މުރުސީގެ އާއިލާއަށް ރައީސް ވަހީދު ތައުޒިޔާ ވިދާޅުވެއްޖެ

ރައީސް ވަހީދު މުރުސީއާއެކު--- ފޮޓޯ: ވަހީދު

އިއްޔެ އަވަހާރަވި މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ އާއިލާއަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މުރުސީގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުރްސީ އަވަހާރަވީ ހަބަރު އެއްސެވީ ނުހަނު ހިތާމަޔާ އެކު ކަމަށެވެ.

" ސުވަރުގޭގެ ދާއިމީ ނިއުމަތް މުރުސީއަށް މަތް ﷲ ދެއްވާނދޭވެ." ވަހީދުގެ ޓުވީޓުގައި ވެއެެވެ.

ވަހީދު މީގެ ކުރިން ވަނީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު މުރުސީއާ ބައްދަލުވެސް ކުރައްވައިފައެވެ.

މިސްރުގެ މުޅި ތާރީހުގައި ވެސް ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިވަޑައިގެން މިސްރުގެ ރައީސްކަމުގެ މަގާމަށް ވަޑައިގަތް ހަމައެކަނި ރައީސް ކަމުގައިވާ ޑރ. މުރުސީ އަވަހާރަވުމާ ގުޅިގެން ރާއްޖޭގެ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މުރުސީ، އަވަހާރަވީ އިއްޔެ އޭނާގެ މައްޗަށް އުފުލިފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަކަށް ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށެވެ.

މުރުސީ އަކީ، ހުސްނީ މުބާރަކުގެ ވެރިކަން ރައްޔިތުން ބަދަލު ކުރުމަށް ފަހު، 2011 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ފުރަތަމަ ޑިމޮކްރަޓިކް އިންތިހާބަކުން އެ ގައުމުގެ ރައީސްކަމަށް ވަޑައިގެން ބޭފުޅެކެވެ. އެހެން ނަމަވެސް، 2013ގެ ޖުލައި މަހު އެ ގައުމުގައި ކުރި މުޒާހަރާތަކަކަށް ފަހު ސިފައިން ގެނައި އަސްކަރީ އިންގިލާބެއްގައި މުރުސީ ވެރިކަމުން ދުރުކޮށް އޭނާގެ މައްޗަށް ބޮޑެތި ދައުވާތައް އުފުލި އެވެ.

މުރުސީއަށް ވެރިކަން ކުރެއްވުނީ، ހަތަރު އަހަރުގެ ރިޔާސީ ދައުރުގެ ތެރެއިން އެންމެ އަހަރެއްގަ އެވެ.

މުރުސީ ނިސްބަތްވާ މުސްލިމް ބުރަދަހޫޑް ޖަމާއަތް ވެސް މިސްރުގައި މަނާކޮށް، ވެރިކަމުން ދުރުކުރި ދުވަހުން ފެށިގެން ވެސް އޭނާ ހުންނަވަނީ ޖަލުގައި ހައްޔަރުކޮށްފަ އެވެ.

މުރުސީ މިއަދު ފަސްދާނުލައިފައިވާއިރު އޭނާގެ ކަށުކަމާ ކެމީގެ ކަންތައްތައް ކުރިއަށްގެންގޮސްފައިވަނީވެސް ޖަލުގައެވެ. އަދި ޖަނާޒާގައި ބައިވެރިވެފައި ވަނީ އާއިލާއިން އެކަންޏެވެ.

comment ކޮމެންޓް