ފުލުހުން މީޑިއާއަށް މައުލޫމަތު ދީފައިވަނީ ޝަރުއީ ނިޒާމުގެ ތަސައްވަރަށް ގެއްލުންވާ ގޮތަށް: ކްރިމިނަލް ކޯޓު

ކުރިމިނަލް ކޯޓު: ފުލުހުން މީޑިއާއަށް މައުލޫމާތު ދީފައިވަނީ ޝަރުއީ ނިޒާމުގެ ތަސައްވަރަށް ގެއްލުންވާ ގޮތަށް ކަމަށް އެ ކޯޓުން ބުނޭ --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ ހޯމަ ދުވަހުގެރޭ ހުޅުމާލެގެއަކުން ހައްޔަރުކުރި ދެ މީހުންގެ މައްސަލާގައި ފުލުހުން މީޑިއާއަށް މައުލޫމާތު ދީފައިވަނީ ޝަރުއީ ނިޒާމުގެ ތަސައްވަރަށް ގެއްލުންވާ ގޮތަށް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭ ގެއެއް ބަލާ ފާސްކުރުމުގައި ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނަކު ހައްޔަރު ކުރިއެވެ. ނަމަވެސް ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ގެންދިޔުމުން ހައްޔަރުކުރަން ނެރުނު އަމުރުގައި ގާޒީގެ ނަން ނެތިގެން ކޯޓުން އެ ދެ މީހުން ދޫކޮށްލިއެވެ. އަދި އޭގެ ފަހުން ރޭ އަނެއްކާވެސް ފުލުހުން ވަނީ ކޯޓު އަމުރަކާއެކު އެ ދެމީހުން ހައްޔަރުކޮށްފައެވެ. ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ހުޅުމާލޭ ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އިޖުރާއަތްތަކާ ހިލާފު ވެފައިވާތީ އެ ދެ މީހުން ދޫކޮށްލާފައެވެ.

އެކަމާ ގުޅިގެން ކުރިމިނަލް ކޯޓުން މިރޭ ނެރުނު ބަޔާނުގައި މި މައްސަލައާ ގުޅިގެން ތަހުގީގުގައި ހިމެނޭ ފުލުހުން އަމަލު ކުރަމުންދާ ގޮތާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް އެބަ ހުރި ކަމަށާއި އެކަންތައް ކަމާބެހޭ މުއައްސަސާތަކާއި އާންމުންގެ ސަމާލު ގެންނަ ކަމަށެވެ. ފުލުހުން މި މައްސަލައާ ގުޅިގެން އަމަލު ކުރިގޮތަކީ އަދުލުގެ ނިޒާމުގެ ތަރުތީބު މުގުރިގެންދާނެ ކަމެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

"ހައްޔަރު ކުރި ދެމީހުން ދޫކޮށްލާފައިވަނީ، ގާނޫނީ އިޖުރާއަތްތަކާ ހިލާފުވެފައިވާތީ. މި ދެ ފަރާތް ވަގުތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އެންގުމުން މިކަމާ ގުޅިގެން ހަބަރުތައް މީޑިއާގައި ފުލުހުން ގެނެސްދީފައިވަނީ އެއްވެސް ޒިންމާދާރު ކަމެއް ނެތި، ޝަރުއީ ނިޒާމުގެ ތަސައްވަރަށް ގެއްލުން ލިބިގެންދާ ގޮތަށް" ކުރިމިނަލް ކޯޓުން މިރޭ ނެރުނު ތިން ސަފްހާގެ ބަޔާނުގައި ބުންޏެވެ.

ފުރަތަމަ މަރުހަލާގައި ނެރޭ އަމުރާމެދު ހިތްހަމަ ނުޖެހޭ ނަމަ އޮތީ މަތީ ކޯޓުގައި އިސްތިއުނާފު ކުރުން ކަމަށާއި ނަމަވެސް ފުލުހުން ކަންތައް ކުރީ އެގޮތަށް ނޫން ކަމަށް ބަޔާނުގައި ފާހަގަކުރި އެވެ.

"ފުރަތަމަ މަރުހަލާގައި ކޯޓުތަކުން ގޮތް ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމުގެ ބަދަލުގައި ހަމަ އެ މަރުހަލާގެ އެހެން ކޯޓުތަކަށް އެއް ކަމެއްގައި ގޮތް ނިންމަން ހުށަހެޅުމަކީ، ގާނޫނީ ގޮތުން އުފެދިފައިވާ ޖިނާއީ އަދުލުގެ ނިޒާމުގެ ތަރުތީބު މުގުރިގެންދާނެ،" ކަމެއް ކަމަށް ކުރިމިނަލް ކޯޓުގެ ބަޔާނުގައި ބުނެއެވެ.

https://sun.mv/120019

އަންހެން މީހާއަށް ހައްޔަރު ކުރީ ތުހުމަތެއް ނެތި ކަމަށް ފުލުހުން ބުނި!

މި މައްސަލާއާ ގުޅިގެން ހައްޔަރުކުރި އަންހެން މީހާއަކީ ތުހުމަތެއް ނެތި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ޝަރީއަތުގައި އެއްބަސްވެފައިވާ ކަމަށާއި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ އޭނާގެ ދަރިފުޅު ހާދިސާއިން ފެނުނު މަސްތުވާތަކެއްޗަށް ޒިންމާ ނަގާފައިނުވާތީ ކަމަށް ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށް ކުރިމިނަލް ކޯޓުން ބުންޏެވެ.

"އެ މީހާ [އަންހެން މީހާ] ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށް ބެލެވޭ ބެންޒޯއަށް ޕޮޒިޓިވްވެފައި ވަނީ އޭނާ އަކީ ނަފުސާނީ ބައްޔަށް ބޭސްކާ މީހަކަށް ވާތީ ކަމަށާއި އޭނާގެ ކުޑަކަމުދާ ތަކެތި ޕޮޒިޓިވް ވެފައިވާ ބާވަތަކީ ބޭހެއް ކަމަށާއި އެކަމާ ގުޅުންހުރި ލިޔުންތައްވެސް ހުރިކަމަށް ފުލުހުން ޝަރީއަތުގައި،" ބުނެފައިވާ ކަމަށް ކުރިމިނަލް ކޯޓުގެ ބަޔާނުގައި ބުންޏެވެ. އަންހެން މީހާ ދޫކޮށްލީ ފުލުހުން ޝަރީއަތަށް ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ކްރިމިނަލް ކޯޓުގެ ބަޔާނުގައި ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އަމަލުކުރި ގޮތާމެދު ސުވާލު އުފެދޭ ކަމަށް ބުނެ ކުރިމިނަލް ކޯޓުން މިރޭ ބަޔާނެއް ނެރެފައިވާ އިރު، ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި އެ މުއައްސަސާއިން އަމަލުކޮށްފައިވަނީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް ކަމަށާއި އިޖުރާތްތަކާ ހިލާފުވެފައި ނުވާނެ ކަމަށެވެ.

https://sun.mv/120028

comment ކޮމެންޓް