ފަޔަރ އެންޑް އައިސް (13)

ފަޔަރ އެންޑް އައިސް

ފެންޑާގައި ޖަނާހުވެސް ހުރީ ރަސްމީކޮށެވެ. ގަމީހާއި ކަޅުފަޓުލޫނެއްގައި ކަރުގައި ސްޓެތޯ އަޅުވާލައިގެން ހުރެފައި ހީލިއެވެ.

"މޯނިން ޖަނާ......" އާރިޒް ހެނދުނުގެ ސަލާމްކުރިއެވެ.

"އާރިޒް. އުފާވެރި ޚަބަރެއް އެބައޮތް..." ޖަނާހުގެ މޫނުމަތި އަލިކަމުން ދިއްލިފައިވާ ފަދައެވެ." އަހަރެމެންނަށް އަވަށްޓެރިން ލިބިއްޖެ. މިހިރަ ގެއަށް ކޮންމެވެސް ބަޔަކު އަތުވެއްޖެ."

"އެދެން ޖަނާ އުފަލުން ހުރިހާދަތްކޮޅު ދައްކާލާވަރުގެ ޚަބަރެއްތަ. އަހަންނަށް ގައިމު އުފަލެއް ނުލިބުނު. މިނިވަންކަން ހަނިވާނެ. ވިންޑޯ އާއި ދިމާލުން މީހެއްގެ ހަރަކާތް ފެނުނުހެން ހީވެފައި ހިތަށް އެރިއޭ........ " އާރިޒް ޖަނާހުއާއި އެއް ހަމައެއްގައި ހިނގަމުންގޮސް ގޭޓުން ނުކުތެވެ.

"ދަންވަރު ފްލައިޓުން ކަން ނޭގޭ އެމީހުން އައީ. ފެންބޯންވެގެން ތިރިއަށް އައިވަގުތު މާ އަޑުގަދަވެގެން ބެލްކަންޏަށް ނުކުމެ ބަލައިލިއިރު ބެކްޕެކް އަޅުވާފައި ހުރި ގާލް އެއްފެނުނު. އާރިޒްނަމަ ބިރުން ފެއިންޓްވާނެ. ދަންވަރު އެކުއްޖާވެސް ފެންނާނީ ޖިންނިއެއްހެން ވިއްޔަ. އާނ. މިއަންނަނީ ޑޮކްޓަރ އެރިކް. އަސްލު އަހަރެން ބުނަންއުޅުނު އުފާވެރި ޚަބަރަކީ މިއީ. އެރިކް އަހަރެމެންގެ ހޮސްޕިޓަލުގެ ބޯޑުގެ މެމްބަރަކަށް ވެއްޖެ................"

"އެ ކިހިނެއް؟ އެރިކް މީހުންގެ ހިތްތައް އަތުލަން ކޮން އުކުޅެއް ބޭނުންކުރީ؟ ކުރީ ދުވަހު އިސްތަށިގަނޑު ނުކޮށައިގެން އޮފީހަށް ގެންގޮއްސަ އިންޒާރުކޮށްފަވެސް ވެރިކަން ދިނީ. ގޯހެއްނޫން......." އާރިޒް އެގެއާއި އަރާ ހަމަވެފައި ބަލައިލީ ފަރުވާކުޑަގޮތަކަށެވެ. މިގެއަށް އައި ބަޔަކާއިމެދު ހިތުގައި ޝައުގު ހުރެގެނެއް ނޫނެވެ.އާރިޒް ޑިއުޓީ ނިންމާފައި އައިއިރު އާރިކްމެން އުޅުނީ ކުޅި ނޫޑުލްސް ސޫޕް ހަދައިގެންނެވެ. ރަހަ ބަލައިލުމުން ކަންފަތުންވެސް ދުންއަރާފަދައެވެ. މަޑުފިޔާތޮށިކުލައިގެ ތުންފަތުގެ ކުލަގަދަވެ ލޭ އޮހިގެންފާނެފަދައެވެ. އެރިކް "ހޮޓް"ކަމުން އަލިފާނެކޭ އެއްފަދަވާއިރު އޭނަ ގަޔާވަނީވެސް ކުޅިކަން ގަދަ އެއްޗެއްސޭ ކިޔާފައި ޖަނާހު ނިކަން ދިމާކުރާނެއެވެ. ކުޅި އެއްޗެއްވިއްޔާ އޭގައި ހުރިހާ ރަހައެއް ބަރާބަރަށް ހުންނަން ޖެހޭނެއެވެ. އާރިޒްއާއި އާރިކްއަދި ޖަނާހު ސަކަރާތްޖަހަން ތިބެ ކައިގެން އޭނަ ވަނީ ކޮޓަރިއަށެވެ. މޫސުމް ގޯސްވުމުންގެ ސަބަބުން ދޭތެރެއަކުން ބޯކޮށް ވާރޭވެހިގަނެއެވެ. ގުގުރައިލާއިރު ބިރުން ހިތްތައް ރޫރޫއަޅާލައެވެ. ވިދުވަރުގެ އަލިން ލޯ ތަރަތަރަޖަހައިގެން ދެއެވެ. ޖަންބުގަހާއި ފިނިފެންމާގަސްތަކުގެ ފަތްތަކުގައި ފެންތިކިތައް ހަރުލާފައިވާއިރު ހުދު ޖަވާހިރުތައް ފަދައިން ދަޅައަރައެވެ. ނިކަން ހިތްގައިމެވެ. އާރިޒް ބެލްކަނީގެ ބިއްލޫރިގަނޑުން ބޭރަށް ބަލައިލިއެވެ. ނަޒަރުގޮސް ހުއްޓުނީ އަވަށްޓެރިގޭގެ ބެލްކަނީގެ ދޮރު އަޑާއަށް ހުޅުވާފައި ނުކުތް ދޮން ދޮން އަންހެންކުއްޖެކަށެވެ. ޓީޝާޓުފޮތީގެ ފިޔާތޮށި ހެދުމަކާއި ޓައިޓެއްލާފައި ބޮލުގައި ކުޑަ ސްކާފެއް އަޅާފައެވެ. ދިވެހި ކުއްޖަކާ ވައްތަރެއް ނޫނެވެ.

އެ ނާޒުކް އަންހެންކުއްޖާ ނިކަން ހެވިފައިހުރެ މާތަކާއިއެކު ސެލްފީއެއް ނެގިއެވެ. އަތްފޯރުކޮށްލާފައި ގަހުގައި ފޮޅިފައި އިން ފިނިފެންމަލެއް ބިނދެލާފައި ނޭފަތުގައި ޖައްސައިލިގޮތުން މަލަށް ލޯބިކުރާ ކުއްޖެއްކަން އެނގުނެވެ.

"ހޭއި.......ކީއްވެ ހުއްދަނެތި މާ ބިންނަނީ؟ " އާރިޒް ބެލްކަންޏަށް ނުކުމެ ރެއިލިންގަ އަތް އަޅުވައިލިއެވެ. އެކުއްޖާ ސިހި ބަލައިލާފާ ދެލޯ ބޮޑުކޮށްލިއެވެ.

"އަންހެންކުދިން ވައްކަންކުރާކަމެއް ނުދަންނަން. މަލެއް ބިނަސް އެވެސް ވާނީ ހަމަ ވައްކަން ކުރިކަމަށޭ. ރޯޒް ތީފް....................." އާރިޒް އެކުއްޖާ ރުޅިއަރުވައިލަން މަސައްކަތްކުރިއެވެ.

އަންހެންކުއްޖާ ލޯ ކުޑަކޮށްލާފައި ބަލައިލީ ރުޅީގެ ނަޒަރަކުންނެވެ. ބާރުބާރަށް ހިނގާލާފައިގޮސް ދޮރު ލައްޕާ ތަންޑު އަޅުވާލުމުން އާރިޒް ހުޅުވާނެ އިރަކަށް އިންތިޒާރުކުރިއެވެ. ހާދަ ކުޑަ ބައްދަލުވުމެކެވެ. އެކަމަކު އަދިވެސް ފެންނާނެކަމާއިމެދު އޭނަ ޝައްކެއް ނުކުރެއެވެ. ދެމީހުންގެ ބެލްކަނީ މިހިރީ ދާދި ކައިރީގައެވެ. އަޑު ފޯރާހާ ކައިރިއެވެ. އަވަށްޓެރިންނެވެ. ބީރައްޓެހިންނަށްވިޔަސް ފުރަތަމަ ބައްދަލުވުމުން ދެމެދުގައި އޭނަ ވާހަކަ ދައްކައިފިއެވެ. ފުރަތަމަ ނަޒަރުން އަންހެންކުއްޖާގެ ހިތުގައި އޭނައާއިމެދު އިހުސާސްތަކެއް އުފެދިއްޖެއެވެ. ރުޅިވެރިކަމަކީވެސް އިހުސާސެއް ނޫންހެއްޔެވެ. ކޮންމެހެން ފެންނައިރަށް ހިތާވާކަށް ނުޖެހޭނެއެވެ. އަންހެންކުދިން ފިނިފެންމަލަށް އެހުންނަ ވަރުގަދަ ލޯތްބަކާއިމެދުވެސް އާރިޒް ހައިރާންވިއެވެ.

ކުޑަދޮރުގައި ދަމާފައިވާ ތުނި ފަރުދާގެތެރެއިން އެތެރެ ފެންނަވަރު ނުވިޔަސް މީހަކު ހަރަކާތްތެރިވާކަން އެނގުނެވެ. ވާރޭ ވެހެން ފެށުމުން އާރިޒް އެތެރެއަށްވަދެ އެނދުގައި އިށީދެ ގިޓާނެގިއެވެ. ހިތާމަވެރި ރާގެއްކުޅެލިއެވެ. ހިތުގެ ފުންމިނުގައި ބީހިލާފަދަ އަސަރެއް އެ ރާގުގައިވިއެވެ. ގިޓާގެ ނަރުތަކުގައި އަތް ހިންގައިލުމާއިއެކު ސިކުނޑީގެ ކަނަކުން ކޮންމެވެސް ކަހަލަ ހަދާންތަކެއް ފްލޭޝްވާން އުޅެފައިވެސް ފަނޑުވެގެންގޮސް ނެތިދެއެވެ. ސިކުނޑިއަށް ބާރުލުމުން ބޮލުގައި ރިއްސުން ނޫންކަމެއް ވަނީއެއް ނޫނެވެ. އަމިއްލަ ނަފުސަށްވެސް ފޫހިވިއެވެ. އޭނައަކީ ދެން ފަހެ އާއިލާއެއް ނެތް މީހަކުބާވައެވެ. މަންމައަކާއި ބައްޕައަކާއި ނުލާ ދުނިޔެއަކަށް ނާންނާނެއެވެ. މައިމީހާވެސް އޭނަ އުފަންކޮށްފައި އެދިޔައީ ކޮންތާކަށްހެއްޔެވެ؟ އޭނަ ނެގީ ކުޑަކުދިންގެ ހިޔާކަހަލަ ތަނަކުންހެއްޔެވެ.

"ރޯޒް ޕްލޭސް"ގައި ކަރަންޓު މައްސަލަޖެހުން އާއްމެވެ. އެކަމާއި ހުރެ އެތައްފަހަރު އިލެކްޓްރިކް މަސައްކަތްކުރާ މީހުން ގެނެވުނެވެ. ބޮކިތައް އަނދާލެއް ގިނަކަމުން އެންމެފަހުން އާރިކް ނިންމީ އުއްބައްތިތަކާއި ފާނޫޒުތައް ގެންގުޅުމަށެވެ. އިހުގެ ގެއެއްވީމަ ބޮކިތަކާއި ނުގުޅޭ ކަމަށާއި ރީތިވާނީ ފާނޫޒުފަދަ އާސާރީ އެއްޗެހިން ކަމުގައި އާރިކް ބުނެލީ ނިކަން ހަމަޖެހިފައެވެ. އާރިޒްގެ ހިތް ޝައްކާއި ވަހުމުން ފުރުނެވެ. މިގޭގައި ޖިންނިން ދިރިއުޅެނީ ބާވައެވެ. އޭނައަށް ފެންނަ ހުވަފެންތައް ގުޅިފައިވަނީ ކޮން ހަގީގަތަކާހެއްޔެވެ. އާރިކްމެންގެ ޚަބަރެއް ނުވެގެން ސިޓިންރޫމަށް ނުކުތްއިރު ޖަނާހު ކުރަން އިން ކަމެއް ފެނި އާރިޒް ގާތަށް ހިނި އައެވެ. ޖަނާހު އާރިކްއަށްޓަކާ އަންހެންވެރިން ކުރާކަހަލަ މަސައްކަތްކޮށްދެނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ އޭނަ އާރިކްގެ އިސްތަށިގަނޑު ގަތާލަދެނީއެވެ. އެވަރުގަދަ އިސްތަށިގަނޑުގައި ހިފާ ކިތަންމެ ބާރަށް ލުތްކެއް ޖެހިޔަސް ވާފަށެކޭ ތަފާތެއް ނުހުރެއެވެ. އަންހެންކުދިން ހަސަދަވެރިވާނެވަރުގެ ވަރުގަދަ އިސްތަށިގަނޑެކެވެ.

"ސާބަހޭ ޖަނާ........"

"އާރިޒްވެސް އިސްތަށިގަނޑު ދިގުކޮށްލައިފިއްޔާ ގަތާލަދޭނަމޭ. މިހާރު ތި އިސްތަށިކޮޅު ކުރުކަމުން އިންޗިއެއްވެސް ހަމަނުވެއެއްނު...."

"އައްޗި މަށެއް ނޫޅެން..." އާރިޒް އަޅި ދެލޮލަށް ފާނޫޒް އަލި އެޅިފައިވާއިރު ވައިލެޓްކުލައެއް އަރައެވެ. އަޅިދެލޮލަށް އެކި ކަހަލަ އަލި އެޅުމުން ކުލަބަދަލުވަނީ ހެއްޔެވެ؟ ޖަނާހުއަށް އެކަން ފާހަގަކުރެވޭތާ ކިތަންމެ ދުވަހެކެވެ. އާރިޒްއެކޭ އެއްފަދައިން އާރިކްގެ ދެލޮލަކީވެސް ކުލަ ބަދަލުވާ ދެލޮލެވެ. ބައެއްފަހަރު ނޫކުލައެވެ. ފެހިކުލައެވެ. އަޅި ކުލަ އަދި މަޑުމަޑު ދަނބުކުލަވެސް މެއެވެ. އެހާ ރީތި ލޮލެއް ޖަނާހުވެސް ދެކެފައެއްނުވެއެވެ.

