ޓްރެވަލް ޓްރޭޑް މޯލްޑިިވްސް (ޓީޓީއެމް) ގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖޭގެ ވިޔަފާރިތަކާއި ބައިނަލްްއަގުވާމީ ޓްރެވެލް އޭޖެންޓުންގެ ވިއުގައާއި ފަސޭހަކަމާ އެކު ގުޅުވާލަދިނުމަށް ކުރިއަށްގެންދާ ޓީޓީއެމް ފެއާ އަކީ ރާއްޖެއާއި ރާއްޖެ އިން ބޭރުގެ އެތައް ސަތޭކަ ހޮޓެލިއަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އެއްތަންކޮށް ބީޓޫބީ އިވެންޓެކެވެ.
ޓްރެވަލް ޓެކްނޮލޮޖީ އާއި އެނަލިޓިކްސް އަށް އަމާޒުކޮށް ބާއްވާ މިއަހަރުގެ ޓީޓީއެމް ސަމިޓުގައި ފަތުރުވެރިކަމުގެ ދާއިރާގައި އެނަލެޓިކްސް، ޑައިނަމިކް ޕްރައިޒިން، ޑިޖިޓަލް އަދި އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ވިޔަފާރިތަށް ކުރިއެރުވޭނެ ގޮތްތަކަށް މަޝްވަރާ ކުރާނެ އެވެ.
އުރީދޫ އިން ޓީޓީއެމްގެ ޓައިޓަލް ސްޕޮންސަރަކަށް ވުމާ ގުޅޭ ގޮތުން އުރީދޫގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ ޓީޓީއެމް ބޭއްވުމުގެ މައިގަނޑު އެއް މަގުސަދަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނެސް، ޓުއަރިޒަމުން ލިބޭ އާމްދަނީ 3.5 ބިލިއަން ޑޮލަރަށް ގެންދިއުމުގެ އަމާޒަށް ވާސިލްވުން ކަމަށްވާ އިރު، ޑިިޖިޓަލް ދިވެހިރާއްޖެއަކަށް އެއްބާރުލުންދީ، ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އުރީދޫ އިން ކުރަމުންދާ ތަފާތު މަސައްކަތްތަކާއި ޓީޓީއެމް ޕްލެޓްފޯމު އަދި މިއަހަރުގެ ތީމް ކަމަށްވާ "ޓްރެވަލް ޓެކްނޮލޮޖީ އާއި އެނަލިޓިކްސް" ވަރަށް ބޮޑަށް ގުޅިފައިވާތީ ކަމަށެވެ.
"އޯކާ މީޑިއާ ގްރޫޕާ އެކު ޕާޓްނާވެ، ޓީޓީއެމް އަށް އުރީދޫ އިން ފޯރުކޮށްދެމުންދާ އެހީތެރިކަން އިތުރަށް ވަރުގަދަ ކުރުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ނަޖީބް ޚާން ވިދާޅުވި އެވެ.
އޯކާ މީޑިއާ ގްރޫޕްގެ ސީއީއޯ، ޑރ. ހުސެން ސަނީ އުމަރު ވިދާޅުވިީ ގައުމުގެ އިގްތިސޯދީ އަމާޒުތަކާއި ފުއްދުންތެރިކަން އިތުރު ކުރުމުގައި އުރީދޫ އަކީ އަބަދު ވެސް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ، އުފެއްދުންތެރި ބްރޭންޑެއް ކަމަށާއި 2025ގެ ނިޔަލަށް ރާއްޖެއަށް 2.5 މިލިއަން ޓޫރިސްޓުން ގެނެއުުމަށް ޓުއަރިޒަމްގެ ސިނާޢަތަށް އެކި ގޮތްގޮތުން އެއްބާރުލުންދެމުންދާ ކުންފުންޏެއް ކަމަށެވެ.
"މިގޮތުން، ރާއްޖޭގެ އެންމެ ބޮޑު އަދި ކާމިޔާބު ޓްރެވަލް ޓްރޭޑް ޝޯ ކުރިއަށްގެންދިއުމުގައި ބައިވެރިވުމަކީ، މި އަމާޒާއި ހަމައަށް ވާޞިލްވުމަށްޓަކައި ދިވެހިރާއްޖެއަށް ފޯރުކޮށްދެވޭ މުހިއްމު އެހީތެރިކަމެއް."
މިއަހަރުގެ ޓީޓީއެމް ކުރިއަށްދާނީ ޖޫން މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފެއާގައި، 300 އަށް ވުރެ ގިނަ ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނާއި، ރިސޯޓުތަކާއި ހޮޓާތަކުގެ ވެރިން އަދި ޑިވެލޮޕަރުންނާއި ފަރުމާކުރުންތެރިންގެ އިތުރުން، ކޮންސަލްޓެންޓުންނާއި މި ދާއިރާގެ މާހިރުން ބައިވެރިވާނެ އެވެ.