ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް ހުށަހަޅައިފި

މަޑަވެލި ދާއިރާ މެމްބަރު، ހުސައިން ފިރުޝާން: އޭނާ ވަނީ ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅުއްވާފައި -- ފޮޓޯ/ މަޖިލިސް އިދާލާ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހުތަކެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅީ، މަޑަވެލި ދާއިރާ މެމްބަރު ހުސައިން ފިރުޝާންއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ފިރުޝާން ވިދާޅުވީ މީގެ ކުރިން އެ ގާނޫނަށް ގެންސްފައިވާ އިސްލާހުތަކާ ގުޅިގެން، ގައުމީ ޔުނިވާސިޓީގެ ކައުންސިލަށް އޮތް އިހްތިޔާރުތަކާ ބެހޭ ބައެއް މާއްދާތަކާ އެ އިސްލާހުތަކާ ތައާރަޒުވާ ކަމަށެވެ. ގާނޫނަށް މީގެ ކުރިން ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން އެ ގާނޫނަށް ގެންނަޖެހޭ އިސްލާހުތައް ގެނެސްފައި ނުވާ ކަމަށް ފިރުޝާން ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީގެ ގާނޫނަށް މީގެ ކުރިން ގެނައި ފުރަތަމަ އިސްލާހުގައި ވަނީ، ޔުނިވާސިޓީގެ ވައިސް ޗާންސެލާ އަދި ޑެޕިއުޓީ ވައިސް ޗާންސެލާ މާގާމަށް އައްޔަން ކުރަންވާނީ، ޔުނިިވާސިޓީގެ ކައުންސިލުން ކަމަށް އޮތް އޮތުން ބަދަލުކޮށް، އެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައެވެ.

ފިރުޝާން ވިދާޅުވީ، އޭނާ ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވުމުގެ ބޭނުމަކީ، މީގެ ކުރިން ގެނެވުނު އިސްލާހުތަކާ ގުޅިގެން ބައެއް މާއްދާތަކާ ތާއާރަޒުވުން ނައްތާލުމަށާއި އެ ގާނޫނު ތަންފީޒުކުރުމުގައި މިހާރު ހުރި ދަތިތައް ހައްލުކުރުމަށްޓަކައި ގެންނަން ޖެހޭ އިސްލާހުތަށް ގެނައުމަށް ކަމަށެވެ.

ފިރުޝާން ހުށަހެޅުއްވި މައިގަނޑު އިސްލާހުތައް:

  • ޔުނިވާސިޓީ ކައުންސިލުގެ 13 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުންނަކީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރުންކަމަށް އޮތް އޮތުން ބަދަލު ކުރުން.
  • ކައުންސިލު އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރުތައް ނަގައި، އެ ބާރުތަށް ކައުންސިލަށް ދިނުން.
  • ޔުނިވާސިޓީ ކައުންސިލަކީ މިނިވަންކޮށް އެކުލަވާލާ ކައުންސިލަކަށް ހެދުން.
  • ޑެޕިއުޓީ ވައިސް ޗާންސެލާ އައްޔަނުކުރުމުގެ ބާރު ކައުންސިލަށް ދިނުން.
  • ކައުންސިލުގެ މެމްބަރުންގެ އަދަދު 13 އިން 18 އަށް އިތުރު ކުރުން.
  • ކައުންސިލުގެ ބެލެންސް ހިފެހެއްޓުމަށް ކައުންސިލުގައި ހިމެނޭ ޔުނިވާސިޓީން ބޭރުން އަށް މެމްބަރުންނާ އެއްވަރަށް ޔުނިވާސިޓީ ތެރެއިންވެސް އަށް މެމްބަރުން އިތުރުކުރުން.
  • ކައުންސިލުގައި ޔުނިވާސިޓީގެ ހުރިހާ ގިންތިތަކެއް ތަމްސީލުވާ ގޮތަށް ބެލެންސް ހިފެހެއްޓުން.
  • ބޭރުން އައްޔަނުކުރާ މެމްބަރުން އައްޔަނުކުރުމަށް ބޭނުންވާ ނޮމިނޭޝަން ކޮމިޓީއާ ބެހޭ މާއްދާތައް އަލުން އިތުރުކުރުން.
  • ޔުނިވާސިޓީގެ އަހަރީ ރިޕޯޓު ހުށަހަޅަން ޖެހޭ މުއްދަތު ފަސްކުރުން.

ސަރުކާރުގެ ފަރާތުން މިއަދު ގަައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހުތަކެއް ހުށަހެޅި އިރު، އިސްލާމިކް ޔުނިވާސިޓީގެ ގާނޫނަށް ވެސް ވަނީ އިސްލާހުތަކެއް ހުށަހަޅާފައެވެ. އެ ބިލް މިހާރު އޮތީ އިބްތިދާއީ ބަހުސްގެ މަރުހަލާގައެވެ.

މަޖިލީހުގެ ބައެއް މެންބަރުން ވަނީ އިސްލާމިކް ޔުނިވާސިޓީ ހަނިކޮށް ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއެއްގެ މިންވަރަށް ކުޑަ ކުރުމުގެ ހިޔާލު ފާޅު ކުރައްވާފައެވެ. އެ ގޮތުން ބައެއް މެމްބަރުން ވަނީ ވަކީން އިސްލާމިކް ޔުނިވާސިޓީއެއް ހުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް