ފަޔަރ އެންޑް އައިސް (9)

ފަޔަރ އެންޑް އައިސް

ބަލްސަމް އަތް ދަމާލާފައި އާރިޒްގެ ކަންކަށިމައްޗަށް ބޭލި އެތިފަހަރާއިއެކު ގެއިން ކަރަންޓް ކެނޑި ތަނަށްވެރިވި އަނދިރިކަން ކަށްވަޅުފަދައެވެ. އާރިޒްގެ ހިތަށް ކުރާނެ އަސަރާއި އެންމެން ކުރިމަތީ ނިކަމެތިވާނެ ވަރު ބަލްސަމް މަންމައަކަށްވެ ހުރެވެސް އިހުސާސެއް ނުކުރެވުނެވެ. އާރިޒްގެ ހިތް ހުއްޓުނުފަދައެވެ. މޫނަށްވީ ތަދަށްވުރެ ހިތަށް ލިބުނު ވޭން ބޮޑުވެ ދެލޯ މަރައިލެވިއްޖެއެވެ. އެ ޖުމްލަތައް ތޫނު ހަތިޔާރަކަށްވެ ހިތް އިރާލައިފިއެވެ. ލޮލުން ވެއްޓުނު ކަރުނަތިއްކެއް ކޯތާފަތަށް ފޭބިއެވެ. ކަނު އަނދިރީގެ ތެރެއިން ކުރިއަށް އެޅި ފިޔަވަޅާއެކު ވަރުގަދަ ތޫފާނެއް އައީ ބަސްބުނާހާ ހިނދުކޮޅު ތެރޭގައެވެ. ހިތްތައް ރޫ ރޫއަޅާހާ ބިރުވެރިކޮށެވެ. ވިދުވަރުގެ ގަދަ އަލިން ލޯ ތޮރުފާލާހާވަރު ކޮށްލިއިރު ވައިގަދަވެ ގަސްތައް ހަލުވަންފެށިއެވެ.

"ކޮންފަދަ ވަރުގަދަ ތޫފާނެއް. ކުއްލިއަކަށް މިވީ ކިހިނެއް........"

"ސުބުހާނަﷲ............"

އެކިމީހުންގެ ދުލުން އިވުނު އެކި ލަފުޒުތަކާއިއެކު އާރިޒްހުއްޓުން އަރާ ފިޔަވަޅުތައް ހުއްޓުވީ ކުރިމަތިން ފެނުނު ލޫގާގެ ރުޅިވެރި ދެލޯ ފެނިފައެވެ. އެދެލޮލުން އަލިފާން ކަނިތައް ބުރަނީއެވެ. އިންސާނީ ސިފައެއް ނެތެވެ. އިސްކޮޅުން ދިގުވެފައި ބިޔަކަމާއިއެކު ފިޔަގަނޑު ބޮޑުކަމުން އެހިސާބު ފުރާލާފައެވެ. އާރިޒްގެ ހިތަށް ބިރުވެރިކަންވަނެވެ. ބަލަބަލާ ހުއްޓާ ލޫގާގެ މުޅި ހަށިގަނޑުން ހުޅުފަޅައިގެން ދިޔައީ އަލިފާންގަނޑަކަށް ޕެޓްރޯލް އެޅިފަދައިންނެވެ. ނަފްރަތާއި ރުޅިވެރިކަމުގެ ތަސްވީރެކެވެ. އާރިޒްގެ ހަށިގަނޑަށް އަލިފާނުގެ ހޫނުކަން އިހުސާސްވިއެވެ. އާރިޒް ދެލޯ މަރާލާފައި މިއީ އޭނަގެ ސިކުނޑިއަށް ފެންނަ މަންޒަރެއްކަމަށް އަމިއްލަ ޟަމީރަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ނަމަވެސް އެހެންވާނީ ކިހިނެއްހެއްޔެވެ؟ ސިކުނޑިއާއި ހިތާ އަރައިރުންވެ ގަބޫލުކުރެވުނީ މިއީ ހަގީގަތެއްކަމަށެވެ. ލޫގާއަކީ އިންސާނެއް ނޫނެވެ.

"ބައްޕާ. އަޅުގަނޑުގެ ބައިކް......." އާޔާއަށް ހަޅޭއްލަވައިގަނެވުނެވެ.

އާޔާގެ އަނގައިގާ އެބަސް އޮތްވާ އާރިޒް އެދިމާލަށް ދުއްވައިގަތްއިރު އޭނަގެ ފުރާނައާއިމެދު ފަރުވާލެއްނެތް ފަދައެވެ. ޖެހިލުންކުޑަ ހިތްވަރުގަދަ ފިރިހެނަކަށް ނޫނީ އެ ބާރުގަދަ ރޯޅިތަކާއި ދެކޮޅަށް ނިކުންނާކަށް ނުކެރޭނެއެވެ. އާޔާގެ ބައިސްކަލް ސަލާމަތްކުރަންވެގެން އެފަދަ ކަމެއްކުރިތަން ފެނިފާ ބަލްސަމް ބުމަ ކައިރިކޮށްލައިފިއެވެ. އާރިޒް އާޔާއާއި ހިތާވެއްޖެއްޔާ އެއީ އާރިޒްއަށް ހެދޭނެ އެންމެ ބޮޑު ގޯހެވެ. އެދެމީހުން އެކަށީގެންވަނީ ކޮން ގޮތަކަށްހެއްޔެވެ؟ ފްލޯރާވެސް އާރިޒްއަކާއި ނީންނާނެއެވެ.

ފަތު އަޑުކިޔާފައި އައި ވައިރޯޅީގައި ދޮރުމަތީ ތިބި ނޫރިއާގެ އާއިލާގެ މީހުންނަށްވެސް ބިންމަތީ ހަރުލާފައި ކިރިޔާތިބެވޭކަމެވެ. ވަޔާއިއެކު އުދުހިގެންނުގޮސް ތިބީ އުމުރުގައި ތަންހުރިކަމުންނެވެ.

"އާރިޒް ބޭ. ނުދޭ...." އާރްޔާގެ ތޫނު ހަޅޭކުގެ އަޑުވެސް ވަޔާއިއެކު ހިނދުނެވެ. އެއާއެކު އާރްޔާ ދުއްވައިގަތީ އާރިޒް އެކުރަން އުޅުނު މޮޔަކަންތަކުން ހުއްޓުވުމަށެވެ. އެތެރެއަށް ވަންނާން ބުނުމަށެވެ. މިހާ ވައިގަދައިރު ވިއްސައިގެންދާ އެއްޗެއްސާއި ގަސްތަކުގެ ގޮފިތައް ބިނދި އާރިޒްއަށް ކިތަންމެފަދަ ބޮޑު އަނިޔާއެވެސް ވެދާނެއެވެ. ގަސްތައް ބިންދައިގެންދާހާ ބައި ބާރުވެއްޖެއެވެ.

"މިއީ ކޮންފަދަ މުސީބާތެއްކަން ނެގޭ. އާރިޒް އައިފަހުން ސުންޕާކަންތައް ނޫނީ މިގެއަކުން ނުފެނޭ.އަހަރެން ފުލުހުންނަށް ގުޅާނަން. އާރިޒް އަހަރެންގެ އަތުން އެ އަލިމަސް ޖަހައިގަތީތީ ހިތުން ނުފިލާވަރުގެ އަދަބެއްދޭނަން. މަންމައަށް ވިއޭ ކިޔާފައި މީނަ ކުރާ ކޮންމެ ކަމެއް ނުދެކެން ލޯ މަރާލައިގެން ހުންނަން ވެއްޖެއްޔާ އަހަރެންގެ ދިރިއުޅުން ހަލާކުވެދާނެ..........." ބަލްސަމް ހިތާހިތުން ކުދިކިޔަމުން އެއްފަރާތަކަށް ޖެހި ފޯނުގެ ނަމްބަރުތަކުގައި އިނގިލި ޖައްސައިލިއެވެ.

އާރިޒް އާޔާގެ ނުލާއި ހުދުކުލައިގެ ބައިސްކަލްއާއި ހަމަޔަށް ފޯރިއެވެ. ބައިސްކަލް އެއްފަރާތަށް ޖައްސާލިއެވެ. އެއާއެކު އޭނަވެސް ދުރަށް ދުއްވައިގަންނަން މަސައްކަތްކުރިއެވެ. ނަމަވެސް ތޫފާނުގެ ގަދަވަޔާއި ދެކޮޅަށް ހަގުރާމަކުރަމުންދިޔަ ގަސް ޝަހީދުވެ އެއޮތް ބޮޑު ވޯލްނަޓްގަސް މުލުން ލުއްސާލިގޮތަށް ބާރު އަޑުފަށްގަނޑަކާއިއެކު ވިނަގަނޑުމައްޗަށް ތިރިވީ އާރިޒްވެސް ދަށުލައިގެންނެވެ. އެގޭގެ ފަޚުރު އަދި ތަނބުކަމުގައި އެންމެންވެސް ދެކުނު ހައިބަހުރި ބިޔަގަސް ލުއްސާލައިގެން ދިޔުމަކީ އެންމެނަށް ލިބުނު ޝޮކަކަށްވެ އެތަނަށް ދުއްވައިގަނެވުނީ އާރިޒްއަށްވުރެ ގަހާއިމެދު ހިތާމަކުރާ ހާލުގައެވެ. އާރިޒްގެ އެއް އަތް ކިރިޔާ ފެންނަކަމެވެ.

"އާރިޒްބެ. އާ ޔޫ އޯކޭ؟ " އާރްޔާ ގުދުވެފައި އާރިޒްގެ އަތުގައި ހިފާ ތަޅުވައިގަތެވެ.

"އަމިއްލައަށް ޖާނުން ފިދާވެގެން މަރުވާންވެގެން އާރިޒް ގަސްތުގައި ގަސްތަކުގެ ތެރެއަށް ވަދެގެން އެހެން މީހުންވެސް ނުރައްކަލަށް ހުށަހަޅައިފި. ވައްކަން ކުރަންޏާ ވާނެގޮތަށް ވެފައި ތިއޮތީ....."ބަލްސަމް ރުޅިވެރިކަމާއިއެކު ބުނެލިއެވެ. ހިތުގައި ހަމްދަރުދީއެއް ނެތެވެ. ހިތުގައި ނަގަމުން ދިޔަ ނަފްރަތުގެ ބިޔަ ރާޅު އޭނަގެ ހިތް ކުރިއަށްވުރެ ހިލަކޮށްލައިފިއެވެ. ވަގެއް ނަމަވެސް އިންސާނިއްޔަތުކަން ހުރި މީހެއް ވިއްޔާ އެފަދަ ހާލަތެއްގައި ހަމްދަރުދީވެ އެހީވާން މަސައްކަތްކުރާނެއެވެ. އެއޮތް ބިޔަގަސް ދަށުވެ އެ ކުއްޖާ އޮތީ ޗިސްވެފައި ނޫންކަމެއްވެސް ނޭގެއެވެ.

"ބަލްސަމް ތިހާ ރަހުމްކުޑަ މީހަކަށްވީ ކޮންއިރަކު؟ މީހެއްގެ ފުރާނައޭ މިއޮތް ދަނީ..." ފުރުގާން ދަތްތަކަށް ބާރުލާފައި ހަމައެކަނި ބަލްސަމްއަށް އިވޭވަރަށް ކިޔާލާފައިގޮސް ގޮފިތައް ދުރުކުރަން މަސައްކަތްފެށިއެވެ.

ފުރުގާންއާއި ސިއެނާ އަދި އާޔާގެ އެހީގައި ގަހުގެ ގޮފިތައް ހިއްލާލާފައި އާރިޒް ތެދުވުނުއިރު އެންމެން ހީކުރިގޮތާއި ޚިލާފަށް އޭނަގެ ބޮލުގެ އިސްތަށްޓަކަށްވެސް ގެއްލުމެއްވިހެން ހިޔެއްނުވެއެވެ. ޔަގީނުންވެސް މޫނަށް ޒަޚަމްތަކެއް ލިބިފައި ނެތެވެ. ކޮންމެވެސް ވަރަކަށް ފަޔަށް ގެއްލުންވިކަން އެނގުނީ ފައި ދަމަމުން ހިނގައިގަތްގޮތުންނެވެ. ޓީޝާޓުގެ ބައެއް ތަންތަން ވީދި ވިނަކޮޅު ތަތްލާފައެވެ. އޭރު ވައި ތަންކޮޅެއް މަޑުވެ ތޫފާން އެ ސަރަހައްދު ފަސްދީ ހިގައްޖެކަމާއިމެދު ޝައްކެއްނެތެވެ. ސިއެނާވެސް އާރިޒްގެ އަތުގައި ހިފަހައްޓާފައި އޯގާތެރިކަމާއިއެކު ވާހަކަދެއްކިއެވެ. އަނިޔާއެއް ވިހެއްޔޭ އަހައިލިއެވެ.

އާރްޔާ ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ.

އާޔާ އޭނަގެ ބައިސްކަލް ގެންގޮސް ފެންޑާގައި ބަހައްޓާފައި ޝުކުރުގެ އެންމެ ލަފުޒެއްވެސް ނުބުނެ ހަށަން ބަދެލައިގެން ހުރީއެވެ. ސިއެނާ އޭނަގެ ފޯނުން ގަސް ވީޑިއޯކޮށްލިއެވެ. އިރުކޮޅެއްގެ ތެރޭ ފުލުހުން އައުމާއެކު ފުލުހުންނަށް ގުޅީ ބަލްސަމްކަން އެނގި ފާރޫގުގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

"އަޅުގަނޑުމެން ބޭނުން މިކުއްޖާ ނެގި ޑައިމަންޑް އޭނަ އަތުން އަތުލާފައި ވެރިމީހާއާއި ހަވާލުކޮށްދިނުން................." ބަލްސަމް އާރިޒްއަށް އިޝާރާތްކޮށްލިއެވެ. އޭރު ބަލްސަމްއަށް ޔަގީންކޮށްގެން ހުރީ އާރިޒް ނޫރިއާ ކޮޓަރިން ނޫނީ ތިޖޫރީއިން ވައްކަންކޮށްގެން އުޅެނީކަމުގައެވެ. އާރިޒްއަތުގައި ފައިސާ ހުރި ވަރާއި އޭނަގެ ފުދުންތެރިކަން ހުރި މިންވަރު އެންމެ ރަގަޅަށް އެނގޭނީ ބަލްސަމްއަށެވެ. ނޫރިއާގެ ކޮޓަރީގައި ކޮންމެވެސް ވަރަކަށް ޖަވާހިރުތައް ގެންގުޅެއެވެ. އާރިޒް ހަނި ފުރުސަތެއްގެ ބޭނުން ކޮށްލީ އެހެންމީހަކަށް ނޭގޭނެކަމުގައެވެ.

ފާރޫގު ހައިރާންވިއެވެ. ކަރަންޓު ކެނޑުނުއިރު އެ ޖަވާހިރުއޮތީ ބަލްސަމްގެ އަތުގައެވެ.

"އަތުލިހާ އިރުން ޖަހައިގެން ދުއްވައިގަތީމަ ފުލުހުންނަށް ގުޅަންޖެހުނީ. އޭނަގެ ކޮޓަރިވެސް ފާސްކޮށްލަ ދެއްވާ....." ބަލްސަމް ފުލުހުންނަށް އިރުޝާދުދިނެވެ.

އާރިޒް ހުރީ ހަމަޖެހިލާފައެވެ.

"ބޮޑީ ސާޗްކުރިޔަސް އަޅުގަނޑުގެ މައްސަލައެއްނެތް. އަޅުގަނޑުގެ އަތަކު މިހާރު އެއެއް ނެތް. އެއީ އެކުވެރިއަކު ދިން ހަދިޔާއެއް. އޭގެ ބައެއް އެހެން ސްޓޯންސްތައްވެސް އަޅުގަނޑުއަތުގައި ހުންނާނެ. އެކި ކުލަ ކުލައިގެ ސްޓޯންސްތައް ބޮޓްލްއެއްގައި... އެކުއްޖާ ދިނީ އެފުޅި އެއްކޮށް. ހިތަށް ނާރާ އެހާ އަގުބޮޑު އެއްޗަކަށް ވެދާނެއޭ................." އާރިޒް ފުލުހުންނާއެކު ދާން ހިގައިގަންނަމުން އޭނަގެ މަންމައަށް އިވޭވަރަށް ބުނެލިއެވެ.

އާރިޒްގެ ކޮޓަރީގައި ޒޭބްދިން ފުޅި ހުރިކަމީ ނަސީބެކެވެ. އޭނަގެ އަތުގައި އެސްތައް ހުރުން ސާބިތުކޮށްދޭކަމެކެވެ. އޭނަ ވައްކަން ނުކުރާކަން ފުލުހުންނާއި ބަލްސަމްއަށް އަންގާދޭނެ ހެއްކެކެވެ. ނަމަވެސް އަޖައިބުވިކަމަކީ އެފުޅިވެސް ފެންނާން ނެތުމެވެ. ފުލުހުން ހުރިހާތަނެއް ފާސްކުރުމަށްފަހު އާރިޒްގެ ބަޔާން ނަގައިގެން ދިޔުމުން ބަލްސަމްއަށް އާރިޒް ހެދި ދޮގު ފަޅާ އެރީއެވެ. އޭނައަށް އެބުނާ ފުޅިއެއްވެސް ނުދެއްކުނުތާއެވެ. އާރިޒް ވައްކަންކޮށްފައި އެކަން ފޮރުވަން ހެދި ދޮގުވެސް ބޭޒާރުވީއެވެ. ފުރުގާން އެކަމާއި މައްސަލަޖެއްސިއެވެ. އާރިޒް ވަގަށް ނެގި އެއްޗެއް އާޔާއަށް ހަދިޔާކުރާހާ ގަމާރު ނުވާނެކަމުގައި ބުނީ ބަލްސަމްދެކެ ނުރުހިފައި ހުރެއެވެ. އެއީ މަސްނޫއީ ޖަވާހިރަކަށްވެދާނެ ކަމަށާއި ތާކުން ތާކު ނުޖެހޭ ކޫސަނި ކަންތައްތަކުގައި ފުލުހުންނަށް ނުގުޅަން ފުރުގާން އިންޒާރުކުރިއެވެ. ނޫރިއާ ޔަގީންކަމާއިއެކު ބުނީ އެއީ ޖަވާހިރެއް ކަމުގައެވެ. އާރިޒް ގާތުން އެހުމުން ދިން ޖަވާބަކީ އެކުވެރިޔަކު ކުރި ހަދިޔާއެއްކަމުގައެވެ. އަލާނިއަލްގެ ކޮއްކޮއެއް ކަމުގައި ބުނުމުން ފުރުގާންގެ ދެލޮލުން ފަޅި ސިކުންތުކޮޅަކަށް ނަމަވެސް ހައިރާންކަން ފެނިލާފައި އޭނަ ހަމަޖެހިއްޖެއެވެ.

އާރިޒްގެ ނަފްސާނީ މައްސަލަ ހުރުމުން އޭނައަށް ލިބޭ ކޮންމެ ހަދިޔާއެއްވެސް ދޭ މީހަކަށްވެސް އަލާނިއަލް ވަނީއެވެ. ނޫނީ އަލާނިއަލްގެ ތިމާގެ މީހަކަށްވެސް ވީއެވެ. އާރިޒް ފައި ދަމަމުން ހިނގާތީ ފުރުގާން އާރިޒްގެ ފައި ޗެކްކޮށްލިއިރު ފައިގާ ތަންގަނޑެއް މަށައިގެންގޮސްފާ ހުރުމުން ހާކާލާނެ ބޭސްއުރައަކާއި ގުޅަބޭސްތަކެއް ދީފައި ގަވާއިދުން ކެއުމަށް އިރުޝާދުދިނެވެ. ފުރުގާންގެ އަޅާލާ އޯގާތެރި މިޒާޖަކީ އޭނަ ޑޮކްޓަރަކަށްވާތީކަން އާރިޒްއަށް އެނގުނެވެ. އެހެންނޫންނަމަ އޭނަވެސް ވާނީ ފޮނި ބޮޑާ މީހަކަށެވެ. އާރިޒް ކޮޓަރިއަށް ވަދެފައި އެނދަށް ބަންޑުން ވެއްޓިގަތްގޮތަށް ހިމޭނުން އޮތްއިރު އޭނަގެ މަންމަ ބަލްސަމްގެ ބަސްތަކުން ހިތުގައި ޖެހުނުވަރުން އިތުރު ކަމެއްކޮށްލާނެ ހިތްވަރެއް ނުލިބުނެވެ. ނުވީތާކަށް ފުލުހުންނަށް ގުޅައިގެން ގެނުވާ އޭނަގެ ހުރިހާ އެއްޗެއް ހާވަން މަންމަ ހުއްދަދީފިއެވެ.

ނޫރިއާއާއި ފާރޫގު ބަލްސަމްއާއި ކުދިން ޕޯޓިކޯއަށް ނުކުތީ ނާސްތާ ކޮށްލާށެވެ. އެގޭ ބަގީޗާގައި ރަނިކަން ކުރަމުން އައި ވޯލްނަޓްގަސް ބަގީޗާގެ އެހިސާބު އެއްކޮށް ފުރާލައިގެން އޮތްތަން ފެނި އެންމެންގެ ހިތަށް އަސަރުކޮށް މާޔޫސްކަންވެރިވިއެވެ. ނޫރިއާގެ ލޯ ފެންކަޅިވިއެވެ. އެތައް ހަދާންތަކެއް ގުޅިފައިވާ ގަހެކެވެ. ނަމަވެސް ކޮންމެ އެއްޗަކީ ފަނާވެދަނިވި އެއްޗެކެވެ. ކޮންމެ އެއްޗަކަށް ނިމުމެއް އަންނާނެއެވެ. މިއީ ވަގުތީ އުފަލެކެވެ. އަބަދަށްޓަތާ ދެމިވޮޑިގެންވަނީ ޚާލިގުވަންތަ މާތް ﷲއެވެ.

ބަގީޗާގެ ރީތިކަން ގެއްލުނީއެވެ. ހިތްގައިމު ގަސްތަކެއް އިންދިޔަސް ހަދާންތަކުން ފުރިފައިވާ އެ ގަސް ނެތިގެން ދިޔުމުގެ ހިތާމަ ހިތަކުން ނުފޮހެވޭނެއެވެ. ފުރުގާން ކޮންމެވެސް މީހަކަށް ގުޅާފައި އެގަސް އެތަނުން ނަގަން އެންގިއެވެ. އެއީ ފަސޭހަ ކަމަކަށްނުވާނެއެވެ. ހުރިހާ ގޮފިތައް ވަކިކޮށްލާ ގަހުގެ މައިގަނޑު ނަގާ ކުނިތައް ކަހާ ސާފުކޮށް ނިމުމުން އަދި ބަގީޗާ ފަޅުވާނެވަރު މިހާރުއްސުރެ ލޮލަށް ފެނެއެވެ.