"ޔޫ އާ ޖެލަސް ޑާލިން............" އާރިކް ޖެއްސުމަށް އާރިޒްގެ ފައި ދަތި އަޅުވާލުމުން އަނގަވަތަށް ވެއްޓުނުގޮތަށް ދޫލަމަތީ ޖެހުމުން ޖަނާހުވެސް އާރިކްއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. މަޖަލަކަށްވެސް އަނިޔާވާފަދަ ޖެއްސުން ނުކުރަން އޭނަ ހަދާންކޮށްދި ދީ ވަރުބަލިވެއްޖެއެވެ. އާރިޒްއަށް ތަދުގެ އިހުސާސެއް ނުކުރެވޭކަމީ ނަސީބެކެވެ.ރޭގަނޑު ކާންވެގެން އާރިޒް ތިރިއަށް ފޭބިއެވެ. އާދައިގެ މަތިން މޭޒުމަތި އަގުހުރި ކާނާތަކުން ފުރިފައެވެ. ބިއްލޫރި ޖަގުތަކުގައި މީރު ބުއިންތަކެވެ. މޭވާ ވަށިގަނޑުގައި ތާޒާ މޭވާތަކެވެ. އާރިކްގެ މުއްސަދިކަމާއި ހައިބަވަންތަކަން ގޭތެރޭގެ ކޮންމެ ދިމާލަކަށްބެލިޔަސް ފެންނާން ހުރެއެވެ. އާރިޒް ޕީޗެއް ނަގާފައި އަނގައިގާޖެހުމުން އޭގެ މީރުކަމާއި ފޮނިކަމުން އަނގަޔަށް ވިރުނުފަދައެވެ.

"ހެލޯ ބޭބީ ބްރަދާ...." އާރިކް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. އާރިޒްކަޅި އަޅައިލިއެވެ. އެނަމުން ނުކިޔަން އޭނަ ތަކުރާރުކޮށް އިންޒާރު ދިން އަދަދެއް ނޭގެއެވެ.

"އަވަށްޓެރިގޭ މަންމައާއި ބައްދަލުވި. މަންމައާއި އަންހެންކުދިން މިކޮޅަށް ދިރިއުޅުން ބަދަލުކުރީޔޯ......................." އާރިކް ބުނެލިއިރު ލާނެތް ހިންޏެއް އައިސްފައެވެ.

"އެރިކް އެގޭ ކުއްޖަކާއި އިންނަން ރަގަޅުވާނެ. އޭރުން މަދާ އިން ލޯއަށް ވީނު......" އާރިޒް ފްރިޖް ހުޅުވާލާފައި އައިސްކްރީމްތަށްޓެއް ނެގިއެވެ.

"އެނގެއެއްނު މަށަކަށް އެންމެ އަންހެނަކުން ނުފުދޭނެކަން..."

"ހުވާ؟ ހާދަ ވަރުގަދަ މީހެކޭ......"

"މަގޭ ޓްވިންއަށްމި ވީ އަންހެންކުއްޖެއްހާ ވީކް ބަލިކަށި ފުރާނައެއް. މިކުއްޖާގެ ހިމާޔަތުގައި ގާޑަކަށް މަ ހުންނަން ޖެހޭ.....................މިނޫން ދުވަހެއް ނާންނާނެ ދޯ.." އާރިކް ޖަނާހުއަށް ނިތް އެއްލުމުން އޭނަ އެއްބައިވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އާރިޒް ޅަކޮށްގެން އުޅޭތީ ބައެއްފަހަރު ރުޅިއަޔަސް އެދެމީހުން އެކުވެރިންނެކޭ އެއްފަދައިން ބޭބެއިންގޮތުގައި ދެކެވުމުން ހިތްހަމަޖެހުމެއް އިހުސާސްކުރެވެއެވެ. ވާހަކައިގާ ތިބެ ކެއުން ނިންމާލުމަށްފަހު ކޮފީއަކަށޭ ކިޔާފައި ކުރިމަތީގައި ހުރި ރެސްޓޯރެންޓަށް ދާން ނުކުތެވެ. ރެސްޓޯރެންޓް ހުންނަނީ ހޮޓަލުގެ އެންމެ މަތީ ފަންގިފިލާގައިކަމުން ހިތްގައިމެވެ. އެޒުވާނުން ފެނުމުން ކައުންޓަރުގައި ތިބި އަންހެންކުދިން މޮޔަވާވަރުވިއެވެ. ފިލްމީތަރިން ފެނުމުން ވާވަރުވެ އަނގަމަތީ އަތްއަޅައިގެން ރަކި ހުނުން ހީލާ ނުވީތާކަށް އިއްވަން ތައުރީފުގެ ކުރިއެވެ. އާރިކްގެ ރިހިކުލައިގެ އިސްތަށިގަނޑު ރީތިވެގެން ނުބެހޭ މީހެއްވެސް ނެތެވެ. ފިރިހެނުންނަށްވެސް އޭނަގެ އެހުންނަ ވަރުގަދަކަމާއި ފިރިހެންކަމަށް ހަސަދަވެރިވެވޭއިރު އޭނަދެކެ ޖެހިލުންވާފަދަ ގޮތެއްވެސް ހުރެއެވެ. އާރިޒް މެން ވަރަށް ފޯރިއާއިއެކު ދައްކަމުން ދިޔަ ވާހަކައިގެ މައުޟޫއަކީ ޕްރިމިއާ ލީގް މެޗްތަކެވެ. އަދި އާރިކް ފެރާރީ ކާރެއް ގެންނަން އުޅޭތީ އެކަމާއި ދެއެކުވެރިންވެސް މާ ވަރަކަށް އުފާވެ ހެވި ދިއްލިފައެވެ.

ދެތިން ދުވަސް ފާއިތުވީއިރު އަވަށްޓެރި ގޭގެ އަންހެންކުއްޖާގެ ޚަބަރެއް ނުވިއެވެ. އާރިޒް ގިނަގިނައިން ބެލްކަންޏަށް ނުކުންނައިރު ދެލޯ ބޭގަރާރުވަނީ އެޕަރީ ދެކޭހިތުންނެވެ. ވަކިކަމަކު ނޫނެވެ. އެކުއްޖާ ރުޅިއަރުވައިލާހިތުންނެވެ.

އާރިޒް ކޮފީތަށި ހިފައިގެންގޮސް ކުޑަކޮށް ގުދުވެ ރެއިލިންގާ އަތްއަޅުވާލައިގެން ހުއްޓުނެވެ. ހުދު ޖަވާހިރުތައް ކަޅުސާލަކަށް އުކާލާފައިވާ ފަދައިން އުޑުމަތީގައި ތަރިތައް ވިދާ މަންޒަރުން ހިތްތަކަށް އުފާލިއްބައިދޭނެއެވެ. ވައިރޯޅީގައި ހިފާލާފައިވަނީ ފިނިފެންމަލުގެ ލުއި ސެންޓުވަހެވެ. އެ ހިތްގައިމު މާހައުލަށް ބަލަން ހުރެފައި ގަސްތަކުގެ ތެރެއިން އަލިފާން އަނދާތަން ފެނިފައި އާރިޒް ސިހޭގޮތްވިއެވެ. ލޯ ފޮހެލާފައި ބަލައިލިއިރު އެ މަންޒަރު ގެއްލިއްޖެއެވެ.

"ކައުންޓިން ރޯޒެސް ނޫނީ ސްޓާސްތަ.... " އާރިކް ފިޔަވަޅުގެ އަޑު ނީއްވާ ހުރީ ގާތު ޖައްސާލާފައެވެ. އާރިކް އައުމުން ކޮންމެވެސް ވަރަކަށް މާހައުލު ހޫނުވީފަދަ ގޮތެއްވިއެވެ. އާރިކް ހޫނުކަމުން ޑޮކްޓަރަށް ދައްކަން ބުނީމަ އާރިކް ބުނާނީ އޭނަގެ ހަށިގަނޑު އެހާ ހޫނީ ހަމަ ލޭގެ ހޫނުކަމުން ކަމަށެވެ. "ހޮޓް" ކަމުން އަނދަ އަނދާ ހުންނަނީކަމަށެވެ.

"ދޭތި ވެސް............" އާރިޒް އެއްމިޔަކަނުން ހީލިއެވެ.

"އަހަންނަށް އޮޅުވާނުލާ. ތިހިރީ މީހަކަށް ފާރަލައިގެން..." އާރިކް ހިނިގަނޑެއް ޖަހައިލިއެވެ.

"ވަގަށްވެސް ހީވާނީ އެހެން އެންމެނަކީ ވަގުންނޭ. އެރިކްއަށް ތިހީވީ އެކަހަލަގޮތެއް. ޕްލޭ ބޯއިސްއިންނަށް ފީލްވާނީ އެހެން އެންމެންވެސް އަންހެނުންނާއިހެދި އުޅޭކަމަށް. މަށެއް ނޫޅެން އޭނައާއި ހެދި......" އާރިޒް ވަގުތުން ދެކޮޅުހެދިއެވެ.

"އަހަންނަށް އެކުއްޖާ އެނގޭ....ހައިރާންވާނެ އެނގުނު ގޮތެއް ބުނެފިއްޔާ. ބޭނުމިއްޔާ ނަމްބަރުވެސް ދީފާނަން.................." އާރިކް ރެއިލިން މަތީ އިށީދެލިއެވެ.

"ހައިރާންވާނެ ކަމެއް ނޫންކަމެއް އެނގޭނީ ދެން ތި ވާހަކަ ބުނީމަތާ....ހެހެ " އާރިޒް ހީލިގޮތުން ކޮލަށް އަޑިކޮޅު އެޅުނެވެ. ހުދުހުދު ދަތްތައް ވިދާލިއެވެ.

"އެ ގާލްއޮތީ އަހަރެމެން ހޮސްޕިޓަލުގެ ޖޮބްކަށް އެޕްލައިކޮށްފައި........" އާރިކް ބުނެލިއެވެ.

"އިންޓަވިއު ކުރަން މަ ދާނަން އިނގޭ....." އާރިޒްވެސް ދެރަނުވާންވެގެން ބުނެލުމުން އާރިކް ހޭންފެށިއެވެ.

"އެރިކްއަށް އެނގޭތަ؟ އެކުއްޖާ މާތައް ބިންނަން ހުއްޓާ މަށަށް ފެނިގެން ވާހަކަދައްކައިފިން. ރުޅިގަދަ ގޮތްދޫނުކުރާ ކުއްޖަކާއި މަށަށް ވައްތަރުވީ. ރުޅިއަރުވައިލާހިތުން ނުފެނިފައި މިހިރީ"

"އެކުއްޖާއާއި އާރިޒް ރައްޓެހިވެއްޖެއްޔާ އާރިޒް އެންމެ ބޭނުން ފެރާރީ އެއް ހިބަކޮށްދޭންނަން..." އާރިކް ހިނިގަޑެއްޖަހައިލުމުން އާރިޒްއަށް އެކަމާއި ވިސްނައިލަން މަޖުބޫރުވިއެވެ. އޭނަ އަންހެންކުއްޖަކާއި އަނގައިން ނުބުނެގެން އާރިކް ފޯރިފަށެއްހުރެއެވެ. އޭނަގެ އެއްބައި މަދީތޯ ސުވާލުކުރެއެވެ. އެހާވެސް އާރިޒް އަންހެންކުއްޖަކަށް ޝައުގެއް ނުހުރެއެވެ. މެނެކިއުންތަކާ އަންހެންކުދިންނާއި އޭނައަށް އެއް ހަމައެކެވެ. ތަފާތެއް ނުހުރެއެވެ. ބަލައިލަން ރީތީއެވެ. ހެދުން އިޝްތިހާރުތަކެއްފަދައެވެ. އޭނައާއި އާރިކް ހާސްބައި ތަފާތެވެ. އާރިކްގެ ހަޔާތަށް އައިސްފައިވާ އަންހެންކުދިން އިނގިލިން ގުނައިލަން ފަސޭހައެއްނުވާނެއެވެ. އޭނައަށްޓަކާ އަންހެންކުދިންނަކީ ކުޅޭ ބުދުތަކެއްފަދައެވެ. އޭނައާއި ހެދި އަންހެންކުދިން ހިތްހަލާކުވެ ކަރުނައަޅާ ރުޔަސް އެހިތަށް ކުޑަނަމަވެސް އަސަރެއް ކުރާނީއެއް ނޫނެވެ. އާރިޒް އެކުދިންނަށް ހަމްދަރުދީވި ނަމަވެސް އެއީ އެކުދިން އަމިއްލައަށް ހޯދައިގަންނަ ބޮނޑިއެއްކަން އެނގޭވެސް މެއެވެ. އާރިކްގެ ގޮތްތައް އެނގިހުރެވެސް އޭނަގެ ރީތިކަމަށް ހެއްލި ދިރިއުޅުން ބަރުބާދުކޮށްލަނީއެވެ. އަދި އެހެން އަންހެންކުއްޖަކާއި ގުޅުން އުފައްދާން މާ ގިނަ ވަގުތެއް ނުނަގާނެއެވެ.

އާރިޒް ލެޕް ހުޅުވާލާފައި އޭނަ އަޕްލޯޑްކުރި ޔޫ ޓިއުބް ވީޑިއޯގެ ވިއު ބަލައިލުމާއެކު އުފަލުން އުދުހުވުނުހެން ހީވިއެވެ. އާރިޒް ޕައިލެޓްކަން ކިޔެވުމުގެ އިތުރުން އަމިއްލަ ރާގުހަދާ ލަވަތައް އަޕްލޯޑްކުރި ޔޫޓިއުބަށެވެ. އެތައް މިލިއަން ފޮލޯވާސް ލިބުނެވެ. އޭނަ މަޝްހޫރުވީ "ލުސިފާރ" ގެނަމުގައެވެ. މޫނުގައި މާސްކެއް އަޅައިގެން ހުރުމުގެ ސަބަބުން އޭނައަކީ ކާކުކަން ނޭގުނަސް އެ ވީޑިއޯތައް ނަގާފައި ހުންނަގޮތުން އަންހެންކުދިން ކީއްކުރަން ފިރިހެންކުދިންވެސް މޮޔަވާވަރުވެއެވެ. އެންމެ ޚާއްސަ ފޭންއަކަށް ކުރިން އުޅުނީ ލޫސީ ކިޔާ އަންހެންކުއްޖެކެވެ. އޭނަގެ ލަވަތަކަށް ދީވާނާވެ ތައުރީފުކުރުމުގެ ކޮޅެއްނެތެވެ. އެކަމަކު މި ފާއިތުވެ ދިޔަ ދެއަހަރު އެ ކުއްޖާ ގެއްލުމުން އާރިޒް އެކަމާއި ދެރަވެ އެކުއްޖާއަށް ވީގޮތެއް ނޭގިގެން ވިސްނިއެވެ. ކޮންމެ ދުވަހަކު ކޮމެންޓުކުރާ ކުއްޖެއް ގެއްލުމުން ދެރަވެސްވާނެއެވެ. ނަމަވެސް ދުނިޔޭގެ އާދައެވެ. ދިރިއުޅުމަށް އަންނަގޮތަށް ހިތް ރޮއްވާލާފައި ވަކިވުމަކީ ދިރިއުޅުމުގެ ބަޔެކެވެ. ފޭންއަކަށްވާ ކޮންމެ ކުއްޖެއްގެ ހާލު ބަލައިލާކަށް އޭނައަށް ވަގުތު ނުވަނީއެވެ. ވަގުތުވިނަމަވެސް އެއީ ކާކުކަން އެނގިގެން ނޫންހެއްޔެވެ.

އާރިޒްގެ ހަދާންތައް ގެއްލިދިޔަސް އޭނަގެ ލަވަކިޔުމުގެ ހުނަރަކަށް ބަދަލެއްނައެވެ. ނަމަވެސް އާރިކްމެންނާއި އެކު އުޅުމުގެ ސަބަބުން ދީނީ ކަންތައްތަކާ ދުރުވެ އެފަދަ ނަމެއް ޚިޔާރުކުރީއެވެ. އާރިޒްއަކީ މިހާރު ނަމުގައި މުސްލިމެކެވެ. މުސްލިމުންގެ އެއްވެސް ސިފައެއް އޭނަގެ ނެތެވެ. ލުސިފާއަކީ ނަސާރާއިން އިބުލީހަށްދީފައިވާ ނަމެވެ. އެމީހުން އެއީ އުޑުން ވައްޓައިލެވުނު މަލާއިކަތެއްކަމަށް ދެކުނަސް މުސްލިމުންނަށް ލުސިފާއަކީ އިބުލީހެވެ. އިބުލީހަށް ކިޔާ ނަންކަން އެނގިހުރެވެސް އެނަން ޚިޔާރުކުރީ ދީނާއިމެދު އެއްވެސް ވަރަކަށް ހިތުގައި ލޯބި ނެތުމުންނެވެ. ލަވައާއި މިއުޒިކަކީ އޭނަގެ އުފަލެވެ. މާޒީގެ ހަނދާންތައް އެއްކޮށް ސިކުނޑިން ފޮހެވުނަސް އާރިޒްއަށް ރަގަޅު މަގު ފެންނާން އޮތެވެ. ޖަނާހުއަށްވެސް އެމެރިކާގެ މުއްސަދި ދިރިއުޅުމުގެ ތެރެއަށް ވަދެވި ދީނާއިމެދު ފަރުވާކުޑަކޮށްލެވުނީއެވެ.ވިއްސާރަކަމުން އާރިޒް ދުއްވި ފްލައިޓް ޓާބިއުލެންސްގައި ޖެހި މީހުން ރޮއެ ސަލާމަތްވާނެކަމުގެ އުއްމީދު ކަނޑާލާ ހިސާބަށްދިޔައެވެ. އެންމެންވެސް މަރުމަތިން ހަދާންވެ ހެއްދެވިފަރާތަށް ދުޢާކުރިއެވެ. ފްލައިޓް ސަލާމަތުން ރަންވޭގައި ޖެއްސުމާއިއެކު ހަމްދުކުރިމީހުން މަދެވެ. ނޫނީ ހަމްދުކޮށްފައި އިރުކޮޅެއްނުވެ ދެން އޮތީ ފޯނުގެ އަވައިގާޖެހިފައެވެ. ސޯޝަލްމީޑިއާގައި ފޮނިކެނޑުމާއި ފޮޓޯތައް ލުމާއިއެކު އެހިސާބުން ހެއްދެވިފަރާތް ހަނދާން ނައްތައިލެވުނީއެވެ. އެހުރިހާ އިރެއްގައި އާރިޒް "ކޫލް"ކަމުން ކޯޕައިލެޓްވެސް ހައިރާންވިއެވެ. ކްރޫންނަށް އެހާ ބިރުވެރިކަން ލިބުނު އިރުގައި އާރިޒް އެންމެނަށް ހިތްވަރުދިން ގޮތުން ކްރޫއިންނާއި ޕެސެންޖަރުންގެ އިހުތިރާމްއާއި ލޯބި އޭނަ އަތުލިއެވެ. އާރިޒްގެއަށް އައިއިރު ޖަނާހުއާއި އާރިކް އޭނަގެ އިންތިޒާރުގައި ނުކައި ތިއްބެވެ. އޭރުވެސް ވާރޭ ބޯކޮށް ވެހެމުންދާ މަންޒަރު ކުޑަދޮރުތަކުން ފެނެއެވެ.

"އަވަށްޓެރި މަންމަ ތަށިބަރި ފޮނުވީ. އެމީހުންނަށް ދަރިއެއް ލިބުނީކަން ނޭގޭ. ސަދަގާތެއްހެން ބޮޑަށް ހީވަނީ........"ޖަނާހު އާރިޒްއަށް ތަށްޓެއް ދިއްކޮށްލިއެވެ.

"އުމާމީ ރަހަ އެކަނި މަދީ........"އާރިކް އިނގިލިން އެތިކޮޅެއް ލޮވެލާފައި އާރިޒްގެ އަނގަޔަށް ލެއްވުމުން އަނގަ ފުރޭގޮތްވިއެވެ. ޖަނާހު ހޭންފެށިއެވެ. އާރިކް އާރިޒްއަށް އެކަހަލަ ގޯނާއެއް ކޮށްނުލާ އިރެއް ނުދާނެއެވެ. ރިހި އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލާފައިވާއިރު ފާނޫޒުގެ އަލި އެޅި އިސްތަށިގަނޑު ފެންނަލެއް ނިކަން ނަލައެވެ. އެލޮލަށް އަރާފައިވާ ދަނބުކުލައިގެ ސަބަބުން ދުނިޔެއިން ބޭރުކަމެއްފަދައެވެ.

"އެވެސް އޮންނަ ރަހައެއްތަ؟ " އާރިޒް ގޮނޑިއެއް ދަމާލައިގެން އިށީނެވެ.

