ފަޔަރ އެންޑް އައިސް (8)

ފަޔަރ އެންޑް އައިސް

އިރުއޮއްސުމާއިއެކު އާރިޒްއާއި އެހެންމީހުންވެސް ސިއްސައިގެން ދިޔައީ ވޯލްނަޓްގަހާއި ދިމާލުން ބާރު އެއްޗެއްޖެހުނު އަޑުފަށްގަނޑަށެވެ. ވީނުވީއެއް ނޭގި ސުވާލުގެ ނަޒަރުން ބަލައިލެވުމާއިއެކު ޖަވާބު ލިބުނެވެ. އެދިމާލުން ދުއްވައިގަތް ބުޅަލެއް ފެނި އެހެންމީހުނަށް ބުޅަލެއްކަމަށް ހީކުރެވުނެވެ. ބިރުގަނެ މޭގަނޑު ގުޑައިލީ އާޔާގެއެވެ. އޭނަ އެކަން ނުދައްކަން މަސައްކަތްކުރިއެވެ. ގަސްކައިރީ ހުރި ލޫގާ ސިފަވީ ހަމައެކަނި އާރިޒްގެ ލޮލަށެވެ. ފެނި ގެއްލެމުން އެދިމާލަށް އައިގޮތަށް އާރްޔާގެ ބޮލުގައި ޖަހަން އަތް މަޅައިލުމާއިއެކު އާރިޒްއަށް ފުންމައިގެންގޮސް ލޫގާގެ ގައިގާ ހިފައިގަނެވުނީ އާރްޔާގެ ހިމާޔަތުގައެވެ. ދެމީހުން އޮޅުލަމުންގޮސް ވިނަގަނޑު މައްޗަށް ޖެހުނެވެ. އެތާ ތިބި މީހުންނަށް ފެންނަނީ ހަމައެކަނި އާރިޒް އުޅޭގޮތެވެ. އާރިޒް މޮޔައެއްހެން ނުފެންނަ މީހަކާއި އޮޅުލާތަނެވެ.

އާރްޔާވެސް ސިހިފައި ގޮނޑިން ތެދުވެއްޖެއެވެ.

ނޫރިއާއަށްވެސް އެ މަންޒަރު ފެނި އިރުކޮޅެއް ވާންދެން ބަލަން އިނުމަށްފަހު ކުއްލިއަކަށް އަރިއަޅާލިތަން ފެނި އެންމެނަށް އެކީ ކަހަލަ ގޮތަކަށް ހަޅޭއްލަވައިގަނެވުނެވެ. ފުރުގާންއަށްވެސް ހަރަކާތް ކޮށްލާނެ ދަނޑިވަޅެއް ނުލިބުނެވެ. ނަމަވެސް ނޫރިއާ ބިންމަތީގައި ނުޖެހެނީސް ހިފަހައްޓާފައި އަތްދަނޑި މައްޗަށް ނެގީ ނުފެންނަ ފަރާތަކާއި އޮޅުލާން ވިނަމަތީގައި އޮތް އާރިޒްއެވެ. އޭނަގެ ހަރަކާތްތައް ހުރީ ވެމްޕަޔަރެއް ފަދައިންނެވެ. އެހާ ހުޝިޔާރުވެފައި ހަލުތްވެވެ. ދުމެއް ޖަހާފައި އައިގޮތަށް ނޫރިއާ ބިންމަތީ ޖެހުނަ ނުދީ ސަލާމަތްކޮށްދިނެވެ. އިންސާނަކަށް އެފަދަ ކުޅަދާނަކަމެއް ލިބިގެންވާ ކަމަށް ގަބޫލުކުރިމީހެއް ޑޮކްޓަރ ފުރުގާން ނޫނީ އެތާކު ނެތެވެ. އެކި މީހުން އެކިގޮތަށް ޝޮކްގައެވެ. އަނގަމަތީ އަތް އަޅައިލިއިރު އަނެކަކު ދެލޯ ބޮޑުކޮށްގެންނެވެ. އާޔާ މޫނު ހުދުވެފައި އިނދެ އޭނަގެ ބައްޕަގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

"ބިރުނުގަނޭ ދަރިފުޅު. އެކަހަލަ ކުދިން ޕަވާފުލް ވާނެއޭ ބައްޕަ ނުބުނަންތަ؟" ފުރުގާން އާޔާގެ ބޮލުގައި ފިރުމާލާފައި ތެދުވުނެވެ. އާރިޒްގެ ކޮނޑުގައި ޖަހާލާފައި އެދުނީ މަންމަގެ ކޮޓަރިއަށް މަންމަ ގެންގޮސް ދިނުމަށެވެ. އެންމެން އާރިޒްގެ ފަހަތުން ހިގަމުން ދިޔައިރު އާޔާއާއި ސިއެނާ ނަޒަރު ބަދަލުކޮށްލާފައި ލޮލުން ވާހަކަދެއްކިއެވެ. ދެބެންވެސް ކަންބޮޑުވެފައެވެ.

އާރިޒް ނޫރިއާގެ ޝާހީކޮށް ހަދާފައި އެތައް ކަންނޭލާއި ބާލީހުން ބަރާވެފައިވާ އެނދުމަތީ ބޭއްވިއެވެ. ބަލްސަމް ވަގުތު ގެއްލުވާނުލާ ބޭސްވެރިކަމުގެ މާހިރެއް ފަދައިން ހަރަކާތްކުރިއެވެ. ފިނިފެން ގެނެސް ނޫރިއާގެ މޫނުގައި ހާކަން ފެށިއެވެ. ފައިދަށަށް ދެތިން ބާލީސް ލެއްވިއެވެ. އިރުކޮޅެއްގެ ތެރޭ ނޫރިއާ ހޭއަރާ ދެލޯ ބޮޑުކޮށްފައި ވަށައިގެން ހޯދާ ބަލަންފެށިއެވެ.

"އެންމެން ބޭރަށް ދޭ އިހަށް." ފުރުގާން އަމުރުކުރިއެވެ.

ކޮޓަރިތެރޭ ނޫރިއާއާއި ފުރުގާން އެކަނި ވުމާއެކު ނޫރިއާ ދަރިފުޅު އަތުގައި ބާރަށް ހިފަހައްޓައިލިއެވެ.

"ދަރިފުޅާ އާރިޒް އޮޅުލީ ޖިންނިއަކާ. މަންމައަށް ހީވަނީ އެމީހުން އެނބުރި އައީހެން. ބަދަލު ހިފަން. ޖާސިމްވެސް....................."

"މަންމާ. ޕްލީޒް ހަގީގަތް ގަބޫލުކޮށްބަލަ. އަޅުގަނޑު ނުބުނަން ޖިންނިން ނޫޅޭނެއޭ އެކަމަކު އެ އެއްޗެހި އުޅެނީ އޭގެ ދުނިޔޭގައި އަޅުގަނޑުމެންނަކަށް އުދަގުލެއް ނުކުރާނެ. ޖިމީ މަރުވީ ޖިންނިން ބަދަލުހިފަން ކުރި ކަމަކުން ނޫން މަންމާ. ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށްވެ ކަނޑަށް އެރުނީ. އެ ޕަރީއަކީ.....ޒަނަދު ކަން ނޭގޭ. ރިއަލް އެއްޗެއް ނޫން.... ޖިމީ މައިންޑްގައި ކްރިއޭޓްކުރި މީހެއް.."

"ޒަންދު ޕަރީ....." ނޫރިއާ ރަގަޅުކޮށްލަދިނެވެ.

"މަންމަ މިހުރިހާ ދުވަސްކޮށްފައި މިހާރު އަނެއްކާ މާޒީގެ ސަފުހާތައް ހުޅުވާލައިގެން ހިތަށް އުދަގޫކޮށް އެކަމާ ހިތާމަކުރާނެ ކަމެއް ނެތެއްނު. އަޅުގަނޑު ޖިންނި މޮޔަވެފައޭ ކިޔާގެން އުޅުނު ކިތަންމެ ކޭހެއް ބޭހުން ރަގަޅުކޮށްފިން. އާރިޒްއާއި ޖިމީގެ ކޭސް ވަރަށް ސިމިލާ. ލޮލަށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތައް އެހެން މީހުންނަކަށް ނީވޭ..............." ފުރުގާން މަންމަ އަތުގައި ފިރުމަމުން ވިސްނައިދޭން މަސައްކަތްކުރިއެވެ. ނަމަވެސް ނޫރިއާ އެވާހަކަތައް ގަބޫލުކުރިހެނެއް ހިޔެއްނުވެއެވެ.

"މަންމަ ބަލިކަމާއިއެކު އަޖަލު ހަމަނުޖެހި ދުނިޔެއަށް ނޭވާ މިލަނީ ކޮންމެވެސް ކަމެއް ފުރިހަމަނުވާތީ. ކޮންމެވެސް މަގުސަދެއް އޮތީމައޭ މަންމަގެ ހިތް ބުނަނީ........."

"މަންމާ. ޖިމީގެ ހަށިގަނޑު މޫދުން ނަގާފައި ވަޅުލީ. މަންމަގެ ކުރިމަތީގައި ހުރިހާކަމެއް ހިނގާ ދިޔައީ..."

"ދަރިފުޅަށް ހަގީގަތް އެނގިއްޖެއްޔާ ތިހެނެއް ނުބުނާނެ. ހީކުރިވަރަށްވުރެ ނުރައްކާތެރިކޮށް މި މައްސަލަ ނިމޭނެހެން މިހާރު މަންމައަށް ޝައްކުވާން ފަށައިފި. މަންމައަށް ހީވަނީ އޭރު ސުލޭމާންބެ ކުރި ކަންތައްތަކުގެ ބާރު މަޑުމަޑުން ކެނޑެން ފަށައިފިހެން. ދަރިފުޅާ. ޖާސިމް މޮޔަވީއެއް ނޫން. ނަފްސާނީ މައްސަލައެއް ނުޖެހޭ. ހުރިހާވެސް ނުބަޔަކީ އެ ޚުސްރޫ ކިޔުނު އިފުރީތުއާއި އޭނަގެ އައުވާނުން. އެމީހުން ޖާސިމްއަށް އަނިޔާކުރީ. ހަގީގަތް އަޑުއަހަން ދަރިފުޅަށް ފަސޭހަ ނުވެ ހިގައިދާނެ އެކަމަކު.........." ނޫރިއާ ބޯ ހޫރައިލިއެވެ.

ނޫރިއާގެ ލޯ ކަރުނުން ފުސްވިއެވެ. ފުރުގާން ގަބޫލުނުކުރިޔަސް ހަގީގަތް އެންމެ ރަގަޅަށް އެނގޭ މީހަކީ ނޫރިއާއެވެ. އެހުރިހާ ތަޖުރިބާއެއްކޮށް ލޮލުންދެކެ އަތުން ހިފި މީހަކީ ނޫރިއާއެވެ. ކުރިން ދީނާއި ދުރުން އުޅެވުމުގެ ހިތި ނަތީޖާއެވެ. މުޅި ހަޔާތް ބަދަލުކޮށްލީ އޭނަ އަތުން ކުރެވުނު ބޮޑު ކުށަކުންނެވެ. މުޅި އާއިލާ ނުރައްކަލުގެ ތެރެއަށް ވައްޓައިލީ އޭނައެވެ. ނަމަވެސް އޭނަ ކުރި ކޮންމެ ކަމަކީ ދަރިފުޅު ޖާސިމްއަށްޓަކާ ވީ ގުރުބާނީއެވެ.

ކޮންމެ ރަމަޟާންމަހަކު އޭނަ އުމްރާއަށް މައްކާއަށް ދިޔަސް މިފަހަރު އާއިލާއާއެކު ހޭދަކޮށްލަން ބޭނުންވީ އެހެންކުދިން ލައްވާ ދީނަށް ބޮޑަށް އުޅެވޭނީ އޭނަ ގާތު ހުރެގެންކަމަށް ގަބޫލުކުރާތީއެވެ. ބަލްސަމްވެސް ކުރާ ކޮންމެކަމެއް އޭނަ ކުރަނީ ނޫރިއާ ކިޔާވަރުން މަޖުބޫރުވެގެންކަން އޭނަ ދަނެއެވެ. އޭނަ މިކޮޅުގައި މަޑުކުރި ފަހު ދިހައިގާ ޖިންނިންގެ ފަރާތުން މިގެއަށް ގޯނާއެއް ކުރިމަތިވެދާނެ ކަމަކަށް ނޫރިއާ ހީކޮށްފައެއް ނުވެއެވެ. މިހާ ޒަމާންކޮށްފައި އެމީހުން އެނބުރިއައީ ހެއްޔެވެ. ދެންވާނީ ކިހިނެއްބާއެވެ.

ޖާސިމްއާއި ފުރުގާން އެއްނިބޫ ދެބެންކަމުން ދެބެންގެ ދެމެދުގައި އޮންނަ ލޯތްބާއި ގުޅުން އަދި ގާތްކަން އެހެން މީހުންނާއި އަޅާނުކިޔެއެވެ. ހައެކަނި ދެބެންނެއް ނޫނެވެ. އެންމެ ގާތް އެކުވެރިންނެވެ. ތަފާތެއް ނެތް ސިފަތަކެއް ލިބިފައިވާއިރު އެދެބެން ވަކި ކުރުން އާއިލާގެ މީހުންނަށްވެސް ފަސޭހައެއް ނުވެއެވެ. ދެބެންގެ ތެރެއިން ކުރިން ވިހެއީ ފުރުގާންއެވެ. އޭގެ ފަސްމިނިޓްފަހުން ޖާސިމް ދުނިޔެއަށް ނޭވާލިކަމަށްޓަކާ ފުރުގާން ޖާސިމް ޅަކޮށްގެން އުޅުނެވެ. ދޮންބެ ކިޔުއްވަން މަސައްކަތްކުރިކަމުގައި ވިޔަސް ޖާސިމް ފުރުގާން ރުޅި އަރުވައިލަން ފާޑުފާޑު މަޖާ ވަނަން ތަކުން ކިޔުން އޭރު އާއްމުކަމެކެވެ. އެހެން ކިޔުމުން ފުރުގާން ވަކިން ރުޅި ގަދަވެއެވެ. ޖާސިމްގެ ވަކިވުން އަދިވެސް ފުރުގާންގެ ހިތުގައި ތާޒާ ޒަޚަމްތަކެއް ލައްވާފައިވެއެވެ. އެހަނދާންތައް އޭނަ ފެންކަޅި ކުރުވައެވެ. އޭނަ ނަފްސާނީ ޑޮކްޓަރަކަށްވުމުގެ އަސްލަކީ ޖާސިމްއެވެ.

ފުރުގާން އާރިޒް ފެނުމުން ބޭސް ނުކަނީ ކީއްވެތޯ ސުވާލުކުރުމުން އާރިޒް ބުނީ އަދި ނުފެށިގެން އުޅެނީ ކަމުގައެވެ. އޭނައަށް ފެނުނީ ކޯންޗެއްތޯ ސުވާލުކުރުމުން އާރިޒް ހީލާފައި ބުނީ އަލާން ކަމަށެވެ. އަލާން ސިފަ ބަދަލުކުރަން ކުޅަދާނަ ވާހަކަ ބުނެލިގޮތުން ފުރުގާން ލޯ ހަނިކޮށްލައިގެން ވިސްނުމެއްގެ ތެރޭ ހުއްޓެވެ. އާރިޒް ހުރިހާ ކަމަކަށް މޮޅުވިޔަސް ދޮގުހެދުމަކީ އޭނަގެ ގައިގާ ނެތް އާދައެކެވެ. އެހާ ރީތިކޮށް ފުރުގާންއަށް ވެސް އާރިޒްގެ މޫނުން އެކަން ދެނެގަނެވުނު ސަބަބަކީ އެއީއެވެ. ފުރުގާން ދެވަނަފަހަރަށް ސުވާލުކުރުމުން އާރިޒް ބުނީ މިފަހަރު އޭނަ އައީ އެހެން ސިފައެއްގައި ކަމަށެވެ. ލޫގާއެއްގެ ނަމުގައެވެ. ސުވާލުކުރަން ފެށުމުން ހުރި ސިފަ ކިޔައިދިން އިރު އެކުއްޖާ ޖެހިލުންވެ ނިތްކުރިން ދާތިކިތައް ވިދާލައިފިއެވެ.

"އާރިޒް. މަންމަ ސުވާލުކުރައްވާނެ. އާރިޒްއަށް ފެނުނު އެއްޗެއް ޑިނައި ކުރާތި. ބުނާތި އެއްވެސް އެއްޗެއް ނުފެނެއޭ.................." ފުރުގާން އެދުނެވެ. އާރިޒް ބޯ ޖަހައިލިއެވެ.

އާރިޒްގެ އަމިއްލަ ބާރާއިމެދު ބައެއްފަހަރު ފަޚުރުވެރިވާ ގޮތްވާން ފެށިއެވެ. އެބާރުތަކަކީ އޭނައަށް ފެންނަ ޖިންނިތަކުގެ ފަރާތުން ވާ ކަމެއްބާވައޭ ހިތަށް އެރިއެވެ. މިފަހަރު ލައްވައިލީ ނަސީބެވެ. އޭނަގެ ނަސީބުގެ ތަރި މެދު އުޑުގައި ވިދާ ބަބުޅާފަދައެވެ. ކާނިވަލަކަށް ގޮސް އެހެން މީހުން ހައިރާންކުރުވާފައި ގިނަ ހަދިޔާތަކެއް ލިބިގަތެވެ. އައި ލަވް ޔޫ ޖަހާފައި އިން ނިކަން ރީތި ޓެޑީ ބެއާއެއް ލިބުމާއެކު ހިތަށް އެރި އެއްޗަކުން ހެވުނެވެ. އާޔާ ނަފްރަތު ކުރާވަރުން ހައްދައިލަން މި ބެއާ ހަދިޔާ ކުރަންވީއެވެ. ނިކަން ވަރު ހުންނާނެއެވެ. މިއިން އޭނަގެ މޫނުމަތީ ނުޖަހައިފިއްޔާ ރަގަޅެވެ. އާޔާއަށް އޭނަ ފެންނަ ކޮންމެ ފަހަރަކު މޫނު ބަނަވާގޮތުން ރުޅިއަންނަވަރު އަންދާޒާކުރެވެއެވެ. ހުރިހާވެސް މައްސަލައަކީ އޭނަގެ މޫނުމަތީ އިން އުފަން ލަފެވެ. މީހާގެ ހިތުގެ ރީތިކަން ދެކޭނެ އަންހެންކުއްޖެއް ނުވާނެއޭ އެބުނަނީ ތެދެކެވެ. އެންމެންވެސް ބަލާނީ ބޭރުފުށުގެ ސިފަތަކަށެވެ. ކޮންމެގޮތެއް ވިޔަސް އެ ބެއާ ފެނުމުން ހަމަ އާޔާމަތިން ހަދާންވިއެވެ. ބޮޑު ލޮލަކާއިއެކު މައުސޫމް ކަމުންނެވެ.

ބަރަކާތްތެރި އީދުދުވަހަކީ މުސްލިމުން ފާހަގަކުރާ އެންމެ އުފާވެރި އެންމެ ބޮޑު އެއް އީދެވެ. އެރެއިން ފެށިގެން ނޫރިއާމެން ގޭގައި ޕާޓީކުރަން ފެށުނެވެ. ގޭތެރޭގައި ހޭލަމޭލަވެ ގެ ތައްޔާރުކުރުމާއި މީރުހާ ކާއެއްޗެހި ހެދުމުގައި އެތައް ބަޔަކު އަވަދިނެތި އުޅުނެވެ. ކުދި ބޮކިތަކުން ޑިޒައިންކޮށްފައިވާ އީދު މުބާރަކު ފާރުގައި ދިއްލާ އަޅާލައިފިއެވެ. ލެންޓާންތަކުން ލޯ ތަރަ ތަރަ ޖަހައިގެންދާހާ ޒީނަތްތެރިއެވެ. އާރިޒް ކޮޓަރީގައި ފޫހިވެފައި އޮތްވާ އާރްޔާ ދޮރުހުޅުވާލާފައި ވަނެވެ. އާރްޔާ ބޭނުންވީ އޭނަ ހުށަހެޅި ސިކްރެޓް ފްރެންޑްސް ކުޅުމުގައި އާރިޒްވެސް ބައިވެރިވުމެވެ. އާރްޔާ ގެނެސްދިން ކަރުދާސްކޮޅުތަކުން އެކަތިކޮޅު އޭނަ ނެގިއެވެ. ނިއުޅުވާލާފައި ބަލައިލުމާއެކު ހިތް އަވަސްވިއެވެ. ތަގުދީރުވެސް އޭނައާއި އެއްބައިވީއެވެ. އޭނައަށް މިލިބުނީ އާޔާގެ ނަމެވެ. އާޔާއަށް ބެއާ ދޭނެ ފުރުސަތެއް ލިބުނުކަމަށްޓަކާ އާރިޒް ހަމްދުކުރިއެވެ. މުއްސަދި އަންހެންކުއްޖަކަށް މިކަހަލަ އާދައިގެ އަގުހެޔޮ އެއްޗެއް ކަމުދާނެ ކަމެއް ނޭގެއެވެ. އާރިޒް އަލަމާރީގެ އެންމެ އަޑީގައި ފޮރުވާފައި ހުރި ބިއްލޫރި ފުޅިނެގިއެވެ. އެއީ ޒޭބްގެ ހަދިޔާ އަޅާފައިވާ ފުޅިއެވެ. އޭގެ ތެރެއިން އޭނަ ހޮވީ ވިދަ ވިދާއޮތް ހުދު އެހެވެ.

"ފަހަރެއްގައި ޑައިމަންޑަކާއި ވައްތަރުވީމަ އާޔާ ލައިކްވާނެ. މީތި ދޭނީ.." އާރިޒް ދެ އިނގިލި ދޭތެރޭ އެ ހިފަހައްޓާލައިގެން ހުރިއިރު އެކިފަރާތަށް އަރާ ދަޅަތަކުންވެސް އެއީ ކިހާވަރެއްގެ އަގުހުރި އެއްޗެއްކަމެއް ނޭގުނެވެ.

ހެނދުނުން ފެށިގެން އެގެއަށް އަންނަ މެހުމާނުން ގިނަކަމުން ކޮޓަރިން ބޭރަށް ނިކުންނަން ނުކެރި އާރިޒް އޮތެވެ. ފްލޯރާއަށް އާރިޒްގެ އިހުސާސްތައް އެނގޭތީ ނާސްތާ ގެނެސްދިނީ އަމިއްލައަށެވެ. ބަލްސަމްގެ ބެލުމުގެ ދަށުން އެގޭގައި ހުއްޓަސް އާރިޒްގެ ހުންނަ މަޑުމައިތިރިކަމާއި ނުކެރޭކަމަށް ފްލޯރާ ހަމްދަރުދީވެއެވެ. ހަވީރާއި ހަމަޔަށް ފޯރިގަދަކޮށް އޮތް އެގެއަށް ހިމޭންކަން ވެރިވީ ހަވީރުއަތަށް އެޅިފަހުންނެވެ. ކޮފީއެއް ބޯލާހިތުން ކާކޮޓަރިއާއި ހަމަޔަށް ގޮސްފައި އަނބުރާލަން ހިތަށް އެރީ ނުދަންނަ އަންހެންކުއްޖަކު ފެނިފައެވެ.

"ހައި..... އީދު މުބާރަކް........." އެ އަންހެން ކުއްޖާ އިސްވެ އަނގައިން ބުނެލިއެވެ.

"އައިމް ކަންޒާ" އެކުއްޖާ ތައާރަފުވިއެވެ.

"ކަންޒާ ދެން ހަމަ ސާވެންޓެއް ފެންނައިރަށްވެސް މާ ހިތްހެޔޮވެގެން ގޮވާލަން ޖެހޭތަ؟ އާންޓް ޒުޚުރުފް ރުޅިއަންނާނެ ކަމެއް ނޭގޭތަ؟ " އާޔާ ވަގުތުން މައްސަލަ ޖެއްސިއެވެ.

"ސާވެންޓެއްކަމެއް ނުދެނެހުރިން. ސާވެންޓެއްވިޔަސް ހަމަ އޯކޭއެއްނު. އަހަރެމެން ފްލޯރާއާއިވެސް ވާހަކަ ދައްކަމެއްނު....." ކަންޒާ ދެކޮޅުހެދިއެވެ.

"ޝީޒް ޑިފެރެންޓް..." އާޔާ ތުން އޫކޮށްލިއެވެ.

ކަންޒާއަށް އާރިޒް ފެނުމާއެކު މިއީ އާޔާ ޑެވިލްއަކަށް ހަދައިގެން މަލާމާތްކޮށް އުޅޭ ފިރިހެންކުއްޖާކަން އެނގުނެވެ. އާޔާ އެންމެ ފަކުރުގަންނަ ނަފްރަތުކުރާ މޫނަށް އެމޫނު ވީ ސަބަބު ކަންޒާވެސް ދެނެގަތެވެ. އާޔާ ތަށިތައް ވަކިކުރީވެސް ދޮންމަންމަ ގެނައި ޚާދިމް އެމީހުން ކާތަށި ކާން ބޭނުންކުރާކަން އެނގިފައެވެ. އާޔާ ނަފްރަތުކުރާވަރު އެނގިފައި އޮތުމާއިއެކު އާރިޒް ފެނުމުން ކަންޒާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. މޫނުގައި ކަޅުކުލައިގެ މާކެއް ހުރުމަކީ އޭނަގެ ކުށެއް ކަމަކަށް ކަންޒާއަށް ގަބޫލުނުކުރެވުނީއެވެ. އާޔާއާއި ކަންޒާ ދާންވެގެން ތެދުވުނުތަނާ ކަންޒާގެ މަންމަ ޒުޚުރުފް ދޮރުމައްޗަށް އެރީ ފުރުގާންއާއި ވާހަކަދައްކާ ސަމާސާކުރަމުންނެވެ. ޒުޚުރުފްގެ ނަޒަރުން ސަލާމަތްވަމުން އެތަނުން ނުކުމެގެން ދާން އުޅުނު އާރިޒްގެ އަތުން ކޮފީތަށި ބަންޑުންވުމާއެކު އާރިޒްގެ ފިޔަވަޅުތައް ހުއްޓުނެވެ.

"ބީ ކެއާފުލް....."

ޒުޚުރުފް ވިސްނުންތެރިކަމާއިއެކު އިސްޖެހިފައިހުރި އާރިޒްގެ މޫނަށް ބަލަން މަސައްކަތްކުރިއެވެ.

ތަންކޮޅެއް ދުރުގައި ހުރި ފްލޯރާ އަވަސްވެގަތީ އާރިޒް އެންމެންގެ ނަޒަރުން ސަލާމަތްކޮށްދިނުމަށެވެ. އެތަން ސާފުކުރުމަށް އޭނަ އައި ދަނޑިވަޅު ބަލާފައި އާރިޒް އަވަހަށް އެތަނުން ނުކުމެ ލޯމަތިން ގެއްލުނެވެ.

"ހޫ އިޒް ދެޓް ބޯއި؟ "

"ބަލްސަމް ރާއްޖެއިން ގެނައި ކުއްޖެއް......."

"ބަލްސަމްގެ ތިމާގެ ކުއްޖަކަށް އެވާނީ. އޭނަގެ ފެމިލީ ސިއްރުކޮށްގެން އުޅޭ މީހެއްނު. އެކަމަކު އެކުއްޖާ ފުޅު މޫނަށް ކިހިނެއްވެފައި އެހެރީ؟ ޕުއާ ތިންގް..." ޒުޚުރުފް އަހައިލިއެވެ.

އާޔާ އިނީ ބޮލަށް އުދަގޫވެފައެވެ. ބޮޑުދައިތައާއި ކަންޒާވެސް އާރިޒްއަށް ހަމްދަރުވީވާން ޖެހިއްޖެއެވެ. އާރިޒް ނަފްސާނީ ބަލިމީހަކަށް ހަދައިގެން ބައްޕަވެސް އެހެންކަމެއްހެން ހީވެއެވެ. ކޮންމެހެން މޫނުގައި ހުރި ކަޅުކުލައަކުން ނޫނީ މީހާގެ ސޫރަ ފެނިފައި އޭނަވެސް ރުޅި އަންނަނީއެއް ނޫނެވެ. އާރިޒް ނުލަފައީއެވެ. ޝައިތާނީ ސިފަތަކެއްވެސް ހުރީއެވެ. ޖިންނި އަވާލާނީވެސް ގޯސްކުދިންނާއެވެ. އާރިޒްގެ އެ ޝައިތާނީ ބައި ދެކެ އަތުން ހިފާފައިވާތީ އިތުބާރެއް ނުކުރެވޭނެއެވެ. އާޔާދެކޭގޮތުން އެކަކުވެސް އާރިޒްއަށް ހަމްދަރުދީވެގެން ނުވާނެއެވެ. އޭނަގެ ހިތުގައި ނަފްރަތު އުފެދުނުގޮތަށް އެހެންމީހުން ރުޅިނާންނަންވީ ސަބަބެއް

ނެތެވެ.

އެރޭ އާރްޔާގެ ދައުވަތަށް އާރިޒް ސިޓިން ރޫމަށް އަންނަންވެގެން އޭނަ ތައްޔަރުކުރި ޕާރުސަލްގައި އަތްލުމާއިއެކުވެސް ހިތަށް ފިނިވިއެވެ. މިފަދަ ކުޑަކުދިންގެ އިވެންޓްތަކާއި ބައިވެރިވުމަށް ހިތް ދެކޮޅެވެ. އެކަމަކު ބުނީ ކޮއްކޮ އާރްޔާ ވިއްޔާއެވެ. ބަލްސަމް ވެސް އަދި އޭނައަށް ވަރުފަށެއް އަރުވައިލާނެއެވެ. އަމިއްލަ ނަފުސާއި ވާހަކަދައްކާއިރުވެސް އޭނައަށް މަންމަގެ ނަމުން ވާހަކަ ނުދެއްކޭކަން އިހުސާސްވީ އެރެއެވެ. މައިވަންތަކަމުގެ އެއްވެސް އިހުސާސެއް ބަލްސަމްގެ ހިތުގައި ނުވާތީ އޭނައަށްޓަކާވެސް ބަލްސަމް ހިލޭ މީހަކަށްވެ ނިމިއްޖެއެވެ. ކޮއްކޮމެންނާއިމެދުވެސް އޭނަގެ ހިތުގައި ބޭބެއެއްގެ ކުލުނު ނެތީ އެހެންވެއެވެ. ނަމަވެސް ސިއެނާއާއި އާރްޔާ އަދި ކަންޒާގެ ހިތްހެޔޮކަން ފުރަތަމަ ނަޒަރުންވެސް ބަލައިގަނެވުނެވެ. އާރްޔާ އެދުނު ކަމަކަށް ފުރަގަސްދޭން ބޭނުންނުވީ އެހެންވެއެވެ. އެހެންނޫނަސް ހިތުގެ ކަނުގައި އާޔާއާއިމެދު ނޭގޭ އިހުސާސްތަކެއްވެސް ހޭލަން ފަށައިފިއެވެ. އާޔާއަށް ހަދިޔާ ދޭހިތުން އޭނަ ކެތްތެރިކަން ކޮޅުން ލިއެވެ.

ލެންޓާންތަކުން ބަބުޅާލާފައިވާ ސިޓިންރޫމްގައި އެންމެން ގޮނޑިތަކުގައި ހަމަޖެހިލާފައި ތިބިތަން ފެނި އާރިޒް ކުޑަކޮށް ލަދުގަތެވެ. ނަމަވެސް އާރްޔާގެ ހަރަކާތުން ހުރިހާ ނުތަނަވަސްކަމެއް އެއްފަހަރާ ފިލިއެވެ. އާރްޔާ ދުވެފައި އައިގޮތަށް އޭނަގެ އަތުގައި ހިފީ ޖޯޝާއިއެކުގައެވެ.

"ތެންކިއު އާރިޒްބެ. ހާދަ ރީތި ޕާރުސަލެކޭ. ކާކު ނަސީބު ރަގަޅު ކުއްޖަކަށްވީ؟ " އާރްޔާ އާރިޒް ގެނެސް އޭނައާއި ގާތުގައި ބޭންދިއެވެ. އާޔާ ދެލޯ ހަނިކޮށްލިއެވެ. އާރްޔާ އުމުރުން ހަނގުވިޔަސް ބީރައްޓެހި ފިރިހެނުން އަތުގައި ހިފައިގެން މިއުޅެނީ މައިންބަފައިން ކުރިމަތީގައެވެ. ބަލްސަމްވެސް އެކަން ހުއްޓުވަން ނޫޅެ ތުން ފިތާލައިގެން އެބައިނެވެ. ބައްޕަވެސް ޚިޔާރުކުރީ ހިމޭންކަމެވެ. އާރިޒްއަށް ފަޅި ސިކުންތުކޮޅެއްގެ ނަޒަރުންވެސް އާޔާގެ ރީތިކަން ނަގައިގަނެވުނެވެ. އެންމެން އީދު ހެދުން އަޅާ ރީތިވެލައިގެން ގަހަނާތަކުން ޒީނަތްތެރިވެފައެވެ. ކަކުލާއި ހަމަޔަށް އޮތް ކަޅުކުލައިގެ ހެދުމުގައި ރަންކުލައިގެ ހިމަ ބެލްޓެއް އަޅުވާ ރަނުގެ ގަހަނާއިން ރީތިވެލައިގެން އިންއިރު ހޫރެއް ފަދައެވެ. އެބުޅި އިސްތަށިގަނޑުގެ ރަންވިދުން މިރޭ ވަކިން ގަދައެވެ. އެތަނަށް އެޅިފައިވާ ފާނޫޒުތަކުގެ އަލީގެ އަސަރުކަމަށްވެސް ވެދާނެއެވެ. ހިތާހިތުން މާޝާﷲއޭ ވެސް ބުނެވުނެވެ.

އެމީހަކަށް ލިބުނު އެކުވެރިޔާއަށް ޕާރުސަލް ހަދިޔާކުރަމުންގޮސް އާރިޒްއާއި ޖެހުނެވެ. އާރިޒް ތެދުވެގެންގޮސް އާޔާއަށް ޕާރުސަލް ދިއްކޮށްލުމުން ނުހިފަން އިނދެފައިވެސް އާޔާ ޖަހައިގަތެވެ.

"ތެންކިއު....." އާޔާ ކަޅިއެޅީ އާރްޔާއަށެވެ.

"ޑޯންޓް ބީ ރޫޑް. ރޫލްސްތަކެއް އޮވެއެއްނު. ތި ކަނޑާބަލަ ދޮންތީ...." އާރްޔާ އެދުނެވެ.

"މިއީ އާރްޔާގެ ރޭވުމެއް. އަހަންނަށް އެނގޭ. ވިކެޑް ކުއްޖެއް ހަމަ...." އާރްޔާ ގެނައި ޕާރުސަލް އާރިޒްއާއި ދިމާލަށް ހޫރުވައިލުމުން ބަލްސަމްގެ ލޮލަށް ކުޑަ ކުޑަ ވަންނިއެއް އެރިއެވެ. އާރިޒް ލަދުގަންނާނެވަރު ކޮންމެވެސް ވަރަކަށް އިހުސާސްކުރެވުނީއެވެ. ނަމަވެސް އަމިއްލަ ފިރިހެން ދަރީގެ ދިފާއުގައި އަނގަ ހުޅުވާލާކަށް އޭނަ ބޭނުމެއްނުވިއެވެ.

"ދަރިފުޅު ހަމަޖެހިބަލަ. އާފްޓާ އޯލް ދިސް އިޒް އެ ގޭމް ދޯ. ޕާރުސަލް ކަނޑާލަބަލަ............." ފުރުގާން އާޔާއަށް ބަލައިލީ ލޯތްބާއި ކުލުނުން ފުރިގެންވާ ނަޒަރަކުންނެވެ. އާޔާ ރުޅިން ފޯވެފައި އިނދެ ތުރުތުރުލާ އިނގިލިތަކުން ޕާރުސަލް ކަނޑައިލުމާއިއެކު ހުދުބޯކިރުފޮދެއް ފަދަ ލޯބިން ހިތްތައް ފުރޭފަދަ ބެއާއަކާއި އެކު އުނގަށް ވެއްޓުނީ ދަޅައަރާވަރުން ދިއްލިފައިއޮތް ބޮޑު ޖަވާހިރެކެވެ. އެއާއިއެކު އާރްޔާއަށް ތޫލި އަޑަކުން ފޯރިއާއިއެކު އެއްޗެކޭ ބުނެލެވުނުއިރު ބަލްސަމް އުދުހިލާފައި ކަހަލަގޮތަކަށް އައިސް އާޔާގެ އުނގުގައި އޮތް ދަޅައަރާ ޖަވާހިރު ނަގައިފިއެވެ. ނޫރިއާވެސް ތެދުވެގެން އައިގޮތަށް އައިނު ރަގަޅަށް އަޅާފައި އެއަށް ބަލާލައިފިއެވެ.

"ސުބުހާނަﷲ. އާރިޒްއަށް މި އަލިމަސް ލިބުނީ ކޮންތާކުންތަ؟ " ނޫރިއާ ދެލޯ ބޮޑުކޮށްލިއެވެ

"ނުލަފާ ކުއްޖާ. ވައްކަން ކުރަން ދަސްކޮށްދިނީ ކަލޭގެ މާމަތަ. އޭނ....ހުރި ލަދު ހަޔާތެއް ނެތްކަން. އެންމެފަހުން މިގޭގެ ތިޖުރީވެސް ފަޅާލީ. ހަމަ މިހާރު މިގެއިން ނިކުމޭ..................." ބަލްސަމް އަތް ދަމާލާފައި އާރިޒްގެ ކަންކަށިމައްޗަށް ބޭލި އެތިފަހަރާއިއެކު ގެއިން ކަރަންޓް ކެނޑި ތަނަށްވެރިވި އަނދިރިކަން ކަށްވަޅުފަދައެވެ. އާރިޒްގެ ހިތަށް ކުރާނެ އަސަރާއި އެންމެން ކުރިމަތީ ނިކަމެތިވާނެ ވަރު ބަލްސަމް މަންމައަކަށްވެ ހުރެވެސް އިހުސާސެއް ނުކުރެވުނެވެ. އާރިޒްގެ ހިތް ހުއްޓުނުފަދައެވެ. މޫނަށްވީ ތަދަށްވުރެ ހިތަށް ލިބުނު ވޭން ބޮޑުވެ ދެލޯ މަރައިލެވިއްޖެއެވެ. އެ ޖުމްލަތައް ތޫނު ހަތިޔާރަކަށްވެ ހިތް އިރާލައިފިއެވެ. ލޮލުން ވެއްޓުނު ކަރުނަތިއްކެއް ކޯތާފަތަށް ފޭބިއެވެ.

(ނުނިމޭ...)

https://sun.mv/119628

comment ކޮމެންޓް