ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން އަންނަ ސީޒަނުގައި އެތުލެޓިކޯ މެޑްރިޑްގައި މަޑު ނުކުރާނެ ކަން އޭނާ އިއުލާން ކޮށްފައިވާ އިރު، އޭނާ ޔަގީނުން ވެސް ގުޅޭނީ ސްޕެއިންގެ ބާސެލޯނާއަށް ކަމަށް އެތުލެޓިކޯގެ ސިީއީއޯ މިގުއެލް އޭންޖެލް ޖިލް މަރިން ބުނެފި އެވެ.
ވޭތުވެ ދިޔަ އަހަރުގެ ވޯލްޑް ކަޕް ފްރާންސާ އެކު ކާމިޔާބު ކުރުމަށް ފަހު އެނބުރި އެތުލެޓިކޯ މެޑްރިޑަށް ގޮސް އިތުރު ތިން އަހަރަށް ގްރީޒްމަން ކޮންޓްރެކްޓް އިތުރު ކުރި ނަމަވެސް، ނިމިގެން މިދިޔަ ސީޒަނަށް ފަހު އޭނާ ވަނީ އެތުލެޓިކޯ ދޫކޮށްލަން ނިންމާފަ އެވެ.
ނަމަވެސް އޭނާ ބަދަލު ވަނީ ކޮން ކުލަބަކަށް ކަމެއް އަދި ބުނެފައި ނުވާ އިރު ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި ގްރީޒްމަން ވާހަކަ ދައްކަމުން އަންނަނީ ފްރާންސްގެ ޕީއެސްޖީއާ އެވެ. އަދި ބައެއް ރިޕޯޓްތަކުން އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާން އުޅޭ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ. އެހެނަސް އެންމެ ގިނަ މީހުން އިއްތިފާގު ވަނީ ގްރީޒްމަން ބަދަލު ވާނީ ސްޕެއިންގެ ބާސެލޯނާއަށް ކަމަށެވެ.
އެގޮތުން ގްރީޒްމަންގެ އެންމެ ފަހުގެ ކުލަބު ކަމަށްވާ އެތުލެޓިކޯ މެޑްރިޑް ގެ ސީއީއޯ މިގުއެލް އޭންޖެލް ވެސް ބުނީ އޭނާ ބަދަލުވާނީ ބާސެލޯނާއަށް ކަމަށެވެ.
"އަހަރަމެންނަށް އިނގޭ ގްރީޒްމަން ކުޅޭނީ ކޮން ކުލަބަކަށް ކަން. އެއީ ބާސެލޯނާއަށް. އެކަން އެނގިއްޖެ މިދިޔަ މާޗު މަހު."
މިގުއެލް އޭންޖެލް މިހެން ބުނި ނަމަވެސް ގްރީޒްމަން ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނީ އެނބުރި ސްޕެއިންއަށް ދިއުމާ ދޭތެރޭ ވިސްނާ ކަމަށެވެ. ފަހަރެއްގައި ދާން ނުޖެހި ވެސް ދާނެ ކަމަށެވެ.
ގްރީޒްމަންގެ އެތުލެޓިކޯ ކޮންޓްރެކްޓުގައި އަދިވެސް ބާކީ ތިން އަހަރު އޮތް އިރު އޭނަގެ ރިލީޒް ކްލޯސެއްގެ ގޮތުގައި 120 މިލިއަން ޕައުންޑް ކަނޑައަޅާފައިވެ އެވެ.