އެމްއާރުޑީސީ އުވާލުމުގެ މަސައްކަތް ފަށައިފި

އެމްއާރުޑީސީގެ ލޯގޯ ---

މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ކުންފުނި އުވާލުމުގެ މަސައްކަތް ކުރަމުންދާތީ، އެކުންފުނީގެ ފަރާތުން ފައިސާ ލިބެން ޖެހޭ އެއްވެސް ފަރާތެއް ނުވަތަ ކުންފުންޏެއްވާ ނަމަ، 18 މާޗުން ފެށިގެން ރަސްމީ ބަންދު ނޫން ހަތް ދުވަހުގެ ތެރޭގައި އެކުންފުންޏަށް އިންވޮއިސް ޑޮކިއުމެންޓާ އެކު ހުށަހެޅުމަށް އެދޭ ކަމަށެވެ.

އަދި 26 މާޗު 2018ގެ މެންދުރު ފަހު 3:00ގެ ފަހުން ހުށަހަޅާ އެއްވެސް ބިލެއް ބަލައިނުގަންނާނެ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.

އެމްއާރުޑީސީ އުވާލާކަމުގެ ޚަބަރުތައް މިއަހަރު ފެށުނީއްސުރެ ދަނީ ފެތުރެމުންނެވެ. އެހެން ނަމަވެސް އެކުންފުނިން މިހާތަނަށް އެކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އެމްއާރުޑީސީ އުވާލުމުގެ މަސައްކަތް ކުރަމުންދާ އިރު، އެކުންފުނިން މީގެ ކުރިން ބައެއް މަސައްކަތްތައް ހައުސިންގް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުވެސް ކޮށްފަ އެވެ. އެގޮތުން، އެކުންފުނީގައި މަސައްކަތް ކުރި ބައެއް މުވައްޒަފުން ހައުސިންގް މިނިސްޓްރީގެ ޕަބްލިކް ވޯކްސްއަށް ބަދަލުކޮށްފައިވެ އެވެ.

ސަރުކާރުން ހިންގާ "ހިޔާ" މަޝްރޫއުގެ ދަށުން ޓަވަރެއް އެޅުމަށްޓަކައި އެމްއާރުޑީސީން ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން އެކުންފުންޏަށް ލިބިފައިވާ 12،000 އަކަފޫޓުގެ ބިމެއްގައި 15 ބުރީގެ އެއް ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާނު ވެސް ކޮށްފަ އެވެ.

comment ކޮމެންޓް