ހުސްވެފައިވާ ޗެލްސީ ކޯޗުގެ މަގާމަށް އެ ޓީމުގެ ކުރީގެ ކެޕްޓަން އަދި މިހާރުގެ ޑާބީ ކައުންޓީއަށް ކޯޗުކަން ކޮށްދެމުން އަންނަ ފްރޭންކް ލަމްޕާޑް ގެންދިއުމަށް ޗެލްސީއިން އަދި ވާހަކަ ނުދައްކާ ކަމަށް ޑާބީގެ ޗެއާމަން މެލް މޮރިސް ބުނެފި އެވެ.
ނިމިގެން މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގު ޗެލްސީއަށް ހޯދައިދުނުމަށްފަހު އެ ޓީމަށް ކޯޗުކަން ކޮށްދިން މޯރީޒިއޯ ސަރީ ވަނީ ދާދި ފަހުން ޗެލްސީ ދޫކޮށްލާފައިވާ ކަން އިއުލާން ކޮށްފަ އެވެ. އަދި އޭނާ ދެން ހަވާލުވާނީ އިޓަލީގެ ޔުވެންޓަސްއާ ކަމަށް ގިނަ ރިޕޯޓްތަކުން ބުނެއެވެ.
ސަރީގެ ބަދަލުގައި ޗެލްްސީގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަ ލަމްޕާޑް ވަނީ މި ނިމުނު ސީޒަނުގައި ޑާބީ ކައުންޓީ ޕްރިމިއާ ލީގުގެ ޕްލޭ އޮފްއާ ހަމައަށް ގެނެސްދީފަ އެވެ. ނަމަވެސް ޕްލޭ އޮފްގައި އެސްޓޮން ވިލާއާ ދެކޮޅަށް ކުޅެ އެ ޓީމު ވަނީ ބަލިވެފަ އެވެ.
"އަހަރަމެން ވަރަށް ސާފުކޮށް ލަމްޕާޑަށް ވެސް އަންގާފައި އޮންނާނީ އޭނާ ކުލަބުގައި މަޑު ކުރަން ބޭނުންހާ ދުވަހެއް ވަންދެން މަޑު ކުރެވޭނެ ކަންް،" ޑާބީގެ ޗެއާމަން މެލް މޮރިސް ނޫސްވެރިންނަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
"ޗެލްސީއިން ލަމްޕާޑް ބޭނުން ނަމަ މި ކުލަބާ ވާހަކަ ދައްކައިގެން އެކަން ހައްލު ވާނީ. އަދި މިހާތަނަށް އެ ކުލަބަކުން އެކަހަލަ ވާހަކައެއް ނުދައްކާ."
ޗެލްސީ މިވަގުތު އޮތީ ވަރަށް ދަތި ހާލަތެއްގަ އެވެ. އުމުރުން 18 އަހަރު ނުވާ ކުޅުންތެރިން ގަވާއިދާ ޙިލާފަށް ގަނެ ވިއްކި މައްސަލައިގައި ކުރިއަށް އޮތް ދެ ސީޒަނަށް ވެސް ކުޅުންތެރިން ގަތުން އެ ޓީމަށް ވަނީ މަނާ ކޮށްފަ އެވެ. އަނެއް ކޮޅުން ޓީމުގައި ތިބި މުހިއްމު ބައެއް ކުޅުންތެރިން ވެސް އެ ޓީމު ދޫކޮށްދާން އުޅޭ ކަމުގެ ވާހަކަތައް ވެސް ވަނީ ފެތުރިފަ އެވެ.