ފަޔަރ އެންޑް އައިސް (14)

ފަޔަރ އެންޑް އައިސް

އާރިޒް ގޯޅިކަންމަތީގައި ހުރި ގާޑިޔާއަކުން ހެދި ބިލެތްގަނޑެއް ގަނެލައިގެން މަގުހުރަސްކުރަން އުޅުނެވެ. އެއްލިކަޅިއަކުން ކާރުގައި އިން އަންހެންކުއްޖާ ފެނިފައި އާރިޒް ގަސްތުގައި ކާރުގައި ޖެހިގަތެވެ. އެއާއިއެކު އޭނަ ވިއްސައިގެންގޮސް ޕޭވްމެންޓްމަތީގައި ޖެހުމާއެކު އެންމެން އެހިސާބަށް ބޮނޑިވެގަތެވެ. އެ އަންހެންކުއްޖާ ހާސްކަމާއެކު އެމަންޒަރުބަލަން އިނދެފައި ކާރުގެ ދޮރު ހުޅުވާލައިފާ ފޭބިއެވެ. ބިންމަތީގައި ޖެހުނުގޮތަށް އާރިޒް ދެލޯ މަރާ ތަގުޅިކޮށްލައިގެން އޮވެވުނީ ސިކުންތުކޮޅަކަށެވެ. ތަދު އިހުސާސްނުކުރެވުނު ކަމުގާވިޔަސް ޕޭވްމެންޓުމަތީ އޭނަގެ ބޯޖެހުނުލެއް ބާރުކަމުން ފަޅައިގެން އޮހިގަތް ލޭގަނޑު އޭނަގެ މޫނުމަތީ ތިރިއަށް ދެމެމުންދިޔައެވެ.

"ރިލެކްސް ބޭބީ. އަހަރެން މުޅިން އޯކޭއޭ....." އާރިޒް ކުރިމަތީގައި ހުރި އަންހެންކުއްޖާއާއި ހަތަރުކަޅި ހަމަކޮށްލަމުން ހީލީ ގާތްގޮތަކަށެވެ. އެއްވެފައިވާ މީސްތަކަށް އާރިޒް ބަލައިލަމުން މާފަށް އެދުނެވެ. އޭނަ މުޅިން ރަގަޅުކަމަށާއި އަނިޔާއެއް ނުވާކަމުގައި ބުނެލިއިރު ހީލިގޮތަކުން ހިތްތައް ފަތަހަކޮށްލިއެވެ. " ޝީޒް މައި ގާލްފްރެންޑް................."

އާރިޒްއަށް އިތުބާރުކޮށްފައި މީހުންތައް އެމީހެއްގެ މަންޒިލަކަށްދާން ނައްޓައިލުމުން އެ އަންހެންކުއްޖާ ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ.

"ހަހް؟ގާލްފްރެންޑޭ؟ " އެ އަންހެންކުއްޖާ ސުވާލުކޮށްލީ ދެލޯބޮޑުކޮށްގެންނެވެ. ދޮންމޫނަށް ފިނިފެންމަލުގެ ކުލަ ފާއްދާލިއެވެ. ތެމިފައިވާ އަތްތިލަ އުނގުޅާލާފައި ކާރާއި ދިމާލަށް ހިނގައިގަތުމުން އާރިޒް ގޮވައިލީ މަޑުމައިތިރި ރާގަކަށެވެ.

"މީހުން ބަލާވަރުން ފޮނުވައިލަން މަ އެހެން ބުނީއޭ. އެހާ ސީރިޔަސްނުވެބަލަ. އަހަރެން އެމީހުން ކައިރިއަކު ނުބުނަމެއްނު އަހަރެމެންގެ ގެއިން ވައްކަންކުރާ ރޯޒްތީފްއޭ. ތިއީ ޑޮކްޓަރެއްތަ؟ އެހެންވިއްޔާ ތިކުއްޖާގެ ގެއަށް ގެންގޮސް ބޭސްއަޅާދީ. އޭރުން އަހަރެން ޕޮލިހަށް މައްސަލަ ރިޕޯޓެއް ނުކުރާނަން. ނޫނީ މަށަށް މި ލިބުނު އަނިޔާގެ ޒިންމާ އުފުލަން ޖެހޭނެ އިނގޭ. މަ ދެން އެހާ ކައިންޑްހާޓެޑްއެއް ނުވާނެ............" އާރިޒް ކާރުގެ ބޮނެޓުގައި އަތް އަޅުވައިލަމުން ހަތަރުކަޅި ހަމަކޮށްލިއިރު އެލޮލުން ފެނުނީ ލާނެތްކަމެކެވެ. އެއަޅި ދެލޮލާއި އެކުއްޖާގެ މުށި ދެލޯ ގުޅުމުން ކޮންމެވެސް ކަހަލަ ހަދާންތައް އާވާން އުޅެފައި ސިކުނޑި ތަޅުލެވިއްޖެއެވެ.

އެކުއްޖާ އިޝާރާތުން އެންގީ އޭނައާއެކު ގެއަށް ވަނުމަށެވެ.

އާރިޒް ސިޓިންރޫމްގައި ބައިންދާފައި އެކުއްޖާ އެތެރެއަށްވަނެވެ. ޒަމާނީ ފަރުނީޗަރުތަކުން ޒީނަތްތެރިކޮށްފައިވާ އެތަނުގައި ހިފާފައިވީ މީރުވަހުން ބަގީޗާއެއް އުޅެވޭހެންނެވެ. އެހާ ލުއި ބޮލަށް ފަސޭހަވާފަދަ ގުދުރަތީ ވަހެކެވެ. ކެމިކަލްއެއްގެ އަސަރެއްނެތެވެ. އެ އަންހެންކުއްޖާ ފަސްޓްއެއިޑްބޮކްސްއެއް ގެނެސް ބިއްލޫރިމޭޒުމަތީގައި ބަހައްޓައިފިއެވެ. ރަސްމީގޮތެއް އޭނަގެ ހުއްޓެވެ. ބްލަޝް ޕިންކުކުލައިގެ ސްކާފްގެތެރެއިން ހިތުގެ ބައްޓަމަށްވާ މޫނު ފެންނައިރު މާތް ފާޑު އެބަހުއްޓެވެ. އޭނަ އަތަށް އަންގީ ލެއްވިއެވެ. ކަތުރެއްނެގުމުން އާރިޒް ބިރުގަތްކަމަށް ހެދި އެސްފިޔަތައް ތަޅުވައިލިއެވެ.

"މމްމް މަގޭ ގަޔަށް ހަރާލަން ތިއުޅެނީ؟"

"މިއުޅެނީ ޒަޚަމް ސާފުކޮށްލަންވެގެންނޭ. އޭރުން ކެނޑިފައި ހުރީ ކިހާ ފުންކޮށްކަން އިނގޭނީ. ފަހަން ޖެހިއްޖެއްޔާ ހޮސްޕިޓަލަށް ދަތުރެއްއަޅާލަން ޖެހިދާނެ. ލެޓް މީ އެގްޒޭމިން ޔޫ މިސްޓަރ..........." އެއަންހެންކުއްޖާ ވާހަކަދެއްކީ ނިކަން ރަސްމީވެފައެވެ. ސަމާސާކުރުމުގެ އެއްވެސް ނިޔަތެއް އެމޫނުމަތިން ފެންނާކަށް ނެތެވެ. އޭނަގެ އިސްތަށިގަނޑުގައި އަތްލުމުން އާރިޒްއިނީ ދެލޯ މަރާލައިގެންނެވެ. އިސްތަށިގަނޑާއި މީހަކު ކުޅެންޏާ އަރާމުވާނެ ނޫންހެއްޔެވެ؟ އޭނަވެސް ނިދިއަންނަގޮތް ވިއެވެ. އާރިޒްގެ އިސްތަށިގަނޑު އިނގިލިތަކުން ދުރުކުރަމުން ބަލަމުން ދިޔައީ އެހާ ބައިވަރަށް ލޭ އަންނަ ޒަޚަމް ނުފެނިގެންނެވެ. އެކުއްޖާވެސް ހައިރާންވިއެވެ. ކެނޑިފައި ހުރީ ކުޑަ ކުޑަ ތިނޯހެއްގެ ފަނގަވަރުގެ ތަންކޮޅެކެވެ. ކޯދުލާފައި ލޭ އޮހިގަތީ މި ޒަޚަމްއިންކަން ގަބޫލުކުރަން ދަތިވެފައި އެހެން ޒަޚަމްއެއް ހުރިތޯ ބަލަން އިސްތަށިތައް ދުރުކޮށް ރަގަޅަށް ބަލަންފެށިއެވެ. އާރިޒް ލޯ ހުޅުވާލުމާއެކު ލޯ އަމާޒުވީ މިކުއްޖާ ލައިގެން ހުރި ހެދުމަށެވެ. ބުރުގާގެ ސަބަބުން މޭމަތި ނުފެންނަގޮތަށް ނިވާވެފައެވެ. އެހެދުމުން އަރައަރާހުރީ ނިކަން ލުއި ސިކުނޑި މަސްތުކޮށްލާފަދަ ސެންޓުވަހެކެވެ.

"އާޔާ............." އަންހެނެއްގެ އަޑު ތަންކޮޅެއް ދުރުން އިވުނެވެ. ރުންކުރުގޮތެއް ހުއްޓެވެ.

"ނަން ނުބުނަނީސް މިއެނގުނީ. ތިއީ އާޔާ ދޯ......" އާރިޒް ހައިރާންވީ މިކުއްޖާއެކޭ އެއްފަދައިން ނަންވެސް ރީތިކަމުންނެވެ.

"މި އަންނަނީ....." އާޔާ އާރިޒްގެ ޒަޚަމް ސާފުކުރަންފެށިއެވެ. މަޑުކަފަކޮޅެއްގައި ތޫނުވަހެއް ދުވާ އެއްޗެއް ހާކާފައި ޖައްސައިލުމުން އަޖައިބެއްފަދަ ފިނިކަމެއް އިހުސާސްވިއެވެ. އަންގީގެ ސަބަބުން އާޔާގެ އަތުގެ އިނގިލިތައް އޭނަގެ ބޮލުގައި ނުބީހުނަސް އާރިޒްއަށް އިނގިލިތަކުގެ އިހުސާސްކުރެވި އުފާވެރިކަމެއްލިބުނެވެ. ދެމީހުންގެ ނޭވާގެ އަޑު ފިޔަވާ އެހެން އަޑެއް ނީވި ހިމޭންކަމުގެ ސިކުންތުކޮޅެއް ހިނގިއެވެ. ކުއްލިއަކަށް ސިޑިން މީހެއްގެ ފިޔަވަޅުތަކުގެ އަޑުއިވިފާ ދެން ފެނުނީ ޒުވާން އަންހެނަކު އެމީހުންގެ ކުރިމަތީގައި ހުއްޓައެވެ.

"މިއީ ކާކުތަ " އަންހެންމީހާ އާޔާއާއި ސުވާލުކުރިއެވެ.

"އަޅުގަނޑުގެ ނަމަކީ އާރިޒް. ޖެހިގެން މިހިރަ ގޭގައި އަޅުގަނޑުމެން ދިރިއުޅެނީ. ކުރީދުވަހު ފޮނުވި ސޮދަގާތްވެސް ލިބުނު. ވަރަށް މީރު. އެރިކް ބުނިގޮތުން އޭގެއިން މަދުވީ ހަމައެކަނި އުމާމީ ޓޭސްޓް އޯ......................." އާރިޒް ތައާރަފެއް ދެމުން ލޯ ހުޅުވާލާއިފިއެވެ.

އާރިޒްގެ ނަން އިވުމުން އާޔާގެ އަތުގެ ހަރަކާތް ހުއްޓުނުގޮތަށް އަތުން ދޫވި ކަތުރު ވެއްޓި މާބްލް ތަޅުންމަތީގައި ޖެހުނު އަޑު ގޭތެރޭގައި އިރުކޮޅަކަށް ގުގުމާލާފައި ހުއްޓެވެ. އޭނަ ކުޑަކޮށް ދުރަށް ޖެހިލާފައި އާރިޒްގެ މޫނަށް ދެވަނަފަހަރަށް ބަލައިލީ ދިރާސާކުރާފަދަ ތޫނު ނަޒަރަކުންނެވެ. މި އާރިޒް މުޅިން ތަފާތެވެ. ކަޅު ކަޅީގެ ބަދަލުގައި އަޅިކުލައެވެ. ލެންސެއް ލައްވާފައެއް ނޫނެވެ. ގުދުރަތީ ރީތި ކަޅީގައި އެވާ ފުރިހަމަކާއިއެކު އިސްކޮޅުން ދިގުވެފައި ހަމަށް އަރާފައިވާ ކުލަ ތަފާތެވެ. އަޑު އެހާ ބަރެވެ. ފިރިހެންވަންތައެވެ. މިއީ އެމީހުންނާއިއެކު އުޅުނު ސުންޕާ ކުޑަ ހަންޑިއެއް ނޫނެވެ. އެ އަންހެންމީހާ އާރިޒްއަށް ބަލަންފެށިގޮތަށް އަނބުރައިގެންފާނެހެން ހީވިއެވެ. އެމޫނު ހުދުވެ މިއޮތް ފިނީގައި ނިތްކުރީގައި ދާތިކިތައް ވިދައިލިއެވެ. މިއީ ހަމަ އާރިޒްހެއްޔެވެ؟ ހަމަ އެ އަޅި ދެލޮލެވެ. އިސްތަށިގަނޑު ތަފާތުކޮށް ސްޓައިލްކޮށްފައި އޮތަސް އިސްކޮޅުން ދިގުވެ ހަށިގަނޑު ވަރުގަދަވިޔަސް މިއީ އެ އާރިޒްކަމާއިމެދު ޝައްކުވެ ބިރުގަތެވެ. އެދެމީހުންނަށް އޭނަގެ ތައާރަފު އިވުމުން އެލިބުނު ސިހުމާއި ކަންބޮޑުންތައް ތަރުޖަމާ ކުރަންވީގޮތެއް އާރިޒްއަކަށް ނޭގުނެވެ. އޭނަގެ މާޒީ އެނގޭބަޔަކީ ބާވައެވެ.

"އޯ ރިއަލީ؟ "

"ޔެސް.........." އާރިޒް ހިނިތުންވެލިއެވެ.

"އަހަންނަށް ކިޔަނީ ބަލްސަމް. އާޔާގެ........މަންމަ.." ބަލްސަމް ތައާރަފުވެލަމުން އާރިޒްގެ ލޮލަށް ބަލަންއިނަސް އެލޮލުން އޭނަ އެނގުނުކަމުގެ ނިޝާނެއް ނުފެނުނެވެ. އާރިޒް މަރުނުވެ ސަލާމަތްވީ ކިހިނެއްހެއްޔެވެ؟ އަދި އޭނަ އެމީހުން ނޭގޭކަމަށް ހެދިގެން ހުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އަރިޒްލައިގެން ހުރި އަރްމާނީ ޓީޝާޓާއި ޖިންސް އަދި އަރުކުރީ އޮތް ހަތަރުލައްކަ ރުފިޔާގެ ރަން ރޮލެކްސްގަޑިން އޭނަގެ މުއްސަދިކަމާއި ހައިބަވަންތަކަން ދައްކުވައިދެއެވެ.

"ވަރަށް އުފާވެއްޖެ ބައްދަލުވީމަ. މި އަންހެންބޭފުޅާއާއި ދިމާވީ ފްރީކް އެކްސިޑެންޓަކުން. ޖެހުނުގޮތަށް ތަންޑާވެގެން ބޮލަށް އަނިޔާވީ. ޑޮކްޓަރެއްގެ ކާރުގައި ޖެހުނުކަމީ ނަސީބު. އަޅުގަނޑުގެ ބޮލުގައި ބޭސްއަޅާލަދޭން މިގެއަށް ގެނައީ........" އާރިޒް އޭނައާއި އާޔާގެ ބައްދަލުވުން ކިޔައިދިނުމުން ބަލްސަމްގެ ސިހުން ވަކިން ބޮޑުވިއެވެ. އާރިޒްއަށް އާޔާވެސް ހަމަ ނޭގުނީހެއްޔެވެ؟ ފުރުގާންއަށް އާރިޒް ފެނިއްޖެއްޔާ އަޅި ދެލޯ ފެނި އެއްޗެއް ވިސްނޭނެކަން ގައިމެވެ. ބަލްސަމްގެ ހިތް ތެޅޭވަރުން ފުންމައިލާފައި ބޭރަށް ނުކުމެދާނެހެން ހީވިއެވެ. ހަ އަހަރުކުރިން އެމީހުންގެ ދިރިއުޅަމަށް އާރިޒް ފުންމައިލިއެވެ. އެމީހުންގެ ދިރިއުޅުން ޚަރާބުކޮށް އެންމެންގެ އުފާތައް ފޭރިގެންފާ އެކަންތަކުން އަރައިނުގަނެވިގެން އުޅެނިކޮށް އާރިޒް އެނބުރި އައީ ބަދަލުހިފުމުގެ ރޫޚުގައި ހެއްޔެވެ؟ އާރިޒްގެ ހަގީގަތް ފުރުގާންއަށް ކިޔައިދޭންވީހެއްޔެވެ؟ ނޫނީ މިފަހަރު އާރިޒް އެމީހުންނަށް ހަދައިލާނެގޮތެއް އެނގެނީއެއް ނޫނެވެ. ބަލްސަމް ހުއްޓުން އަރާފައި ރޫހުނެތް ބުދެއްހެން ހުރެފައި ގަދަކަމުން ހިނިތުންވެލިއެވެ.

"އާޔާ ނިކަން ސްވީޓް. އެކަމަކު އާޔާއަކީ ކުރިން މީހަކާއި އިނދެފައި ހިތްދަތި ތަޖުރިބާއެއްކޮށްފައި ހުރި އަންހެންކުއްޖެއް. އިހަށް ދުވަހު ވަރި އެވީ. އެހެންވީމަ ތިބޭފުޅާގެ ޚިޔާލީ ވާފަށް އެހެން ދިމާލަކަށް އެއްލުމުގެ ކުރިން އާޔާއަކީ ޑިވޯސީއެއްކަން މިބުނެދިނީ.............." ބަލްސަމް އިތުރު އެއްޗެއް ބުނުމެއްނެތި ފައިވާން ތަޅަމުން ބާރުބާރަށްގޮސް ސިޑިން އަރައިގެން ދިޔަތަން ބަލަން ހުރެފައި އާރިޒް އާޔާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

"މަންމަ އެހާ ޒާތީ ވާހަކައެއް އެދެއްކީ ކީއްވެތަ؟ އަހަރެން މިގެއަށް އައީ ޕްރޮޕޯސްކުރާކަށް ނޫނެއްނު ...." އާރިޒް މަޑުމަޑުން ކިޔާލައިފިއެވެ.

އާރިޒް ދުލުން އެހެން ބުނެލިކަމުގައިވިޔަސް ހިތުގައި ހައިޖާނެއް އުފެދުނެވެ. އާޔާއަކީ މީހެއްގެ ހައްގެއްކަން އެނގުމުން ބުނަންނޭގޭފަދަ އުދަގޫތަކެއްވެއްޖެއެވެ. އެހެން އަންހެންކުދިން ފެނިފާ މިވީހާތަނަށް ހިތުގައި އެއްވެސް ޖަޒުބާތުތައް އުފެދިފައި ނުވިޔަސް މި އަންހެންކުއްޖާ ފެނުމުން އޭނަގެ ހިތަށް ވީ ތަފާތުގޮތްތަކެވެ. ބަލްސަމްގެ ޖުމްލައިން ހިތް ގުޑުވައިލިގޮތަށް ތަބީއަތުވެސް ޚަރާބުވިއެވެ. ސީރިޔަސްވެއްޖެއެވެ.

"ނޭގޭ......" އާޔާ އެންޓިބައިޓިކް ކޮޅެއް އެ ކުޑަ ކުޑަ ޒަޚަމްގައި އެޅުމަށްފަހު ދުރަށް ޖެހިލިއެވެ.

"ނައު ޔޫ މޭ ގޯ.........."

"ތެންކިއު..." އާރިޒްވެސް އަވަސްވެގަތީ ގެއަށް ދާށެވެ.

ރޯޒްޕްލޭސްގެ ދޮރުން އެތެރެއަށް ވަންގޮތަށް އާރިކްމެންނަށް ފިލައިގެން ކަހަލަގޮތަކަށްގޮސް އޭނައަށް ކޮޓަރިއަށް ވަދެވޭވަރުވިއެވެ. ލައިގެން ހުރި ޓީޝާޓު ލެއިން ފެވިފައިވާތީ ކޮތަޅަކަށް ލާފައި މެޝިނަށް ލާން އެއްފަރާތުގައި ބޭއްވިއެވެ. އާރިކްއަށް ޝައްކެއްވިއްޔާ އެތައް ސުވާލުތަކެއް އަމާޒުވާނެއެވެ. ޝަވަރުދޮށުގައި ހުއްޓުނުގޮތަށް އެތައް އިރެއްވާންދެން ފާރަށް ލެނގިލައިގެން ދެލޯ މަރާލައިގެން ހުރިއިރު ހިތާމަވެރި އަސަރުތަކެއް މޫނުމަތީގައިވިއެވެ. ތާޒާވެލުމަށްފަހު ފެންތިކިތަޅަތަޅާ ހުރި އިސްތަށިގަނޑު މުޅިން ނުހިއްކާ ކޮޓަރިން ނުކުތްއިރު ޕޭންކޭކު ފިހޭމީރުވަސް ގޭތެރޭގައި ހިފާލާފައިވިއެވެ. ކާކޮޓަރިއަށްވަންއިރު އާރިކްއާއި ޖަނާހު ހޫނު ޕޭންކޭކުތައް ފިހެފައި މޭޒުމައްޗަށް އަރުވަނީއެވެ. އާރިޒް ފެނުމާއިއެކު އާރިކް ދިމާކޮށްލީ ޑޮކްޓަރ އާޔާއޭ ކިޔައިގެންނެވެ. ކާރުގައި ޖެހިގަތްގޮތަށް ލޯބީގެ ވާހަކައެއް ފެށުނީ ދޯއޭ އެހިއެވެ. ލުސިފާގެ ބަދަލުގައި ރޯމިއޯ ނޫނީ މަޖުނޫނުފަދަ ވަނަމެއް ގެންގުޅެން ޖަނާހު ބުނެލިއެވެ.

"ކިހިނެއް އެނގުނީ...."

"ބޮޑީގާޑަކީ އަހަރެން. ވީމަ އަހަރެން އާރިޒްއާއިމެދު އިހުމާލުވާނެ ސިކުންތެއްވެސް ނުވާނެ. ރިމެމްމްބަ ދިސް.." އާރިކް އެއްލޯ މަރާލައިފިއެވެ." ޑޮކްޓަރ އާޔާއާއި ދިމާވީމަ ދެން ދެން ދެމީހުން ކޮންހާ ވާހަކައެއް ދެއްކީ. ގަނޑުފެންގަނޑެއްފަދަ އަންހެންކުއްޖެއް ވީމަ ވިރުވައިލަން ފަސޭހައެއްނުވާނެ. އެކަމަކު ލުސިފާއަށް އެކަންވެދާނެހެން ވަރަށް ހީވޭ. ސިންސް ޔޫ އާ ހޮޓް ހަމަ ވިރުވައިލެވިދާނެ ދޯ............"

"އެއީ މީހަކާއި އިނދެ ވަރިކޮށްފައި ހުރި ކުއްޖެކޯ........." އާރިޒްގެ އަޑުގައި ޖޯޝެއްނެތެވެ.

"ސޯ ވަޓް؟ މީހަކާއި އިނދެފައި ހުއްޓަސް އެއީ މައްސަލައެއް ނޫނޭ. މާޔޫސްނުވެ ޓްރައިކޮށްބަލަ........އެކުއްޖާ ހަމަ އާރިޒްއަށް ފޯލްވާނެ. ފޯލްވީމަ ހިތް ހަލާކުކޮށްލާފައި އެއްލާލީމަ ރަގަޅުވާނެ. ރައްޓެހިވިއްޔޭ ކިޔާފައި ކޮމިޓްވާކަށް ނުޖެހޭ. ކޮންމެހެން އޭނައާއި ކައިވެނި ކުރާކަށް އާރިޒް ނުޖެހެއޭ މިބުނީ. ސޯ ރިލެކްސް ބްރޯ......................." އާރިކް ހިތްވަރުދޭފަދަ ގޮތަކަށް ބުނެލިއެވެ. ޕޭންކޭކާއި ޕިއްޒާއާއިއެކު އަނދަ އަނހުރި ކޮފީބޯން ތިބުމުގައި އެތިން އެކުވެރިން ތަފާތު މައުޟޫތަކަށް ވާހަކަދެއްކިއެވެ. އާރިކް އޭނަގެ ބޭބެ ރަފާއިލްއަށް ނިކަން ތައުރީފުކޮށްވާހަކަދެއްކިއެވެ. ކައުނުގައިވާ އެންމެ ހިތްވަރުގަދަ ބަތަލަކީ އޭނަކަން ދޭހަވާފަދަގޮތަކަށެވެ. ދެލޮލުގައި ފެހިކުލައިގެ ތަފާތު ދެކުލައެއް ހުންނަކަމަށާއި ޖެނެޓިކް މައްސަލައަކަށްވިޔަސް ރަފާއިލްގެ ދެލޮލަކީ އޭނަގެ އެންމެ ރީތި ސިފަކަމުގައި ބުނެލިއެވެ. ހަމަ ކުއްލިއަކަށް އާރިކް ރަފާއިލްގެ ވާހަކަދައްކަން ޖެހުނު ސަބަބަކީ ކޮބާހެއްޔޭ އާރިޒްހިތަށް އެރިއެވެ. އެކީ ހަ އަހަރު އުޅުނުއިރުވެސް އެބުނާ ރަފާއިލްއަކު އެމީހުންނަށް ފެނިފައެއްނުވެއެވެ. އާރިޒް ގިނަވަގުތު އިނީ ގެއްލިފައެވެ.

********

އޭސީގެ ސަބަބުން ފިނިވެފައިވާ ގޭތެރޭގައި މީރުވަހެއް ހިފާލާފައިވިއެވެ. ގޭތެރޭގައި ދިއްލާފައިވާ ފާނޫޒުތަކުގެ އަލީގައި ހިޔަނިތައް ހަރަކާތްކޮށް ހޫރެމުންދިޔައެވެ. އާރިޒް ބެލްކަންޏަށް ނުކުމެފައި ޖީބަށް އަތް ޖަހާލައިގެން ހުއްޓިލިއެވެ. ބަގީޗާގެ ބޮކިތައް އަނދާފައިވިޔަސް ހަނދުވަރުގެ ތޫނު އަލިން ފަތްތަކުގައި ރިހިކުލަޖައްސަމުން ދާއިރު އާޝޯޚުވާފަދަ ރީއްޗެވެ. ފިނިފެންމާތަކުގައި ހަނދުވަރުގެ އަލިކުޅެމުންދަނީ އާޝިގެއްފަދައިންނެވެ. މިރީތިކަމުގެ ބައިވެރިޔަކަށްވެގެން ހަނދުވަރުގެ އަލިން ހިތް އުފާކުރަމުން ދިޔައިރު މިތަނުން މަދުވަނީ އާޔާއޭ ހިތަށް އެރިއެވެ. އާޔާ އޮތީ ނިދާފައިބާވައެވެ. އޭނަ ނިދަން ލައިގެން އޮތީ ބުރުގާ ހެދުމެއްހެއްޔެވެ. ނޫނީ އެ ފިނިފެންމާކުލައިގެ ހަމާއި ގުޅޭފަދަ ޕިޖާމާއެއްހެއްޔެވެ. އާޔާގެ އިސްތަށިގަނޑު ފަން ހެއްޔެވެ. ނޫނީ އޮންނަނީ ބުޅިކޮށްހެއްޔެވެ؟

ކުއްލިއަކަށް ގަސްތަކުގެ ތެރެއިން ހަރަކާތެއްކުރިހެން ހީވެފައި އާރިޒްގެ ހިއްސުތައް ފުރިހަމަ ސަމާލުކަމަށް އައެވެ. އާރިޒްގެ ލޯ ހުއްޓުނީ އުދުހެމުންކަހަލަ ގޮތަކަށް އަންނަމުން ދިޔަ ކަޅު ހިޔަންޏަކަށެވެ. އާރިޒްގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.

"އާރިޒް......" އެމީހަކު ބަރު ފިރިހެންއަޑަކުން ގޮވާލުމުން އާރިޒް ސިހޭގޮތްވިއެވެ.

"ތިއީ ކާކު؟ "

"ގިނަ ސުވާލުނުކޮށް ތިތަނުން ފައިބައިގެން އާދޭ...................." އެ މަޚުލޫގު އަމުރުކުރިއެވެ. އެއަޑުގައިވި ހައިބަތާއި ހަރުކަށިކަމާއިއެކުގައިވެސް މަޑުމައިތިރިގޮތެއް ހުއްޓެވެ. ހުވަފެނުގައި ތަފާތު މަޚުލޫގުންތައް ފެންނަމުން ދަނިކޮށް ހޭލާހުރެ އެ މަޚުލޫގުން އޭނައަށް ގޯނާކުރަން ހާޟިރުވީއެވެ. އާރިޒް ތިރިއަށް އަންނަމުން އާރިކްއާއި ޖަނާހު އުޅޭތޯ ބަލައިލިއިރު އެދެމީހުންގެ ހިލަމެއްނުވިއެވެ. އޭނަ ގާތު ނުބުނެ އެދެމީހުން އެރި ހަވާއެއް އެނގެނީއެއްނޫނެވެ. ފިނިވެފައިވާ ދެއަތްތިލަ ޖީބަށް ޖަހައިލުމަށްފަހު އާރިޒް ގޭގެ މައި ދޮރު ހުޅުވާލާފައި ސާފު ވައިގެ ތެރެއަށް ނޭވާ ދޫކޮށްލިއިރު އެ މަޚުލޫގު ހުރި ކުރިމަތީގައެވެ. އާދައިގެ އިންސާނަކަށްވުރެ ޖާނުން ވަރުގަދަވެފައި އިސްކޮޅުން ދިގުކަމުން ހަތްފޫޓާއި ކައިރިކުރާނެއެވެ. ބިންމަތީގައި ދެފައި ޖެހޭހެނެއްހިޔެއް ނުވެއެވެ. ކަޅުކުލައިގެ ރޯބުގައި މޫނާއިއެކު ފޮރުވައިގެން ހުއްޓަސް އިންސާނެއް ނޫންކަން އާރިޒްއަށް އެނގުނެވެ. ކިތަންމެވަރަށް އެމޫނު ބަލަން އާރިޒްގެ ހިތް އެދުނަސް މި މަޚުލޫގުހުރީ މޫނު ދައްކާގޮތަކަށް ނޫނެވެ.

"ކަލޭގެ މާޒީގެ ހުރިހާ ސިއްރެއް މަށަށް އެނގޭ. ޖެހިގެން މިހިރަ ގޭގައި ދިރިއުޅެނީ ކަލޭގެ ފުރާނައަށް ދަހިވެތިވެފައިވާ ދުޝްމަނުން. އެނގިއްޖެއްޔާ އެމީހުނަށް ތިހިތުގައި ނަފްރަތު ނޫން އެއްޗެއްނުވާނެ. ކަލޭގެ މަންމައަކީ ކާކުކަމެއް ނޭގެއެއްނު. މަންމައެއްގެ ލޯބިން މަހުރޫމްކޮށް އެމަންމަ ދުނިޔެއާއި ވަކިކޮށްލި އާއިލާ ކަލޭމެންގެ އަވަށްޓެރިންނަށްވެގެން ތިއުޅެނީ. އެމަންމައަށްޓަކާ ރިވެންޖް ނަގާ. އަހަރެން ބުނާގޮތަށް ނަހަދައިފިއްޔާ ކަލެއާއި އާޔާއަށް އަދަބުލިބޭނެ. އޭގެ ކުރިން އެ އަންހެންކުއްޖާގެ ދިރިއުޅުން ބަރުބާދުކުރޭ. އިތުރު މީހަކަށް މިކަން އެނގިގެން ނުވާނެ.............." ނިވާވެގެން ހުރި މަޚުލޫގުގެ ކޮންމެ ޖުމްލައެއް އާރިޒްގެ ހިތަށް ހައިރާންކަމާއި ބިރުވެރިކަން ވެއްދިއެވެ.

އާޔާއާއި ބަލްސަމްއާއި ބައްދަލުވުމުން އެދެމައިން އޭނަގެ ނަން އިވި މޫނަށް އެވީގޮތްތައް އަދިވެސް އާރިޒްގެ ލޮލަށް އެބަފެނެއެވެ. މި މަޚުލޫގުގެ ވާހަކަތައް ގަބޫލުކުރެވޭގޮތްވިއެވެ. އާރިޒް މަޑުމަޑުން ބޯ ޖަހައިލިއެވެ.

"އަހަރެންގެ މަންމައަކީ ކާކު." އާރިޒް އޮޅުން ފިލުވަން ބޭނުންވިއެވެ.

"ހަނދާން އަނބުރާ ގެންނަން އެންމެ ކުރިން މަސައްކަތްކޮށްބަލަ. މަންމަދެކެ ލޯބިވަންޏާ އެމަންމައަށްޓަކާ ކަމެއްކޮށްދެންޏާ މަންމަ އެހާ އުފަލުން އުޅެނިކޮށް ދިރިއުޅުން ހަލާކުކޮށްލި އަނިޔާދިން މީހުންގެ ފަރާތުން ބަދަލުހިފާ. އެވަރަށް އަހަރެން ބުނާނީ. ވަރަށް ގާތުން ބަލާނަން. ވީހާވެސް އަވަހަށް މަސައްކަތްފަށާ.." އެ މަޚުލޫގު ދުރަށް ހިނގައިގަންނަމުން މަޑުމަޑުން ލޯމަތިން ގެއްލެމުންގޮސް ހިޔަންޏަކަށްވެ ގަސްތަކުގެ ތެރެއަށް ގެއްލިއްޖެއެވެ.

"ވަޓް ދަ ހެލް އިޒް........ ދެޓް. އަހަރެން މިހިރީ ހަމަ ހޭލާތަ.........." އާރިޒް ފައިން ގާގަނޑެއްގައި ޖެހުމުން ވައިގެތެރެއަށް އަރައިގެން ދިޔަލެއް ބާރުކަމުން ދެވަނަފަހަރަށް ހިތަށް ބިރުވެރިކަން ވަނެވެ. ރޫހާނީ ބާރެއް އޭނައާއި އަވަލީބާވައެވެ. އާރިޒް އަވަސްވެގަތީ ގެއަށް ވަނުމަށެވެ. އާރިކްއާއި ޖަނާހުއާއި މަޝްވަރާކޮށްލަން ހިތަށް އަރާފައި ކޮޓަރީގެ ދޮރު ހުޅުވާލިތަނާ ކޮޓަރީގެ ތެރޭހުރި ފާނޫޒުގެ ހުޅުކޮޅު ހޫރިގެންފާ ނިވުނުގޮތަށް ކަށްވަޅުގެ އަނދިރިކަންވަރުގެ ފުން އަނދިރިކަމެއް މުޅިތަން ހިސާރުކޮށްފިއެވެ. ހިމޭންކަމުގެ ތެރެއިން އިވުނީ އޭނަގެ ނޭވަގެ އަޑު އެކަންޏެވެ. ހަދާނެގޮތް ހުސްވެފައި ފޯނުން އަލިކުރަން އުޅެނިކޮށް އެކަތައިގެ ބާރު އެކުލެވޭ އަތަކުން އޭނަ ކޮށްޕާލައިފިއެވެ. އާރިޒް ލުއިފަތްކޮޅެއްހެން ވިއްސައިގެންގޮސް އެނދުމަތީގައި ޖެހުނުގޮތަށް ހިރިލާކަށްވެސް ނޭގުނެވެ. މީހަކު ފެންނާންނެތަސް އެމީހެއްގެ ހޫނުކަމުން އެތަނުގައި އަލިފާންމަޅިއެއް ޖަހާފައި ހުރުމެކޭ ތަފާތެއްނެތެވެ. ނުފެންނަ މީހާ ގަދަ އަޑަކުން އަމުރުކުރީ އެއްވެސް މީހަކަށް އަންގައިގެން ނުވާނެކަމުގައެވެ. އެއީ ގަސްތަކުގެ ތެރޭގައި ހުރެ އޭނައަށް އިންޒާރުދިން އެބަރު އަމުރުވެރިއަޑެވެ. ރުޅިވެރިކަމާއި އެކު ހަރުކަށިކަން އެ އަޑުގައި އެކުލެވުނެވެ.

އޭނައަށް ފެންނަ ހުވަފެންތައް މަޑުމަޑުން ހަގީގީ ކުލަޖެހެމުންގޮސް އެ މަޚުލޫގުންތައް އޭނަގެ ލޮލަށް ފެންނަންފެށީއެވެ. މިގޭގައި ޖިންނިން އުޅޭކަމުގައި އޭނަ މިވަރަށް ކިޔާއިރު އާރިކްއާއި ޖަނާހު ގަބޫލެއްނުކުރިއެވެ. މަލާމާތްކޮށްފައި ހުނަސް އޭނަގެ ކުރިމަތީގައި މިހިރީ ގައިމު އިންސާނެއް ނޫނެވެ.

"އާރިޒް. ފިނޑިނުވެ ތިމާގެ ބްލަޑްލައިން ހޯދާ ފިރިހެނަކަށްވޭ. އަނދިރީގެ ތެރެއިން ނުކުމެވޭނީ ހިތްވަރެއްވެސް ހުރެގެން ހަގުރާމަކޮށްގެން. ތިމާގެ ބުއްދިން ވިސްނާ ފިކުރުކޮށް އަހަރެން ބުނާގޮތަށްހަދާ. އޭރުން ބޭނުންވާ ހުރިހާ ސުވާލެއްގެ ޖަވާބު ދާދިއަވަހަށް ލިބޭނެ........." އެ މަޚުލޫގުގެ ބަރު އަޑު ކޮޓަރީގެ ތެރޭ ގުގުމާލާފައިވާއިރު ދެމީހުން އެއްފަހަރާ ވާހަކަދައްކާފަދައެވެ. އާރިޒްގެ ބިރު ކޮންމެވެސް ވަރަކަށް ފިލައިފިއެވެ. މިމީހަކަށް އޭނަ ހާދަ ރަގަޅަށް އެބައެނގެއެވެ. އޭނަގެ މަންމައާއި މިމީހާގެ ހުރީ ކޮން ގުޅުމެއްބާވައެވެ.

"ތިއީ ކާކު؟ "

"އަހަންނަކީ އަހަރެން. އެނގިގެން ކުރާނެ ފައިދާއެއް މިހާރަކުނެތް. އިތުރު ސުވާލުނުކޮށް އަހަރެން ބުނިގޮތަށް އެ އާއިލާގެ އެންމެންގެ ދިރިއުޅުން ބަދުބާރުކުރޭ. ނޫނީ އަހަރެންގެ ދެއަތުން ކަލެއާއި އާޔާވެސް ނައްތާލާނަން. އަޑުއިވިއްޖެތަ..............." އޭނަގެ އަޑުގައި ވި ގޮތަކުން އާރިޒް ޖެހިލުންވެފައި އަވަހަށް އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

"ފައިން އައިލް ޑޫ އިޓް...."

"ރަގަޅު...."

"އޭރުން އަހަރެންގެ ހަނދާން އަންނާނެތަ؟ "

"ހަނދާންތައް އަނބުރާ ނައިއްޔާ މާ ރަގަޅުވާނެ" އެމީހާގެ އަޑު ގުގުމައިލިއެވެ.

"ކިތަންމެ ހިތްދަތިވިޔަސް ދެރަވިޔަސް ކެތްނުކުރެވޭފަދަ ހިތާމަވެރި މާޒީއަކަށްވިޔަސް ނޭގުމުގެ ތެރޭ ހުރުމަށްވުރެ ހިތަށް ފަސޭހަވާނެ. އެއްވެސް މީހަކަށް އިހުސާސެއް ނުކުރެވޭނެ. އެހަނދާންތައް އަނބުރާގެންނަން އަހަރެންގެ ހިތް އެދޭވަރެއް. އަހަންނަކީ ކާކުކަން އެނގެން ބޭނުންވާވަރު. އެންމެ ރަގަޅު. އަހަރެން ތިބުނާ ކަންތައް ފުރިހަމަކޮށްދިނުމަށްފަހު އަހަރެންގެ ހަނދާންތައް އަނބުރާ ލިބޭނެކަމުގެ ޔަގީންކަން ދީފާނަންތަ؟ ތިފަދަ ރޫހާނީބާރު ލިބިފައިވާ މީހެއްނަމަ އެކަންތައް ފަސޭހަވާނެއެއްނު........................" އާރިޒް ވާހަކަދެއްކިއެވެ.

"ފުރަތަމަ މަސައްކަތް ނިންމާ" އޭނަ އަމުރުކުރިއެވެ.

*******

އާރިކްއާއި ޖަނާހު ދޮރު ހުޅުވައިލުމާއިއެކު ފާނޫޒުގެ ހުޅުކޮޅަށް އަލުން ދިރުން ލިބި ހުޅުކޮޅު ނަށަންފެށިއެވެ. ހުޅުކޮޅުގެ އައްޔަށް ގަޔާވި ކުދި ކުރި ޕަރުވާނާތައް ވަށައިގެން އެނބުރޭތަން ފެނުނެވެ. އާރިޒް އޮތީ ބޯދަށަށް އަތްލައްވައިގެންނެވެ. މޫނުމަތީގައި މުތީތަކެއްފަދައިން ދާތިކިތައް ބަބުޅައެވެ. އެކުވެރިން އައުމުން ހަމަޖެހެން މަސައްކަތްކުރަމުން ތެދުވުނެވެ. އާރިކްއަށް ސިއްރެއްނުވިއެވެ. އާރިޒް ކަމަކާއި ޙާސްވެފައިވާކަން އޭނަ ދެނެގަތެނެވެ. ސުވާލުތައް ކުރަންފެށުމުން އާރިޒް ބުނީ ބިރުވެރި ހުވަފެނެއް ފެނުނީކަމުގައެވެ. އާރިކްބުނީ "ބިރު" އެލަފުޒު ރަދީފުން ކަނޑާލުމަށާއި ޖެހިލުންކުޑަ ހަގުރާމަވެރިއެއްގެ ގޮތުގައި ވުމަށެވެ.

*******

އާޔާ ލައިގެން ހުރި ހެދުމުގެ ބޭރުން ކޯޓުލާފައި ހުރިއިރު ރަސްމީކަމާއި އެއްވަރަށް ރީތިކަމުން އެތައް ލޯތައް އޭނައަށް ހުއްޓުނެވެ. އެކަމެއް އާޔާއަށް ރޭކާލީހެނެއް ހިޔެއްނުވެއެވެ. ލިފްޓަށް އަރާފައި ދިހަވަނަ ބަޓްންއަށް ފިތައިލިއެވެ. އެކުޑަވަގުތުކޮޅުގެ ތެރޭވެސް އާޔާ ފޯނުން ބަލަމުން ދިޔައީ ގުރުއާންގެ މާނައެވެ. އެހެންމީހަކު ލިފްޓްގައި ހުރިކަން އިހުސާސްވިހެނެއްވެސް ހިޔެއްނުވެއެވެ. އެއަށްވުރެ ބޮޑަށް ޝައުގުވެރިވެ ގެއްލިފައި ހުރީ ގުރުއާންގެ އާޔަތްތަކުގެ މާނައަށެވެ.

"ޑޮކްޓަރ އާޔާ..." އިވުނު ދަންނަ އަޑުގެ ސަބަބުން އާޔާ ސިހުނެވެ. އިސްއުފުލާ ބަލައިލިއިރު ޑޮކްޓަރުގެ ކޯޓުލައިގެން ހުރި މީހާ ފެނިފައި ބިރެއްފެނުނުފަދައެވެ. އަތުން ފޯނުދޫވިއެވެ.

"ތިވެސް..ޑޮކްޓަރެއް؟ " އާޔާ ދެލޯ ބޮޑުކޮށްފައި އަހައިލިއެވެ.

"ކާމްޑައުން ގާލް. އަހަންނަށް ހީވަނީ އާރިޒްއާއި ބައްދަލުވެފައި ހުރީހެން. އަހަންނަކީ އާރިޒްއެއް ނޫން. އޭނަގެ ޓްވިން ބްރަދާ. ޑޮކްޓަރ އެރިކް........................." އާރިކް ތައާރަފު ވެލުމުން އާޔާގެ ހައިރާންކަން ފިލައިގެންގޮސް ހަމަޖެހުމެއް ލިބިއްޖެއެވެ. ވީއިރު ދުނިޔޭގައި ހުރީ އާރިޒްގެ ނަން ކިޔާ އެންމެ އިންސާނެއްނޫންތާއެވެ. އަވަށްޓެރި އާރިޒްއަކީ އަދި އޭނަގެ ދިރިއުޅުމަށް އައި ސުންޕާ އާރިޒްއެއް ނޫނެވެ. މުޅިން އެހެން ޒުވާނެކެވެ. އާރިޒްއާއި އާރިކްގެ ތަފާތަކަށް ފެނުނީ ހަމައެކަނި އިސްތަށިގަނޑެވެ. އާރިކްގެ ދިގުކޮށްލާފައިވާ ރިހިކުލައިގެ އިސްތަށިގަނޑާއި ރުހޭނެ އަންހެންކުދިން މަދެއްނުވާނެކަން ޔަގީނެވެ. އާރިކް ސަލާމްކޮށްލަން ދިއްކޮށްލި ފިރިހެންވަންތަ އަތްވެސް އާރިޒްއާއި ތަފާތެއްނެތެވެ. އެހެން އަންހެންކުދިންނަށް އާރިކްގެ ފަރާތުން އެފަދަ ދައުވަތެއް ލިބުނިއްޔާ ގަޔަށް ބޮލަށް އަރައިގަންނަން ތެޅިގަންނާނެއެވެ. އާޔާ ތަފާތެވެ. ފިރިހެނުންނާއި ސަލާމްކުރުން ހުއްދަނޫންކަމަށް ގަބޫލުކުރާ އަންހެންކުއްޖެކެވެ.

"އޯކޭ އޯކޭ. އެކްސްޓްރީމިސްޓެއް ދޯ. ހުސްވަގުތެއް ލިބޭއިރަށް އެހެން އަންހެންކުދިން ސޯޝަލްމީޑިގައި އެކްޓިވްވާއިރު ގުރުއާނުގެ މާނަ ކިޔަން ހުރުމުން ތީ ތަފާތު އަންހެންކުއްޖެއްކަން އެނގިއްޖެ..." އާރިކް ގުދުވެފައި ފޯނު ނަގާފައި އާޔާގެ އަތަށް ދިއްކޮށްލިއިރު އޭގެ ސްކްރީންގައި ކޫރުން އެޅިފައި ހުރިތަން ފެނިފާ އާޔާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އޭރު ލިފްޓް ދިހަވަނަ ފަންގިފިލާއާއި ހަމައިން ހުއްޓިއްޖެއެވެ. އާޔާއާއިއެކު އެއް ތަނެއްގައި މަސައްކަތްކުރާ ޑޮކްޓަރެއްކަމުން ހިނިތުންވުމެއް ދީފައި އާޔާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެންމެ ކުރިން ޖެހުނު ކޮޓަރިއަށްވަދެ ދޮރު ލައްޕާލައިފިއެވެ. އާރިކްގެ ތުންފަތްމަތީގައި ކުޅެލަ ކުޅެލާހުރީ ލާނެތް ހިނިތުންވުމެކެވެ.

********

މަޑުނޫކުލައިގެ ދޫލައެއްހެން ފެތުރިފައި އުދަރެސް އޮތްއިރުވެސް އާރިޒްގެ ފްލައިޓް ޓާބިއުލެންސްގައި ޖެހުނެވެ. އޭނަގެ ފްލައިޓްތަކަށް މިކުރިމަތިވާ ޗެލެންޖުތައް އަމިއްލަ ނަފުސާއި ގުޅުވާލާކަށް އާރިޒް ހިތަކަށްވެސް ނާރައެވެ. ކޮންމެފަހަރަކު ކޮންމެވެސް ކަންތައްގަނޑަކާއި ލައިގަނެއެވެ. ސަލާމަތުން ފްލައިޓް ރަންވޭގައި ޖެއްސުމަށްފަހު އާރިޒް އަވަސްވެގަތީ ގެއަށް އައުމަށެވެ. "ޝެޑޯ" ގެ އިންޒާރުތައްވެސް ހަދާންވިއެވެ. އޭނަގެ ފަހަތުގައި އަވަލާފައިވާ ޖިންނި އޭނައާއެކު ފްލައިޓްގައި ދަތުރުކުރަނީ ބާވައޭ ހިތަށް އަރާ ބޯ ގޮވާވަރުވިއެވެ. އޭނައަށް ގޯނާކުރިޔަސް އެންމެ ރަގަޅެވެ. އެފަދަ ރޫހާނީ ކަންތައްތަކަށް ހޭނެން ފަށައިފިއެވެ. ނަމަވެސް އެހެން ދަތުރުވެރިޔަކަށް ގެއްލުމެއް ލިބެން ހިތާއި ހަށިވެސް ނުރުހެއެވެ. އެކަމުގެ ފިކުރުގައި ހުރެފައި ކާކޮޓަރިއަށްވަދެ ކަޅު ކޮފީއެއް ތައްޔާރުކޮށްލައިގެން ބެލްކަންޏަށް ނުކުތެވެ. އޭރު ޖަނާހުއާއި އާރިކް ޑްރޯންއެއް އުދުއްސާލައިގެން ފޮޓޯނަގަންވެގެން ގަސްތަކުގެ ތެރޭ އުޅެއެވެ. އާރިޒް ބެލްކަނީގެ ރެއިލިންމަތީގައި ނިކަން ހަމަޖެހިލައިގެން އިށީދެ އާވި އަރަމުން ދިޔަ ކޮފީތަށީގައި ތުނބުޖެހިއެވެ. އެއާއިއެކު ބާރުގަދަ އަތަކުން އޭނަ ކޮށްޕާލުމާއެކު ވީނުވީއެއްވެސް ނޭގުނެވެ.

"ހާއޭ......." އާރިޒްގެ ހަޅޭކުގެ އަޑު ފަޒާގައި ގުގުމައިލިއެވެ.

"އާރިޒް..........." ޖަނާހު ހޭކަނޑާލާފައި އެދިމާލަށް ދުއްވައިގަތެވެ.

އާރިޒް ގާތަކުގެ މަތީ ޖެހުނުލެއް ބާރުކަމުން ހަރަކާތެއްނެތި ބަންޑުންއޮތްތަން ފެނުމުން ޖަނާހު ބިރުން އަވަދިނުވީ ކިރިޔާއެވެ. ވަގުތުން ދެލޯ ފެންކަޅިވެގެން ދިޔުމާއިއެކުވެސް ބާރަކަށް އާރިކްއަށް ގޮވާފައި އެންގީ އެމްބިއުލެންސްއަށް ގުޅުމަށެވެ. އެއަޑުގައިވި އަވަސްކަމާ އިއެކު ހަމަ ދެންމެ ދެންމެ ރޮއިގެންފާނެފަދައެވެ. އާރިޒްއަށް ފަސްޓްއެއިޑްދޭން އަވަސްވެގަތްއިރު އާރިކް އެއްވެސް ހަރަކާތެއް ނުކޮށް ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހުރިތަން ފެނުމުން ޖަނާހުއަށް ވިސްނުނެވެ. އާރިކްވެސް އެހެރީ ޝޮކެއްގައެވެ.

(ނުނިމޭ...)

https://sun.mv/120617

comment ކޮމެންޓް