އީރާނުގެ ނިއުކްލިއާ މައްސަލަ ނުސިޔާނު ފައްތަރެއްގައި

ޖަރުމަނުގެ ޚާރިޖީ ވަޒީރު އީރާނުގައި

އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރުމަށްޓަކައި 2015 ވަނަ އަހަރު ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނުން ސޮއިކުރި އެއްބަސްވުމުން އެމެރިކާ ވަކިވުމާއެކު އެއެއްބަސްވުން ހިމާޔަތް ކުރުމުގައި ޔޫރަޕްގެ ބޮޑެތި ބާރުތައް ނާކާމިޔާބު ވެފައިވާ ކަމަށާ މިކަމުގައި ދެން ދޫދީގެން ނޯންނާނެކަން އީރާނުންވަނީ ހާމަކޮށްފައެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން އައްބާސް މޫސަވި ދާދިފަހުން ވިދާޅުވެފައިވަނީ އެމެރިކާގެ ބޭނުމަކީ އަމިއްލަ ނަފްސުގެ ދިފާއަށްޓަކައި އީރާނުން ކުރާ ކޮންމެ މަސައްކަތް ހުއްޓުވައި ހަތިޔާރުގެ ގާބިލުކަން ނެތް، ނިކަމެތި ގައުމަކަށް ހަދައިގެން އީރާނަށް ހަމަލާދޭނެ ފުރުސަތެއް ހޯދުން ކަމަށާ އެފުރްސަތު އެމެރިކާއަށް ނުދޭނެ ކަމުގައެވެ.

އަނެއްކޮޅުން މިއަދު އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ އެމެރިކާ އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާއިރު އެފިޔަވަޅުތަކުން އީރާނުގެ އިގްތިސާދު ހިމާޔަތްކޮށްދޭނެ ކަމުގެ ޔަގީންކަން ޔޫރަޕްގެ ބޮޑު ތިން ބާރުކަމަށްވާ ޖަރުމަނު، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުން ކުރިން ދިންނަމަވެސް މިހާތަނަށް އެގައުމުތަކަށް އެކަން ކުރެވިފައި ނުވާކަމުގައެވެ. އީރާނުގެ ޚާރިޖީ ވުޒާރާއިން މިބަޔާން ނެރެފައި މިވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ރޫޅިގެން ދިޔުމުން ސަލާމަތް ކުރުމަށްޓަކައި އީރާނުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ޖަރުމަނުގެ ޚާރިޖީ ވަޒީރު ހެއިކޯމަސް ތެހެރާނަށް ވަޑައިގަތުމުގެ ކުޑަ ތަންކޮޅެއް ކުރިންނެވެ.

އީރާނުންވަނީ އެމެރިކާ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށްފަހު އެ އެއްބަސްވުމުން އީރާނަށް ލިބިދޭ ހައްގުތައް ހިމާޔަތްކުރުމުގައި ޔޫރަޕުގެ ބާރުތައް ނާކާމިޔާބުވެފައިވާތީ ނިއުކްލިއާ އެއްބަސްވުމުގައި ހިމެނޭ ބައެއް ބައިތަކަށް އަމަލުކުރުން މިދިޔަ މޭ މަހު ހުއްޓާލާފައެވެ.

މިއާއެކު ޔޫރޭނިޔަމް ފައްކާކުރުންފަދަ ނިއުކްލިއާ ބައެއް ހަރަކާތްތައް މިޖޫންމަހު އީރާން ވަނީ އަލުން ފަށާފައެވެ. އަދި އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވަނީ ނިއުކްލިޔާ އެއްބަސްވުމުން އީރާނަށް ލިބިދޭ ހައްގުތައްހިމާޔަތް ކޮށްދިނުމަށް ޔޫރަޕްގެ ބޮޑު ތިންބާރަށް އީރާނުން ދީފައިވާ ދެ މަސްދުވަހުގެ މުހުލަތު ހަމަވުމުގެ ކުރިން އެކަން ކޮށްނުދެވިއްޖެނަމަ އެ މުހުލަތަށްފަހު ނިއުކްލިޔާ އިތުރު ހަރަކާތްތައް އަލުން ފަށާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. މިހާލަތު ދިގުލައިގެންދާނަމަ އީރާނުގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ނިއުކްލިޔާ އެއްބަސްވުމުން އީރާން ވަކިވުމަކީވެސް ލިބިފައިވާ އިޚްތިޔާރެއްކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރު ހެއިކޯމަސް މިއަދު އީރާނަށް ވަޑައިގެންނެވީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ހިމާޔަތް ކުރުމަށްޓަކައި އީޜާނުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށެވެ. އެމެރިކާ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ ތެލުގެ އިންޑަސްޓްރީ އައި ބޭންކިން ނިޒާމު ހިމާޔަތްކޮށްދޭނެ ކަމުގެ ޔަގީންކަން މިދަތުރުފުޅުގައި ޔޫރަޕްގެ ބޮޑު ތިންބާރުގެ ފަރާތުން ހެއިކޯމަސް އީރާނުގެ ލީޑަރުންނަށް ދެއްވާނެކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ޔޫރަޕްގެ ބޮޑު ތިންބާރަށް އެކަން ކުރެވިދާނެކަމާމެދު އީރާން ކުރާ ޝައްކުތައް ފިލުވާލެވޭ ވަރުގެ ގެރެންޓީއެއް ހެއިކޯމަސް އަށް ދެއްވިދާނެތޯ މުރާސިލުން ވަނީ ސުވާލު އުފައްދާފައެވެ.

އެމެރިކާ އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނުގެ ތެލުގެ އިންޑަސްޓްރީ އައި ބޭންކިން ނިޒާމު ހިމާޔަތްކޮށްދިނުމަށްޓަކައި ޔޫރަޕްގެ އިއްތިޙާދުން މިއަހަރުގެ ކުރީކޮޅުވަނީ ޑޮލަރާނުލައި އީރާނާ ވިޔަފާރި ކުރެވޭނެ ޕޭމަންޓް ނިޒާމެއް ގާއިމްކޮށްފައެވެ. ނަމަވެސް ޔޫރަޕާއެކު ކުރަންޖެހޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ވިހި އިންސައްތައްވެސް އެ ޕޭމަންޓް ނިޒާމުން ކަވަރު ނުކުރާ ކަމުގެ ޝަކުވާ އީރާނުން ކުރެއެވެ.

2015 ވަނަ އަހަރު ދުނިޔޭގެ ބޮޑެތި ބާރިތަކާއެކު އީރާނުން ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމުން އީރާން ވަކިވެދާނެ ކަމުގެ ބިރު ޔޫރަޕްގެ ބޮޑުތިން ބާރުން އިޙްސާސް ކުރެއެވެ. އަދި މި އެއްބަސްވުމުން ވަކިނުވިނަމަވެސް އޭގައި މަނާކޮށްފައިވާ ނިއުކްލިޔާ ގިނަ ހަރަކާތްތަކެއް އަލުން ފަށަން އީރާން ނިންމި ނިންމުމަކީވެސް ޔޫރަޕްގެ ބޮޑުތިން ބާރުން ކަންބޮޑުވާކަމެކެވެ. އީރާނަކީ އެގައުމާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކޮށް ހަނގުރާމަކޮށްގެން އިރާނުގެ މައްޗަށް ކާމިޔާބު ހޯދޭވަރަށްވުރެ އަސްކަރީ ގޮތުން ކުރިއަރާފައިވާ އަދި ބަރު ހަތިޔާރު އުފައްދާ ގައުމެކެވެ.

އީރާނަށް އިސްވެ ހަމަލާދީފިނަމަ ރައްދުގައި ގަލްފުގެ ތެލުގެ އިންޑަސްޓްރީ އާއި ސައޫދީ އަރަބިޔާއާއި ޔޫއޭއީ ފަދަ ގައުމުތަކަށް ސާފުބޯފެން ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ޑެސިލިނޭޝަން ޕްލާންޓްތައްފަދަ ހައްސާސް މަރުކަޒުތައް ހަލާކުކޮށްލުމުގެ ގާބިލްކަން އީރާނަށް ލިބިގެންވާކަމަށް ހުޅަނގުން ގަބޫލުކުރެއެވެ. އަދި މިފަދަ ހާލަތެއްގައި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން އިސްރާއީލަށް ހަމަލާދީ މެދުއިރުމަތީގައި ހުޅު ރޯކުޜާނެކަމުގެ ބިރުވެސް ހުޅަނގުން އިޙްސާސް ކުރެއެވެ. އެހެންކަމުން އީރާނާ ހަނގުރާމަ ކުރުމަކީ ފަސޭހަ ކަމެއްނޫންކަމަށް އެގައުމުތަކުން ދެކެއެވެ.

އެހެންކަމުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުން ފިޔަވައި އީރާނާ ދެކޮޅަށް ކުރެވޭނެ މާބޮޑު ކަމެއްނެތްކަމަށް އެމެރިކާވެސް އަދި ޔޫރަޕްވެސް ދެކެއެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން އީރާންގެ ވެރިކަން ބަދަލުނުކުރެވޭނެކަމާއި އީރާނުގެ ސިޔާސަތުތައްވެސް ބަދަލުކުރަން އީރާނަށް މަޖްބޫރު ނުކުރެވޭނެކަން އެގައުމުތަކަށް އެނގެއެވެ. ނިއުކްލިޔާ އެއްބަސްވުމުގައި މަނާކޮށްފައިވާ ހަރަކާތްތައް އީރާނުން އަލުން ފަށައިފިނަމަ އީރާން އެދަނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމާ ދިމާއަށް ކަމާއި އީރާނަކީ އެކަމުގެ ގާބިލްކަން ލިބިގެންވާ ގައުމެއް ކަމަށްވެސް ހުޅަނގުގެ ބާރުތަކުން ދެކެއެވެ. ޖަރުމަނުގެ ޚާރިޖީ ވަޒީރު އީރާނުގެ ލީޑަރުންނާ މަޝްވަރާ ކުރައްވައިގެން މައްސަލަ ސުލްޙަވެރިކަމުގައި ހައްލުކުރުމުގެ ބޭނުމުގައި ތެހެރާނަށް ވަޑައިގެންނެވީ މިސަބަބުތަކާ ގުޅިގެންނެވެ.

comment ކޮމެންޓް