ފަޔަރ އެންޑް އައިސް (12)

ފަޔަރ އެންޑް އައިސް

ޖެހިގެން އައި ދުވަހު އެއާއިލާއަށް ލިބުނު ބޮޑު ހިތާމައަކީ އުމުރުދުވަހަށްވެސް އެންމެންގެ ހިތްތައް ޒަޚަމްކޮށް ލަކުނު ލައްވައިލި ހިތާމަވެރި ދުވަހެކެވެ. ޚާއްސަކޮށް އާޔާއަކީ އެ ބިރުވެރި މަންޒަރުގައި ހިމެނުނު އެކަކަށް ވުމުން އޭނަގެ ހިތް އެހެންމީހުންނަށްވުރެ ބޮޑަށް ހަލާކުވިއެވެ. ނަފްސާނީ މައްސަލައެއްގެ ތެރެއަށް އާޔާ ވައްޓައިލިއެވެ. ފުރަތަމަ ޝޮކެއްގައި ހުރެފައި ދެން އާޔާއަށް އަބަދުހެން ރޮވުނީއެވެ.

"ޔޫ އާ ގޯން.........އައި ކުޑުންޓް ސޭވް ޔޫ........." އާޔާ މޫނުގައި އަތް އަޅާފައި އަޑުކޮޅަށް ރޯންފެށުމުން ގޭގައި އެއަޑު ހިފައިލިއެވެ. އެހާ ވޭނީގޮތަކަށް އާޔާ ރޮމުން ދިޔައެވެ. ދުވަހަކު ކަރުނަތަކަށް ނިމުމަކަށް ނާންނާނެއެވެ. ނަމަވެސް އެ ކަރުނަތަކުން މަރުވެފައިވާ މީހެއް އަލުން ދިރުވޭނެހެއްޔެވެ؟ މަރައިލީ އޭނަގެ ކުރިމަތީގައެވެ. އަނިޔާވެރިކަމުގެ އިންތިހާއަށް އަނިޔާކޮށްފައެވެ. އޭނައަށް މާފުވެސް ނުލިބެނީހެވެ.

ލޯބިވާ މީހުންނާއި ރުޅިނަހަދާ މާފުދިނުމުގެ މުހިއްމުކަން އެނގެނީ ވަގުތު ފާއިތުވާފަހުންނެވެ. ކުއްލިއަކަށް މަރުގެ މަލާއިކަތާ ބައްދަލުކުރުމުން އެހިސާބުން ހުރިހާ ގުޅުމެއް ކެނޑުނީއެވެ. ގިޔާމަތް ދުވަހު ބައްދަލުވާންދެން އެ ހިތާމައިން އަރައިނުގަނެވޭނެއެވެ. އާޔާއަށްވެސް ހިތަށް ނާރާވަރުގެ ހިތި ތަޖުރިބާއެއް ކުރެވުނެވެ. މަރުވާންދެން އެ ކުށްވެރި އިހުސާސްތައް ހިތަކުން ނުފިލާނެއެވެ. އެއީ ހަޔާތުގެ އެންމެ ކަޅު ސަފުހާއެވެ. ހިތްވަރުގަދަ ކުއްޖަކަށްވެފައި އީމާންތެރިކަމުގެ ފޮނިކަން ހިތުގައިވާކަމުން ދުނިޔޭގައި އުޅެން އޭނަ ދަސްކުރިއެވެ. މައިންބަފައިން ފަޚުރުވެރިވާފަދަ ދަރިއަކަށްވާން ނިންމިއެވެ. ޑޮކްޓަރުކަން ކިޔަވަން އޭނަ އަޒުމް ކަނޑައެޅީ އަމިއްލަ ނަފުސަށްޓަކައެއް ނޫނެވެ.

*******************

ހަ އަހަރު ފަހުން

ޖަނާހުގެ ބައްޕަ އިބްރާހިމް ނިޔާވުމަށްފަހު ޖަނާހުއާއި އޭނަގެ އެންމެ ގާތް ދެއެކުވެރިން އާރިޒްއާއި އެރިކް އެގޭގައި ދިރިއުޅެންފެށިތާ އަދި މާގިނަ ދުވަހެއްނުވެއެވެ. އިބްރާހިމްގެ ބައްޕަގެ ވިޔަފާރި ބަގުރޫޓުވުމަށްފަހު އަތްމަތި މުޅިންހުސްވެ ގެ ނީލަން ކިޔުމުން އެގެ ގަތީ އާރިކްއެވެ. އާރިކްގެ ނަމުގައި އެގެ ހުއްޓަސް ޖަނާހުއަށް އެކަމުން ވާނެ ގެއްލުމެއް އޮތީއެއް ނޫނެވެ. ބައްޕަގެ އެހީތެރިކަމާއި އަޅާލުމެއްނެތި ބޮޑުވަމުން އައި ޖަނާހުއަށް ދިރިއުޅުމެއް ހޯދާ އެމެރިކާއިން ތައުލީމް ހާސިލްކޮށް އޭނަ މީހަކަށް ހެދި އެއްފަރާތަކީ އާރިކްއެވެ. ނުވީތާކަށް އޭނަގެ މަންމައާއި ކޮއްކޮމެން މެލޭޝިއާގައި ބައިތިއްބާ ކޮއްކޮމެންގެ ތައުލީމަށް ޚަރަދުކުރަނީވެސް އާރިކްއެވެ. އެ އިހުސާންތެރިކަމުގެ ބަދަލުދޭނެގޮތެއް އޭނައަކަށް ނުވިސްނެއެވެ. އަދި އަދަށްދާންދެންވެސް އާރިކްގެ ފަރާތުން ލިބެމުންދާ އެހީތެރިކަން އޭނަގެ ޟަމީރު ލަދުވެތިކުރުވިއެވެ. އެކަމުގެ ބަދަލު އާރިކްއަށް ދޭނެ ފުރުސަތެއްލިބޭނެ ނަމައޭ ހިތަށް އަރައެވެ.

ކަޅުކުލައިގެ ވަރުގަދަ ގޭޓެއްލާފައިވާ "ރޯޒްޕްލޭސް" ހަވޭލީއެއްފަދައެވެ. ދޮރުތަކާއި ފަރުނީޗަރުތައް ހައިވަކަރުން ހަދާފައިވާލެއް ކިތަންމެހާވެސް މޮޅެވެ. ފަޔަށް އަރާމްވާފަދަ ބޯ ދޫލަތަކެވެ. ކަޅާއި ޗޮކްލެޓްކުލަ އަދި ކްރީމް ކުލައިން ޑިޒައިންކުރެވިފައިވާ ދޫލައާއި ބޯ ފަރުދާތަކެވެ. ކޮޓަރިތައްވެސް ފަރުމާކުރެވިފައިވަނީ އެންމެ އިހުގެގޮތަށެވެ. ބާތުރޫމްގައި ފެންވަރަން ބޮޑު ބިލިގާތައް ބަހައްޓާފައެވެ. އާރިކް އެގެ ގަނެލުމަށްފަހު ގެ މަރާމާތުކޮށްލިޔަސް އިމާރާތަށް މާ ބޮޑު ބަދަލު ގެންނާކަށް ބޭނުމެއްނުވިއެވެ. އޭނަވެސް އާސާރީ ކަންތައްތަކަށް ލޯބިކުރާކަމަށް ވަނީ ބުނެފައެވެ. އެމީހުން އައިތާ މަހެއްހާ ދުވަސްތެރޭ އެގޭގައި އޮތް ހުސްތަންކޮޅުގައި ފިނިފެންމާގަސް އިންދާލީ ގޭގެ ނަމާއި ގުޅުވަންވެގެންނެވެ. އެވެސް އާރިކްގެ މަސައްކަތެވެ. އެއްފަރާތުގައި ހުންނަ ބޮޑު އަނބުގަހުގެ ގޮފިތައް ފުރާޅުމަތީގައި ކޭއްތެއެވެ. ގެއަށްވީހާ ދުވަހެއް ގަހަށްވެސް ވެދާނެއެވެ. އާރިކްގެ ބައްޕަގެ މުއްސަދިކަމުން އޭނަގެ އެކުވެރިންނަށްޓަކާ ޚަރަދުކުރާކަށް އޭނަ ފަހެއް ނުޖެހެއެވެ. އެހާ ރަގަޅު އެކުވެރިއެއް ލިބުނުކަމީ އެޒުވާނުންގެ ނަސީބެވެ.

ފުންނިދީގެ ފޮނިމީރުކަމުގެ ތެރޭގައި ފަނޑު ހިނިތުންވުމެއް ތުންފަތުގައި ވި އާރިޒްގެ އެސްފިޔަތައް ހުޅުވައިލެވުނީ ކޮންމެވެސް ވަރަކަށް ހޫނުވާން ފެށުމުންނެވެ. ވާނީ އެހެންނޫންހެއްޔެވެ؟ ހަނދާންނެތި ރޭ އެހެރީ ކުޑަދޮރުތައް ލައްޕާނުލައެވެ. ފަރުދާތައް ކަހާލާފައިވާ ކުޑަދޮރުން އިރުގެ ރަންދޯދިތައް ހުރަހެއްނެތި ވަދެ އޭނަގެ ޓޭންވެފައިވާ ހަށިގަނޑުގައި ބީހެމުންދިޔައެވެ. ރޭގަނޑުގެ ފިނިކަމުގެ މައްޗަށް ކުރި ހޯދައިލި ބޭސް އަވިން ލިބުނު އަރާމާއެކު ނުތެދުވާން އޮވެވުނީ ކިހާއިރެއްވަން ދެން ކަމެއް ނޭގެއެވެ. އެހެން އޮތްއިރު ރޭފެނުނު ހުވަފެނާއިމެދު ޚިޔާލުކުރެވުނެވެ. ހާދަ އެހެން ކަހަލަ ހުވަފެނެކެވެ. ކުރިމަތީ ނިއުޅުނު މަންޒަރެއްފަދައެވެ. ކުޑަދޮރު ހުޅުވާލައިގެން ނިދުމުން ވީގޮތެއްބާވައެވެ. ނިންޖާއި މުޅިން ހަގުރާމަކުރެވޭނީ ކަޅު ކޮފީއަކުންނެވެ. އެންމެފަހުން ކަންނެތްވެފައިވާ ހަށިގަނޑު ގަދަކަމުން އެނދުން ނެގިއެވެ. ފެންވަރާ ތާޒާވެލުމުން ކޮންމެވެސް ވަރަކަށް ނިދި ފިލައިފިއެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ކަކުލާއި ހަމައަށް އޮތް ސޯޓެއް ލުމަށްފަހު އިސްތަށިގަނޑު ތެތްކޮށް އޮތަސް ހެޔޮކަމަށް ކޮޓަރިން ނުކުމެ ދޮރު ލައްޕާލައިފިއެވެ.

ގެއަށް ވެރިވެފައިވާ އާދަޔާ ޚިލާފު ހިމޭންކަމާއި ފަޅުކަން ވަޅިން ކަނޑާ ނަގައިލެވޭވަރުވެއެވެ. ފަޅުގެއެކޭ ތަފާތެއްނެތެވެ. ފިޔަވަޅުގެ އަޑުވެސް ހިމޭންކަމުގެ ތެރެއިން ކަންފަތުގައި ގުގުމައިލައެވެ. އާރިޒް ކާކޮޓަރިތެރެއަށް ވަދެ މެޝިނުން ކޮފީއެއް އެޅިއެވެ. ކުޑަދޮރުގެ ދާރަމަތީ އިށީދެފައި ބޭރަށް ބަލައިލުމުންވެސް ފެންނަނީ އާރިކްގެ މަސައްކަތުގެ މޭވާއެވެ. ވެޔޮތަކާއި ގަސްތަކާއި ޕޮޓްތަކުގައިވެސް އެތައް ހާސް ފިޔާތޮށި މާތައް ފޮޅިފައިވާއިރު މުޅި ހިސާބުގައި ޖަނާހުވެސް އޭނައާއި ބައިވެރިވިއެވެ. ޖަނާހު ހަމައެކަނި ސޯޓުލައިގެން ހުރިއިރު އިސްތަށިގަނޑުވެސްއޮތީ ހޭވިފައެވެ. އާރިޒް ކޮފީ ކޯވަރެއް ދަމައިލުމަށްފަހު ކުޑަދޮރުން ބޭރަށް ބަލަން އިނީ ގެއްލިފައި ކަހަލަގޮތަކަށެވެ. ކޮންމެވެސް ކަމެއް ހަނދާންކުރަން މަސައްކަތްކުރާގޮތަކަށް ލޯ ކުޑަކޮށްލައިގެންނެވެ.

"ކޯންޗެއް ތިވިސްނަނީ" ޖަނާހު އަހައިލިއެވެ.

"އަހަރެންގެ ޕާސްޓްއާއިމެދު. އަހަންނަށް އަހަރެން މީ ކާކުކަމެއް ނޭގެތީ. އިންސާނަކަށް ތިމާއަކީ ކާކުކަން ނޭގުމަށްވުރެ ބޮޑު ދެރައެއް ނުލިބޭނެ. އެމްނީޒިއާއަކީ ބޮޑު އަދަބެއް. އަހަންނަށް މާޒީއާއި ބެހޭގޮތުން އެއްވެސް ކަމެއް ހަނދާނެއްނުވަނީ ކީއްވެބާ. ގޫގުލް ކޮށްލީމަވެސް މިކަހަލަ ކޭސްއެއް ނުފެނުނު. އަހަރެންގެ ލައިފް ހަމަ މޫވީއެއް ނޫނީ ވާހަކައަކާ ތަފާތެއްނެތް. މާމަ ފެނުނީމަ ބައެއްފަހަރު ކޮންމެވެސް ކަހަލަ ކަމެއް ހަދާންވާން އުޅެފައި......ދެޓްސް އިޓް... ސިކުނޑީގެ އެބައި ނިދާލާނެ. ރޭ އަދި މާ ވަރެއްގެ ހުވަފެނެއް ފެނުނީ. އަދި އެރިކް އައީމަ އެވާހަކަ ދައްކާނީ އޭރަށް ފޯރި ހިފާނީ......." އާރިޒް ގަޑި ބަލައިލަމުން ކިޔާލައިފިއެވެ.

"އާރިޒް ގާލްފްރެންޑެއް ހޯދަންވީނު. އޭރުން ޖިންނީންގެ ބަދަލުގައި އަބަދު ލޯބިވެރިޔާއޯ ފެންނާނީ. އަހަރެމެން ކުރުސި ކިޔަވައިގެން ނުނިދާތީ ޖިންނި ކީއްކުރަން އިންސިއަކަށްވެސް ވައި އެޅިލާކަށް ނުކެރޭ. އެ ހުވަފެނެއްގައިވެސް.........." ޖަނާހު ހީލިއެވެ.