"އާރިޒް ފޮނުވައިލަން ވީ........" ބަލްސަމްގެ އެތެރެހަށީގައި އާރިޒްއާއިމެދު ހަސަދަވެރިކަން އުފެދިފައިވީ އިންތިހާއަށެވެ. ޚާއްސަކޮށް އޭނަ އެ ޖަވާހިރު އަތުން ޖަހައިގަތީ އޭނަގެ އަތް އަނބުރާލާފައިވިއްޔާއެވެ. ކޮނޑުހުޅުވެސް ލުއްސާލިހެން ހީވިއެވެ. އަތަށް ތަދުވިވަރުން ބޭސްލައިގެންވެސް އެރިހުން ކުޑަވާގޮތެއްނުވިއެވެ. ނުބައި ނުލަފާ ދަރިއެކެވެ. ކޮންމެތާކުން ނެގިޔަސް އާރިޒް ވަގަށް ނެގި އެއްޗަކަށް ނޫނީ ނުވާނެއެވެ.

އާޔާ ލައިގެން އިނީ ހުރަސްރޮގު ދެމި ގަޔަށް ބާރު ޓޮޕްކޮޅާއި ސްކިނީއެކެވެ. ދޮން އަތާއި ދިގު ކަދުރާ ހާމައަށެވެ. ހިމަ ހަށިގަނޑުގެ ބައްޓަން ފާޅުކޮށް އެގޭފަދަ ހެދުމެކެވެ. އެތެރެއިން ލާފައި ހުރި އެއްޗެހީގެ ވާކޮޅުތައް ކޮނޑުމަތިން ފެންނާން ހުއްޓެވެ. ބުޅި ނުކިޔަމަންތެރި އިސްތަށިގަނޑު ވޫލްކޮޅަކުން ގައިދުކޮށްލާފައެވެ. އޭނަ އެކިގޮތްގޮތަށް ހުއްޓިލައިގެން ހުރެ ތުއިކޮށް ސެލްފީ ނެގިއެވެ. ތުންކޮޅު އޫކޮށްލައިގެން ހުރެއާއި ވައްތަރުތައް ޖައްސާފައެވެ. ނެގި ސެލްފީތަކުން ހިތްހަމަޖެހޭވަރުގެ އެއްޗެއް ވިއްޔާ އެކުވެރިންނާއި ހިއްސާކޮށްލިއެވެ. އެހެން އުޅެފައި ކުޑަދޮރުން ބޭރަށް ބަލައިލުމާއިއެކު ދެލޯ ބޮޑުކޮށްލެވުނެވެ. ވެއްޓިފައިވާ ވޯލްނަޓްގަހާއި ކައިރީގައި ހުރި އާރިޒްގެ ނަޒަރު ހުރީ އޭނައަށެވެ. އެތާ ހުންނަތާ ވީއިރެއްވެސް އެނގެނީއެއް ނޫނެވެ.

"އިޑިއަޓް...." އާޔާ ރުޅިއައިވަރަށް ލަދުވެސް ގަތެވެ.

"ދެން ހަމަ ބަލަން ޖެހޭތަ؟ " އާޔާ ދަތްތައް ވިކައިގަތެވެ.

ދޮރު ލައްޕައިލަން އުޅެނިކޮށް ދެން ފެނުނު މަންޒަރުން އާޔާ އަނބުރައިގަންނަފަދަ ގޮތެއްވިއެވެ. އާރިޒް ބާރުބާރަށްގޮސް ގަހުގައި ހިފާ ދަމައިގަތްގޮތަށް އެވަރުގަދަ ސަތޭކަ ފޫޓް ގަސް ބިމުން ހިއްލާލައިފިއެވެ. އެގަސްކުރިން ހުރިގޮތަށް އޭގެ މަކާނުގައި ހަރުލި މަންޒަރު ފެނުނީ އާޔާގެ ލޮލަށެވެ. އެގަހުގައި އެލުވާފައި އޮންނަ ޓައިރުގައި ހިފާފައި އާރިޒް ހެއްލާލަމުން އާޔާއަށް ބަލައިލަމުން އެއްލޯ މަރާލައިފިއެވެ.

"އޯ މައި ގޯޑް....." އާޔާ އަނގަމަތީ އަތްއަޅާލާފައި ދެލޯ ފޮހެލިއެވެ. އޭނައަށް ފެންނަނީ ހަގީގަތެއް ހެއްޔެވެ؟ ނޫނީ މިހުރެވުނީ ނިދާފައިބާވައެވެ. އަތުގައި ވިކައިގަތުމުން ތަދުވެގެން ފުންމައިގަނެވުނެވެ. އާރިޒްގެ އަތުގެ މުލައްދަނޑީގައި އެހާ ވަރު ހުންނާނެކަމަކަށް އަދިވެސް ގަބޫލެއްނުކުރެވެއެވެ. ބައްޕަ ބުނުއްވިގޮތުން ސްކިޒޮފްރީނިއާ މީހުންގެ އާދަޔާ ޚިލާފު ބާރުތައް ހުރެދާނެއެވެ. ނަމަވެސް މިއީ އިންސާނުންގެ ގިންތީގައި ހިމެނޭ ފަދަ ބާރެއްހެއްޔެވެ؟ މޮޔަ ބޮލަށް އަރައިގެންވެސް ސަތޭކަ ފޫޓްގެ ވަރުގަދަ ގަހެއް ހިއްލާލެވިދާނެބާވައެވެ.

އާޔާ ދޮރު ލައްޕާލާފައި ފަރުދާތައް ދަމައިލިއެވެ.

އޭނަ ބޭރަށް ނުކުތްއިރު ވޯލްނަޓްގަސް ކޮޅަށް ހުރި މަންޒަރު ފެނި އެންމެން ހައިރާންވެގެން ގަސްދަށަށް ޖަމާވެ އުޅުނެވެ. އަވިދިއްލާލާފައި އޮތްއިރު ގަހުގެ ފަތްތައް ފުރޭނިގެން ކޮކާ އަލި ބިމަށް އެޅި ހަލާކުވެފައިވާ ފެހި ވިނަގަނޑު މައްޗަށް އަލިކޮށްލާފައިވެއެވެ. ފުރުގާން ގެނުވި މަސައްކަތު މީހުން ހީކުރީ އެމީހުންގެނައީ ގަސް ކަނޑަންކަމަށެވެ. އެގަސް ވެއްޓިފައި އަލުން ކޮޅަށް ޖެހުނު ވާހަކަތައް ގަބޫލުކުރާނެ ސިކުނޑިއެއް އެތާކުނެތެވެ. އެމީހުން ހީކުރީ ފުރުގާން ޖޯކެއް ޖެހީކަމަށެވެ.

އާޔާ ހިމޭންކަން ޚިޔާރުކުރިއެވެ. އާރިޒްއަށް އެކަމުގެ ކްރެޑިޓް ލިބި އެންމެންނަށް އޭނަ ބަތަލަކަށް ހަދައިފާނެ އެއްވެސް ލަފުޒެއް އޭނަގެ ތުންފަތުން ބޭރުކުރުމާ އޭނަގެ ހިތް ދެކޮޅެވެ. އާރިޒް އެ ބުރަމަސައްކަތް ކޮށްލާފައި ދިޔައީ ކޮންތާކަށް ހެއްޔެވެ؟ އަމިއްލައަށް ފޮނިކަނޑާނެ ވަގުތަކަށް ފުރުސަތަކަށް އަދި އޭނަ ބަލަބަލާ ހުންނާނެއެވެ. އާޔާއަށް އެމަންޒަރު ފެންނާނެކަމަށް އާރިޒް ބުނާނެކަން ޔަގީނެވެ. އޭނަ ވަގުތުން ދެކޮޅު ހަދާނީއެވެ. އާރިޒްއަށް އެފަދަ ކަމެއް ކުރެވޭނީ ހުވަފެނެއްގައި ކަމަށް ބުނާނީއެވެ. އާޔާ އެ މަންޒަރު ޚިޔާލުން ނެރެން އުޅުނަސް ފެންނަނީ އާރިޒް އެގަސް ކޮޅަށް ނަގާފައި އެއްލޯ މަރައިލިގޮތެވެ.

"ޑެވިލް....." ހަޔާ ހިތާހިތުން ކިޔައިލިއެވެ.

