ޑްރަގު މައްސަލައިގައި ހައްޔަރުކުރި ދެ މީހުން މިފަހަރު ދޫކޮށްލީ ހުޅުމާލެ ކޯޓުން

ތިން ކިލޯގެ މަސްތުވާތަކެތީގެ މައްސަލަގައި ނުބައިކޮށް ކޯޓު އަމުރު ނެރެފައިވާތީ، އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލި ދެ މީހުން ރޭ ހައްޔަރުކުރުމަށް ފަހު، ހުޅުމާލެ ކޯޓުންވެސް މިއަދު ދޫކޮށްލައިފިއެވެ.

ހުޅުމާލޭ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ފުލުހުން ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ މަންމައަކާއި އޭނާގެ ދަރިފުޅެވެ.

އެ ދެމީހުން އެެންމެ ފުރަތަމަ ހައްޔަރު ކުރީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 3:10 އެވެ.

އެކަމަކު، ދެ މީހުންގެ ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ މީހުން ހައްޔަރު ކުރަން ހުޅުމާލޭ ކޯޓުން ނެެރެފައިވާ ކޯޓް އަމުރުގެ އެއް ސޮފްހާ ފިޔަވައި އެހެން ސޮފުހާތަކުގައި ގާޒީގެ ސޮއި ނެތުމުން، އެމީހުން ހައްޔަރުކޮށްފައި ވަނީ ނުބައި އިޖުރާއަތެއްގެ މަތިން ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ އެމީހުން ދޫކޮށްލައިފައެވެ.

އެ ދެމީހުން ދެވަނަ ފަހަރަށް ހައްޔަރު ކުރީ ދެމީހުން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ ގެއިން ރޭ ދަންވަރު 3:17 އެހާކަންހާއިރު ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.

ރޭ ހައްޔަރު ކުރުމަށް ފަހު މިއަދު އަނެއްކާވެސް ބަންދުގެ މުއްދަތު ޖަހަން ހުޅުމާލޭ ކޯޓަށް ގެންދިޔުމުން، އެ ކޯޓުން ވަނީ އެ ދެމީހުން ދެވަނަ ފަހަރަށް ދޫކޮށްލައިފައެވެ. އެ ދެމީހުން އަނެއްކާވެސް ދޫކޮށްލިކަން ފުލުހުން ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ދޫކޮށްލި ދެމީހުންގެ ތެރެއިން އަންހެން މީހާގެ ވަކީލު ހަސަން ވަހީދު "ސަން"އަށް ވިދާޅުވީ، އޭނާ ދޫކޮށްލީ އިޖުރާއަތްތަކާ ހިލާފުވުމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދެ މީހުން ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި އިއްޔެ ކްރިމިނަލް ކޯޓުން އެ ދެމީހުން ދޫކޮށްލަން އަމުރު ނެރެފައި އޮއްވައި އެ އަމުރު އިސްތިއުފާނު ނުކޮށް، އަނެއްކާވެސް އެ ދެ މީހުން ބަންދު މުއްދަތު ޖަހަން ގެންދިއުން ހިމެނެއެވެ. އަދި ހައްޔަރު ކުރި އަންހެން މީހާގެ ސިއްހީ ހާލަތަށްވެސް ރިއާޔަތް ކުރި ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް