ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ނެރޭ މެމްބަރަކަށް ކުރީގެ ރައީސް މައްޗަންގޮޅު މެދު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނަޝީދު، އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ އަބްދުﷲގެ ނަން ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފިއެވެ.
އެމްޑީޕީއިން އެގޮތަށް ނިންމީ، މިރޭ އެކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ހާއްސަ ބައްދަލުވުމުގައެވެ.
މިރޭގެ ބައްދަލުވުމުގެ ކުރިން މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވަން ހަމަޖެހިފައި އޮތީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އާއި ވިލުފުށި ދާއިރާގެ އިންތިހާބީ މެންބަރު ހަސަން އަފީފެއެވެ. އަސްލަމްއަށް ނަޝީދު ތާއީދު ކުރެއްވި އިރު އަފީފަށް ތާއީދު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ދެ ބޭފުޅުން ތަފާތު ދެ ބޭފުޅުންނަށް ތާއީދު ކުރައްވަން ނިންމެވުމުން ޕާޓީގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.
މިރޭގެ ބައްދަލުވުމުގައި ނަޝީދުގެ ނަން ހުށަހެޅުއްވީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އޭނާ އެހެން ހުށަހެޅުއްވީ، ނަޝީދު މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި އިންނެވުމަކީ ޕާޓީއަށް އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށް ވިދާޅުވެއެވެ. އެ ހުށަހެޅުމަށް ތާއީދުކޮށް، ޕާލިމެންޓަރީ ގްްރޫޕުގެ ހުރިހާ މެމްބަރުން އަތްތިލަބަޑި ޖެއްސެވިއެވެ.
ނަޝީދުގެ ނަން އަސްލަމް ހުށަހެޅުއްވި ނަމަވެސް، އެމަނިކުފާނު އެންމެ ފުރަތަމަ ތަނާޒުލުވެވަޑައިގެންނެވީއެވެ. އެމަނިކުފާނުގެ ދެވަނަ ވިސްނުމަކަށް ވަޑައިގެންނެވީ ހަސަން އަފީވްވެސް އަސްލަމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވުމުންނެވެ.
އަފީފް އެ ހުށަހެޅުމަށް ތާއީދު ކުރެއްވުމުން، ނަޝީދު ވަނީ އެ ދަނޑިވަޅުގައި ހައްދަވަންވީ ގޮތުގެ މަޝްވަރާ ހޯއްދެވުމަށް އެމަނިކުފާނުގެ "ގާތް ރަހުމަތްތެރިއަކަށް" ގުޅުއްވަން ވަޑައިގެންފައެވެ. ނަމަވެސް، އެ ރަހުމަތްތެރިޔާ އަކީ ކޮން ބޭފުޅެއް ކަމެއް އެމަނިކުފާނު އޭރު ވިދާޅެއް ނުވެއެވެ.
މަޝްވަރާ ހޯއްދެވުމަށް ފަހު ނަޝީދު ވަނީ އަސްލަމްގެ ހުށަހެޅުއްވުން ގަބޫލު ކުރައްވައި، ބައްދަލުވުމުގެ ރިޔާސަތުން ފައިބައިވަޑައިގެންފައެވެ.
އެމްޑީޕީގެ ޗެއާމަން ހަސަން ލަތީފު ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު ވޯޓަށް އެހިއެވެ. އެ ވޯޓުގައި ރައީސް ނަޝީދު މަޖިލިސް ރައީސަކަށް ގެނައުމަށް ފާސްވީ ހާޒިރުވެ ވޯޓުދިން 64 މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާގެ ނަން ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. އަދި ތާއީދު ކުރެއްވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އީވާގެ ނަން ވެސް ފާސްވީ ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.