މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ މަޝްރޫއު "މާލެ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓު"ގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވެއްޖެ އެވެ.
މި މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. އޭރު މި މަޝްރޫއުގެ ޕައިލެޓް ފޭސް (ފުރަތަމަ ފިޔަވަހި) ޖުލައި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އާރުޑީސީން ލަފާކުރި އެވެ.
މި މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު "ސަން"އާ ހިއްސާކުރައްވަމުން މޫސާ ވިދާޅުވީ މަޝްރޫއު ހަވާލުކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން ކޮވިޑް19 ބަލިމަޑުކަމާ ކުރިމަތިވެ، މަޝްރޫއު ލަސްވެފައިވާ ކަމަށެވެ.
އެގޮތުން މި މަޝްރޫއު ހިންގަން ބޭނުންވާ ގިނަ ތަކެއްޗަކީ ރާއްޖެއަށް އެތެރެކުރަން ޖެހޭ ތަކެތި ކަމަށްވުމާއެކު ކޮވިޑާ ގުޅިގެން އެކަމަށް ހުރަސް އެޅުނު ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ދަތިތަކަށް ލުޔެއް ލިބުމާއެކު އަލުން މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް މޫސާ ވިދާޅުވި އެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީކުރާނީ މާލޭގެ ހުޅަނގުން، މާފަންނު ވެސްޓްޕާކް ސަރަހައްދާއި ކަނބާއައިސާރަނިހިނގުން އަދި އެމަގާއި ގުޅޭ އެހެން މަގުތަކެވެ.
"މިހާރު ލަފާކުރެވެނީ ޕައިލެޓް ޕްރޮޖެކްޓު ނިންމާލެވޭނެ ޑިސެމްބަރު 29ގެ ނިޔަލަށް. ޕައިލެޓް ފޭސްގައި މި ހިމެނެނީ މައިގަނޑު ހަތް މަގެއް. އެއީ 2.05 ކިލޯމީޓަރުގެ މަގު. ސެޓްލްމަންޓް ޓޭންކްތަކާއި ކާބްސްޓޯންއާއި ކޭބަލް ޖަންކްޝަން ހެދުމާއި ބްލޮކްސް ބޭނުންކޮށްގެން ޕެޑެސްޓްރިއަން ވޯކްވޭ ހެދުމާއި ވޯޓާ މެނޭޖްމަންޓް ސިސްޓަމް ގާއިމުކުރުމާއި ކެރިއޭޖް ވޭ ހެދުމާއި ރޯޑް މާކިންސް އަދި ސްޓްރީޓް ލައިޓް ހަރުކުރުން، މިކަންކަން މައިގަނޑު ގޮތެއްގައި ޕްރޮޖެކްޓް ސްކޯޕްގައި ހިމެނެނީ." މޫސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި މިހާރު މަސައްކަތް ނިމިފައިވާ މަގުތަކަކީ މާލޭގައި އެންމެ ބޮޑަށް މައްސަލަ ދިމާވާ މަގުތައް ކަމަށެވެ. އަދި މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ކުރިއާ ހިލާފަށް މިހާރު އެ ސަރަހައްދުގެ މަގުތަކުގައި ފެންބޮޑުނުވާ ކަމަށް އެތަނުގައި ދިރިއުޅޭ އާންމުންގެ ފަރާތުން ކޮމެންޓު ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މަގުތައް ކޮންނަން ޖެހުމަކީ އިތުރު މައްސަލަތައް ކުރިމަތިވާ ކަމެއްކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ އާރުޑީސީން މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ދިގު މުއްދަތަކަށް މަގު ކޮންނަން ނުޖެހޭނެ ގޮތަކަށް ކަމަށެވެ.
"މި ދިމާވާ މައްސަލަތަކަކީ މަގު ކޮންނަން ޖެހުމުގެ ދިމާވާ މައްސަލަތައް. އިތުރަށް ގާތްގަނޑަކަށް 30-40 އަހަރަށް އިތުރަށް ކޮންނަން ނުޖެހި ވާނެ ގޮތެއް ހޯދުމުގެ ގޮތުން މާލޭގެ މަގެއް އިތުރަށް ނުކޮނެ ފަރުޖެއްސޭނެ ހުރިހާ ގޮތެއް ބަލައިގެން ކުރިއަށް މިގެންދަނީ." މޫސަ ވިދާޅުވި އެވެ.
މާލެ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓުގައި މައިގަނޑު ގޮތެއްގައި ހައްލުކުރަން އަމާޒުކޮށްފައިވާ މައްސަލަތަކަކީ؛
- އަންޑަގްރައުންޑް ޔުޓިލިޓީ ލައިންސް
- ފެންބޮޑުވުން
- ޑީވޯޓަރިން
- އަލިފާން ނިއްވުން
- ސްޓްރީޓްސްކޭޕިން
- އާންމު ދަތުރުފަތުރު
- ޕާކިން
މި މަޝްރޫއު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް ކުރިން ވަނީ ލަފާކޮށްފަ އެވެ. މި މަޝްރޫއުގެ އަގަކީ 462 މިލިއަން ރުފިޔާ އެވެ.