ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީ ބޭސްފަރުވާއަށް މިރޭ ފުރާވަޑައިގަތީ މެލޭޝިޔާ އަށެވެ.
އަބްދުﷲ ދީދީ ރާއްޖެއިން ބޭރަށް މިރޭ ފުރާވަޑައިގެންނެވިއިރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ އޭނާގެ ސުލޫކީ މައްސަލައެއް ބަލަމުންނެވެ. އަދި ފުލުހުން ވެސް އަންނަނީ އޭނައާ ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންނެވެ.
އެގޮތުން އާންމުންނަށް ހުޅުވާލައިގެން ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ފުލުހުންގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން ސިޔާސީ އެކި ފަރާތްތަކަށް ކުރަމުން އައި ހުކުމްތައް ވަކި ކޮޅަކަށް ނިންމަން ބައެއް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން ޖާއިޒު ސަބަބެއް އޮތް ކަމަށް ނުބެލެވޭ ހާލަތްތަކުގައި އެކި އަދަދުތަކުން ފައިސާ ހަވާލު ކުރި ފަރާތްތަކުގެ ތެރޭގައި ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނޭކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ސަސްޕެކްޓް 1ގެ އަމުރަށް ފަނޑިޔާރު ދީދީއަށް ދިވެހި ފައިސާ އާއި ޑޮލަރު ދިން ކަމަށްވެސް ވިޓްނަސް 1 ކިޔައިދީފައިވާ ކަމަށް ސިޓީގައިވެ އެވެ. އަދި ސަސްޕެކްޓް 1ގެ އިންޓަވިއުގައިވެސް ވިޓްނަސް 1 މެދުވެރިކޮށް ފަނޑިޔާރު ދީދީއަށް ފައިސާ ދިންކަން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ފުލުހުންގެ އެ ސިޓީގައި ބުނެފައި ވަނީ ޖުލައި، 12، 2017 ވަނަ ދުވަހު، ފަނޑިޔާރު ދީދީގެ ނަމުގައި އޮތް ނަމްބަރަކުން ރާއްޖެއިން ފުރަން އުޅޭ ކަމަށާއި ޑޮލަރު ކޮޅެއް ބޭނުންވާ ކަމަށް ބުނެ ސަސްޕެކްޓު 1އަށް މެސެޖުކޮށްފައިވާ ކަމަށެވެ. ސަސްޕެކްޓު 1 ފައިސާ ފޮނުވަންވީ މީހުންގެ ލިސްޓެއް ވިޓްނަސް 1 އަށް ފޮނުވި އިރު އެ ލިސްޓުގައި ފަނޑިޔާރު ދީދީގެ ނަންވެސް އޮތް ކަމަށް ސިޓީގައި ބުނެ އެވެ.
ފުލުހުންގެ ސިޓީގައި ބުނެފައި ވަނީ ސަސްޕެކްޓް 1ގެ ފޯނުގައި ހުރި ޗެޓުލޮގުތައް ބެލި ބެލުމުން، ފަނޑިޔާރު ދީދީއާއި ސަސްޕެކްޓު އެކެއް ބައްދަލުކޮށްފައިވާ ކަން އެނގޭ މެސެޖުތަކެއް ފެނިފައިވާ ކަމަށެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ޖޭއެސްސީ އިން ބަލަމުން އަންނަ ސުލޫކީ މައްސަލައާ ގުޅިގެން އޭނާ ވަނީ އެ ކޮމިޝަނަށް ޖަވާބު ހުށަހަޅުއްވައިފަ އެވެ.