ފަނޑިޔާރު ކަމުން އަބްދުﷲ ދީދީ ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ: އޭނާ މިއަދު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފައި --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކިކޮށްދިނުމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިއްޔެ އެވެ. އަދި އެމައްސަލަ ރޭ ޖުޑިޝަރީ ކޮމިޓީއިން ނިންމީ އަބްދުﷲ ދީދީ ވަކިކުރަން ފެންނަ ކަމަށެވެ.

އަބްދުﷲ ދީދީ ވަކިކުރަން މަޖިލީޙުގެ މިއަދު ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 72 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. އެއްވެސް ކޮޅަކަށް ވޯޓުދޭން ނުފެންނަ ކަމަށް ވޯޓޫ ދެއްވީ އެންމެ މެމްބަރެކެވެ. މެމްބަރުންގެ ވޯޓާއެކު މަޖިލީޙުގެ ނަިއބު ރައީސް އީވާ އަބްދުﷲ ވަނީ ދީދީ ފަނޑިޔާރުކަމުން ވަކިވި ކަން އިއުލާނު ކުރައްވާފަ އެވެ.

"އޮނަރަބަލް އަލްއުސްތާޒު އަބްދުﷲ ދީދީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްވުމާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިވެއްޖެ." މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތުގައި އިންނަވާ އިއުލާނު ކުރެއްވި އެވެ.

އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއިން ބަލަން ފަށާފައިވާ ފުލުހުން އެ ކޮމިޝަނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެއީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފޮނުވި ސިޓީ އެކެވެ. ޖޭއެސްސީ ރިޕޯޓުގައި ވާގޮތުން ފުލުހުން ބަލަމުން ދަނީ އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވީ ފަރާތްތަކުގެ ކިބައިން ފައިދާ ނަންގަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން "ނާޖާއިޒް މަންފާތަކެއް ހޯދި" ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ.

ޖޭއެސްސީއިން އެމައްސަލަ ބަލައި އެކުލަވާލި ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ތަކުގެ ތެރެއިން ނުވަ މިންގަނޑަކާ ދީދީ ހިލާފުވެފައިވާ ކަމަށެވެ. ހުރިހާ ކަމަކަށް ބަލާއިރު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އެތައް ގޮތަކުން ހިލާފުވެފައިވާކަން ބުއްދީގެ ހަމަތަކުން ބުރަވެވޭ ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ދީދީ ފަނޑިޔާރުކަމުން ވަކިކުރި ސަބަބުތައް

  • ޝަރީއަތަށް ގުޅުވައި މަންފާތަކެއް ހޯދުން
  • ފަނޑިޔާރުންގެ ހުންނަންޖެހޭ ތެދުވެރި ކަމާއި އިހުލާސްތެރިކަން އަދި އަމާނާތްތެރިކަން
  • ފަނޑިޔާރުންގެ ކިބައިގައި ހުންނަންޖެހޭ އަހުލާގީ ފެންވަރު ނެތުން
  • ނުފޫޒުތަކުގެ ދަށުވުން
  • ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވިޔަ ދިނުން

އަބްދުﷲ ދީދީ ފަނޑިޔާރުކަން ފެށީ 1999 ގައި ކުރީގެ ޖިނާއީ ކޯޓު އަދި މިހާރުގެ ކްރިމިނަލް ކޯޓުގަ އެވެ. އޭގެ ފަހުން ހައިކޯޓުގެ ފަނޑިޔާރު ކަމަށް ދީދީ އައްޔަނު ކުރެވުނީ 2015 ވަނަ އަހަރު އެވެ. އަދި ހައިކޯޓުގެ އިސް ފަނޑިޔާރު ކަމުގައި 2018 ވަނަ އަހަރާ ހަމައަށް ހުރުމަށް ފަހު ސުޕްރީމް ކޯޓަށް އައްޔަން ކުރެވުނެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ދީދީގެ މައްސަލަ ބަލަން ފެށުމުގެ ކުރިންވެސް އޭނާގެ މައްޗަށް ތުހުމަތުކޮށް ގިނަ ވާހަކަތަކެއް ރައްޔިތުން ދެއްކި އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެމްޕެއިނުގައި އުޅުއްވި ކަމުގެ ވާހަކަތަކާއި، އޭރުގެ ސަރުކާރުގެ ވެރިން އެދިލައްވާ ގޮތަށް ސިޔާސީ ފަރާތްތަކަށް ހުކުމް ކުރުމުގެ ވާހަކަތަކެއް ދެކެވުނެވެ.

https://sun.mv/123536

comment ކޮމެންޓް