ރައްޔިތުން އެދެނީ ގަޑި ޖެހުނީމަ މުސާރައިން ކަނޑަން، ފަރިއްކޮޅުވެސް ކަނޑާލަން!

19 ވަނަ މަޖިލީހުގެ މެމްބަރުން --- ފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ރައްޔިތުންގެ 19ވަނަ މަޖިލިސް ހުވާ ކުރުމަށް ފަހު އެންމެ ފުރަތަމަ މި ފެށި މަސައްކަތަކީ މަޖިލިސް ގަވައިދު އިސްލާހުކުރުމުުގެ މަސައްކަތެވެ. އެކަމަށްޓަކައި މިހާރު ވަނީ 11 މެމްބަރުންގެ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. މަޖިލިސް ގަވައިދަށް އާންމުންގެ ހިޔާލު ހޯދަން އިއްޔެ މަޖިލީހުން ވަނީ ހުޅުވާލާފައެވެ.

އެއާއެކު އާންމުންގެ ހިޔާލުތައް ސޯޝަލް މީޑިއާގައި ދަނީ ފާޅު ކުރަމުންނެވެ. ސޯޝަލް މީޑިއާއަކީ މިހާރު ދިވެހިން އާންމުކޮށް ހިޔާލު ފާޅުކުރާ ހޮޅުއައްޓެވެ. ފާހަގަކުރެވުނީ އެންމެ ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަޑި ޖެހިގެން މަޖިލީހަށް ހާޒިރުވިޔަސް މުސާރައިން ނުކަނޑާ މައްސަލާގައި ކަމެވެ.

"މަޖިލިސް މެމްބަރުން ހާޒިރުވާ ގަޑި އިނގޭ ގޮތަށް ހާޒިރީ ރިޕޯޓު ޑެއިލީ އަޕްލޯޑުކޮށްދެއްވުން އެދެން. ގަޑި ޖެހޭ އެމްޕީސްގެ މުސާރައިން ގަޑީ ލާރި ކެނޑުން. ސަލާމް އަދި ޗުއްޓީ ލިމިޓެއް އޮތުން،" މީހަކު ޓްވިޓާގައި ހިޔާލު ފާޅުކުރިއެވެ.

އެހެން މީހަކުވެސް ބުނެފައިވާ ގޮތުން ގަޑިޖެހިގެން މަޖިލީހަށް ހާޒިރުވާނަމަ މުސާރައިން ކެނޑެން ޖެހެއެވެ. އަދި ވާނުވާ ނޭންގި މަޖިލީހަށް ހާޒިރުނުވާ ނަމަވެސް މުސާރައިން ކެނޑެން ޖެހެއެވެ. އާންމު ރައްޔިތުންގެ އެ ވާހަކަ ދައްކާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއީ އާންމު ވަޒީފާތަކުގައި އުޅޭ މީހުން އެއް މިނިޓް ވަޒީފާއަށް ލަސްވިޔަސް ގަޑިއަށް ކަނޑައެވެ. އެއީ ކުޑަކުޑަ މުސާރައެއްގައި އުޅޭ މީހުންނެވެ. އެ މީހުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ތަފާތުވާން ޖެހޭ ސަބަބެއް ނެތްކަމަށް ރައްޔިތުން ބުނެއެވެ.

ހަގީގަތުގައި ގަޑި ޖެހިގެން މަޖިލީހަށް ހާޒިރުވުމުގެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގައި ބޮޑު މައްސަލަ އެކެވެ. ނިމިދިޔަ 18ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެ މައްސަލަ ބޮޑެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުވައެއް ޖަހާއިރު ފަށަން ތާވަލު ކުރިއަސް މެމްބަރުން ހާޒިރު ނުވެގެން ކޯރަމް ހަމަނުވެގެން ޖަލްސާ ފެށޭއިރު ގިނަ ދުވަހަށް ހުންނަނީ 11 ޖަހާފައެވެ. އެހެންވީމަ ގަޑީ ލާރި ކެނޑުމަކީ ހަގީގަތުގައިވެސް މުހިންމު ކަމެކެވެ.

"މަގުބޫލު އުޒުރެއް ނެތި މަޖިލިސް ޖަލްސާއަށް ހާޒިރުނުވާ މެމްބަރުންގެ މުސާރަ ކެނޑެންވާނެ." މީހަކު ޓްވިޓާގައި ބުނެފައިވެއެވެ.

ދައުލަތުގެ ބަޖެޓުން ފަރިއްކޮޅު ދޭކަށް ނުޖެހޭ!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސައި ފޮދު ފަރިއްކޮޅު މަޖިލީހުގެ ޖަލްސާ ހިނގާ ދުވަސްތަކުގައި މަޖިލިސް އިދާރާގައި ތައްޔާރުކޮށްފައި އޮވެއެވެ. ތަފާތު އެކި ވައްތަރުގެ ހެދިކާ އަދި ސަޔާއި ކޮފީއެވެ. އެއީ ޖަލްސާގެ މެދުތެރެއިން އަދި ކޮމިޓީ ބައްދަލުވުންތަކުގައި ވެސް ހުސްނުކޮށް ލިބެން ހުންނަ އެއްޗެއްސެވެ.

ރައްޔިތުން އެދެނީ އެ ފަރިއްކޮޅު ކަނޑާލާށެވެ. އާންމު ރައްޔިތުން ބުނާ ގޮތުން ބޮޑު މުސާރައެއް ދީފައި އަދި ދައުލަތުގެ ބެޖެޓުން މެމްބަރުންނަށް ފަރިއްކޮޅު ދޭކަށް ނުޖެހެ އެވެ.

"މަޖިލީހުގެ ޑެއިލީ ފަރިއްކޮޅު ކަނޑާލާ." މީހަކު ބުންޏެވެ.

"މަޖިލިސް ކޮއްތު އުވާލުން. ސަރުކާރު އެއްވެސް އޮފީސް ކޮމްޕެނީ އިންޑިޕެންޑެންޓް އިންސްޓިޓިއުޝަން ސްޓާފުންނަށް އެތަނުން ސައި، މެންދުރު ކާން ނުދޭ. އެމްޕީއަކަށް މަހަކު 85،000 ރުފިޔާ ލިބޭ." މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.

އޭގެ އިތުރުންވެސް އާންމު ވަނީ ގިނަ ހިޔާލުތަކެއް ހުށަހަޅާފައެވެ. އެގޮތުން ހަފްތާއަކު ފަސް ދުވަހު މަސައްކަތް ކުރުމާއި ސަލާމް ބުނެފިނަމަ މެޑިކަލް ސެޓްފިކެޓް ހުށަހެޅުމާއި ސަލާމްވެސް ލިމިޓެއް އޮތުމަކީ ގިނަ ބައެއްގެ ހިޔާލެވެ. އަދި ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ހަދަންވެސް ގިނަ ބަޔަކު ހިޔާލު ހުށަހަޅައެވެ.

https://sun.mv/119820

މަޖިލިސް ގަވައިދު އިސްލާހު ކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ވަނީ ބާއްވާފައެވެ. އެ ކޮމިޓީގައި ނިންމީ ބަހުސް ވަގުތަށް ކޮންމެ މެމްބަރަކަށް ދެ މިނިޓް ދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އޮތީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ސުޕަ މެޖޯރިޓީއެވެ. އެމީހުން ގިނަ ގޮނޑިތަކެއް ހޯދާފައި އެވަނީ ނަޒާހާތްތެރި ރައްޔިތުންގެ މަޖިލީހެއް ދައްކައިދޭނެކަމަށް ވައުދުވެގެންނެވެ. ރައްޔިތުންގެ މަޖިލިސް ހިނގާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ބުނެގެންނެވެ. އެމްޑީޕީގެ އެޖެންޑާ 19 ކެމްޕޭނުގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ މެމްބަރުންގެ ނަޒާހާތްތެރިކަން ކަށަވަރުކުރުމުގެ ވާހަކައެވެ. ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ވާހަކައެވެ. އެހެންވީމަ ރައްޔިތުން އެދޭ ބަދަލު މިފަހަރުގެ މަޖިލީހުން ގެނެސްދޭނެ ކަމަށް ރައްޔިތުން އުންމީދު ކުރެއެވެ.

comment ކޮމެންޓް