ފަޔަރ އެންޑް އައިސް (10)

ފަޔަރ އެންޑް އައިސް

އާރިޒްގެ ފައިގައި ހުރި ޒަޚަމްތަކަށް ބަލައިލުމާއެކު ފައި ދުޅަވެފައިވާކަން އެނގުނެވެ. އެވަގުތު އާރިޒް އުނދަގޫ ގޮތަކަށް ލޯ ހުޅުވާލައިފިއެވެ. އާރިޒްއަށް ލިބިފައިވާ ތޫނު ކަޅިރަވައާއި އަޅި ކުލައިގެ ލޮލަށް ނަޒަރު ހުއްޓުމާއިއެކު ފުރުގާންއަށް ލިބުނު ހައިރާންކަމާއެކު ދެލޯ ބޮޑުކޮށްލެވިއްޖެއެވެ. އެއާއެކު އާރިޒް ކަންބޮޑުވެފައި ދެލޯ މަރައިލީ އެ ސިއްރު ފޮރުވަންވެގެންނެވެ. ނަމަވެސް ފުރުގާންއަށް އޮޅުވައިނުލެވޭނެކަން އެނގުނެވެ. ބަލްސަމް އޭނަ މަރައިލާނެއެވެ.

"އާރިޒް ހާސްނުވޭ. އެހެން މީހަކަށް އަންގަން ބޭނުން ނުވަންޏާ ތި ސިއްރު ފަޅާ އަރުވާކަށް އަހަރެން ބޭނުމެއްނޫން. އެކަމަކު ސުވާލެއް އެބައޮތް............" ފުރުގާންގެ ނަޒަރު މޭޒުމަތީ ހުރި ލެންސް ސޮލިއުޝަން ފުޅިއަށް ހުއްޓުނެވެ.

އާރިޒްގެ ރީތި ކަޅި ފޮރުވަން އުޅުމުގެ މާނައަކީ ކޮބާހެއްޔޭ ފުރުގާންގެ ހިތަށް އެރިއެވެ.

"ބަލްސަމްއަށް އެނގޭނެތަ؟ "

އާރިޒްގެ ހިމޭންކަން ޖަވާބަކަށް ފުދުނެވެ.

ފުރުގާން އޭނަގެ އެކުވެރިއެއްގެ އެހީގައި އާރިޒް ހޮސްޕިޓަލަކަށް ގެންގޮސްގެން އެޑްމިޓްކޮށް ފަރުވާދެވޭނެގޮތް ހަމަޖެއްސިއެވެ. އިތުރު ޓެސްޓްތަކެއް ހެދުމުގެ މާނައެއް ނެތެވެ. އައިވީ އެންޓިބައިޓިކް އަޅާލަނިކޮށް ހަމަޖެހިދާނެއެވެ. އާރިޒް ގޭގައި އޮތިއްޔާ އޭނައަށް ބޭސްދިނުން ފަސޭހައެއް ނުވާނެއެވެ.

ފުރުގާންއާއި ބަލްސަމް ދޭތެރޭގައި މިއިން ޒަމާނެއްގައި ނުހިނގާފަދަ ބޮޑު އަރައިރުމަކަށް އެ މައްސަލަވިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ބަލްސަމްއާއި އާރިޒްގެ ލޭގެ ގުޅުމެއް އޮތްކަން ފުރުގާންގެ ތަނަވަސް ސިކުނޑި ދެނެގެންފިއެވެ. ފުރުގާން ބަލްސަމް ގާތުން އަހާއިރަށް ފުރަތަމަ ހެދީ ދޮގެވެ. ބަލްސަމް އެގޮތަށް ދޮގު ހެދުމުން ފުރުގާން ރުޅިއައިސްގެން މޭޒުމަތީ ހުރި ވަށިގަނޑެއް ހޫރައިލިއެވެ. އަރައިރުމަކަށްގޮސް ހޫނު ވާ ހިސާބަށް ދިޔުމުން ކުރި ކުށަށް އިއުތިރާފުވުން ނޫންގޮތެއް ބަލްސަމްއަކަށް ނުފެނުނެވެ. އޭނަ ރޯންފެށިއެވެ.

"މާފުކުރޭ ފުރުގާން. އޭރު ފުރުގާން ބީވެދާނެކަމުގެ ބިރުން އެ ވާހަކަ ދައްކަން ފަސޭހައެއް ނުވި. ދަރިއަކު ހުރި މީހަކާއި ކައިވެނިކޮށްފާނެކަމުގެ ޔަގީންކަމެއް ނެތީމަ. އެތައް އަންހެންކުދިންނެއް އެމީހަކަށްޓަކާ ގުރުބާންވާފަދަ ރީތިކަމެއް ލިބިފައިވާއިރު ދަރިއެއްގެ މަންމައެއްކަން އެނގުމުން ދޫކޮށްފާނެތީ. އެކަމާއި ބިރުން ދަރިއަކު ހުރިކަމަށް ނުބުނެ ސިއްރުކުރެވުނީ.........................."

"ދެޓްސް އަންފޮގިވަބްލް. އަހަރެން އެހާ ފަސޭހައިން މާފުދޭނެކަމަށް ހީކުރަންޏާ ތިއީ ކުށްހީއެއް. މިހާދުވަސްވީއިރު އަހަރެން ދަސްނުވިކަމާމެދު ހިތާމަކުރަން........"

ފުރުގާން ބާރުބާރަށް ދޮރު ލައްޕާލާފައި ކޮޓަރިން ނުކުތުމުން ހުސްކަމެއް އިހުސާސްކުރެވުނެވެ. އެއާއިއެކު ނަފްރަތުގެ ބިޔަ ރާޅެއް ހިތުން ނެގިއެވެ. މުޅިހަށިގަނޑަށް އޭގެ އަސަރު ފޯރިއިރު މޫނުމަތިން ރުޅިއާއި ނަފްރަތުގެ އަސަރު އެމޫނުން ދުވަހަކު ނުފެންނަވަރަށް ދައްކާލައިފިއެވެ. އާރިޒްގެ ސުންޕާކަމުން އޭނަގެ އުފާވެރި ފުރިހަމަ ދިރިއުޅުން ހަލާކުކޮށްލައިފިއެވެ. ކެތްކުރާނީ ކިހިނެއްހެއްޔެވެ؟ އަމިއްލަ ދަރިއަކަށްވިޔަސް އޭނަގެ ހިތުގައިވިހާ ލޯތްބެއް އެއްފަހަރާ ހިތުން ފޮހެވިއްޖެއެވެ. އާރިޒް ކުރިމަތީގައި ހުރިނަމަ މޫނުމަތި ނޮޅައިލެވުނީހެވެ.

ބަލްސަމް ޚަބަރު ބަލައިލިއިރު އާރިޒް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާކަން އެނގުނެވެ.

އާރިޒް ގެއަށް ފޮނުވައިލީ ފަސްދުވަސް ފަހުންނެވެ. އެކަނިމާ އެކަނި އެތާ އޮތްއިރު އެކަނިވެރިކަމާއި ހިތްދަތިކަން އިހުސާސްކުރެވި އެހިތް ރުޔެވެ. އޭނަގެ ކުށަކީ ކޮބާހެއްޔެވެ؟ އެންމެން ނަފްރަތުކުރާވަރުގެ ކުށަކީ އޭނަގެ މޫނުގައި މިހިރަ ކަޅު ލަފުކަމަށް ވަންޏާ އޭނަ އެކަމާ ކުރާނެކަމެއް ނެތެވެ. މައިމީހާވެސް އޭނަދެކެ އެއޮތް އަންނަ ރުޅިއެކެވެ. ހާލު ބަލައިލަން ގުޅާ މީހެއް މާމަ ނޫނީ ނެތެވެ. މާމައަށް އޭނަ ހޮސްޕިޓަލުގައި އޮތްކަމެއް ނޭގެއެވެ. އާރިޒް އެކަން ސިއްރުކުރިއެވެ. އެނގިއްޖެއްޔާ މާމަގެ އަރުތެރެއިން އެއްޗެއް ނުދިރޭނެއެވެ. މަރުވެދާނެއެވެ. މާމައުޅޭ ހާލު ފެނި އާރިޒް ހިތާމަކުރެއެވެ. މާމަގެ ލޮލުގެ ފެނުން މަޑުމަޑުން ނެތެމުންދާއިރު އަސާގެ އެހީގައި ނޫނީ ހެލިފެލިވެ އުޅެވެނީއެއް ނޫނެވެ. އެއްވެސް އުފަލެއް ނުލިބި މާމަ މިދުނިޔެއައި ވަކިވެގެން ހިގައްޖެއްޔާ އޭނަ ދިރިއުޅުމުގެ މަގުސަދުން އެއްބައި ގެއްލުނީއެވެ. އޭނަ ކިޔަވަން ނިންމީ ހަމަ އެކަނި މާމައަށްޓަކައެވެ. އޭނަގެ ހުވަފެނަކީ މާމަ ހައްޖަށް ފޮނުވާ ބޭސްކުރުވަން ބޭރު ގައުމަކަށް ގެންދިޔުމެވެ. ސްވިޒަލޭންޑްފަދަ ރީތި ތަނަކަށް މާމަ ޗުއްޓީ ހަދާލަން ގެންދިޔުންވެސް އެލިސްޓަށް މިހާރު އިތުރުވެއްޖެއެވެ. ހިތާމައާއި ކަރުނައިގެ ތެރެއިން އޭނައަށް ހިތްވަރު ދޭން އައީ އަލާނިއަލްއެވެ. އޭނަ އެންގީ ލަވަ ލިޔުމަށެވެ. ފިނޑިއެއްހެން ނުރުއިމަށެވެ. އަންހެންދުޅާ ނުވުމަށެވެ.

ހޮސްޕިޓަލުގައި އޮވެ ހުސްވަގުތު ފުރައިލަން އޭނަ ހާޓް ބްރޯކެން ކިޑް އަދި ދަ ލޮސްޓް ސޯލް ކިޔާ ލަވައެއް ލިޔުނެވެ. ސްވިޒަލެންޑަށް އައިތާ ކުރީކޮޅު ކަލްޗާ ޝޮކެއް ލިބި ނޫޅެވޭނެހެން ހީވިއެވެ. ނަމަވެސް ބޭނުންވީ ކުޑަ ހިތްވަރެކެވެ. މިހާރު އޭނަ ކޮންމެވެސް ވަރަކަށް ބަސް ދަސްކޮށް ނަރުހުންނާއި ވާހަކަދައްކާލެވޭ ވަރުވެ އޭނަގެ މިޒާޖުގައި ހުރި ނުކެރޭކަން ކޮންމެވެސް ވަރަކަށް ނަފުސުން ފިލުވާލައިފިއެވެ. ރާއްޖޭގައި އުޅުނުހެން ބަލިކަށިވެގެން ދުނިޔޭގައި އުޅެން ފަސޭހައެއް ނުވާނެއެވެ. މަޑުމަޑުންގޮސް އޭނަގެ ނުކެރޭކަމާއި ލަދުރަކިކަންވެސް މާޒީގެ ތެރެއަށް ލާފައި އާ ފެށުމަކުން ފަށަން އޭނަގެ ޟަމީރު ވިސްނައިދިނެވެ. އެއަޑުތައް އަހައިގެން އޭނަ އަޅަންފެށި ފިޔަވަޅުތަކުން އެ ތޮށީގެ ތެރެއިން ނުކުމެވޭވަރުވެވިއްޖެއެވެ.

އާރިޒް ނިދީގެ ފޮނި އަރާމުގައި އޮތްވާ ކޮޓަރީގެ ބޭރަށް ހުޅުވެން ހުރި ކުޑަދޮރުގެ ހިންމިތަކުން އެތެރެއަށް ފޭދެންފެށީ ދުންގަނޑެކެވެ. އިސާހިތަކު އެދުންގަނޑު މަޑުމަޑުން އެއްވެ މަޚުލޫގެއްގެ ސިފަޖެހުނެވެ. ސީލިންގުގައި ބޯޖެހޭއިރު ވަރުގަދަ ދަޅާއިއެކު ދެލޮލުން އަލިފާނުގެ ހުޅު ފެންނަފަދައެވެ. އެއްވެސް ޝުއޫރެއް އެލޮލުން ތަރުޖަމާކުރުމަށް އިންސާނުން ނުކުޅެދޭނެއެވެ. އެ މަޚުލޫގު އާރިޒް ގައިމަތީ އޮތް ރަޖާ ރީތިކޮށްލަ ދިނުމަށްފަހު ގުދުވެފާ ނިތްކުރީގައި ބޮސްދިނީ ކުލުނުން ފުރިގެންވާ ގޮތަކަށެވެ. އަދި ނޭގޭ ބަހުރުވައަކުން އެއްޗެކޭ ބުނެލިހިނދު އާރިޒް އެސްފިޔަ ތަޅުވާލާފައި ކުޑަކޮށް ލޯ ހުޅުވައިލަން އުޅެފައި އަނެއްކާވެސް ނިދީގެ ތެރެއަށް ގެނބުނެވެ.

އާރިޒް ހޮސްޕިޓަލުން ދޫކޮށްލިއިރު ހަށިގަނޑުގައިވާ ޒަޚަމްތައް އެއްކޮށް ފަސޭހަވެއްޖެއެވެ.

ގެއަށް އައުމާއިއެކު އެންމެ ކުރިން ބަލްސަމްގެ ރުޅިއާއި އެއްޗެހި ކިޔުމާއި ކުރިމަތިލާން އާރިޒްއަށް ޖެހުނެވެ. ކަންހިނގިގޮތް ކިޔައިދިނުމުން ދެތިން ބޮނޑި މޫނުމަތީ އެޅުމުން އާރިޒްއަށް ތަދު އިހުސާސް ނުކުރެވުނަސް ބަލްސަމްގެ އަތަށް ތަދުވެ ލޮލުން ފެން އަންނަވަރުވިއެވެ. އެކަތައިގެ ހަރުކަން އާރިޒްގެ މޫނުގައި ހުއްޓެވެ. އަތުގެ އިނގިލިތައް ބިންދައިލިހެން ހީވިއެވެ.

އާރްޔާއާއި ސިއެނާ ތަފާތެވެ. އެކުދިންގެ މައުސޫމްކަމާއި ހިތްހެޔޮކަން އާރިޒްގެ ހިތް ފަތަހަކުރިއެވެ. އެކުދިންގެ ފަރާތުން އެތައް ސުވާލުތަކެއް އަމާޒުވިއެވެ. އާރިޒް ހެޔޮ ހާލުގައި ހުއްޓާ ފެނުމުން އެކުދިންނަށް އުފާވެރިކަން ލިބި ހޫނު މޫސުމްގެ ކުރިއަށް އޮތް ދުވަސްތަކުގައި އާރިޒް ބައިވެރިކޮށްގެން ޕްރޮގްރާމްތައް ރޭވީ ފޯރިއާއިއެކުގައެވެ. އާރްޔާ ހިޔަނިހެން އާރިޒްއާއި އެކީގައެވެ. ކޯރުކައިރިއަށް މަސްބާނަން ދިޔުމާއި ސްވޭންތަކަށް ކާންދިނުން ހިނގާލަން ދިޔުން އާއްމުވެއްޖެއެވެ. ޓެނިސްކުޅުމާއި ފެތުންފަދަ ކަންތައްތަކުގައި އާރިޒްއަށް ދައުވަތުދެއެވެ. ސްކޭޓްކުރުންފަދަ ކަންތައް ތަކުގައިވެސް އާރިޒް ކޮންމެހެން ހުންނަން ޖެހެއެވެ. އެ މަޖަލުގައި އެންމެ ގިނައިން ބައިވެރިވެ އުޅުނީ ސިއެނާއާއި ކަންޒާއެވެ. އާރިޒްގެ ޒުވާން ހިތަށްވެސް ކުޑަ ކުޑަ އުފަލެއް ލިބުނެވެ. ކޮއްކޮމެންނާއިއެކު އެކު އުޅެ އުޅެ ހިތުގައި ގާތްތިމާގެ ކަމުގެ ލޯބި އެކަކު އަނެކަކަށްޓަކާ އަށަގެންފިއެވެ. އާރްޔާމެންނަށް އާރިޒްއަކީ ބޭބެކަން ނޭގިއެވެ. އާރިޒް އެކަން ދެނެހުރެއެވެ. އެގުޅުމާއި ބަލްސަމްގެ ހިތް ދެކޮޅެވެ. އާރިޒްދެކެ ހިތުގައިވާ ހަސަދަވެރިކަމުގެ ގިނިން ހިތް އުތުވިފައިވާއިރުވެސް އޭނަ ޚިޔާރުކުރީ ހިމޭންކަމެވެ. އާރިޒްގެ ހަގީގަތް ފުރުގާންއަށް އެނގިފައިވާއިރު ސިއެނާއާއި އާރްޔާ އެކުދިންގެ ބޭބެއާއި ވަކިކުރުވާކަށް ފުރުގާންވެސް ނޭދޭނެއެވެ. ބަލްސަމްއާއި ފުރުގާން ދޭތެރޭ އޮތް ނުތަނަވަސްކަމުގެ ފަރުދާ ބޯވަމުން އައިވަރަކަށް ބަލްސަމް ރުޅި އާރިޒްއަށް އަމާޒުވިއެވެ. އެކިގޮތްގޮތުން ދުއްތުރާކޮށް ފާޑުފާޑުބަސްތަކުން އަމިއްލަ ބަނޑުއަޅާ ވިހޭދަރީގެ ހިތް ކަފާކުދިކުދި ކުރަމުން ދިޔައިރު ރަހުމްގެ ކަންފުޅެއްވެސް އޭނަގެ ހިތަކު ނެތެވެ.

އާޔާ ކަންޒާއާއިއެކު ފެސްޓިވަލްއަކަށް ގޮސްފައި އެނބުރި އައިއިރު ނަމާދުގަޑި ފާއިތުނުވެ ކިރިޔާ އޮތްކަމެވެ. ތެޅެމުން ފޮޅެމުންގޮސް ކޮޓަރިއަށް ވަންއިރު ކޮޓަރިތެރޭ އެއްވެސް ތަރުތީބެއް ނެތެވެ. ފްލޯރާ ލައްވާ ސާފުކުރުވަން ދޮންމަންމަ ބުންޏަސް އެކަމަށްވެސް އޭނައަށް ވަގުތެއްނުވެއެވެ. ފޮތްތަކާއި ހެދުންތައް އެތަން މިތާގައެވެ. ލެޕާއި ފޯނު އަދި ބައެއް ސާމާނުތައް އެނދުމަތީގައެވެ. ރަޖާގެ އެއްބައި ބިންމަތީގައެވެ. ނަމާދު ގެއަށްވަންއިރު މާމަ ގުރުއާން ކިޔަވަން ޚަތިމް ހިފައިގެން އިންތަންފެނުނެވެ.

"އާޔާ އެންމެ ފަހުވަގުތު ކުރަން ޖެހޭކަމަކަށް ނަމާދު ނަހަދާތި..." މާމަ ބުނެލިއެވެ.

"އޯކޭ މާމާ........." އާޔާ ކުޑަކޮށް ހިނިތުންވެލަމުން މާމައަށް ބަލައިލި ނަޒަރު ލޯބިން ފުރިފައިވިއެވެ.

"ޔާﷲ ފޮގިވް މީ....." އާޔާ ހިތާހިތުން ދުޢާކުރުމަށްފަހު ދޮޅިލާން ފެށިއެވެ.

ނަމާދުކޮށް ނިމިގެން މާމައާއިއެކު ކޮޓަރިއަށްގޮސް އެނދުގައި އިށީނެވެ. އާޔާ ވާހަކައެއް ބުނަން ބޭނުންވާކަން އެނގި ނޫރިއާ ސުވާލުކުރަން ފެށިއެވެ. އާޔާ އެންމެފަހުން އޭނަގެ ލޮލަށް ފެނުނު މަންޒަރު ކިޔައިދިނެވެ. ވޯލްނަޓްގަސް އަމިއްލަ ޒާތުގައި ކޮޅަށް ތެދުވީ ނޫންކަމަށާއި އެކަން ކުރީ "ޖިންނި" އެއްކަމުގައި ބުނެލީ މާމަގެ އަތުގައި ހިފައިލަމުންނެވެ. އާޔާގެ އަތުތެރޭ އޮތް މާމަގެ އަތްތިލަވެސް ގަނޑުފެންކޮޅަކަށް ވެއްޖެއެވެ. ކުއްލިއަކަށް މާމަ އަރި އަޅާލައިފިއެވެ. ދެފައި އޮތީ އެނދުން ބޭރަށް އެލިފައެވެ. އާޔާ އަޑުކޮޅަށް ހަޅޭއްލަވައިގަތުމުން އެ އަޑު ގޭތެރޭގައި ގުގުމައިލިއެވެ. އިސާހިތަކު އޭނަގެ ބައްޕައާއި ދޮންމަންމަ ހޭކަނޑާލާފައި ދުވެ އައީ އާޔާގެ އަޑުގައިވި ބޭގަރާރުކަމާއި ނުތަނަވަސްކަން ނަގައިގަނެވިފައެވެ. އާޔާ ކުށްވެރި އިހުސާސްތަކާއި އެކު ލޯ ކަރުނުން ފުރާލައިގެން އެމަންޒަރު ދެކެން ހުއްޓެވެ. ބައްޕަ ކިތަންމެ ހާސްވެފައި ހުއްޓަސް ވަގުތުން ގުޅަންވީ ފަރާތަށް ގުޅަން ހަދާން ނައްތައެއްނުލިއެވެ. މާމައަށް ވީ ކިހިނެއްހެއްޔެވެ؟ މާމަ މާ ބޮޑަށް ބިރުގަތީހެއްޔެވެ؟ އާޔާ ބިރުގަތް ނަމަވެސް އޭނަގެ ކުށް ފޮރުވާކަށް ނޫޅުނެވެ. ރޮއިފާ އޭނަ ބައްޕަ ގާތު ކަންތައް ހިނގިގޮތް ކިޔައިދިނެވެ.

"އާޔާ. ވަރަށް ގޯސްކަމެއް އާޔާ ތިކުރީ. އެކަހަލަ ބޮޑެތި ދޮގުތައް ހަދައިގެން މާމަގެ ސިކުނޑިއަށް އެކަން ނަގައިނުގަނެވޭވަރަށް ވުރެ ބަލިކަށިކަން އެގެންވާނެ ދޯ...."

"އެކަމަކު ބައްޕާ....ދެޓްސް ވަޓް ރިއަލީ ހެޕެންޑް......."

"އިނަފް އާޔާ......" ފުރުގާން ތަންކޮޅެއް ބާރަށް ބުނެލިއިރު އަޑުގައި ހަރުކަށިކަމެއް ވިއެވެ.

ދުވަހަކު އޭނަގެ ބައްޕަ އެހާ ގަދަޔަށް ރުޅިއައިސްފާ ހުއްޓާ އޭނަ ދެކެފައެއްނުވެއެވެ. ދުވަހަކު އެހާ ބާރަށް އެއްޗެކޭ ބުނެފައެއް ނުވެއެވެ. ހިތުގައި ޖެހި ރޮވިފައި ހުއްޓާ ޕެރެމެޑިކް މީހުން އައުމާއިއެކު ވަގުތުން ފަރުވާދޭންފެށިއެވެ. އޭރުވެސް މާމަ އޮތީ ހަރަކާތެއް ނެތިއެވެ. ދެލޯ މެރިފައެވެ. ރަގަޅަށް ބަލައިލުމުން އަނގަ އެއްފަރާތަކަށް ދަމާފައި ހުރިކަން އާޔާއަށް ފެނުނެވެ. އޭނަގެ ސަބަބުން މާމަ މަރުވަނީކަމަށް ހީކުރެވި ބިރުންގޮސް ފިނިވާގޮތްވިއިރު އެހާ ބޮޑަށް ހިތުގައި ޖެހިއްޖެއެވެ. އެކަމުގައި އާޔާއަށް ކުށްވެރިކުރެވުނީ އާރިޒްއެވެ. އާރިޒްދެކެ ރުޅިއައިސްގެން ފަޅައިގެންދާވަރުވިއެވެ. މާމައަށް ދެރަގޮތެއް ވެއްޖެއްޔާ އޭނަ އާރިޒްގެ ދުވަސް ދުއްވާލާނެއެވެ. ހަމަޖެހިގެން އެންމެ ނޭވާއެއް ލެވުނަކަ ނުދޭނެއެވެ.

ނޫރިއާ ހޮސްޕިޓަލަށް ގެންދިޔުމަށްފަހު އާޔާއަށް އެތަނަށް ދާނެ ހިތްވަރެއްވެސް ނުލިބުނެވެ. ކުށްވެރި އިހުސާސްތަކެއްގައި ބަދެވިފައި އިންދާ އެންމެ ގާތް އެކުވެރިޔާ ކަންޒާ ގުޅިއެވެ.

"މާމައަށް ސްޓްރޯކެއް ޖެހުނީޔޯ....."

"އެ ކޯންޗެއްތަ؟ " އާޔާއަކަށް ނޭގުނެވެ.

"މާމަ ވަރަށް ވަރަށް ބަލި. މަންމަ ބުނި ގޮތުން ސިކުނޑީގައި ލޭކޮޅެއް ގަނޑުވީ. އެއްފަޅީގައި ވާގި ނެތް................................"

"ކެނީ....އައި ފީލް ގިލްޓީ. އެނގޭތަ؟ އަހަރެން ބުނި އެއްޗަކުންނޭ މާމައަށް އެހެންވީ. މާމަ ބިރުގަތީ. ކެނީ ބުނެބަލަ. އަހަރެން......ކިހިނެއް ހަދާނީ؟ ޕުއާ ގްރޭން..." އާޔާ ރޮމުން ފޯނު ކަނޑާލައިފިއެވެ. އެނދަށް ވެއްޓިގަތްގޮތަށް އަޑުން އަޑުނަގާ ރޯންފެށުނެވެ. ހިތްކުދިކުދިވަނީއެވެ.

"މިހުރިހާ ކަމަކީ އެނުލަފާ އާރިޒްގެ ކަންތަކޭ. ދޮންމަންމަ ބުނީކީ ދޮގެއްނޫނެއްނު. އޭނަ މިގެއަށް އައިފަހުން ބަދުނަސީބު ކަންތައްތައް ފުލުފުލުން ދިމާވާނީ ގައިމު ކޮންމެވެސް ކަމެއް ވީމައެއްނު. ބައްޕައާއި ދޮންމަންމަ ދުވަހަކު މިނޫނީ ރުޅިއައިސްގެން ވާހަކަ ނުދައްކާ ތިބި ހަނދާނެއްނުވޭ. ކިތަންމެ ސިއްރުކުރަން އުޅުނަސް އެދޭތެރޭގައި އޮތް މައްސަލައެއްގެ ބޮޑުކަން ފީލްވޭ. މާމަ ކުރީ ދުވަހު ފެއިންޓްވީ. މިހާރު މާމައަށް ވެގެން އުޅޭގޮތެއް ހެއްދެވިފަރާތް ދެނެވޮޑިގެންވަނީ. އަދި އެވަރުން ފުދުނީއެއްނޫން. ވޯލްނަޓްގަސްވެސް ވައްޓައިލީ. އެ ޑެވިލް އައިފަހުން މިގޭގެ އުފާވެރިކަން ގެއްލިއްޖެ.. އައި ހޭޓް ހިމް. އެ ފުރޭތަ ގަނޑު. އަގް....ފޫހި ފޫހި މީހާ ގަނޑެއް..............." އާޔާ އެނދުގެ ހެޑްބޯޑްގައި އަތުން ތަޅައިގަތެވެ.

އޭނަވެސް މޮޔަވެދާނެއެވެ.

އިރުއިރުކޮޅާ ކަންޒާއަށް ގުޅައިގެން ވާނުވާ ބަލައެވެ. ކަންޒާ ބުނީ ސީޓީ ސްކޭނެއް ހައްދަން ވެއްދި ވާހަކައެވެ. ހިތުގައިޖެހި ރޯން އެތައް އިރަކު އޮތުމަށްފަހު ނަމާދުކޮށްގެން ދުޢާކުރަން ނަމާދުގެއަށް ވަނެވެ. އެތަނަށް ވަނުމުން ހިތަށް ފިނިކަމެއް ލިބުނެވެ. ހަމަހިމޭންކަން ވަށައިލިއެވެ. މިތަނަށް ވަނުމުން ހިތަށް ލިބޭ ހަމަޖެހުން ގޭގެ އެއްވެސް ތަނަކުން ނުލިބޭކަން އާޔާއަށްވެސް އިހުސާސްވިއެވެ. ނަމަދުކޮށްގެން ސަޖިދައަށް ދިޔަގޮތަށް އާޔާ ރޮމުން ދުޢާކުރިއެވެ. މާމައަށް ޝިފާއެއް ދެއްވުމަށް އެދި އާދޭސް ދެންނެވިއެވެ.

އާރްޔާ އޭނަގެ މާމަ ގައިގާ ބައްދާލައިގެން އޮވެ ނެގި ސެލްފީއެއް އެފްބީއަށް ލާފައި މާމައަށް ހެޔޮދުޢާކޮށް ލިޔެފައި އޮތް އަސަރުގަދަ މެސެޖް އެތައްބަޔަކު ލައިކްކޮށް ޝެއާކޮށް އަދި ކޮމެންޓްވެސް ކުރިއެވެ.

އުއްބައްތިއެއް ރޯކޮށްލުމަށްފަހު ބަންޑުން ދޫލަމަތީ އޮށޯވެލައިގެން ހުޅުކޮޅަށް ބަލަން އޮވެވުނީ އެކި ކަހަލަ ޚިޔާލުތަކުގައެވެ. އެންމެ އުދަގޫވަނީ އާރިޒްގެ ޚިޔާލުތައް އޭނައަށް އުދަގޫކުރާވަރުންނެވެ. ދެއަތްތިލަ ގުޅުވާލުމަށްފަހު އަތްތިލަމަތީ ބޯ ޖައްސައިލިތަނާ ފަހަތުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުނެވެ.

"އަހަރެން މިތާ އިށީދެލިޔަސް ހެޔޮތަ؟ " އާރިޒްގެ އަޑެވެ.

"ނޯ....." އާޔާ ފުންމައިގެން ތެދުވުނުގޮތުން އުއްބައްތީގައި އަތުން ޖެހިފައި އިސްތަށިގަނޑުގައި ހުޅު ނުހިފީ އާރިޒްގެ ހުޝިޔާރުކަމުންނެވެ. އާރިޒް އުއްބައްތީގައި ހިފާ ދުރުކޮށްލީ ފަރިތަކަމާ އަވަސް ހަރަކާތަކާއެކުގައެވެ.

"މަރުވާ ހިތުން އުޅޭ ކުއްޖެއް ދޯ. އަލިފާނާއި މާ ކައިރިވާކަށް ނުވާނެ. ދެންމެވެސް ކިރިޔާ އިސްތަށިގަނޑުގައި ހުޅު ނުހިފާ ސަލާމަތްވީ. އުއްބައްތިތައް ކައިރީ އޮށޯވެގެން ނޯވެބަލަ........." އާރިޒްގެ އަޑުގައި އޯގާތެރިކަންވިއެވެ. އާޔާގެ މޫނަށް ބަލައިލުމުން އެކުއްޖާ ރޮއިފަ ހުރިވަރު އިހުސާސްކުރެވުނެވެ. އެކަމުގެ ސަބަބުން އާރިޒްއަށް ވީ އުދަގޫތައް ކުޑައެއްނޫނެވެ. އާޔާގެ ހިތާމަތައް ފިލުވައިދޭނެ ގޮތަކާއިމެދު ވިސްނައިލެވުނެވެ.

