ދީދީ ވަކިކުރަން ގާސިމް ވަކި ކޮޅަކަށް ވޯޓު ނުދެއްވި

މާމިނގިލި ދާއިރާގެ މެމްބަރު -- ފޮޓޯ/ މަޖިލިސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކިކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ހަމައެކަނި މެމްބަރަށް މާމިނގިލި ދާއިރާގެ މެމްބަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެއްޖެއެވެ.

އަބްދުﷲ ދީދީ ވަކިކުރަން މަޖިލީޙުގެ މިއަދު ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 72 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. އެއްވެސް ކޮޅަކަށް ވޯޓުދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. އެއީ ސަރުކާރު ކޯލިޝަންގެ މެމްބަރު ގާސިމް އެވެ.

މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ އިތުރު މެމްބަރުން ކަމުގައިވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވެސް ވޯޓު ދެއްވީ ފަނޑިޔާރުންކަމުން ދީދީ ވަކި ކުރުމަށް ފެންނަ ކަމަށެވެ.

މިއަދުގެ ވޯޓުގައި ބައިވެރިނުވާ ފަސް މެމްބަރުން ތިއްބެވެ. އެއީ ޕީޕީއެމްގެ ދެ މެމްބަރުންނާއި، ޕީއެންސީގެ ދެ މެމްބަރުންގެ އިތުރުން އެމްޑީއޭގެ މެމްބަރެކެވެ.

އެ މެމްބަރުންނަކީ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު އެވެ.

މެމްބަރުންގެ ވޯޓާއެކު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ދީދީ ފަނޑިޔާރުކަމުން ވަކިވި ކަން އިއުލާނު ކުރައްވާފަ އެވެ.

އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއިން ބަލަން ފަށާފައިވާ ފުލުހުން އެ ކޮމިޝަނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ޖޭއެސްސީއިން އެމައްސަލަ ބަލައި އެކުލަވާލި ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ތަކުގެ ތެރެއިން ނުވަ މިންގަނޑަކާ ދީދީ ހިލާފުވެފައިވާ ކަމަށެވެ.

ހުރިހާ ކަމަކަށް ބަލާއިރު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އެތައް ގޮތަކުން ދީދީ ހިލާފުވެފައިވާކަން ބުއްދީގެ ހަމަތަކުން ބުރަވެވޭ ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް