އަމަލު ކުރީ މައްސަލަތަކުގައި ކުރީން ވެސް އަމަލުކުރާ ގޮތަށް: ފުލުހުން

ހުޅުމާލެއިން ގެއަކުން ފުލުހުން ހޯދި 3 ކިލޯގެ މަސްތުވާތަކެތި -- ފޮޓޯ/ ފުލުހުން

ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް ކަމަށާއި އިޖުރާތްތަކާ ހިލާފުވެފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭ ގެއެއް ބަލާ ފާސްކުރުމުގައި ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު 25 އަހަރުގެ ފިރިހެނަކާއި 52 އަހަރުގެ އަންހެނަކު ހައްޔަރު ކުރިއެވެ. ނަމަވެސް އިއްޔެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ގެންދިޔުމުން ނުބައިކޮށް ކޯޓު އަމުރު ނެރެފައިވާތީ އެ ކޯޓުން އެ ދެ މީހުން ދޫކޮށްލިއެވެ. އަދި އޭގެ ފަހުން ރޭ އަނެއްކާވެސް ފުލުހުން ވަނީ ކޯޓު އަމުރަކާއެކު އެ ދެމީހުން ހައްޔަރުކޮށްފައެވެ. ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ހުޅުމާލޭ ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އިޖުރާއަތްތަކާ ހިލާވެފައިވާތީ އެ ދެ މީހުން ދޫކޮށްލާފައެވެ.

ފުލުހުން މިރޭ ބުނީ، އެ ދެ މީހުން އިއްޔެ ކުރިމިނަލް ކޯޓުން ދޫކޮށްލީ ހައްޔަރު ކުރުމަށް ކޯޓުން ނެރުނު އަމުރުގައި ގާޒީގެ ނަން ނެތިގެން އިޖުރާއީ މައްސަލައެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.

"[ކޯޓު އަމުރާއެކު ރޭ ދަންވަރު އަނެެއްކާވެސް] އެމީހުން ހައްޔަރުކޮށް ފޯމްތައް ފުރާ ހައްޔަރު ކުރި ސަބަބު އަންގާ ޑީޓެންޝަން ސެންޓަރަށް ވައްދަން ނިންމަން ޖެހޭ އިދާރީ ކަންކަން ކޮށްފައިވަނީ ދަންވަރު ޑިއުޓީގައި ހުރި އިންވެސްޓިގޭޓާ. އަދި އެ ދެމީހުން ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔައީ މިއަދު ހެނދުނު ޝިފްޓް ޑީއުޓީ އިންވެސްޓިގޭޓާ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ތަހުގީގު ކުރާ ދެ މީހުންނަކީ ވެސް އެ މަރުހަލާގައި އެ މަސައްކަތް ކުރުމުގެ ހުއްދަ އޮންނަ ދެ ފުލުހުން ކަމަށެވެ.

"ނަމަވެސް ކޯޓުން ބަންދާމެދު ގޮތެއް ނިންމަން އެ ދެ މީހުން ކޯޓަށް ގެނައީ އިންވެސްޓިގޭޓިން އޮފިސާ ނޫން ކަމަށް ބަލައި، އެއީ އިޖުރާއީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބަލާ [ ހައްޔަރު ކުރި ދެމީހުން] ވަނީ ދޫކޮށްލައިފައި،" ފުލުހުން ބުންޏެވެ.

މައްސަލަތަކުގައި އާންމުކޮށް ތަހުގީގު ކުރާ މީހުން އައްޔަން ކުރެވެނީ ފުރަތަމަ 24 ގަޑިއިރުތެރޭ ކޯޓަށް ގެންދިޔުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ.

"މިއަދު ކޯޓަށް ގެންގޮސްފައިވަނީ ކޭސް އެސައިން ކުރެވުނު އިންވެސްޓިގޭޓާ. މީއީ ވޭތުވެދިޔަ ތަނުގައިވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތް. [މިއީ] އަދި ދުވަހަކުވެސް އިޖުރާއީ މައްސަލައެއް ޖެހުނު ކަމެއް ނޫން،" ފުލުހުން ބުންޏެވެ.

ރޭ ހައްޔަރު ކުރުމަށް ފަހު މިއަދު އަނެއްކާވެސް ބަންދުގެ މުއްދަތު ޖަހަން ހުޅުމާލޭ ކޯޓަށް ގެންދިޔުމުން، އެ ކޯޓުން އެ ދެމީހުން ދެވަނަ ފަހަރަށް ދޫކޮށްލައިފައި ވަނީ ފުލުހުން އިޖުރާއަތްތަކާ ހިލާފުވެފައި ވާތީ ކަމަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ އަންހެން މީހާގެ ގާނޫނީ ވަކީލު ހަސަން ވަހީދު "ސަން" އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދެ މީހުން ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި އިއްޔެ ކްރިމިނަލް ކޯޓުން އެ ދެމީހުން ދޫކޮށްލަން އަމުރު ނެރެފައި އޮއްވައި އެ އަމުރު އިސްތިއުފާނު ނުކޮށް، އަނެއްކާވެސް އެ ދެ މީހުން ބަންދު މުއްދަތު ޖަހަން ގެންދިއުން ހިމެނެއެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް ގެންދިޔައިރު، އެމީހުން ބަންދާމެދު ގޮތެއް ނިންމުމަށް ގެންދިޔައީ މައްސަލައިގައި ނުހިމެނޭ ފުލުހުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

https://sun.mv/120019

comment ކޮމެންޓް