"ހޫމް ކުޅިއެއްޗެހީގައި އެންމެ މީރުރަހަ ލައްވަނީ އުމާމީ.." އާރިކް އިނީ ފޯނު ހުޅުވާލައިގެންނެވެ." ޖަނާ. އަހަރެމެންގެ ލުސިފާވެސް ތަރިއަކަށްވެއްޖެ ދޯ. ބަލާލަ މިއޮތްކަމެއް....." ނޫހެއްގައި އިން ޚަބަރެއް ހުޅުވާލާފައި އާރިކް ދެއްކުމުން އާރިޒް ހޭންފެށިއެވެ. އެއީ ދެން އެހާވަރުން ނޫހަށް އަރަންޖެހޭވާހަކައެއް ހެއްޔެވެ؟ އޭނަގެ ކުޅަދާނަކަމެއް އެނައަކަށް ނުފެނެއެވެ. ޓާބިއުލެންސްގައި ޖެހުމަކީ އޭނައަށް ހަމަ އެންމެ ނޯމަލްކަމެކެވެ. އެކަމަކު ދެން ޚަބަރުތައް ލިޔާކުދިންނަށް މުހިއްމުވަނީކަން ނޭގެއެވެ. އޭނަވެސް ބަތަލަކަށް ހަދައިގެން ފޮޓޯއެއްވެސް ޖަހާފައި އެބައިނެވެ. ނަސީބަކުން ލޮލުގައި އަވި އައިނު އަޅާފައެވެ.

"ލުސިފާ ތަޚުތުގައި ވެޑުވިގެން ބާމިއުޑާ ޓްރޭންގަލް އޭނަގެ މަކާނަކަށް ހަދައިގެން އޭނަ އިންނަކަން މަ ދަންނަނީ. އެ ސަރަހައްދުން ދަތުރުކުރާ ފްލައިޓެއްވިޔަސް ކަނޑު ދުއްވާ އުޅަދެއްވިޔަސް އޭނަ ދަމައިގަނެޔޯ.........................." އާރިޒް އެއްބުމަ އަރުވައިލިއެވެ.

"ދެމީހުންވާނެ އެ ކަލޭގެއާއި ދިމާކޮށްލަން ތިހިސާބުން ޓްރެވެލްކޮށްލަން...." އާރިކްގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއްވެރިވިއެވެ.

"އަބަދާއަބަދު ތި ޖިންނި ޝައިތޯނުންގެ ވާހަކަ ނުދައްކަބަލަ. ކަލޭމެން ދެމީހުންނާއެކު މަވެސް އެންމެފަހުން ޝްރިންކަކަށް ދައްކަން ޖެހޭނެހެން ހީވާންފަށައިފި. އާރިޒް. ކޮބާ އާރިޒްގެ ޑޮކްޓަރ.............." ޖަނާހު ދިމާކޮށްލިއެވެ. އާރިޒްބުނީ އޭނަގެ ޑޮކްޓަރު ބަލަން ހޮސްޕިޓަލަށް ދެ ގާޑުން ލާފައިވާނެ ކަމަށާއި އޭނައަށްޓަކާ ރަގަޅަށް ބަލާދިނުމަށެވެ. މިހާރުއްސުރެ އެކުއްޖަކާއި އަޅުވާކިޔާވަރުން އާރިޒް ބިރުވެސް ގަނެއެވެ. އަޅުވާކިޔުމަކީ ސިހުރެކޭ ބުނީވެސް ޖަނާހުއެވެ. އެ ރުޅިގަދަ އަންހެންކުއްޖާއަށް ޑޮކްޓަރެއްގެ ވާޖިބު އަދާކުރެވޭނީ ކިހިނެއްބާވައޭވެސް އާރިޒް ހިތަށް އަރާފައި ހިނިއަންނަގޮތްވިއެވެ. ޖަނާހު އެކުއްޖާގެ ވާހަކަދެއްކުމުން އާރިޒް ހިތާ ހިތުން އުފާކުރެއެވެ. އެކުއްޖާގެ ވާހަކަ އެމީހުން ގިނަގިނައިން ދައްކާނެނަމައެވެ. އެނގެން ބޭނުންވާއިރުވެސް އަދި އެކުއްޖާގެ ނަން ހިސާބުވެސް އެނގެނީއެއް ނޫނެވެ.

އާރިޒް ގޯޅިކަންމަތީގައި ހުރި ގާޑިޔާއަކުން ހެދި ބިލެތްގަނޑެއް ގަނެލައިގެން މަގުހުރަސްކުރަން އުޅުނެވެ. އެއްލިކަޅިއަކުން ކާރުގައި އިން އަންހެންކުއްޖާ ފެނިފައި އާރިޒް ގަސްތުގައި ކާރުގައި ޖެހިގަތެވެ. އެއާއިއެކު އޭނަ ވިއްސައިގެންގޮސް ޕޭވްމެންޓްމަތީގައި ޖެހުމާއެކު އެންމެން އެހިސާބަށް ބޮނޑިވެގަތެވެ. އެ އަންހެންކުއްޖާ ހާސްކަމާއެކު އެމަންޒަރުބަލަން އިނދެފައި ކާރުގެ ދޮރު ހުޅުވާލައިފާ ފޭބިއެވެ.

(ނުނިމޭ...)

https://sun.mv/120470

comment ކޮމެންޓް