"ފްލޯރާ. ފްލޯރާ ހޫނު ޗޮކްލެޓެއް ގެނެސްދީބަލަ...." އާރިޒްއަށް ފްލޯރާ ސިޑިން އަރާތަން ފެނިފާ ގޮވައިލިއެވެ.

"ކޮންމެހެން ހެޔޮ އެދިގެން އުޅޭނެކަމެއްނެތް ފުރޭތަ.." އާޔާ ރުޅިއައިސްގެން ލޯ އަޅައިލިއެވެ. "މާމަ އައިސީޔޫގައި އޮތީ ކަލެއާއި ހެދި......."

"ހޫމް......އެކަމަކު އެހެނޭ ކިޔާފައި ސުއިސައިޑް ވެގެން އަދި ސަވާބެއް ނުލިބޭނެ. ފުރޭތައަކަށް ވާނެ ނަމައޭ ހިތަށް އަރާ. އޭރުން އެންމެ ކުރިން ކާލާނީ އާޔާ...... " އާރިޒް އާޔާ ހެއްވާލަން ބޭނުންވިއެވެ. އޭނަގެ މޮޔަކަމާއެވެ. އާޔާ ނުހޭނެއެވެ. އޭނަ ފެނުމުން ދަތް ބިންދައިގެންހާ ގަދަޔަށް ރުޅިއާދެއެވެ. އެންމެ ރެއަކުން އާޔާގެ އިސްތަށިގަނޑު ނުރަވެދާނެއެވެ.

"އާރިޒް ބެ....ނާޑުވާ އައްސަދީބަ..." އާރްޔާ ސޯފާއަށް އަރާފައި އާރިޒްއާއި ދިމާލަށް ފައި ދިއްކޮށްލުމުން އާރިޒް ހީލިއެވެ. ކޮއްކޮގެ ބޫޓުގައި ނާޑުވާ އައްސަދޭން އިށީންއިރު އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް މޫނަށް ފައިބައިގަތެވެ. ކަޅު ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެކެވެ. ގިނަ ގިނައިން އޭނަ ލައި އުޅެނީ ކަޅު އެއްޗިއްސެވެ.

"އާރިޒްބެގެ އަތް އަދިވެސް ހާދަ ހޫނޭ. ތިއޮތް ފިހެނީ ނު. އަދިވެސް ހުން ރަގަޅުނުވަނީހެން ހީވޭ....." އާރްޔާ ކަންބޮޑުވެފައި ބުނެލިއެވެ. އާޔާ އަނގަޔަށް ގޮތެއް ހަދައިލިއެވެ.

"އައްޗީޑި އާރްޔާ. ދެން ހިލޭ ފިރިހެނުން ކުރިމަތީ ކުރުސޯޓުކޮޅެއް ލާފައި. މީސްމީހުން ލައްވާ ނާޑުވާ އައްސަމުން. އެއްވެސް މެނާސް އެއްވެސް ނެތީތަ. މާމައަށް ފެނިއްޖެއްޔާ ހިތްހަމަނުޖެހޭނެވަރު އާރްޔާއަށް ރަގަޅަށް އެނގޭނެ. އާރްޔާވެސް ތީ ޅަކުއްޖެއްނޫން. ޓީންފެށެން ބާކީ އޮތީ މަދު އަހަރެއް....." އާޔާ އަތް ހުރަސްކޮށްލައިގެން ހުރެ ލެކްޗަރެއްދިނެވެ. އާރްޔާ ތެދުވެފައި ލޯބިގޮތަކަށް ހީލުމުން ކުފިދަތްތައް ފެނިލިއެވެ. ބޮބްކަޓެއްނަގާފައި ވާއިރު އިސްތަށިގަނޑު ވަރުގަދަކަމައި ފަންކަމުން ވައިރޯޅިއަކަށްވެސް ސިއްރުން ބީހިނުލެވޭނެކަން ގައިމެވެ. ޖަވާހިރުފަދައިން ވިދާ އަޅި ދެލޮލަކީ އާރްޔާގެ އެންމެ ރީތި ހަތިޔާރެވެ. ސިއެނާއާއި ކަންޒާފަދަ މައުސޫމް ރީތިކަމެއް އާރްޔާއަށްވެސް ލިބިފައިވިއެވެ.

"މަންމަގާތުން ހުއްދަ ހޯދީމޭ ދޮންތީ. ޝީސެޑް އޯކޭ އޭ." އާރްޔާ އާޔާގެ ހިތްހަމަޖައްސައިދޭން ރީތިކޮށް ބުނެލިއެވެ.

"މަންމަ އަނގައިން ބުނުން އޯކޭ އޭ ބުނީމަ ނާޑުވާ އައްސަން ދޭން ޖެހޭތަ؟ ދެން ކުޑަކުއްޖެކޭ ކިޔާފައި ފެންވަރުވާ ހެދުންވެސް ލައްވަން އަދި އާރްޔާ ބުނާނެ ދޯ...." އާޔާ ރުޅިގަދަވެގެން ގޮސް ހަލާކުވާވަރުވިއެވެ.

"އާޔާ. އާރްޔާއަކީ އަހަރެންގެ ލިޓްލްސް ސިސް. އޯކޭ؟ އާރްޔާއާއި ސިއެނާގެ ސަބަބުން ބޭބެއެއްގެ ވާޖިބަކީ ކޮބާކަމާއި ޒިންމާތައް ނަގަން ދަސްވެއްޖެ. މީހަކަށް ލިބޭނެ އެންމެ ރަގަޅު ކޮއްކޮ އާރްޔާއަކީ. ވަރަށް އުފާވޭ އާރްޔާ ކޮއްކޮހުރީމަ. މިގޭގައި ކިރިޔާ ހުރެވެނީވެސް އެހެންވެ ކަން ނޭގޭ. އާޔާއަށް އެކަމާއި އުދަގޫވިޔަސް އެކަމެއް ބަދަލެއްނުވާނެ. އާޔާ ބޭނުމިއްޔާ އަހަރެމެންނާއިއެކު މަޖާކޮށްލަން ހަމަ އަންނަންވީ. ޔޫ އާ ވެލްކަމް ޓު ޖޮއިން ދޯ...................." އާރިޒް ތެދުވެ ހަށަން ބަދެލިއެވެ. އާރްޔާ ވަގުތުން ބޯ ޖަހައިލަމުން އެއްބަސްވިތަން ފެނި އާޔާ ތުން އޫކޮށްލިއެވެ.

"ގްރްރރް...މަ އެބައުޅެންތަ ކަލެއާއިއެކު ދާކަށް؟ " އާޔާ ހަޅޭއްލަވައިގަތެވެ. އާރްޔާމެންނާއި މާ އެކުވެރިކޮށް އުޅޭތީ އާޔާއަށް އެކަމާއި ހުރެ އުދަގޫވާވަރު ލަފުޒުތަކުން ބަޔާންކޮށްދޭކަށް ފަސޭހައެއްނޫނެވެ.

"ދޮންތީ ޕްލީޒް. އާރިޒްބެ ހާދަ ރަގަޅޭ. އެހާ ޑިސިޕްލިން ރަގަޅު. އެހާ ކައިންޑް. ވަރަށް ޓްރަސްޓްކުރެވޭ. ދޮންތީވެސް އެކީ އުޅެންޏާ އެކަންތައް އިނގޭނީ. މޫނަށް ބަލާފައި ޖަޖްކުރާކަށް ނުވާނެ. އާރިޒްބެހާ ބޮޑު ހިތެއް އެހެންމީހަކަށް ލިބިފައިވާކަމެއް ނޭގޭ........" އާރްޔާ ބޭނުންވީ ސުލްހަކުރުވާށެވެ.

އާރްޔާ އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ސިއެނާ މާ ބާރަކަށް އާރްޔާއަށް ގޮވަންފެށުމުން އާރްޔާ ދުވަމުންގޮސް ލޯ މަތިން ގެއްލުނެވެ. އެއީ ފްލޯރާ ހޫނު ޗޮކްލެޓް ތަށި ގެނެސް މޭޒުމަތީ ބެހެއްޓި ވަގުތެވެ. އާޔާ ދަތްތައް ވިކައިގެންފާ ޗޮކްލެޓްތަށި އާރިޒްގެ މޫނަށް ޖެހިއެވެ. ހޫނުއާވިން މޫނުން ދިލަނެގިއެވެ. އާޔާއެއްކަމަކު އެހެން ހަދާކަށް ނުވާނެ ނޫންހެއްޔޭ ކިޔާފައި އޭނަ ޝަކުވާގެ ނަޒަރަކުން ބަލައިލިއެވެ. ފްލޯރާ އަނގަމަތީ އަތް އަޅައިގެން ހައިރާންކަމާއި ހިތާމައިން ފުރިގެންވާ ބެލުމަކުން އާރިޒްއަށް ބަލަންހުއްޓެވެ.

އާޔާގެ ނަފްރަތުއޮތްވަރު އަންދާޒާކުރެވުނީ އެ ނޭއްގާނި އަމަލުންނެވެ. ކިރިޔާވެސް އިންސާނިއްޔަތުކަމެއް ހުރިނަމަ މީހެއްގެ މޫނަށް ހޫނު ކަމުން ކެކި ކެކި ހުރި އެއްޗެއް ޖަހާލާކަށް ނުކެރޭނެއެވެ. އާރިޒްގެ ހިތަށް އުދަގޫގޮތްތަކެއް ވިއެވެ. އެންމެން އޭނަދެކެ ނަފްރަތުކުރާއިރު އޭނަގެ ކުށަކީ ކޮބާހެއްޔެވެ؟ ރާއްޖޭގައި އުޅުނުއިރު ސްކޫލް ކުދިންނާއި އަވަށްޓެރިންނަށް ދާންދެން ބުލީކުރުމާއި ފާޑުފާޑު ވަނަން ދިނުމާއި މަލާމާތްކުރުމުގެ ހައްދެއް ނެތެވެ. ފުރޭތައިގެ ނަމުން އާޔާ ގޮވުމުން އާރިޒް ކުޑަކޮށް ހީލިއެވެ. ދެރަވިނަމަވެސް ބޭރުފުށުން ހިތާމައާއި މޮޅިވެރިކަން ދެއްކުމުގެ މާނައެއް ނެތެވެ. ހަމްދަރުދީވާނެ ފަރާތެއް ނެތެވެ. މިވީގޮތުން މޫނުގައި އިތުރަށް ލަކުނު ލާ އައިބުވުން ނޫންކަމެއް ނުވާނެއެވެ. ކޮޓަރިއަށްގޮސް ލޯގަނޑުން ބަލައިލާފާ އާރިޒްއަށް ހަޅޭއްލަވައިގަނެވުނެވެ. އޭނަގެ މޫނުގައި ބޮޑެތި ފޮޅުތަކެއް ނަގާފައެވެ. ކަންނެތްކަމުން ލެންސް ނުލައްވާ ހުރި ގަޑިއެއްކަމުން އަވިއައިނު އަޅައިގެން ދެވުނުކަމީ ހަމަ ނަސީބެކެވެ. އެހެންނޫންނަމަ ލޮލުގެ ދުވަސްވެސް ދުއްވައިލާނެއެވެ.

"ޑޭމްއިޓް.. ކީއްވެ އާޔާ ކީއްވެ. އިތުރަށް މޫނު ހަލާކުކޮށްލީ. ކިހިނެއް މީހުންގެ ކުރިމައްޗަށް މިވަރުން ދާން ކެރޭނީ...ހާޓްލެސް އަންހެންކުއްޖާ........."

އާރިޒްގެ މޫނަށް ވެފައިވާ ވަރު ފެނުމުން އެކަމާއި ހަމްދަރުދީވެ އާރްޔާއާއި ސިއެނާ ސުވާލުކުރުމުން ދޮގުހެދީ އާޔާގެ ދިފާއުގައެވެ. ޝުކުރުވެރި ނުވާނެކަން އެނގިހުރެއެވެ.

އާރިޒްއަށް އަލާނިއަލް ބޭހެއް ގެނެސްދިނެވެ. ފަތްޕިލާވެލިން ހަދާފައިވާ ބޭހެކެވެ. އާރިޒް ދެކޮޅުހެދިއެވެ.

"އަހަންނަށް ހެވީ ރަގަޅަކަށްވެސް ނުބަޔަށްވެސް އަލާނިއަލް މަށަށް ނުފެނުނިއްޔާ. އަހަރެން ކޮންމެ ސިފައެއްގައި ހުއްޓަސް ކަލެއަކާއި ބެހޭކަމެއް ނޫނޭ. ގެޓް ލޮސްޓް އަލާނިއަލް..." އާރިޒްއަށް އަލާނިއަލް ގެނެސްދިން ގުޅި ބިންމަތީ ޖެހުމުން އޭގައި ހުރި ބޭސް އެތަނަށް ބަންޑުންވެ މީރުވަހެއް ތަނުގައި ހިފައިލިއެވެ. ބަލާބެލުމަށް ބިއްލޫރި ގުޅިއެއްހެން ހީވިޔަސް އޭތި ހަދާފައިވާ މައުދަން ވަރުގަދަކަމުން އެ ފުނޑު ފުނޑުވާން ކީއްކުރަން ރެނދެއްލީކަމެއްވެސް ނޭގެއެވެ.

އާރިޒް ފާޚާނާއަށް ވަދެ ޝަވަރަށް ދޫކޮށްލިގޮތަށް ފިނިފެނުން ހަށިގަނޑުގެ ހޫނުކަމާއި ސިކުނޑީގެ އުދާސްކަން ކުޑަކުރެވޭތޯ މަސައްކަތްކުރިއެވެ. އަލާނިއަލްގެ އުދަގޫ ނުފޯރާ ހުރެފައި މިހާރު މާ ހަމްދަރުދީއެއްވެގެން އެބަ އާދެއެވެ. އޭނަ އެއްގޮތަކަށްވެސް އަލާނިއަލްގެ އެހީތެރިކަމެއް ބޭނުމެއް ނޫނެވެ. އެއީ ދެން ކާކުހެއްޔެވެ؟ ސިކުނޑީގައި ދިރިއުޅޭ މަޚުލޫގެކޭ ހިތަށް އަރާފައި އެކަނި ހުރެވެސް ހެވުނެވެ. ތުވާލި އަނދެލައިގެން ހުރެ ނުކުތްއިރު ހަށިގަނޑުގައި ފެންތިކިތައް ބަބުޅައެވެ. ބަލައިލިއިރު ގުޅި ފެންނާކަށް ނެތެވެ. ނަމަވެސް ތަޅުންމަތީގައި އޮތީ ބޭހުގެ ކުދި ކޯރެކެވެ. އާވި ފާޑެއްގެ ވަހެއްވެސް ހުރުމުން އާވި ފަތުން ހަދާފައިވާ ބޭހެއް ބާވައޭ ހިތަށް އެރިއެވެ.

"އަލާން ހަމަ ރިއަލްތަ؟ އަހަރެން އަދިވެސް ގަބޫލުކުރާކަށް ބޭނުމެއްނޫން. ދިޒް އިޒް ވިއާޑް. ގުޅި ނެތަސް އެ ބޭސް ހުރީމަ ގަބޫލުކުރަން އެބަޖެހޭ. އެކަމަކު މިވެސް ލޮލަށް ފެންނަ އެއްޗަކަށް ވެދާނެ. އައިމް އިންސޭން ތަ. ހަމަ ރިއަލްކޮށް................................" އާރިޒް އުޑަފައިން އިށީދެފައި ބޭހުގައި އިނގިލި ޖެއްސުމަށްފަހު ނޭފަތް އެތެރެއަށް ދަމާލިއެވެ.

ކުއްލިއަކަށް ކުޑަދޮރު ކައިރިން ބާރު އަޑުފަށްގަނޑެއް އިވުނެވެ. ވޯލްނަޓްގަސް ވެއްޓުނީބާވައެވެ. އާރިޒް ކުޑަދޮރުގައި އަތްއަޅުވާފައި ބޭރަށް ބަލައިލުމާއެކު ސިހި ފަހަތަށް ޖެހިލެވުނެވެ. ބޮޑު އަނދިރިގަޑެއްފަދައިން ކުރިމައްޗަށް ފައުޅުވީ އިފްރީތު ލޫގާގެ ސިފަ ފެންނަ ކޮންމެ ފަހަރަކު ހިތަށް ބިރުވެރިކަން ވަދެއެވެ. އޭނަގެ ވާހަކަދެއްކުމުގެ އަޑު ގުގުރީގެ އަޑުފަދައެވެ. ދެލޮލުން އަލިފާނާއި ދުން ނިކުންނަމުންދާއިރު މުޅި ހަށިގަނޑުންވެސް އާވި އަރައެވެ. އާރިޒްއަށް އެހޫނުކަން އިހުސާސްވިއެވެ.

"އަހަރެން މިއައީ ވާހަކައެއް ބުނަން....ރަގަޅަށް އަޑުއަހައްޗޭ. ކަލެއަށް ފައިދާ ހުރިކަމެއްގެ ވާހަކަ މަ ބުނެފާނަން. ދުވަހަކު ތިމާގެ ބައްޕައަކީ ކާކުކަން ދަނެގެން އެމީހަކު ހޯދަން މަސައްކަތް ކުރިންތަ؟ތިމާގެ ހަސަބާއި ނަސަބު އަދި ދަރިކޮޅު ނޭގި އަމިއްލަ ނަފުސްވެސް ރަގަޅަށް ދަސްނުވާނެ. ތިމާ ދުނިޔެއަށް އައުމުގެ އަސްލަކަށްވި ބައްޕަފަދަ މުހިއްމު މީހަކު ނޭގި އަނދިރީގައި ހުރެގެން އެބައްޕަގެ ދަރިއަކާއި ހިތާވިއްޔާ އެނގޭނެތަ. ފުރަތަމަ ބައްޕައަކީ ކާކުކަން ހޯދާ. އެމެރިކާގެ ރައީސްކަމުގައިވެސް ވެދާނެ. ހެޔޮއެދޭ މަޚުލޫގަކަށް ނުވިޔަސް އަހަންނާއި ގުޅޭކަމެއްވީމަ މިހާވަރަށް ތި އާފިލު ސިކުނޑިއަށް އެއްޗެއް ވެއްދޭތޯ މިހާވަރަށް ބުނެލީ. ތިހިރަ ޣާފިލުކަންމަތީ ދުނިޔެ އަޅާ ގޮއްސިއްޔާ ހިތާމަކުރަން ޖެހިދާނެ.." ލޫގާ ލޯމައްޗަށް ގެއްލުމުން އާރިޒް އަނެއްފަރާތަށް އެނބުރިފައި ތެތް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ.

ލޫގާގެ ސަބަބުން ބޮލަށް އުދަގޫވެ ހާސްވާގޮތް ވިނަމަވެސް އާރިޒް އޭނަގެ ބައްޕައާއިމެދު ވިސްނާ އެއީ ކާކުކަން ހޯދުމުގެ ޝައުގު ހިތުގެ ކަނެއްގައި އާލާވިއެވެ.

އެއީ ކާކުހެއްޔެވެ؟

(ނުނިމޭ...)

https://sun.mv/120044

comment ކޮމެންޓް