މަރު ކޮމިޝަނުން ރައުދާގެ މަރާ ގުޅޭ ރިޕޯޓުތައް ހޯދަނީ

ރައުދާ އާތިފް ---

މަރާލާފައިވާ، އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ކޮމިޝަނުން ބަލަމުން ގެންދާ، ދިވެހި ދަރިވަރު އަދި މޮޑެލް ރައުދާ އާތިފްގެ މަރުގެ މައްސަލައިގައި ހިމެނޭ ތަހުގީގީ ހުރިހާ ރިޕޯޓެއް ހޯދުމަށް ބަންގްލަދޭޝް ފުލުހުންގެ ކިބައިން އެ ކޮމިޝަނުން އެދިއްޖެއެވެ.

ބަންގްލަދޭޝްގެ ރާޖްޝަހީ ސިޓީގައި ހުންނަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި ޑޮކްޓަރުކަން ކިޔަވަމުން އައި ރައުދާގެ ހަށިގަނޑު ފެނިފައި ވަނީ ކޮލެޖު ހޮސްޓެލްގައި އޭނާ ދިރިއުޅުނު ކޮޓަރީގެ ތެރޭގައި ދަންޖެހިފައި ހުއްޓައެވެ. އެއީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

ރައުދާގެ މަރާ ގުޅޭ ތަހުގީގީ ރިޕޯޓުތަކާއި އޮޓޮޕްސީ ރިޕޯޓުތައް މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ހޯދަން އެދިފައިވާކަން، އެ ކޮމިޝަނުގެ ޗެއާ، ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ބަންގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށް، ރައުދާގެ މަރާ ގުޅޭ ރިޕޯޓުތައް ހޯދުމަށް އެދިފައިވާ އިރު، ބަންގްލަދޭޝްގެ ފުލުހުން ވަނީ ދިވެހި އެމްބަސީގެ އެ ރިކުއެސްޓް ލިބިފައިވާކަން އެގައުމުގެ ޑެއިލީ ސްޓާ ނޫހަށް ކަށަވަރުކޮށްދީފައެވެ.

https://sun.mv/88813

ރާޖްޝަހީ ޕީބީއައިގެ އެޑިޝަނަލް ސުޕަރއިންޓެންޑެންޓް އޮފް ޕޮލިސް އަބުލް ކަލާމް އާޒާދު ވިދާޅުވީ ދިވެހި އެމްބަސީން ފޮނުވި ސިޓީ ލިބިފައިވާ ކަމަށާއި، އެ މައުލޫމާތު ފޮނުވުމަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

"މި ތަހުގީގު މިހާރު ވަނީ ނިމިފައި. އަޅުގަނޑުމެން މި އުޅެނީ ރައުދާ އަމިއްލައަށް މަރުވީކަން އެންގުމަށްޓަކައި ރާޖްޝަހީގެ ކޯޓަށް ފައިނަލް ރިޕޯޓު ހުށަހެޅުމުގެ މަސައްކަތުގައި،" ފުލުހުންގެ އެޑިޝަނަލް ސުޕަރއިންޓެންޑެންޓް ވިދާޅުވިއެވެ.

ރައުދާ ވަޅުލުމުގެ ކުރިން އަދި ވަޅުލުމަށްފަހު ދެވަނަ ފަހަރެއްގެ މަތިންވެސް އޮޓޮޕްސީ ހެދިއެވެ. އަދި މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ތަފާތު ފަސް ފަހަރަކު އޭނާގެ މަރުގެ ތަހުގީގު ހިންގާފައިވެއެވެ. މާޗު މަހު ނިންމާލި ފަސްވަނަ ތަހުގީގުގެ ރިޕޯޓު މިހާރު ވަނީ އެގައުމުގެ ފުލުހުންގެ މައި އިދާރާއަށް ފޮނުވާފައެވެ.

ދިވެހި ފުލުހުންވެސް ބަންގްލަދޭޝަށް ގޮސް ތަހުގީގުގައި ބައިވެރިވި އިރު، ރައުދާ މަރުވީ އަމިއްލައަށް ކަމަށް ކަނޑައެޅި އެއްވެސް ރިޕޯޓެއް ރައުދާގެ ބައްޕަ، ޑރ. މުހައްމަދު އާތިފް ގަބޫލެއް ނުކުރައްވައެވެ. އަދި އެ މައްސަލައިގައި އާތިފް ކޯޓަށް ވަޑައިގަތުމުން، މީހަކު މަރާލި މައްސަލައެއްގެ ތަހުގީގެއްގެ ގޮތުގައި އެ މައްސަލަ ކުރިއަށް ގެންދަން ފުލުހުންނަށް ކޯޓުން އަމުރުކުރިއެވެ.

https://sun.mv/99452

ތަފާތު ފަސް ތަހުގީގެއް މި މައްސަލައިގައި ކުރި ނަމަވެސް ހުރިހާ ހެކިތަކަކުން ބުރަވެވެނީ ރައުދާ އަމިއްލައަށް މަރުވީކަމަށް ކަމަށް ތަހުގީގު ހިންގި ބަންގްލަދޭޝްގެ ފުލުހުން ބުނެއެވެ.

ރައުދާގެ މަރުގެ މައްސަލައަކީ މަރު ކޮމިޝަނުން ތަހުގީގުކޮށްދިނުމަށް އެދި އާންމުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން، ކޮމިޝަނުން ބަލަން ނިންމި 24 މައްސަލައިގެ ތެރޭގައި ހިމެނޭ އެއް މައްސަލައެވެ.

comment ކޮމެންޓް