މިސްރުގެ ކުރީގެ ރައީސް މުރުސީގެ މަރު ތަހުގީގު ކުރަން ގޮވާލައިފި

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ ވަނީ އިއްޔެ ކޯޓުގައި ހުންނަވަނިކޮށް އަވަހާރަވެފައި -- ފޮޓޯ: ރޮއިޓާސް

ގާހިރާ (ޖޫން 18): މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ ކޯޓުގައި ހުންނަވަނިކޮށް އަވަހާރަވުމުން، އެކަން ތަހުގީގު ކުރަން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ގޮވާލައިފި އެވެ.

އިއްޔެ މުރުސީ އަވަހާރަވީ ފަލަސްތީނުގެ ހަމާސްއަށް ޖާސޫސުކޮށްދިން ކަމުގެ ދައުވާގައި ޝަރީއަތް ކުރިއަށް ގެންދިޔުމަށް ކޯޓަށް ހާޒިރުކޮށްފައިވަނިކޮށެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި މުރުސީ ވަނީ އެޝަރީއަތުގައި ގާތްގަނޑަކަށް ފަސް މިނިޓު ވަންދެން ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް ޝަރީއަތް މެދުކަނޑާލި ވަގުތު ކުއްލިއަކަށް ވެއްޓުނީ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރު ވަނީ އަވަހާރަވެފައި ކަމަށް މިސްރުގެ ޕަބްލިކް ޕްރޮސެކިއުޓަރު ވިދާޅުވި އެވެ.

މުރުސީގެ ވަކީލަކު ވަނީ ކުރީގެ ރައީސް މިއަދު ގާހިރާގައި ފަސްދާނުލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މިސްރުގެ ދައުލަތުގެ މީޑިއާއިން ވަނީ މުރުސީ އަވަހާރަވީ ހިތް ހުއްޓިގެން ކަމަށާއި ހަށިގަނޑުން އަނިޔާގެ ނިޝާނެއް ނުފެންނަ ކަމަށް ބުނެފަ އެވެ.

ހިއުމަން ރައިޓްސް ވޮޗުން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ އެގްޒެކެޓިވް ޑިރެކްޓަރު ސާރާ ލިއާ ވިޓްސަން ވިދާޅުވި ގޮތުގައި މުރުސީ އަވަހާރަވީ މިސްރުގެ ޖަލުގައި އޭނާއާ މެދު އިހާނެތިކޮށް ކަންތައް ކުރާތާ އެތައް އަހަރުތަކެއް ފަހުންނެވެ.

"ކުރީގެ ރައީސް މުރުސީ އަވަހާރަވީ ސަރުކާރުން އެތައް އަހަރުތަކެއް ވަންދެން އިހާނެތިކޮށް ހިތައި، ދިގު މުއްދަތަކަށް ކުޑަގޮޅިއަށްލާ ބަންދުކޮށް، ސިއްހީ ފަރުވާ ފޯރުކޮށްނުދީ، އާއިލާ އާއި ވަކީލުންނާ ބައްދަލު ކުރުމަށް ފުރުސަތު ނުދީ ހައްޔަރު ކޮށްފައި ހުންނަތާ އެތައް އަހަރުތަކެއް ފަހުން،" ވިޓްސަން ވިދާޅުވި އެވެ.

އަދި އެ ޖަމްއިއްޔާ އިން ވަނީ މިސްރުގައި އިންސާނީ ހައްގުތަކަށް އަރައިގަންނަ މައްސަލަ އާއި ގައިދީންނާ މެދު އަމަލު ކުރާ ގޮތާއި މުރުސީ އަވަހާރަވުމާ ބެހޭ ގޮތުން އދ.އިން މިނިވަން ތަހުގީގެއް ކުރުމަށް ގޮވާލާފަ އެވެ.

މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލީ މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އިސްކޮށް ހުންނެވި ބަޣާވާތަކުން -- ފޮޓޯ: އޭއެފްޕީ

މީގެ އިތުރުން އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މުރުސީ ކުޑަ ގޮޅިއަށްލާ ބަންދުކޮށްފައި ބެހެއްޓި ހަ އަހަރު ތެރޭ އާއިލާއާ ބައްދަލު ކުރެވުނީ އެންމެ ތިން ފަހަރު ކަމަށް ބުނެފަ އެވެ. އަދި އޭނާ އަށް ވަކީލުންނާއި ޑޮކްޓަރުންނާ ވާހަކަ ދެއްކެވުމަށް ހުއްދަ ނުދޭ ކަމަށް ބުނެފަ އެވެ.

އެހެންކަމުން އެޖަމްއިއްޔާ އިން ވަނީ މޫރުސީ އަވަހާރަވުން "ވަކި ފަރާތަކަށް ނުޖެހި، ދެފުށް ފެންނަ ގޮތަކަށް ތަހުގީގު ކުރުމަށް" ގޮވާލައިފަ އެވެ.

މިސްރުން މިހާރު މަނާކޮށްފައިވާ އަދި މުރުސީ ކުރިން އިސްކޮށް ހުންނެވި މުސްލިމް ބްރަދަހުޑުން ވަނީ ބަޔަކު މުރުސީ އަވަހާރަކޮށްލީ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ މުރުސީއަކީ ޝަހީދެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ޑިމޮކްރެޓިކް އިންތިހާބެއް ކާމިޔާބު ކޮށް ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ރައީސުގެ ގޮތުގައި 2012 ވަނަ އަހަރު މުރުސީ ވެރިކަމަށް ވަޑައިގެންނެވީ އޭގެ ކުރީ އަހަރު މިސްރުގައި ކުރި މުޒާހަރާތަކުގައި ރައީސް ހުސްނީ މުބާރަކުގެ ވެރިކަން ވައްޓާލި ފަހުންނެވެ.

ނަމަވެސް މުރުސީގެ ވެރިކަމަށް އެއްމެ އަހަރެއްވީ ތަނާ އޭނާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވައި، އެގައުމުގެ އަސްކަރިއްޔާ އިން ވެރިކަން ވައްޓާލި އެވެ. އަދި އޭރުގެ އަސްކަރިއްޔާގެ ވެރިޔާ، އަބްދުލްފައްތާހު އަލް ސީސީ ރައީސް ކަމަށް ވަޑައިގެންނެވި އެވެ.

މުރުސީގެ ވެރިކަން ވައްޓާލި ފަހުން އެކި މައްސަލަތަކުގައި އޭނާގެ މައްޗަށް ވަނީ ޖަލު ހުކުމާއި މަރުގެ ހުކުމް ވެސް ކޮށްފަ އެވެ.

އޭގެ ތެރޭގައި، 2012 ވަނަ އަހަރު މުރުސީއާ ދެކޮޅަށް މުޒާހަރާ ކުރި ބަޔަކަށް އަނިޔާކުރި މައްސަލާގައި 20 އަހަރަށް ޖަލަށް ލާން ކުރި ހުކުމާއި ގަތަރަށް ޖާސޫސުކޮށްދިނުމުގެ ކުށުގައި 40 އަހަރަށް ޖަލަށް ލާން ކުރި ހުކުމާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ގުޅިގެން ޖާސޫސު ކުރި މައްސަލައިގައި އުމުރަށް ޖަލަށް ލާން ކުރި ހުކުމާއި 2011ގައި ޖަލުން ފިއްލެވި މައްސަލާގައި މަރަން ކުރި ހުކުމް ހިމެނެ އެވެ.

ނަމަވެސް، 2016 ވަނަ އަހަރު މިސްރުގެ އިސްތިއުނާފު ކޯޓަކުން ވަނީ އޭގެ ތެރެއިން އުމުރަށް ޖަލަށް ލާން ކުރި ހުކުމާއި މަރަން ކުރި ހުކުމް ބާތިލުކޮށްފަ އެވެ. އަދި އެމައްސަލަތައް އަލުން ބަލަން އަމުރުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް