނެ ފަދަ މަޖައްލާތަކާއި ވާހަކަތައް ނެރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަޒުމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ސްރީލަންކާގެ ސޯސަންވިލާގައި ދިވެހިބަހާއި އިސްލާމް ކިޔަވައިދެމުން އައެވެ. ނަމަވެސް އެ ކަން ކޮންމެވެސް ވަރަކަށް މި ފަހުން އޮތީ މަޑުޖެހިފައިކަމަށް މިނިސްޓަރު މީގެ ކުރިން ވިދާޅުވިއެވެ.

comment ކޮމެންޓް