"ތިކަމަށް ކުޅަދާނަވާނީ އެރިކް ކޮބާ އޭނަ އަދިވެސް ޑިއުޓީއިން ނާދޭތަ؟ " އާރިޒް އަހައިލިއެވެ. އާއްމުގޮތެއްގައި އޭނަގެ ދިރިއުޅުން އުފާވެރިވިޔަސް އަދިވެސް ދިރިއުޅުމުން މަދުވާ އެއްޗަކީ ލޯބިވެރިޔެކެވެ. އެހެން ފިރިހެނުންފަދައިން ހިތުގައި އެފަދަ އިހުސާސްތައް ނުއުފެދެންވީ ސަބަބެއް ނޭގެއެވެ. އަންހެންކުދިން އެހާވަރުން އުޅޭއިރުވެސް އޭނަ ނޭގޭކަމަށް ހެދިގެން ހުންނަގޮތުން ޖަނާހުވެސް ހައިރާންވެއެވެ. އޭނަ އާރިޒްގެ މަގާމުގައި ހުންނާނެނަމައޭ ބުނެލިޔަސް ޖަނާހުއަކީވެސް އަންހެންކުދިންނަށް ވަރު ހުންނަ މީހެއް ނޫނެވެ.

"ރޭ ޑިއުޓީއަކަށް ނުދެއެއްނު. ގޮސް ގަނޑުފެން ބާލިދީއެއް ބޮލަށް އަޅާލާ. އެރިކް އެންމެ ރުޅިއަންނަ އެއްޗަކީ ގަނޑުފެން..............."

"ކީކޭ ތިކިޔަނީ؟ ކާކު ބޮލަށް ގަނޑުފެން އަޅަންތަ؟ " ކުއްލިއަކަށް އާރިކް ވާހަކަދެއްކި އަޑުއިވިފައި ދެމީހުންވެސް ސިހިފައި އެނބުރިބަލައިލިއެވެ.

"އެރިކް ކިތައް ފަހަރު ބުނާނީ ތިގޮތަށް ނާންނާށޭ..އަދިވެސް ހިތް އެބަ ތެޅޭ....."

"ހަހަ..........ސިއްސައިގެންދާން ރަނޑު އަންހެންކުދިންކަން ހަމަ ހަނދާނުގައި ހަރުނުލަނީ. ޑޯންޓް ބްލޭމް މީ. ޖަނާމެން އެބަޖެހޭ ތި ރަނޑުކަން ފިލުވައިލަން......." ހައިވަކަރު ބޮޑު ދޮރަށް ލެނގިލައިގެން ބޯ އެސްފިޔަތައް ތިރިކޮށްލައިގެން ލޯ ހަނިކޮށްލައިގެން ބަލަންހުރި އާރިކްގެ ލޮލުގައި ލާނެތްކަމެއް ނަށައިލަ ނަށައިލާވިއެވެ. ރިހިކުލައިން އޮތް ވަރުގަދަ އިސްތަށިގަނޑު ކޮނޑުމައްޗަށް ފެތުރިފައިވިޔަސް ފިރިހެންކަމެއް ދެއްވާފައިވާތީ އަންހެންކުދިން އޭނައަށް މޮޔަވާވަރުވެއެވެ. ދިގު ރޯބެއް ގަޔަށް މަހާލައިގެން ހުރިއިރު ފުޅާ ހަށިގަނޑުގެ ކަސްރަތީކަމާއިއެކު އިސްކޮޅު ދިގުކަމުން ކިރިޔާ ދޮރުގައި ނުޖެހޭކަމެވެ. އާރިކްއަށް ލިބިފައިވާ އަޅި ދެލޮލުގެ ތޫނުކަމާއެކު އެލޮލަށް ބަލާލައިފިނަމަ ފިރިހެނުންވެސް އެލޮލަށް ތައުރީފުކުރާނެއެވެ. އެލޮލުގައި ބާރެއް ހުންނަކަމަށް ގަބޫލުކޮށް އެންމެން އެކަމަށް ދައުވާ ކުރެއެވެ.

"ޑިޑް އެނީވަން އެވާ ޓެލް ޔޫ ދެޓް ޔޫ އާ ދިސް ކްރީޕީ އަންވޯންޑެޓް ޕާސަން ދެޓް ޕޮޕްސް އައުޓް ފްރޮމް ނޯ ވެއާ އެންޑް ސްކެއާސް ދަ ރެސްޓް.......ޔެސް...ޖަސްޓް ޕްލެއިން ކްރީޕީ................." އާރިޒް ރުޅިއައިކަމަށް ހެދުނަސް އާރިކްއަށްޓަކާ ހިތުގައިވާ ލޯތްބާއި އިހުތިރާމްގެ ކޮޅެއްނެތެވެ.

"ލޮޓްސް އޮފް ޓައިމްސް......" އާރިކް ލޮލުތެރޭ ކަޅި ހިންގައިލަމުންގޮސް ކަޅު ކޮފީއެއް ތައްޔާރުކޮށްލުމުން މުޅި އެތަނުގައި އެއްވަސްވި ކޮފީގެ މަސްތީ ވަސް އެހެން ހުރިހާ ވަހެއް ފަނޑުކޮށްލައިފިއެވެ. "އޯލް ދޯ އައި ފައިންޑް އިޓް އޮފެންސިވް ސިންސް އައި ޖަސްޓް ކޭމް ޑައުން ހިއާ ޓު ފެޗް ސަމް ބްރޭކްފާސްޓް އެންޑް ހިއާ އައިމް އިންސަލްޓެޑް ފޯ ނޯ ގުޑް ރީޒަން..........އިޓް ހާޓްސް..."

"ހަހަ...... ޕްލާސްޓިކް ސާޖަރީ ހަދައިގެން ޓްވިންސްކަމަށް ހެދުނީމަ ދެން ކޯޅޭނެދޯ...." ޖަނާހުއަށް މަޖާވިއެވެ.

"އާރިޒްއަށް ތިކަން ހަދާންކޮށްނުދީބަލަ......ދުވަހަކު މަށަށް މަފު ނުކުރާނެވިއްޔަ. މަގޭ ކުށެއް އެތާކު ނެތޭ....އާރިޒް އެކްސިޑެންޓްވެ މޫނު މުޅިން ޗަސްވެފައި. އަހަންނަށް އޮޅިގެން ދެވުނީ އަހަރެންގެ ފޮޓޯއެއް ވިއްޔަ. ޕްލާސްޓިކް ސާޖަނުން އާރިޒްގެ މޫނު އަހަންނެކޭ ތަފާތެއްނެތި ހެދީ. ބަޓް. ނަސީބަކުން އާރިޒްގެ ހުރީ ގްރޭ ކަޅިއެއް. ދެމީހުން ޓްވިންސް ހެން ބޮޑަށް ހީވަނީ ލޮލުގެ ކުލަވެސް އެއްގޮތްވީމަ...................................." އާރިކް ހޫނު ކޮފީތަށިން އެތިފޮދެއްބޯލިއެވެ. އާރިކް ހަމަޖެހިލާފައި ހުންނަގޮތުން މިއީ ދުނިޔޭގައި ހުންނަ އެންމެ ހަމަޖެހޭ ފިރިހެނާހެން ހީވެއެވެ. އޭނައަށް މުސީބާތަކަށްވާކަމެއް ދުނިޔެއަކު ނެތެވެ. އެހާ އުފާވެރި ހަމަޖެހޭ މިޒާޖެކެވެ.

"ކިހާ ނެޗުރަލް ފޭސްއެއް. ޕްލާސްޓިކް ސާޖަނުންނަށް ޝުކުރު ހައްގު......" އާރިޒް ދޮރުމަތިން ފޭބިއެވެ. "އަހަރެންގެ އަސްލު ސިފަ އެނގޭނެނަމައޭ ހިތަށް އަރާ"

"ގޯޑް އޮންލީ ނޯސް. އެ އެކްސިޑެންޓްވީފަހުން މަށަށްވެސް އާރިޒް އެނގުނީ. ދޯ ޖަނާ. އޭރު މަވެސް އެ ހޮސްޕިޓަލުގައި ތަޖުރިބާ ހޯދަންހުރި ސްޓޫޑެންޓެއް. މަ ސިމްޕަތީވެގެން މަގޭ ފޮޓޯއެއް ދެއްކުނީ......." އާރިކް ހަމަޖެހިލައިގެން އިނދެ ވާހަކަދެއްކިއިރު ވަންނިއެއްވެސް ލޮލަށް ނާރުވައެވެ.

"އެމީހުން ހީކުރީ އެރިކްގެ އަސްލު ޓުވިންކަމަށޭ ދޯ...." ޖަނާހުވެސް ބައިވެރިވިއެވެ. އާއްމުކޮށް އާރިޒްގާތު އެކްސިޑެންޓާއި ބެހޭގޮތުން ވާހަކަދެއްކުމަކީ އެމީހުން ކުރާކަމެއްނޫނެވެ. އެވާހަކަދެއްކިޔަސް ކޮންމެވެސް ކަމެއް ސިއްރުކުރާކަން އާރިޒްދަނެއެވެ. އެއީ ކޮންކަމެއްބާވައޭ ހިތަށް އެރިޔަސް މާޒީގެ ސިއްރުތައް ހޯދުން އެހާ މުހިއްމުބާވައޭވެސް ހިތަށް އަރައެވެ. އޭނަގެ އާއިލާއަކީ ކޮބާކަމެއް ނޭގެއެވެ. މާމަ ނޫނީ އޭނަގެ އެއްވެސް މީހަކު ދުނިޔޭގައި ހުރީއެއްވެސް ނޫނެވެ. މާމަ ދިރިއުޅެނީ ޖަނާހުގެ އާއިލާއާއެކު މެލޭޝިއާގައެވެ. އޭނަ އެއްފަހަރު މާމަ އެމެރިކާއަށް ގެންދިޔުމުން އެތަނުގެ ފިނިކަމާއިހުރެ މާމަ އެހާ ގަޔާވި މާހައުލަކަށް ނުވީއެވެ. އޭނަގެ ހުރިހާވެސް މަދަދުގާރުންނަކީ ދެ އެކުވެރިންނެވެ.

ބެލްޖެހި އަޑު އިވުމުން ހިނގައިގަތީ އާރިކްއެވެ. ކައިރީގައި ހުންނަ އަގުބޮޑު ރެސްޓޯރެންޓަކަށް ގަޑިން ކާނާ ގެނެސްދޭން އޭނައޮތީ އޯޑަރުކޮށްފައެވެ. އެހާ ހޫނުކޮށް ތާޒާކަންމަތީ ފޯރުކޮށްދޭތީ ވެއިޓަރުންނަށް ލިބޭ ޓިޕްސްތަކުންވެސް އެމީހުން ހިތްއުފާކޮށްދެއެވެ.

އިރުކޮޅަކުން އާރިކް ގެނައި ނާސްތާ ޓްރޭތަކުން އެރި މީރުވަހުން ބަނޑުފުރޭވަރުވިއެވެ. މެންދުރާއި ރޭގަނޑުގެ ކެއުންވެސް އާރިކް ގެނުވަނީ ހޫނުކަންމަތީ އެގޮތަށެވެ.

ތިންމީހުން އިށީދެ ނާސްތާ ކުރަންފެށިއެވެ. ވަޒީފާއަށް ދާން ނުޖެހުނަސް ހެދުނުގެ އަރާމު ނިދި ނަގާލާފައިވެސް ތެދުވެ ނާސްތާކޮށްގެން ނޫނީ ނުނިދޭނެއެވެ.

"އެރިކް. އަހަންނަށް ރޭ ފެނުނީ އެހެން ކަހަލަ ހުވަފެނެއް. މުޅިންވެސް އިފުރީތުންނާއި މާރިދުންތަކެއް ފެނުނީ. މިގެ ހޯންޓެޑް ހެން ހީވޭތަ؟ މިގެއަށް އައިފަހުން ފާޑުފާޑު ހުވަފެންތައް ނުފެންނަ ރެއެއް ނުދޭ. އަދި ރޭ ވިވިޑް ކަމުންގޮސް އަސްލެއްހެން ހީވި. އެރިކް ބުނަމެއްނު ޖިންނި މައިތިރި ދަންނަމޭ. ޖިންނި ދުނިޔެއަށް ޝައުގު ހުރެޔޭ. މިގެ ގަތް އިރު މިގޭގެ މައުލޫމާތު ހޯދިންތަ. ސިހުރު ހަދާފައި ހުރިތަނެއް ނޫންކަން ޔަގީންކުރިންތަ. ގެ މިގޮތަށް ވިއްކާލާއިރު ހަމަ ގަސްތުގައި ޖެއްސުމަށް އެކަހަލަ ތަންތަންދޫކޮށްފާނެ އަލުން އެމީހުންނަށް ލިބޭނީ އޭރުންތާ. މަށަށް މިގެއާއިމެދު ޝައްކު. ޖިންނިން ދިރިއުޅެ ތަނަކަށް މި ވަދެވުނީ................." އާރިޒް ޕޭންކޭކަށް މޭޕަލް ސިރަޕް އަޅާލުމަށްފަހު އުލުން އެތިކޮޅެއް އަނގަޔަށް ލިއެވެ.

"އެހެންނު ވާނީ. މީދަ އެރިކް ރޭގަނޑު ހުރިހާ ލައިޓްތައް ނިއްވާނުލާ ލޮލު ފިޔަނުޖެހޭ ވިއްޔަ. އަހަރެންގެ މަންމަ ބުނާނެ ފަނޑުކޮށް ނަމަވެސް އައްޔެއް ނެތިއްޔާ ޖިންނިން ގޯނާކުރާނެއޭ. އެރިކްގެ ސަބަބުން ޖިންނީންތައް މިގެއަށް އަވަލީކަމަށްވާނީ.. އާރިޒް ލޯބިކަމުން އިނޮސެންޓްކަމުން ޖިންނިންވެސް ހިތާވާނެ. ދޯ އެރިކް.." ޖަނާހުވެސް ހީހީފައި އާރިޒްއާއި ދިމާކުރަން އުޅުނެވެ. އަސްލު އޭނައަކީވެސް ޖިންނިން އުޅޭކަމަށް ގަބޫލުކުރާމީހެއްނޫނެވެ.

"ވެލް..........އަހަންނަށް އިހުސާސްވޭ. ރޭވެސް ހަމަ ރީތިކޮށް މީހަކު ވަދެގެން އައި. ސީލިންގައި ބޯ ޖެހޭ. އެހާ ބޮޑު ވަރައެއްލާފައި ދެލޯ ދިއްލިފައި ހުރީ. މަށަކީ ލޭގާ ކަން ނޭގެއޭ އޭތި ބުނީ....އެހާ ސާފެއްނުވި. އަޑު ބަރުވެފައި އިކޯވާކަހަލަ ގޮތެއްވީ................." އާރިޒް ކިޔައިދިނެވެ.

"އާރިޒް. މިއީ އެކާވީސްވަނަ ގަރުނު. މި ކޮންކްރީޓް މާލޭގައި އުޅެން ޖިންނިއެއްވެސް ބޭނުމެއްނުވާނެ. މިއޮތް ބޮޑު ދުނިޔޭގައި ކަނޑާއި ޖަންގަލިތަކާއި ފަރުބަދަތައް ހުއްޓާ މި މޭލެއްހަމަނުވާ މާލެއަށް އަންނާނީވެސް ޖިންނިންގެ ތެރެއިންވެސް މޮޔަ އެއްޗެއްނު.................." ޖަނާހު ވާހަކަދައްކަނިކޮށް ގެ ގުޑައިލިފަދަ ގޮތެއްވިއެވެ.

"ވަޓްސް ދެޓް...." އާރިޒް ސިހިފައި ވަށައިގެން ހޯދައިލިއެވެ.

"ބޭބީ ބްރަދާ. ހަމަޖެހިބަލަ..." އާރިކް އިނީ ހުނުން ކޮންޓްރޯލްކޮށް ލައިގެންނެވެ.

"ޖަނާ.. އެވީ ކިހިނެއް.........." އާރިކް އެއްލޯ މަރައިލިއެވެ.

"ބިންހެލުމެއްކަން ނޭގޭ. ނޫނީ މަގުމަތިން ލޯޑަރެއް އެއްޗެއް ދުއްވާފައި އެދިޔައީ.. ފުޅިތައްވެސް ތެޅިލިއެއްނު.. އާރިޒް ޖިންނި ވާހަކަދައްކައިގެން އަހަރެމެން ދެން މިގެއިން ނުކުންނަގޮތެއް ނަހަދާތި. ކުރިމަތިން ދަޅުފަޅާފައި ހުރި އިފުރީތެއް ނުފެންނަނީސް މަށެއް ޖިންނިން ގަބޫލެއްނުކުރާނަން. ހޫމް ދެން މިރޭ ޕްލޭން ކިޔާބަލަ.........."ޖަނާހު މޭ ފުއްޕައިލިއެވެ. ފުރާވަރު ހިކިކޮށް ނިކަމެތިކޮށް ހުއްޓަސް އެމެރިކާއަށް ދިޔަފަހުން އޭނަ އިސްކޮޅުން ދެމިލާ މަސްތައް ވަރުގަދަވެ ރީތި ހަށިގަނޑެއްގެ ވެރިއަކަށްވިއެވެ. ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑާއި ހެދުން އަޅާގޮތުން މާތްގޮތެއް ހުރެއެވެ. ނަމަވެސް އަންހެންކުދިން ކައިރީ އަދިވެސް އޭނަ ފިނޑިވަނީ މާ ވަރަކަށެވެ.

ރާއްޖޭގެ މާހައުލުގެ ތަފާތުކަމުން އާރިޒް ގަޔާވިއެވެ. އާރިކްއާއި ޖަނާހުއާއިއެކު ދަތުރުގޮސް މަސްބޭނުމާއި މޫދު ކުޅިވަރުކުޅުން އަދި ބާބެކިއުހެދުންފަދަ ކަންތައްތަކަށް އެހެން އެކުވެރިންނަށްވުރެ ދެވި ހިފިއެވެ. ނަމަވެސް މޫދާއި ލޮނުފެނަށް އާރިޒް އެލާޖިކްވާހެން ހީވެއެވެ. މޫދަށް އެރިއްޖެއްޔާ ހަންގަނޑު އަނދާގޮތްވެއެވެ. ތިންމީހުން ކޮންމެގޮތެއް ހަދާފައިވެސް ހަފްތާގައި ލިބޭ އޮފް އެއް ދުވަހެއްގައި ލިބޭތޯ މަސައްކަތްކުރެއެވެ. އާރިކް ހަދާނީ ރޭގަނޑު ޑިއުޓީތަކެވެ. ދުވާލު އޮންނާނީ ނިދާފައެވެ. ހޮސްޕިޓަލް އަންހެންކުދިން ތެރޭވެސް އާރިކް މަޝްހޫރެވެ. އެހެން އުޅޭތީ ވެމްޕަޔެރެކޭ ކިޔާފައިވެސް އެންމެން ނިކަން ދިމާކުރާނެއެވެ. އެކަމަކު އާރިކް ފޮނިކަމާއި ބޮޑާކަމުގެވެސް ހައްދެއް ހުންނަނީއެއް ނޫނެވެ. ތިމާއަށް ތިމާ ފެނިފައެވެ. އެ ރިހިކުލައިގެ އިސްތަށިގަނޑު ކޮށައިލަން މެނޭޖްމެންޓުން އެންގުމުންވެސް އޭނަ ދެކޮޅުހެދިއެވެ. އެއީ އޭނަގެ ޚާއްސަ ސިފައެއްކަމަށާއި ނޫނީ އޭނައާއި އޭނަގެ "ޓްވިން" ވަކިކުރަން ނޭގޭނެކަމުގައި ބުނެ އާރިކް އެހެންމީހުން ހައްލައިލަނީ ދާދި ފަސޭހަކަމާއިއެކުއެވެ.

އާރިޒް ޕައިލެޓްކަމުގެ ލައިސަންސް ނެގުމަށްފަހު ރާއްޖެއަށް ބަދަލުވީ އާރިކްމެންގެ ސަބަބުންނެވެ. އެމްބީބީއެސް ނިންމުމަށްފަހު ސްޕެޝަލައިޒްވުމުގެ ކުރިން ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލެއްގައި ދުވަސްކޮޅަކަށް ޚިދުމަތްދޭން އާރިކްމެން ބޭނުންވިއެވެ. އާރިކް ބޮޑަށް ޝައުގުވެރިވީ ނިއުރޮލޮޖީއަށެވެ. ޖަނާހު ބޭނުންވީ ކެންސަރަށް ފަރުވާދޭ ޑޮކްޓަރަކަށްވުމަށެވެ. އާރިޒް އެކްސިޑެންޓްވުމުގެ ކުރިން އޭނަ އެއްވެސް ދާއިރާއަކުން ކުރިއަށް ދާން ޚިޔާލުކޮށްފައިވޭތޯ ހިތަށް އަރާފަހަރުވެސް އާދެއެވެ. ނަމަވެސް އާރިކްދިން ޚިޔާލަކުން ޕައިލެޓަކަށް ވާ ހިތްވީއެވެ.

ހެނދުނު ހަތެއް ޖަހާ ބޮޑުވެއްޖެއެވެ. އާރިޒް ޑިއުޓީއަށް ދާން ވެގެން ޕައިލެޓް ޔުނިފޯމް ލާ ތައްޔާރުވާންފެށިއެވެ. ކުއްލިއަކަށް ޖެހިގެން ހުރި ގޭގެ ކުޑަދޮރުން ހަރަކާތެއް ފެނުނުހެން ހީވިއެވެ. އެގޭގައި މީހުން ދިރިއުޅުނަސް އޭނަގެ ބެލްކަނީއާއި ދާދި ކައިރީގައި އެހުންނަ ކޮޓަރިން މީހެއްގެ ހިލަމެއް ވީ ފުރަތަމަ ފަހަރެވެ. އޭނަގެ މިނިވަންކަމަށް އެޅޭ ހުރަހެއްބާވައެވެ. ދެ ބެލްކަނީ ދޭތެރޭ ހުންނަ ބޮޑު ފިނިފެންމާ ގަސްތަކާއި އެއްފަޅީގައި ހުންނަ ޖަންބުގަހުގެ ސަބަބުން ކޮންމެވެސް ވަރަކަށް އެހިސާބު ފޮރުވާލާފައި އޮވެއެވެ. ނަމަވެސް އެ ކޮޓަރީގައި މީހަކު ދިރިއުޅެންޏާ އެމީހަކު އާރިޒްގެ އަވަށްޓެރިއަކަށްވީއެވެ. އެއީވެސް މުއްސަދިން ދިރިއުޅޭ ރީތި ގެއެކެވެ. ބެލްކަނީގައި މާމެލާމެލީގެ ތަފާތުވައްތަރުތައް ހުރި ޕޮޓްތައް ބަހައްޓާފައިވާއިރު ހިތްގައިމެވެ. އާރިޒް ބާލުޚާނާއަށް ނުކުމެފައި އިރުކޮޅެއްވާންދެން ބަލަން ހުރެ ހުރެ އިތުރު ހަރަކާތެއް ނުފެނުނެވެ. ވިއްސާރަވެ އަނދުން ކުލައިގެ ބޮޑެތި ވިލާތަކުން އުޑުމަތި ބައްދާލައިފިއެވެ. ދެންމެ ދެންމެ ވެހިގެންފާނެކަހަލައެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި އާރިޒް ތިރިއަށް ދާންވެގެން ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. ފެންޑާގައި ޖަނާހުވެސް ހުރީ ރަސްމީކޮށެވެ. ގަމީހާއި ކަޅުފަޓުލޫނެއްގައި ކަރުގައި ސްޓެތޯ އަޅުވާލައިގެން ހުރެފައި ހީލިއެވެ.

"މޯނިން ޖަނާ......" އާރިޒް ހެނދުނުގެ ސަލާމްކުރިއެވެ.

"އާރިޒް. އުފާވެރި ޚަބަރެއް އެބައޮތް..." ޖަނާހުގެ މޫނުމަތި އަލިކަމުން ދިއްލިފައިވާފަދައެވެ.

(ނުނިމޭ...)

https://sun.mv/120327

comment ކޮމެންޓް