އާއިލީ ވެރިކަން މިއަދު މައްސަލައަކަށް ނުވި: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: އޭނާ ވިދާޅުވަނީ އެމްޑީޕީ އަށް ކުރިން އައިލީ ވެރިކަން މައްސަލައަކަށްވީ ނަމަވެސް މިއަދު އާއިލާ ވެރިކަން މައްސަލައަކަށް ނުވި ކަމަށް ---- ފައިލް ފޮޓޯ/ ރައީސް އޮފީސް

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އަށް ކުރިން އައިލީ ވެރިކަން މައްސަލައަކަށްވި ނަމަވެސް މިއަދު އާއިލީ ވެރިކަން މައްސަލައަކަށް ނުވި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި އުމަރު ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި އެމްޑީޕީން އެންމެ ބޮޑަށް ދެއްކި ވާހަކައަކީ، އާއިލީ ވެރިކަމުގެ ވާހަކަ ކަމަށެވެ. އަދި "މިއަދު މިޖެހުނީ ކޮންތާކުތޯ" އުމަރު ސުވާލު ކުރެއްވި އެވެ.

"އާއިލާ އިން ބޭރު މީހަކަށް އެއްވެސް ފުރުސަތެއް ނެތް. މި ސަރުކާރުގެ ކައްވަޅު މި މީހުން އަމިއްލަ އަށް ކޮންނާނެ. މިފަހަރު އަޅުގަނޑުމެން އެކަން ކުރާކަށް ނުޖެހޭނެ. މިފަހަރު އަޅުގަނޑުމެންނަށް ޖެހޭނީ ހަމަ އެކަނި އުދަލި ދިއްކޮށްލަން،" އުމަރު ވިދާޅުވި އެވެ.

އުމަރު ކުރެއްވި ފޭސްބުކު ޕޯސްޓް --

އުމަރު އެފަދައިން ވިދާޅުވީ، މަޖިލިސް ރައީސް އަދި ނައިބު ރައީސް ކަމަށް އެއް އާއިލާކަށް ނިސްބަތްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ނަން މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކުރުމުންނެވެ.

އުމަރު އެގޮތަށް ވިދާޅުވި އިރު، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް މިއަދު "ސަން" އަށް ވިދާޅުވީ، އެއް އާއިލާއަކަށް ނިސްބަތްވާ ބަޔަކަށް މަޖިލިސް ރައީސް ކަމާއި ނައިބު ރައީސް ކަމަށް އައުމުން ހާމަ ވެގެން ދަނީ އެއް އާއިލާ އަކަށް ހުރިހާ ބާރެއް ޖަމާވަމުންދާ ކަން ކަމަށެވެ. އަދި މުސްތަގުބަލުގައި ދައުލަތުގެ ކަންކަން ނިމިގެންދާނީ "ކާ މޭޒު މަތިން" ކަމަށް ޝިޔާމް ސިފަ ކުރެއްވި އެވެ.

comment ކޮމެންޓް