"މާމުއި"ގެ ޕްރޮމޯޝަނަލް ލަވަ: ތަފާތު ދޯ؟

ލަވައިގެ ޕޯސްޓަރެއް---- ފޮޓޯ/ ޑާކްރެއިން

ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ކޮމެޑީ ފިލްމު "މާމުއި"ގެ ޕްރޮމޯޝަނަލް ލަވަ "ރޭރޭ" ދައްކާލައިފިއެވެ.

މި ލަވަ ރޭ ޔޫޓިއުބަށް ދޫކޮށްލާފައިވާއިރު ގިނަ އަދަދެއްގެ ބެލުންތެރީން އަންނަނީ މި ލަވައަށް ތައުރީފް ކުރަމުންނެވެ. ލަވައަށް ގެނެސްފައިވާ ބަދަލުތަކަށް ބެލުންތެރީން ވަނީ ތައުރީފްކޮށްފައެވެ.

"ރޭރޭ"ގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ހުސައިން ތައުފީގެވެ. މީރާ މުހައްމަދު މާޖިދުގެ ހިތްގައިމު އަޑުން އެ ލަވަ ކިޔާފައިވާއިރު ލަވައިގައި ހިމެނޭ ރެޕް ބައި ކިޔާފައިވަނީ ކުރިއަރަމުން އަންނަ ރެޕް އާޓިސްޓް ޓޯއީއެވެ. އެ ލަވައިގައި ރެޕްގެ ބައެއް ހިމެނުމުން ލަވައަށް އިތުރު ފުރިހަމަކަމެއް އައިސްފައިވެއެވެ.

ލަވަ ޕްރޮޑިއުސްކޮށްދީފައިވަނީ މުހައްމަދު އަލީ އަދި އައިޝަތު ފުއާދެވެ. ލަވަ އެންމެ ފުރިހަމަކޮށް އަޑުއިވިގެންދާނީ ހެޑްސެޓް ބޭނުންކޮށްގެންނެވެ.

މި ލަވައިން ވަނީ ހިތްގައިމު ނެށުންތަކެއް ވެސް ފެނިގެން ގޮސްފައެވެ.

ފިލްމުގައި ހިމެނެނީ ޖުމްލަ ހަތަރު ލަވަ އެވެ. އެއީ 'ޖޯޑެއްގެ ސާފު ލޯބި'، 'ރޭރޭ '، 'ތިބާ' އަދި 'އަރައިގެން އައި އިރާއެކު' އެވެ.

އެހެން ކޮމެޑީ ފިލްމުތަކާ ހިލާފަށް އެ ފިލްމު ތަފާތުވާނެ ކަމަށް ފިލްމުގެ ޓީމުން ބުނެ އެވެ. މީހުން ހެއްވާލާނޭ ގިނަ މަންޒަރުތަކެއް ހިމެނޭ އެ ފިލްމު އޮލިމްޕަސް ސްކްރީނުގައި އަޅުވާނީ، އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ.

"މާމުއި" އަކީ އެ ސްޓޫޑިއޯ އިން އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމެވެ.

"މާމުއި" އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރީންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމު މާމުއި އިން މި ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ތަރީންގެ ތެރޭގައި ހިމެނޭނެ އެވެ.

comment ކޮމެންޓް