ޗެލްސީގެ ކޯޗު މޯރީޒިއޯ ސަރީ އެ ކުލަބު ދޫކޮށް އިޓަލީގެ ޔުވެންޓަސްއާ ހަވާލުވާ އުޅޭ ކަމުގެ ވާހަކަ ފެތުރިފައިވާ އިރު، އޭނަގެ ބަދަލުގައި ގާޑިއޯލާ ފަދަ ކާމިޔާބު ކޯޗަކަށް އެންމެ ރަނގަޅު ވާނީ ފްރޭންކް ލަމްޕާޑް ކަމަށް ރިއޯ ފާޑިނަންޑް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޗެލްސީގެ ކޯޗު ސަރީ ވަނީ ޔުވެންޓަސްގެ ކޯޗުކަމާ ކުރިއަށް އޮތް ތިން އަހަރަށް ހަވާލުވުމަށް އެއްބަސް ވުމަކަށް އައިސްފަ އެވެ. އަދި އޭނާ ދިއުމުން ޗެލްސީގެ ކޯޗު ކަމުގެ މަގާމު ހުސްވާ އިރު އެ މަގާމަށް އެންމެ ގާބިލު އެކަކީ އެ ކުލަބުގެ ކުރީގެ ކެޕްޓަން އަދި އެ ކުލަބުގެ ލެޖެންޑެއް ކަމަށްވާ ފްރޭންކަ ލަޕްޕާޑް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކުޅުންތެރިޔާ ރިއޯ ފާޑިނަންޑް ވަނީ ބުނެފަ އެވެ.
ލަމްޕާޑް ފުޓުބޯޅަ ކުޅުމުން ރިޓަޔާ ކުރުމަށް ފަހު ކޯޗުކަމުގެ ދާއިރާއަށް ނުކުތްތާ އަދި އަހަރެއް ހާ ދުވަސް ވީ އިރު އޭނަގެ ފުރަތަމަ ސީޒަނުގައި ވެސް ލަމްޕާޑް ވަނީ އޭނަ އިރުޝާދު ދިން ޑާބީ ކައުންޓީ ޕްރިމިއާ ލީގުގެ ޕްލޭ އޮފްއާ ހިސާބަށް ގެންގޮސްދީފަ އެވެ. ނަމަވެސް ޕްލޭ އޮފް މެޗުން ބަލިވުމުން ލަމްޕާޑް ވަނީ އަންނަ ސީޒަނުގައި އޭނާ އެ ކުލަބުން ނުފެންނާނެ ކަމަށް ބުނެފަ އެވެ.
"ލަމްޕާޑަކީ ޗެލްސީގެ ކޯޗަށް އެންމެ ގާބިލް އެކަކު. މީހުން އަބަދު ވެސް ދައްކާ ވާހަކަ އަކީ ތަޖުރިބާގެ ވާހަކަ. އެކަމު ޕެޕް ގާޑިއޯލާ ބާސެލޯނާގެ ކޯޗު ކަމާ ހަވާލުވި އިރު އޭނަގެ އެއްވެސް ތަޖުރިބާއެއް ނެތް. އެކަމު އޭނަ ދުނިޔޭގެ ފުޓުބޯޅައަށް ގެނައި އިންގިލާބު އެންމެނަށް ވެސް މިއޮތީ ފެންނަން،" މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ބުންޏެވެ.
އޭނާ ބުނީ ލަޕްޕާޑަކީ ވެސް ވިސްނުންތެރި އަދި ޗެލްސީގެ ކުޅުންތެރިންނާއި ކުލަބުގެ ތާރީހު ދަންނަ، އެކުލަބުގެ އެންމެ ވެސް ފުރިހަމައަށް އިހުތިރާމް ކުރާނެ ކޯޗެއް ކަމަށެވެ.
"ޗެލްސީ މިވަގުތު އޮތީ ބޮޑު އަނދަވަޅެއްގައި. ޓްރާންސްފާ ބޭންގެ ސަބަބުން ވަރަށް ދަތި ވާނެ. ވީމާ އެ ކުލަބާއި ހަވާލުވާން މިވަގުތު އެންމެ ރަނގަޅު ވާނީ ވެސް ލަމްޕާޑް. އޭނާއަށް އިނގޭނެ ކުލަބުގެ ތިބި ޒުވާން ކުޅުންތެރިން ބޭނުން ކޮށްގެން ރަނގަޅު ސްކޮޑެއް އެކުލަވާލަން."
ލަމްޕާޑް ވަނީ ޗެލްސީއާ އެކު ތިން ފަހަރަކު އިނގިރޭސި ޕްރިމިއާ ލީގު ހޯދާފަ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕު ވެސް އޭނާ ވަނީ އެކުލަބުގައި ކުޅުނު އިރު އެ ޓީމަށް ހޯދައިދީފަ އެވެ.