ފަޔަރ އެންޑް އައިސް (7)

ފަޔަރ އެންޑް އައިސް

އާރިޒް އާޔާ ގާތު އެއްޗެކޭ ބުނުމުން އެތާ އަޑުގަދަކަމުން އާރިޒްއަށް އަމިއްލައަށްވެސް އެކީ އެއްޗެއް ސާފެއްނުވިއެވެ. އާރިޒް ވިސްނާލާފައި އާޔާގެ އަތުގައި އޮތް ރިމޯޓް އަތުލިއެވެ. ވޮލިއުމް ތިރިކޮށްލިއެވެ.

"ގެ ވައްޓާހާ ބާރަށް ގުރުއާން ނުޖެހިޔަސް ސަވާބު ލިބޭނެ. ބަރަކާތް ލައްވާނެ..." އާރިޒް އާޔާއަށް ރިމޯޓް ދިއްކޮށްލިއެވެ. އާޔާގެ ފަރާތުން ރައްދެއް އަދި ޖަދަލުކުރުމެއް ނެތި ބިރެއް ފެނުނު ފަދައިން ލޯ ބޮޑުކޮށްގެން އިނެވެ. އެކުއްޖާފުޅު އިން ހާލު ފެނިފައި އާރިޒް މަޑުކޮށްނުލާ ހިނގައިގަތީ އެތެރެއަށެވެ.

އެރޭ އޭނަ ޑޮކްޓަރފުރުގާންއާއި ބައްދަލުކުރީ ނަފްސާނީ ބަލިމީހެއްގެ ހައިސިއްޔަތުންނެވެ. ފުރުގާން އޭނަގެ ކޭސްއާއި ބެހޭގޮތުން ވާހަކަދައްކާފައި ވަކި ބައްޔެއް ނިންމަން އުދަގޫވިއެވެ. ސްކިޒޮފްރީނިއާއާއި މަލްޓިޕްލް ޕާސެނެލިޓީ ޑިސްއޯޑާގެ ނިޝާންތައްވެސް އާރިޒްގެ ހުރީމައެވެ. ސްކިޒޮފްރީނިއާއަކީ މެންޓަލް ބައްޔަކަށްވާއިރު މަލްޓިޕްލް ޕާސެނެލިޓީއަކީ ޕާސެނެލިޓީ މައްސަލައެކެވެ. ޑޮކްޓަރ އިނގިރޭސިން ވާހަކަދެއްކިޔަސް ބޭނުންކުރީ އާރިޒް ދުވަހަކު އަޑު ނާހާ ޒާތުގެ މުޅިން އާ ނަންތަކެވެ. ޕައިލެޓަކަށްވާން ގަސްތުކުރުމަށްފަހު ކޮންމެވެސް ވަރަކަށް ފޮތްތައް ބަލާފައި ވާތީ އޭނައަށް އެނގެނީ އޭވިއޭޝަންގެ ބަސްތަކެވެ. ފިޝްޓެއިލް ޑްރެގްވަޔާ ޑެލްޓާވިންގް ޑިޕާޗާ ސްޓޯލް ޓްރާންސްޕޮންޑާ ފަދަ ނަންތައް ސިކުނޑީގައި ރައްކާކުރަން އުދަގުލެއް ނޫނެވެ. ނަމަވެސް ފުރުގާން ބޭނުންކުރި ލަފުޒުތައް އާރިޒްގެ ސިކުނޑިއަށް ނަގައިގަންނާކަށް ފަސޭހައެއް ނުވިއެވެ.

ޑޮކްޓަރ ފުރުގާން ބުނީ އަލާންއަކީ އަސްލެއް ނޫންކަމަށެވެ. އޭނަގެ ސިކުނޑީގައި އުފައްދައިގެން އުޅޭ ޝަޚުސެއްކަމުގައެވެ. އެހެންމީހުންނަށް އަލާން ނުފެންނަ ކަމަށެވެ. އޭނަގެ އަޑެއް ނީވޭކަމުގައެވެ. އެ މައްސަލަ ހުންނަ މީހުން ބައެއްފަހަރު އާދަޔާ ޚިލާފަށް ބާރުގަދަވެ ކުއްލި ރުޅިއައުމާއިއެކު ކަރުބުޑުން ވާހަކަދެއްކުމަކީވެސް އާއްމުކަމެއް ކަމަށެވެ. އާރިޒްވެސް ގަބޫލުކުރަނީ އެކަހަލަ ގޮތަކަށެވެ. ޖިންނިން އުޅޭކަމަށް އާރިޒް ގަބޫލު ނުކުރަނީއެއް ނޫނެވެ. ނަމަވެސް އަލާންގެ އަމަލުތައް ޖިންނިންނާވެސް ބީރައްޓެއްސެވެ. ޑޮކްޓަރ ފުރުގާން ބުނީ އެކަންތައް ހުއްޓުވޭނީ އޭނަ ބޭސްކައިގެން ކަމުގައެވެ. ނޫނީ އަލާން އޭނަގެ ކޮންޓްރޯލް މުޅިން އަތުލަފާނެކަމުގައެވެ. އަލާން ބުނެފިއްޔާ އެކަންތައް ގަބޫލުކޮށް އެހެންމީހަކަށް ހަމަލާދީފާނެކަމުގައެވެ. އަމިއްލަ ނަފުސަށްވެސް ގެއްލުން ދީފާނެކަމުގައެވެ. ހިތާމައައި ހިތްދަތިކަމުގެ ހިތި ރަހަ އަރުތެރޭ ލިޔަސް އޭނައަށްވުރެ ކެތްގަދަ އެހެންމީހެއް ހުންނާނެބާވައޭ ހިތަށް އެރިއެވެ. ޑިޕްރެޝަންކަހަލަ ކަމަކަށް މަގު ފަހިވިޔަނުދޭން އޭނަ ކިތަންމެހާ މަސައްކަތްކުރިއެވެ. ހެއްދެވި ފަރާތަށް އިތުބާރުކުރިއެވެ. ދޭތެރެއަކުން މިސްކިތަށް ދެއެވެ. އެކަމަކު ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށް ވީ ކީއްވެކަމެއް ނޭގުނެވެ.

ޑޮކްޓަރ ފުރުގާން ދެން ކިޔައިދިނީ އާޔާއަށް އާރިޒްގެ ފަރާތުން ލިބުނު އިންޒާރުތަކެވެ. އަލާންގެ ނަމުގައި ދިން އިންޒާރުތަކެވެ. އާރިޒް ހައިރާންވެ އަންތަރީސްވިއެވެ. ވީއިރު ބައެއްކަންތައް އޭނަގެ ހަދާނަށް ނާންނަނީވެސް އަލާން އޭނަގެ ޖިސްމު ކޮންޓްރޯލްކުރާތީއެވެ. އާޔާ އޭނަ ފެންނައިރަށް ހާސްވެ ބިރުން އުޅޭ ސަބަބަކީ އަލާނިއަލްއެވެ.

ޑޮކްޓަރ ފުރުގާން ދެތިން ވައްތަރު ބޭސް ގެނެސްދިނެވެ. ހެނދުނު ކާންޖެހޭ ބޭހާއި ރޭގަނޑު ކާންޖެހޭ ބޭސް އޮޅުވާލައިފިއްޔާ ދުވާލު އަބަދު ނިދިނުފިލާ ހުރެދާނެއެވެ.

ކޮޓަރިއަށް ވަދެފައި ފެންވަރާލައިގެން ތުވާލި އަނދެގެން ނުކުތެވެ. މޭޒުމަތީ ހުރި ބޭސް ކޮތަޅު ނަގާފައި ރޭގަނޑު ކާންވީ ބޭސްތައް ނެގިއެވެ. އެއްލި ކަޅިއަކުން ފާރަށް ލެނގިލައިގެން ހުރި އަލާނިއަލް ފެނިފައި ސިހުނެވެ.

"ފެންވަރާ ގަޑީގައިވެސް ހުއްދަ ހޯދުމެއްނެތި ވަންނާކަށް ނުޖެހޭނެ." އާރިޒް ނުރުހުންވިއެވެ.

"ހެހެ........"

"ހަމައެކަނި ހީލުމަކުން ފުއްދައެއް ނުލެވޭނެ. ތިއީ ކާކުކަން ރަގަޅަށް ބުނަންވީނު. " އާރިޒް ލޯ ހަނިކޮށްލިއެވެ. އަދި ބާރަށް ހިނގާފައިގޮސް އަލާނިއަލްގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލުމާއިއެކު ތަދުވީ އަމިއްލަ އަތަށެވެ. އަލާނިއަލް ދެން ފެނުނީ އޭނަގެ ފަހަތައި ޖައްސާލާފައި ހުއްޓައެވެ. ހަލުވިކަމާއި ހުޝިޔާރުކަމުގެ ދެވަނައެއް ނެތެވެ. އަލި ދަތުރުކުރާ ވަރަށްވުރެ ވެސް ބާރަށް ދަތުރުކުރާ މީހަކީހެއްޔެވެ؟ އެހެންނޫންނަމަ އެހާ ބާރަށް އޭނަ ގޮށްމުށުގެ އެތިފަހަރެއް ވީއްލައިލިއިރު އޭނަގެ މޫނަށް އެރީހެވެ. ނޫނެކެވެ. ސިކުނޑިއަށް ފެންނަހާ ގޮތެވެ. ބޭސްކާން ފެށުމުން އަލާންގެ ދުއްތުރާތަކުން ސަލާމަތްވެވިދާނެއެވެ. އޭނަ ޖެހޭނީ ފެންނަކަމަށް ނަހަދާށެވެ.

އާރިޒް ބޭސްގުޅަ އަނގަޔަށް ލާން އުޅުނުއިރަށް އަތުގައި ޖަހާ ވިއްސާލައިފިއެވެ.

"އަލާން.........." އާރިޒް ހަޅޭއްލަވައިގަތެވެ.

"ބޭސްކައިގެން އަހަންނެއް ދުރަށް ނުދާނެ އާރިޒް. އާރިޒް ތިހިރީ މޮޔަވެފައެއްނޫނޭ. ހަމަބުއްދި ސަލާމަތުން ހުރެ ބޭސްކެއުމުން ކުރާނެ ފައިދާއެއް ނެތް. ބޭކާރުކަންތައް ކުރަންޏާ އަސްލު މޮޔައަކަށް ވެދާނެ އިނގޭ. ޔޫ ޑޯންޓް ނީޑް ދިސް ޓްރަސްޓް މީ............." އަލާނިއަލް ލޯ އަޅާލާފައި ދެވަނަ ސިކުންތުކޮޅުގައި ބޭސްކޮތަޅު ހިފައިގެން ލޮލުގެ ކުރިމަތިން ގެއްލުނެވެ.

އާރިޒް ހައިރާންވެ އަންތަރީސްވިއެވެ. މިވެސް ލޮލަށް ފެނުނު މަންޒަރެއްބާވައެވެ. ބޭސްފުޅިތައްވެސް ގެއްލުވައިލަނީ ސިކުނޑީގައި އޭނައަށް ފެންނަ އަލާންހެއްޔެވެ؟ އެހެންވާންވީ ކީއްވެހެއްޔެވެ؟ ބޭސްކޮތަޅު ނުފެނިގެން އާރިޒް ނުހޯދާކަށް ތަނެއްނެތެވެ. އަތުން ޖަހާ ވިއްސައިލީވެސް އަމިއްލައަށް ކަމަށް ނިންމާ އެނދު ތަންދޮށަށްދާން ދެން ހޭވިއެވެ. އެނދުގެ ގޮދަޑިވެސް ދަމައިގަތެވެ. އަލަމާރީގައިވާހާ ހެދުންތައް ބިންމައްޗަށް އުކާލިއެވެ. ބަގީޗާތެރޭގައިވެސް އަތްފުނާ އެޅިއެވެ. އެހިސާބަށް ދިޔުމުން އާރިޒްގެ ހިތުގައި ނުބައި ޝައްކުތަކެއް ހިގާލިއެވެ.

އަލާން އަކީ ހަމަ ރޫހާނީ ބާރެއް ލިބިފައިބާ މަޚުލޫގަކީ ބާވައެވެ. އެކަމަކު އޭނަ ފާޅުވަނީ ޖިންނިއެއްގެ ސިފައިގައެއްވެސް ނޫނެވެ. އާދައިގެ އިންސާނެއްގެ ސިފައިގައެވެ.

ސިކުނޑީގައި ކުރެހިފައިވާ ޒުވާން އަލާނިއަލްގެ މި ބާރު އޭނަގެ ސިކުނޑި އޮޅުން ބޮޅުން ކުރުވާ ސިއްސުވާލައިފިއެވެ.

މިވާހަކަ އޭނަ ޑޮކްޓަރ ފުރުގާންއާއި ހިއްސާކުރަންވީބާވައެވެ. އިހަށް އޭނަ އަލާންއަކީ ކާކުކަމާއި އޭނަގެ ހަގީގަތް ހޯދަން މަސައްކަތްކުރާނީއެވެ.

ހޫނު މޫސުމްގެ ކޭމްޕް ނިންމާލާފައި އާރްޔާ އައުމާއިއެކު ބަލްސަމް އާރްޔާއާއި އާރިޒް ބައްދަލުކުރުވިއެވެ. ނޫނީ ސިއެނާ ފަދައިން ސިހި ޝޮކެއް ލިބިދާނެއެވެ. އާރިޒް ފެނުމުން އާރްޔާއަށް އާކަމަކަށް ނުވިއެވެ. އޭނަ ކްލާސްކުއްޖެއްގެ ދައްތައެއްގެ އެއް ލޯ މަތީގައި އެފަދަ އުފަންލަފެއް ހުރެއެވެ. އެލަފު އެހާ ބޮޑުނޫނަސް އެއީ އެކުއްޖާ ދެކޭގޮތުން އޭނަގެ ޚާއްސަ ސިފައެކެވެ. އާރިޒްގެ ބަސްމަދުކަމުން އަނގަތަޅަން ނުކެރުނަސް އާރްޔާ ދޭތެރެއަކުން އާރިޒްއާއި ސަމާސާކޮށްލައެވެ. ހަލަނިކަމާއި އޭނަ އުޅޭގޮތުން އާރިޒްއަށްވެސް މަޖާވާފަހަރު އާދެއެވެ. ވޯލްނަޓް ގަހުގެ ގޮފިގަނޑެއްގައި އެކޮޅު ކޮޅުން އެލުވިގެން އޮވެދާނެއެވެ. ޓައިރަށް އަރާ ހެއްލާފައި ވިނަގަނޑުމަތީ ބުރު އަޅާފައި ނޫނީ ސްކޭޓްކުރުންފަދަ ކަމެއްގައި އުޅޭތަން ފެނެއެވެ. އިންސްޓާކުރުމުގެ ވެސް ދެވަނައެއް ނެތެވެ. ކޮންމެވެސް ތަނެއް ފޮޓޯނަގާފައި އިންސްޓާކޮށްލާނެއެވެ. ނޫނީ އަމިއްލައަށް ވާހަކަދައްކާފައި ވީޑިއޯކޮޅެއް ނަގާނެއެވެ. އާރްޔާ ބުނާގޮތުން އޭނަ ބޮޑުވެގެންވާނީ ޖާނަލިސްޓަކަށެވެ.

ޒިއުރިކްގައި ފަތިސް ނަމާދަށް ބަންގިދެނީ ތިނެއް ޖަހާއިރު ކަމަށްވެފައި ރޯދަ ވީއްލުން ނުވަގަޑި ދިހައެއްކަމުގައި ވިޔަސް ރޯދަ ހިފަން އާރިޒްއަށް އުދަގުލެއްނޫނެވެ. އިޝާ ނަމާދުގަޑިވެސް އެގާރަޖަހާ އެހާކަށްހާއިރުއެވެ. ހޫނުމޫސުމްގައި ރޭގަނޑު ކުރުކަމުން ނިދަން ޖެހެނީ ފަތިސް ކޮށްގެންނެވެ. ރާއްޖެއާއި ބަލާއިރު ރޯދަހިފަންޖެހޭ ވަގުތު މާދިގެވެ. ގާތްގަނޑަކަށް އަށާރަގަޑިއިރެވެ. ނަމަވެސް އާރްޔާފަދަ ކުޑަކުއްޖަކުވެސް އެހުންނަނީ ރޯދަހިފައިގެންނެވެ. ވަރުބަލިކަމެއް ނުދައްކާ ސަކަރާތްފަށެއް ޖަހައިލައެވެ.

އިޝާ ނަމާދަށްފަހު އާރިޒް ގަސްތަކުގެ ތެރެއަށް ނުކުތީ ސިކުނޑިއަށް ލިބިފައިވާ ބުރަހެލިކަން ކަނޑުވާލުމަށެވެ. އެކަނިވެރިކަމާއި ހިމޭންކަމުން ލަވަތައް ލިޔެލަން ނިކަން ފަސޭހައެވެ. ފެންނަ ކޮންމެ މަންޒަރެއް ލަވައިގެ ބައިތުތަކަށް ވެގެން ސިކުނޑީގައި ލިޔެވިދެއެވެ. އާރިޒް އެ ބިޔަ ވޯލްނަޓް ގަހާއި އަރާ ހަމަވީއިރު ގަހުގެ ގޮފިތަކުގެ ތެރެއިން ހިލަމެއްވިހެން ހީވިއެވެ. މިގަޑީގައި ގަހަށް އަރާ އޮންނާނީ ކާކުހެއްޔެވެ.

"އާރްޔާ...." އާރިޒްއަށް ކިޔައިލެވުނެވެ.

"ކުޗްމުޗު ޗަމްޗިއްލާ ކުޗްމުޗް........." ދުވަހަކު ނާހާ ޒާތެއްގެ އަޑަކުން ގަސްތަކުގެ ތެރެއިން ފުރޭނިގެން އައި އަޑު އާރިޒްގެ ކަންފަތުގައި ޖެހުނެވެ.

"އާރްޔާ؟ " އާރިޒް ހީކުރީ އާރްޔާ ސަމާސާއެއް ކޮށްލީ ކަމަށެވެ.

"ކުޗްމުޗް ޗަމްޗިއްލާ ކުޗްމުޗް..." މިފަހަރު މާ ސާފުކޮށް އެ އަޑު އިވުނެވެ. މިއުޒިކީ ބަހުރުވައެކެވެ. ތަފާތު ރާގަކަށް އެމީހަކު ތަކުރާރުކޮށް ކިޔަމުން ދިޔައީ އެޖުމްލައެވެ. ފަނޑު އައްޔަކުން ދިއްލިފައިވާ ގަސްތަކުގެ ފަތްތަކުގެ ތެރެއަށް އާރިޒް ލޯ ހިންގައިލިއެވެ. ގަހުގެ ގޮފިތަކުގެ ތެރެއިން ކަޅުފޮތިގަނޑެއް ކަހަލަ އެއްޗެއް ފެނުނުހެން ހީވެ އާރިޒް އެގޮފިގަނޑުގައި ހިފާ ހަލުވައިގަތެވެ. އެއާއިއެކު ސޮއްސާލައިގެން ކަހަލަގޮތަކަށް ވިނަގަނޑުމަތީ ޖެހުނީ އިސްކޮޅުން ތަންކޮޅެއް ކުރުކޮށް ހުރި މަޚުލޫގެކެވެ. ބޮލުގައި ދެދަޅުލާފައި މޫނާއި ގައިގާ އާދަޔާޚިލާފަށް ކެހެރިފަޅާފައެވެ. ހިތް ތެޅިގަތުމާއިއެކު އާރިޒްއަށް ފަހަތަށް ޖެހިލެވުނެވެ.

"އޯ މައި ގޯޑް..........." އާރިޒް ލޯ ބޮޑުކޮށްލިއެވެ.

"ޝެންޝޫ ޑީވެ ޔޫ......."

"ކޮން ބަހުރުވައަކުން ތި ވާހަކަދައްކަނީ؟ "

"ނޭގުނުދޯ. އަޅުގަނޑުމެންގެ ވެސް ބަހުރުވައެއް އޮވޭ. އެންމެރަގަޅު އަޅުގަނޑު މިގޭގައި އުޅުނު ކުޑަދުވަސްކޮޅު މިހާރު ތިބަސްވެސް ދަސްކޮށްފިން. އެހެންވެ ތިޔަބަހުން ފަރިތަކަމާއިއެކު ވާހަކަދައްކަން އެނގޭ. ނަމަކީ ލޫގާ......." އެ މަޚުލޫގު ވާހަކަދެއްކިއިރު ހޮހަޅައެއްގެތެރޭ ހުރެ ވާހަކަދައްކާފަދައިން އަޑު ގުގުމައެވެ.

މިވެސް ހަމަ އޭނަގެ ލޯމައްޗަށް ފެންނަ މަންޒަރެއް ބާވައެވެ. ކަންފަތަށް އިވޭ އަޑުތައް ބާވައެވެ.

"އަޅުގަނޑަކީ އެއް އިރެއްގައި ކްއީން ޚަލީސީގެ ވަފާތެރި ޚައްދާމެއް. އަޅުގަނޑު މި ސަރަހައްދުގައި ދިރިއުޅުނަސް ދޭތެރެއަކުން އަޅުގަނޑުގެ ވަޒަނަށް ގޮސްލަން. ބޭނުންކަމުގައިވާނަމަ އަޅުގަނޑުމެންގެ ދުނިޔެއަށް ގެންގޮސްދީފާނަން. އެދުނިޔޭގައިވެސް ރަށްތަކާއި ގަބީލާތައް ވޭ. ރަސްކަލުންނާއި ގަބީލާގެ ވެރިން އައްޔަންކުރެވިފައި ވޭ. ރަސްކަލުން ދިރިއުޅެން މާ ސިންގާ ގަނޑުވަރުތައް ހުރޭ. ބިއްލޫރު ގުއްބުތަކުގެ ދަޅަތައް އަރައަރާ ހުރޭ. ޒަބުރްޖުދާއި ކަނޑުނީލަމާއި އަގީދާއި އަލިމަސްތަކުން ވިދުންއަރާ ގަނޑުވަރުތައް ފެނި އިންސާނުން އާޝޯޚުވެ ތަލިން ކުޅުހިކޭނެ. އަޅުގަނޑުމެންގެ ތެރޭ ބޭސްވެރިންނާއި އެކި ކަންކަމުގެ މޭސްތިރިން އުޅޭ.........." ލޫގާ އަނދިރިގަނޑަށް ޖެހިލިއެވެ.

"ކަލޭ މިސަރަހައްދުގައި ދިރިއުޅުމުގެ ބޭނުމަކީ ކޮބާ..." އާރިޒް އެހިއެވެ.

"ހުރިހާ ވާހަކަތަކެއް ނުބުނެވޭނެ.."

"އަލާނިއަލް ކޮބާތަ؟ " އާރިޒް ހިންދިރުވައިލިއެވެ. ކްއީން ޚަލީސީއަކީ ކާކުކަންވެސް އެނގެނީއެއް ނޫނެވެ. އަހާލަން ބޭނުމެވެ. ޝައުގުވެރިވެސްވިއެވެ. އަނެއްކާ ޝެހެންޝާހުގެ އަންހެނުން ބާވައެވެ.

"ގަނޑުވަރުގައި...."

"ލޫގާގެ އުމުރުން ކިތައް އަހަރު....."

"ދުއިސައްތަ އަހަރު....."

"ކޮބާ މައިންބަފައިން. އެމީހުންގެ އުމުރު ކިހާވަރެއް." އާރިޒް އަހައިލިއެވެ.

"އަޅުގަނޑުގެ ބައްޕައަށް އެއްހާސް އަހަރު. ކާފަ މަރުވެފައިވަނީ އުޑުގެ ޚަބަރު ހޯދަން އުޅެނިކޮށް ގިނިހިލައަކުން ޖެހި. މަލާއިކަތްބޭކަލުންގެ ތަސްބީހަ އެހުމަށް އޭރު އުޑުކައިރީ ތިބޭކަމުގައިވޭ. އެތަން ބަލަހައްޓަވާ ވަރުގަދަ މަލާއިކަތުންނާއި ގިނި ހިލަތަކުން ފުރިފައިވޭ. އަހުމަރު އަދި އަބްޔަޟު ރަސްގެފާނުގެ ވާހަކަ އަޑުއެހިންތަ؟" ލޫގާ ސުވާލުކުރިއެވެ.

