ރާއްޖޭގެ ރަށްރަށުގައި މަގު ހެދުމާއި މަގުތައް ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ 100 ޕަސަންޓު ހިއްސާ އޮންނަ އާ ކުންފުންޏެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރެއްގެ ދަށުން މިއަދު އުފެއްދެވި ކުންފުނީގެ ނަމަކީ "ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް"އެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑުގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް މިއަދު އުފެއްދެވި އިރު، މަގު ހެދުމުގެ މަސައްކަތަށް މީގެ ކުރިންވެސް ސަރުކާރުގެ ކުންފުންޏެއް ވުޖޫދުގައި އޮތެވެ. އެއީ "މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން" (އެމްއާރުޑީސީ)އެވެ.
ކޮރަޕްޝަނުގެ މައްސަލަތަކެއްވެސް ފެންމަތިވި އެމްއާރުޑީސީ އުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގަ އެވެ. އޭރު ސަރުކާރުން ބުނީ އެކުންފުނި އުވާލަން ނިންމީ ކުންފުނީގެ ޚަރަދުތަކާއި ދަރަނި ބޮޑުވެ، ކުންފުނި ހިންގަން ދަތިވުމުންނެވެ.
އެ ކުންފުނީގެ ވަޒީފާގައި އުޅުނު މުވައްޒަފުން ވަނީ އޭރުގެ ހައުސިންގް މިނިސްޓްރީގެ ދަށުން ހިންގި ޕަބްލިކް ވޯކްސް ޑިޕާޓްމެންޓަށް ބަދަލުކޮށްފަ އެވެ. މިހާރު އެ ޑިޕާޓްމެންޓް ހިންގަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާގެ ދަށުންނެވެ.
ރައީސް ސޯލިހު މިއަދު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑު އުފެއްދެވި ގަރާރުގައި ވިދާޅުވެފައިވަނީ ކުންފުނި އުފެއްދެވީ މީހުން ދިރިއުޅޭ ރަށްރަށުގައި އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ މަގުތަކެއް ރަނގަޅު ފެންވަރުގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށްފައި އޮތުމަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތަކަށް ވާތީ އެކަމަށް ހާއްސަ ކުންފުންޏެއް ގާއިމުކުރުމަކީ މުހިންމުކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.
ގަރާރުގައި ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރު އަދި ދިގު ރާސްތާގައި އެއްގަމު ދަތުރުފަތުރު ކުރުމަށް އެއް ރަށް އަނެއް ރަށާ ގުޅާލައި ދާލަން (ބްރިޖު) ތަރައްގީކޮށް، އެންމެ އެކާށިގެންވާ ފެންވަރުގައި އެތަންތަން ބެލެހެއްޓުމަކީ އިގްތިސާދީ އަދި އުމްރާނީ ތަރައްގީއަށް މުހިންމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ކުރުމަށް އެކަމުގެ ގާބިލުކަން ތަރައްގީކުރެވޭ ފަދަ ކުންފުންޏެއް އުފެއްދެވީ ކަމަށް ގަރާރުގައި ރައީސް ވިދާޅުވިއެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ރައުސުލްމާލަކީ 50 މިލިއަން ރުފިޔާއެވެ.