ގަސް އަމިއްލައަށް ކޮޅަށް ތެދުވުން މުއުޖިޒާތަކަށްވެގެން އެންމެން ގަސްކައިރީ ޕާޓީ ބާއްވާ އުފާ ފައުޅުކުރިއިރު ނޫރިއާގެ ހިތުގައި ބިރުވެރިކަން އަށަގަނެއްޖެއެވެ. ނުބައި ޝައްކުތަކެއް ހިނގައިގެންފިއެވެ. މިއީ އިންސާނުންގެ ބާރުގައި ހިނގިކަމެއް ނޫނެވެ. ވަޔާއިއެކު ގަސްވެއްޓުމަކީ އެކަށީގެންވާކަމެކެވެ. މުލުން ލުއްސާލައިގެން ބޮޑު ވަޅުގަނޑެއް ހެދިފައި ހުއްޓާ އަލުން އެގަސްހުރިގޮތަށް ރުޖޫއަވެ ވަރުގަދަކަމާއިއެކު ކޮޅަށް ހުރުމަކީ ބިރެކެވެ. ނޫރިއާގެ ހިތުގައި ވާ ބިރުވެރިކަން ހިއްސާކުރަންވީ ކާކާހެއްޔެވެ؟ ފުރުގާންވެސް އެކަން ގަބޫލުކުރާނީއެއް ނޫނެވެ. ކުދިންތައް ސެލްފީ ނަގަ ނަގާފައި އުޅުނެވެ. ގަސް ވެއްޓިފައި އޮތް މަންޒަރާއި އެގަސް ކޮޅަށް ހުރި މަންޒަރު ސޯޝަލް މީޑިއާގައި ހިއްސާކުރިއެވެ. ގިނަމީހުން އެވާހަކަ ގަބޫލެއްނުކުރި ކަމުގައިވިޔަސް އެކަން ހިގާފާނެކަމަށް ބުނި މަދު ބަޔަކު ތިއްބެއެވެ.

ދެތިން ދުވަސް ފާއިތުވެގެން ދިޔައެވެ. އާރިޒްގެ ފައިގާ ހުރި ޒަޚަމްތަކަށް ފަރުވާނުދީ ފަރުވާކުޑަކޮށްލެވުމުގެ ނަތީޖާއެއްގެ ގޮތުން އިންފެކްޝަން ހެދި ފައި ދުޅަވެ ނުހިގޭވަރުވެ ހުން އައެވެ. އެރެއިން ފެށިގެން ހުންގަދަވެ ބުރާންތިވާވަރުވިއެވެ. މަންމައަށް ގޮވައިލެވުނެވެ.

"މަންމާ........" އާރިޒްގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ބާލީހަށް ފޫދުނެވެ.

އާރިޒް ކޮޓަރިން ނުނިކުމެ ތަޅުލައިގެން އޮތުމުން އެކަމާއި ކަންބޮޑުވެ ފްލޯރާ އެވާހަކަ ބަލްސަމް ގާތު ބުނި އަޑު ފުރުގާންއަށް އިވުނެވެ. އާރިޒްފަދަ ނަފްސާނީ ބަލި މީހަކު ކޮންމެފަދަ ކަމެއްކޮށްފާނެކަމުގެ ބިރު ފުރުގާންގެ ސިކުނޑި އެލާޓަށް ގެނުވިއެވެ. ކޮޓަރީގެ ޑަބަލް ތަޅުދަނޑި ހިފައިގެންގޮސް ދޮރު ހުޅުވައިލިއިރު ފެނިދާނެ ކޮންމެފަދަ ބިރުވެރި މަންޒަރަކަށް އޭނަ ތައްޔާރުވިއެވެ. ނަސީބަކުން އެފަދަ ބިރުވެރިކަމެއް ނުފެނުނެވެ. އާރިޒްގެ ނިތްކުރީގައި އަތްލާފައި ފުރުގާންއަށް އަތް ދަމައިގަނެވުނެވެ. އަނގުރު އަލިފާންކޮޅެއްފަދައެވެ. އަޅި ޓީޝާޓަކާއިއެކު ސޯޓެއްލައިގެން އޮތްއިރު ރަޖާއޮތީ ގައިމަތިން ނެގިފައެވެ.

"އާރިޒް. ކިހިނެއްވީ؟ ފައި ރަގަޅު ނުވަނީތަ؟ "

އާރިޒްގެ ފައިގައި ހުރި ޒަޚަމްތަކަށް ބަލައިލުމާއެކު ފައި ދުޅަވެފައިވާކަން އެނގުނެވެ. އެވަގުތު އާރިޒް އުދަގޫގޮތަކަށް ލޯ ހުޅުވާލައިފިއެވެ. އާރިޒްއަށް ލިބިފައިވާ ތޫނު ކަޅިރަވައާއި އަޅި ކުލައިގެ ލޮލަށް ނަޒަރު ހުއްޓުމާއިއެކު ފުރުގާންއަށް ލިބުނު ހައިރާންކަމާއެކު ދެލޯ ބޮޑުކޮށްލެވިއްޖެއެވެ. އެއާއެކު އާރިޒް ކަންބޮޑުވެފައި ދެލޯ މަރައިލީ އެ ސިއްރު ފޮރުވަންވެގެންނެވެ. ނަމަވެސް ފުރުގާންއަށް އޮޅުވައިނުލެވޭނެކަން އެނގުނެވެ. ބަލްސަމް އޭނަ މަރައިލާނެއެވެ.

(ނުނިމޭ...)

https://sun.mv/119923

comment ކޮމެންޓް