ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކަށް މިރޭ އެމްޑީޕީން ފާސް ކުރި އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މަޖިލީހުގެ ރައީސްކަމަށް ގާބިލް ބޭފުޅެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިސް މެމްބަރު އަދި ތިމަރަފުށީ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި އެމްޑީޕީ އިންތިޚާބީ ޕާލިމަންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި، ވޯޓުގައި ބައިވެރިވި ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ރައީސް ނަޝީދުގެ ނަން މަޖިލީހުގެ ރައީސް ކަމަށް ފޮނުވުމަށް ވަނީ ފާސް ކޮށްފައެވެ.
އެކަމާ ގުޅިގެން "ސަން" އާ ވާހަކަ ދައްކަވަމުން އަބްދުﷲ ރިޔާޒު ވިދާޅުވީ، ރައީސް ނަޝީދަކީ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް އެނގިވަޑައިގަންވާނެ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ގާނޫނުތައް ދަންނަ، މަޖިލިސް ރައީސް ކަމަށް ގާބިލް ބޭފުޅެއް ކަމަށެވެ.
"އާދެ. [މަޖިލިސް ރައީސް ކަމަށް] ރައީސް ނަޝީދަކީ ވަރަށް ގާބިލް ބޭފުޅެއް. އެމަނިކުފާނަށް ގާނޫނު އަސާސީއާ ގަނޫނުތަކާ އެއްގޮތަށް މަސައްކަތް ކުރެއްވޭނެ. ރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތައް [ރައީސް ނަޝީދަށް] އެނގިވަޑައިގަންނަވާނެ،" ރައީސް ނަޝީދަކީ މަޖިލިސް ރައީސް އަކަށް ގާބިލު ބޭފުޅެއް ކަމަށް ސުވާލު ކުރުމުން ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ، މަޖިލީހަށް އިންތިހާބުވާ ކޮންމެ މީހަކީ ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާބިލު ބޭފުޅެއް ކަމަށާއި އެމްޑީޕީގެ އިންތިހާބީ ޕާލިމަންޓަރީ ގުރޫޕުގެ 64 މެމްބަރުންގެ ތާއީދާއެކު ރައީސް ނަޝިދުގެ ނަން ފާސް ވުމަކީ އެމަނިކުފާނުގެ ގާބިލުކަން ދޭހަކޮށްދޭ ކަަމެއް ކަމަށެވެ.
އެމްޑީޕީން މިރޭ މަޖިލިސް ރައީސް ކަމަށް ނޮމިނޭޓް ކުރެއްވި ރައީސް ނަޝީދަށާއި ނައިބު ރައީސް ކަމަށް ނޮމިނޭޓް ކުރެއްވި ގަލޮޅު އުތުރު ދާއިރާ އިންތިހާބީ މެމްބަރު އީވާ އަބްދުﷲ އަށް ރިޔާޒު މަރުހަބާ ދެންނެވި އެވެ.
ރިޔާޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އޭނާ މަޖިލިސް ރައީސް ކަމަށް ގެނައުމަށް މަސައްކަތް ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރައްވާ މެމްބަރަކަށް ކަމަށެވެ.
"އަޅުގަނޑު މިހުރީ ކުރިން ވެސް އަޅުގަނޑު ވިދާޅުވި ގޮތަށް، ސަރުކާރުން ތާއީދު ކުރައްވާ ކެންޑިޑޭޓަކަށް ތާއީދު ކުރުމަށް. ޖުމްހޫރީ ޕާލިމަންޓަރީ ގުރޫޕުގައި ވެސް މަސައްކަތް ކުރާނީ އެގޮތަށް،" މާދަމާރޭ ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ހުވާ ކުރައްވާ ރިޔާޒު ވިދާޅުވި އެވެ.
މަޖިލިސް ރައީސް ކަމަށް އެމްޑީޕީން ރައީސް ނަޝީދުގެ ނަން ފޮނުވުމަށް ނިންމުމުން ޖުމްހޫރީ ޕާޓީގެ ސްޓޭންޑަކީ ކޮބާތޯ ސުވާލު ކުރުމުން ރިޔާޒު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން އަދި ގޮތެއް ނުނިންމާ ކަމަށާއި މާދަމާރޭގެ ޖަލްސާގެ ކުރިން ޕާލިމަންޓަރީ ގުރޫޕުން ގޮތެއް ނިންމާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީން މަޖިލިސް ރައީސް ކަމަށް ނަމެއް ފޮނުވާފައިވޭތޯ ސުވާލު ކުރުމުން ރިޔާޒު ވިދާޅުވީ، އެއީ ވުން ދުރު ކަމެއް ކަމަށާއި ނަމަވެސް އެކަމާ މެދު ގޮތެއް ނިންމަވާނީ ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން ކަމަށެވެ.
މާދަމާ ރޭ ހުވާ ކުރާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ހޮވާނީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައެވެ.