އިސްލާމިކް ޔުނިވާސިޓީ ފެކްލްޓީއެއްގެ ގޮތުގައި ހެދުމަށް މެމްބަރުންގެ ތާއީދު

އިސްލާމިކް ޔުނިވަސީޓި އޮފް މޯލްޑްވިސްގެ މައި އިދާރާ. -- ސަން ފައިލް ފޮޓޯ

އިސްލާމިކް ޔުނިވާސިޓީ ގައުމީ ޔުނިވަސިޓީއެއްގެ ފެކަލްޓީއެއްގެ ގޮތުގައި ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިޔާލުފާޅު ކުރައްވައިފި އެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު އިބްތިދާއީ ބަހުސް ފެށި، ގައުމީ ޔުނިވާސިޓީއަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން، މާފަން އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ރާއްޖެ ފަދަ ގައުމެއްގައި ސަރުކާރުން ބައިވަރު ޔުނިވާސިޓީތައް ހިންގުމަށްވުރެ، އެއް ޔުނިވާސިޓީ ހިންގުމުން މާ ފުރިހަމަ ނިޒާމަކުން ރަނގަޅު ފެންވަރެއްގައި ހިންގިދާނެ ކަމަށެވެ. އެގޮތުން އިސްލާމިކް ޔުނިވާސީޓީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއެއްގެ ގޮތުގައި ހިންގައިގެން މާ ރަނގަޅު ފުރިހަމަ ތައުލީމެއް ދެވޭނެ ކަމަށް އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

"އަޅުގަނޑު ހިތައް އަރާ، އެއް ކަމަކީ އަޅުގަނޑުމެންގެ ގައުމު ފަދަ ގައުމެއްގައި ބައިވަރު ޔުނިވާސިޓީތަށް ހިނގައިގެން ކޮލިޓީ ތައުލީމެއް ދެވިދާނެތޯ ދައުލަތުން ހިންގާ ބައިވަރު ޔުނިވަސިޓީތައް އެއްފަހަރާ ހިންގައިގެން. ދެ ޔުނިވާސިޓީ ހިންގުމަކީ، އެންމެ ރަނގަޅު ފެންވަރަކަށް އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރި މިންވަރުން ކުރެވިދާނެ ކަމެއްތޯ،" އިމްޔާޒު ފަހުމީ ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑުމެންނަށް އިސްލާމީ ތައުލީމު ވަރަށް ފުރިހަމައަށް ދެވޭނެ ފެކަލްޓީއެއް ޔުނިވާސިޓީއެއްގައި ބެހެއްޓިދާނެ. އަދި އެއް ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގައިފި ނަމަ، މާ ފުރިހަމަ ނިޒާމަކުން، މާ ފުރިހަމަ ގޮތަކަށް، މާ ބޮޑަށް އަޅާލެވިގެން، އެއް ޔުނިވާސިޓީއެއް ހިންގިދާނެ ކަމަށް އަޅުގަނޑު ދެކެނީ،"

މިއަދު ޖަލްސާގައި އިމްތިޔާޒު ފަހުމީ ވާަހަކަ ދައްވަނީ: އެނާ ވިދާޅުވީ، ދެ ޔުނިވާސިޓީއެއް ހިންގުމަށްވުރެ، އެއް ޔުނިވާސިޓީ ހިންގުން ފައިދާ ބޮޑު ކަމަށް --- ފޮޓޯ/ މަޖިލިސް އިދާރާ

އިމްތިޔާޒުގެ ވާހަކަ އަށް ތުޅާދޫ ދާއިރާ މެމްބަރު، ހިސާން ހުސައިން ވެސް ތާއިދު ކުރެއްވި އެވެ. ހިސާން ވިދާޅުވީ، ޔުނިވާސިޓީން ކިޔަވައިދޭ ކޮންމެ މާއްދާތަކަށް ނުވަތަ ކޮންމެ ސުކޫލަކަށް ވަކި ފެކަލްޓީއެއް އޮތުމަކީ، ދުނިޔޭގެ ގައުމުތަކުގައި އަމަލުކުރަމުންދާ ގޮތް ކަމަށެވެ. ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ކޮންމެ މާއްދާއަކަށް ވަކި ކޮލެޖެއް ނުވަތަ ވަކި ޔުނިވާސިޓީއެއް އޮތުމަކީ، އެކަން ކުރަން ޖެހޭ ގޮތް ނޫން ކަމަށް ހިސާން ވިދާޅުވި އެވެ.

"އިސްލާމިކް ޔުނިވާސިޓީއެއް ރާއްޖޭގައި ކޮންމެހެން ވަކިން ހުރުމަކީ، އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭ،" ހިސާން ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވާސިޓީ، ގައުމީ ޔުނިވާސިޓީގެ ފެކްލްޓީއެއްގެ ގޮތުގައި ރަނގަޅު ފެންވަރަކަށް ހެދުމަށް ތާއިދު ކުރާ ކަމަށް ހިސާންވެސް ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު ވިދާޅުވީ، ދެ ޔުނިވާސިޓީ އެއް ދައުލަތުން ހިންގުމަކީ، ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމެއް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އިސްލާމިކް ޔުނިވާސިޓީގެ ހިންގުންވެސް، ދަރިވަރުންނަށް ލިބޭ ތައުލީމާ އެ ހުރިހާ ކަމެއް އެތައް ގުނައަކުން އިތުރުވެގެންދޭ، ފުރިހަމަ ވެގެން ދޭ، ރަނގަޅުވެގެންދޭ، ގައުމީ ޔުނިވާސިޓީއާ އިސްލާމިކް ޔުނިވާސިޓީއާ އެއްކޮށްލުމުން. ހަރަދުގެ ގޮތުން ބެލިކަމުގައި ވިޔަސް، ފެންވަރުގެ ގޮތުން ބެލި ކަމުގައި ވިޔަސް އެ ލިބޭ ތައުލީމް އެތައް ގުނައަކުން އިތުރު ވެގެން ދާނެ،" ހަސަން ލަތީފު ވިދާޅުވި އެވެ.

ކުރީގެ ކުއްލިއްޔާގެ ނަމުގައި ހިންގަމުން އައި ކޮލެޖް އިސްލާމިކް ޔުނިވާސިޓީއަށް ބަދަލު ކުރީ 2014 ވަނަ އަަހަރު އެވެ.

ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާއިރު، އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް ވެސް ވަނީ އިސްލާހުތަކެއް ހުށަހަޅާފަ އެވެ. އެ ބިލް މިހާރު އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގަ އެވެ.

https://sun.mv/120800

comment ކޮމެންޓް