އާރިޒް ޖަވާބުދޭން އުޅެނިކޮށް އާރްޔާ ފެންޑާއަށް ނުކުމެގެން ދުވެފައި އަންނަނިކޮށް ފެނުނެވެ. އާރްޔާ އޭނަގެ ކުރިމަތީގައި ހުއްޓުނުއިރުވެސް ލޫގާ އެހުރިހާތައި ހަރަކާތެއް ނެތި ބަހައްޓާފައިހުރި ގާބުދެއްހެން އިރުކޮޅެއްވާންދެން ހުއްޓެވެ. އާރިޒް ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އާރްޔާއަށް އެ މަޚުލޫގު ފެނިދާނެބާވައެވެ. މިހާ މުހިއްމު ވަގުތެއް އާރްޔާ މެދުކަނޑާލުމުން އާރިޒްއަށް ބުމަގޮށް ޖަހައިލެވުނެވެ.

"އާރިޒް. މި ފޯނު ޗެކްކޮށްދީފާނަންތަ؟ ވެއްޓުނުގޮތަށް މީތި ގޮވާފައި........" އާރްޔާ ފޯނު ދިއްކޮށްލިއެވެ.

ލޫގާ އާރްޔާއާއި ދިމާލަށް ފިޔަވަޅެއް އެޅުމުން އާރިޒް ސިހުނެވެ.

"މަޑުކުރޭ...." އާރިޒް އަމުރުކުރިއެވެ.

"ވަޓް؟ " އާރިޒްގެ ނަޒަރު ހުރި ދިމާލަށް އާރްޔާ ބަލައިލީ ހައިރާންވެފައިހުރެއެވެ.

ލޫގާ މަޑުމަޑުން ހިނގަމުންގޮސް އާރްޔާގެ ކުރި ކަނޑާލާފައި ގޮސް ގަސްތަކުގެ ތެރެއަށްވަދެ ޣައިބުވެއްޖެއެވެ. އާރްޔާކުޑަކޮށް ހާސްވެފައިހުރެ އާރިޒްގެ މޫނުމަތީ ގައި އަތް ހިންގައިލިއެވެ. އޭނައަށް ނުފެންނަ އެއްޗެއް އާރިޒްއަށް ފެންނަނީހެއްޔޭ އެހީ ނުތަނަވަސް ހުނުމަކާއިއެކުއެވެ.

"ހޫމް މި ފޯނަށް ކިހިނެއްވީއޭ؟ " އާރިޒް ފޯނު އަތުލަމުން އެއަށް ނަޒަރު ހުއްޓިނަމަވެސް ސިކުނޑީގައި ގުގުމަނީ ލޫގާ ދެއްކި ވާހަކައެވެ. ލޫގާ ހުރި ސިފައެވެ. ކްއީން ޚަލީސީއާއި ލޫގާމެންގެ ދުނިޔޭގެ ވާހަކައެވެ. އެންމެ ފުރަތަމަ ލޫގާގެ ޖުމްލަވެސް އޭނަގެ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. ދެވަނަ ޖުމްލަ ހަނދާނުގައި ރައްކާނުކުރެވުނީ އެންމެ ފަހަރަކު އިވުނީމައެވެ. އާރްޔާއާއިއެކު ގެއަށް ވަދެފައި އޭނަ އާރްޔާގެ ފޯނު ޑިސްޕްލޭ ހަލާކުވީކަމުގައި ބުނެފައި އެނބުރި ގަސްތަކުގެތެރެއަށް އައިސް ލޫގާއަށް އިންތިޒާރުކުރިއެވެ. ޚަބަރެއްނުވިއެވެ. ގަސްތަކުގެ ތެރޭގައި ހުރި ދިގުގޮނޑިއެއްގައި ޖައްސާލުމަށްފަހު ފޯނު ހުޅުވައިލިއެވެ. "ކުޗްމުޗް ޗަމްޗިއްލާ ކުޗްމުޗް" ގޫގުލްކޮށްލިއިރު އެއީ ގޫގުލްވެސް ދަންނަ ލަފުޒަކަށް ނުވިއެވެ.

ދެންވެސް އޭނަ ގަބޫލުކުރަންވީ މިއީ ސިކުނޑިއަށް ފެންނަ ކަންތައްކަމުގައި ހެއްޔެވެ؟ ޕަބްޖީފަދަ ގޭމްތައް ކުޅެމުންގޮސް ބައެއްފަހަރު މޮޔަވެ އަމިއްލައަށް މަރުވާކަމަށް ނޫސްތަކުން ދެކުނަސް އޭނައަށް ކުރިމަތިމިވީ އަދި އާދަޔާ ޚިލާފު ކުޅިގަނޑެކެވެ.

ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައް ފެށުނެވެ.

އެދުވަހު އިރުއޮއްސުމުގެ ކުރިން އާއިލާ މެމްބަރުންނަށާއި އެގޭގައި ދިރިއުޅޭ މީހުންނަށް ނޫރިއާ ދައުވަތުދީގެން ބަގީޗާތެރެއަށް ގެނައެވެ. ވިނަގަނޑުމަތީ އަތުރާލާފައި ހުރި ގޮނޑިތަކުގައި އެންމެން ހަމަޖެހިލިއެވެ. އާރިޒްއަށް ދައުވަތުދިންކަން އެނގުނީ މިއަދުވެސް އާރިޒް އެތަނަށް އައިތަން ފެނިފައެވެ. އާޔާ ކުޑަކޮށް ފިނިވާގޮތްވިޔަސް ތުން އޫކޮށްލިއެވެ. ބައްޕަގެ ފަރާތުން އާރިޒްއަކީ ނަފްސާނީ ބަލިމީހެއްކަން އެނގި ޔަގީންވެފައިވިޔަސް އާޔާގެ ހިތުގައިވާ ބިރުވެރިކަމާއި ނަފްރަތު ފިލާގޮތެއްނުވިއެވެ. އެ ޖަޒުބާތުތައް މޫ ހެދި ކުރިލަމުން ދިޔައިރު އާޔާ އެކަން ފޮރުވާކަށް މަސައްކަތެއް ނުކުރެއެވެ. ސިއެނާއާއި އާރްޔާ ފަދައިން އާޔާއަށް އާރިޒް ބަލައިގަންނާކަށް ފަސޭހަ ނުވީ ކީއްވެކަމެއް ނޭގުނެވެ.

ނޫރިއާ ނަސޭހަތްތެރިވިއެވެ. ނަމާދު ތަސްބީހަ ޒިކުރު ސަލަވާތް އަސްތަޣުފާރު އަދި ސަދަގާތް ވީހާވެސް ގިނަކުރުމަށެވެ. ލައިލަތުލް ގަދުރު ވިލޭރޭ ހޯދަން ކެނޑިނޭޅި މި ދިހަ ރޭ މަސައްކަތްކުރުމަށެވެ. މޮބައިލް ފޯން އައިޕެޑް އަދި ލެޕް އެއްފަރާތްކޮށްލުމަށެވެ. އެންމެ ދިހަ ދުވަހަށް މީސްމީޑިއާއާއި ދުރުހެލިވުމަށެވެ. ބާކީއޮތް ތިންސަތޭކަ ފަންސާސްފަސް ދުވަހު އެކަމުގައި ދެމިތިބުމަށްފަހު މި ދިހަ ދުވަސް ޚާލިގުވަންތަ މާތް ﷲއަށް ޚާއްސަކޮށްލުމަށެވެ.

"މާމާ. އާރިޒް ބުނީ އާޔާ ފޯނު ޑިސްޕްލޭ ހަލާކުވެފައިކަމަށް. ވީއިރު އާޔާއަކަށް ފޯނު ޔޫޒް ނުކުރެވޭނެ.........." އާރްޔާ އާރިޒްގެ މޫނަށް ބަލަމުން އެއްލޯ މަރައިލިއެވެ. އާޔާ އާރްޔާއަށް ނުރުހުމުގެ ތޫނު ނަޒަރެއް އަމާޒުކޮށްލިއެވެ.

"ބައްޕާ. އެހެންވިއްޔާ އަޅުގަނޑު ފޯނެއް ބޭނުމީ އީދު ދުވަހު. މިދުވަސްކޮޅު ފޯނު ހަލާކުވީ އަޅުގަނޑުގެ ނަސީބުކަމަށް ވާނީ.........." އާޔާ މޫނުމަތި ރީތިކޮށްލިއެވެ.

"އޯކޭ ދަރިފުޅާ..." ފުރުގާން ދަރިފުޅަށް މާ ލޯބިން ބަލައިލިހެން ހީވެފައި ބަލްސަމްގެ ހިތުން ތަންކޮޅެއް އުތުވިގެން ދިޔައެވެ. ނިކަން ކުޑަކޮށެވެ. ބަލްސަމް ހިތަށް ވިސްނައިދިނަސް އެފަދަ ކޮންމެ ބެލުމަކުން އޭނަގެ ހިތުގައި ވަސްވާސްތައް އުފެދި ހިތް ކިލަބުވާގޮތްވެއެވެ.

للَّهُمَّ اِنَّكَ عَفُوٌّ ، تُحِبُّ الْعَفْوَ فَاعْفُ عَنِّي

"މިރެއިން ފެށިގެން ގިނަ ގިނައިން މި ދުޢާ ކުރަންވާނެ...." މާމަ ހުރިހާކުދިންނަށް އެ ދުޢާ އާއެކު ފަހު ދިހައިގެ ޕްލޭނެއްވެސް ފޮނުވިއެވެ. އިޝާނަމާދާއި ތަރާވީހަށް ފަހު ގުރުއާން ކިޔެވުމުގައި ވަގުތު ހޭދަކުރުމަށްފަހު ކޮންމެވެސް ވަރަކަށް އާޔަތްތައް ހިތު ދަސްކުރުމެވެ. އިސްތިޣުފާރު ކުރުމާއި ސަދަގާތްކުރުމެވެ. ގުރުއާންގެ އާޔަތެއް ނޫނީ ސޫރަތެއްގެ ތަފްސީރު ކިޔާލުމެވެ. ބޭނުންވާހާ ކަންތައްތަކާއި އެދޭހާ އެދުމެއް ހެއްދެވި ފަރާތަށް ދެންނެވުމާއި ދުޢާކުރުމެވެ. އެންމެނަށް މާފުކުރުމެވެ. ނިދުމުގެ ކުރިން ކިޔާ އަޒްކާރުތައް ކިޔެވުމަށްފަހު ފާފަފުއްސެވުމަށް އެދިފައި ކުޑަކޮށް ނިދާލާނީއެވެ. އެއަށްފަހު ދަމުނަމާދުކޮށް ފާފަފުއްސެވުމަށް އެދި ދެންނެވުމާއި ވީހާވެސް ގިނައިން ދުޢާކުރުމެވެ.

"އެންމެނަށް މާފުކުރިޔަސް އާރިޒްއަކަށް މާފެއް ނުކުރެވޭނެ.." އާޔާގެ ޟަމީރު އޭނައަށް ހަދާންކޮށްލަދިނެވެ.

ނޫރިއާ ދީނީ ވާހަކަތަކެއް ދައްކަން އިންއިރު ބަގީޗާތެރޭގައި ހުރި މޭޒު ރޯދަވީއްލަން ތައްޔާރުކުރުމުގައި ފްލޯރާ އަވަދިނެތި އުޅެއެވެ. ފްލޯރާ ކްރިސްޓިއަން އަންހެންކުއްޖެއް ކަމުގައި ވީނަމަވެސް ގޭގެ އެހެން މެމްބަރުންނެކޭ އެއްފަދައިން އޭނަވެސް ރޯދަހިފަން ލޯބިކުރެއެވެ. އެމީހުންނާއިއެކު ރޯދަވީއްލުމުގައި ބައިވެރިކޮށް ދީނީ ވާހަކަތައް ފްލޯރާއާއި ހިއްސާކުރުމަކީ ނޫރިއާގެ އާދައެކެވެ. ފްލޯރާގެ ހިތުގައިވެސް ދީނަށް ޚާއްސަ ލޯތްބެއް ޖެހިފައިވިއެވެ. ފްލޯރާ އެމީހުންނާއިއެކު ކެއުމުގައި ބައިވެރިކުރާތީ ބަލްސަމް އިންތިހާއަށް ނުރުހި އެކަމާއި ފުރުގާންގާތު ޝަކުވާކުރަން ހިތަށް އަރައެވެ. އެއްއިރެއްގައި ތިމާ އުޅުނު ނިކަމެތިކަން ބަލްސަމްގެ ހަނދާނުން ފޮހެވިއްޖެއެވެ. ޝާހީ އާއިލާއެއްގެ ޅީދަރިއަކަށްވުމުން ކިބުރުވެރިކަމާއި ޒީލަގަދަކަން ބަލްސަމްގެ މިޒާޖުގެ ބަޔަކަށްވެއްޖެއެވެ.

އިރުއޮއްސުމާއިއެކު އާރިޒްއާއި އެހެންމީހުންވެސް ސިއްސައިގެން ދިޔައީ ވޯލްނަޓްގަހާއި ދިމާލުން ބާރު އެއްޗެއްޖެހުނު އަޑުފަށްގަނޑަށެވެ. ވީނުވީއެއް ނޭގި ސުވާލުގެ ނަޒަރުން ބަލައިލެވުމާއިއެކު ޖަވާބު ލިބުނެވެ. އެދިމާލުން ދުއްވައިގަތް ބުޅަލެއް ފެނި އެހެންމީހުނަށް ބުޅަލެއްކަމަށް ހީކުރެވުނެވެ. ބިރުގަނެ މޭގަނޑު ގުޑައިލީ އާޔާގެއެވެ. އޭނަ އެކަން ނުދައްކަން މަސައްކަތްކުރިއެވެ. ގަސްކައިރީ ހުރި ލޫގާ ސިފަވީ ހަމައެކަނި އާރިޒްގެ ލޮލަށެވެ. ފެނި ގެއްލެމުން އެދިމާލަށް އައިގޮތަށް އާރްޔާގެ ބޮލުގައި ޖަހަން އަތް މަޅައިލުމާއިއެކު އާރިޒްއަށް ފުންމައިގެންގޮސް ލޫގާގެ ގައިގާ ހިފައިގަނެވުނީ އާރްޔާގެ ހިމާޔަތުގައެވެ. ދެމީހުން އޮޅުލަމުންގޮސް ވިނަގަނޑު މައްޗަށް ޖެހުނެވެ. އެތާ ތިބި މީހުންނަށް ފެންނަނީ ހަމައެކަނި އާރިޒް އުޅޭގޮތެވެ. އާރިޒް މޮޔައެއްހެން ނުފެންނަ މީހަކާއި އޮޅުލާތަނެވެ.

އާރްޔާވެސް ސިހިފައި ގޮނޑިން ތެދުވެއްޖެއެވެ.

(ނުނިމޭ...)

https://sun.mv/119496

comment ކޮމެންޓް