މަޝްހޫރު ތިން ބްރޭންޑެއް ވީއައިއޭ ޑިއުޓީ ފްރީ އަށް

ވީއައިއޭގެ ޑިއުޓީ ފްރީގައި ތިން ބްރޭންޑެއްގެ އައުޓްލެޓު ހުޅުވުން --

ދުނިޔޭގެ މަޝްހޫރު ތިން ބްރޭންޑެއްގެ އުފެއްދުންތައް ވިއްކުމަށް ހާއްސަ އައުޓްލެޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގައި ހުޅުވައިފި އެވެ.

މިއަދު ވީއައިއޭގައި ބޭއްވި ރަސްމިއްޔާތެއްގައި އަލަށް ހުޅުވާފައި ވަނީ މަޝްހޫރު ކޮސްމެޓިކް ބްރޭންޑް މެކްގެ އައުޓްލެޓެއްގެ އިތުރުން ޖޯ މެލޯން ލަންޑަން އަދި ޓޮމްފޯޑް ކޮސްމެޓިކްގެ އައުޓްލެޓެކެވެ.

ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު މެކްގެ އޮރިޖިނަލް ލިޕްސްޓިކް ވީއައިއޭގެ ޑިއުޓީ ފްރީގައި ވިއްކަން ފަށާފައިވާ އިރު، ޑިއުޓީ ފްރީ އަކީ ގިނަ އަދަދެއްގެ ދިވެހިން ވިޔަފާރި ކުރާ ތަނެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. މެކްގެ ލިޕްސްޓިކް އުފެއްދުންތައް 20 ޑޮލަރާއި 23 ޑޮލަރާ ދެމެދުގެ އަގެެއްގައި ޑިއުޓީ ފްރީ އިން ގަންނަން ލިބޭނެ އެވެ. މިއީ މި ސަރަހައްދުގައި މެކްގެ ލިޕްސްޓިކް އުފެއްދުންތަކަށް ހާއްސަކޮށްގެން ހުޅުވި މިފަދަ ފުރަތަމަ އައުޓްލެޓެވެ.

އިނގިރޭސިވިލާތުގެ ލަގްޒަރީ ބްރޭންޑް ޖޯ މެލޯން ލަންޑަންގެ އުފެއްދުންތަކުގެ ތެރޭގައި ސެންޓާއި ކޮލޯން ހިމެނެ އެވެ. މި ބްރޭންޑުގެ އުފެއްދުންތައްް އެވްރެޖުކޮށް 85 ޑޮލަރަށް ގަންނަން ލިބޭނެ އެވެ.

ޓޮމް ފޯޑު ބިއުޓީގެ އައުޓްލެޓުން ވެސް ޒީނަތްތެރިވުމަށް ބޭނުންކުރާ ގިނަ އުފެއްދުންތައް ލިބޭނެ އެވެ. އޭގެ ތެރޭގައި މޭކަޕް ސާމާނާއި ސެންޓު ހިމެނެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ ބޭރުގެ ލަގްޒަރީ ތިން ބްރޭންޑެއްގެ އުފެއްދުންތައް ވީއައިއޭގައި ވިއްކަން ފެށުމަކީ ވީއައިއޭގެ ޑިއުޓީ ފްރީ އިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ލިބުނު އިތުރު ފުރުސަތެއް ކަމަށެވެ.

"ރާއްޖެއަކީ ދެވަނަ އަށް އެންމެ ބޮޑު ކަސްޓަމާ ބޭސް އޮންނަތަން ޕާފިއުމް އަދި ކްރޮސްމެޓިކްސް އަށް. އެހެންވީމާ މިއީ ރަނގަޅު އައުޓްލެޓަކަށް ވާނެ." އެމްއޭސީއެލް އިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ ފިހާރަތައް ހިންގުމަށް މިހާރު އޮތް އެންމެ ބޮޑު ދައްޗަކީ ޖާގައިގެ ދަތިކަން ކަމަށާއި އާ ޕެސެންޖާ ޓާމިނަލް އާއެކު އެކަމަށް ވެސް ހައްލު ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

comment ކޮމެންޓް