ރައުދާގެ ފަހު މެސެޖު: '"ވަރަށް ލޯބިވިން، އެކަމަކު އަހަރެން ތިޔަ މަރާލީ"

ރައުދާ އާތިފް ---

ބަންގްލަދޭޝްގައި ދަންޖެހިފައި ހުއްޓާ ފެނުނު ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރާ އެކު ގިނަ ބައެއްގެ މެދުގައި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އެއީ ރައުދާ އަމިއްލައަށް މަރުވީތޯ ނުވަތަ ބަޔަކު މަރާލީތޯ އެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު ދަނީ ވާހަކަތައް ދައްކަމުންނެވެ.

ދިވެހި ފުލުހުން ބަންގްލަދޭޝްގެ ރާޖްޝާހީއަށް ގޮސް ހިންގި ތަހުގީގާ ބެހޭ ގޮތުން އެބޭފުޅުން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ގިނަ މައުލޫމާތުތަކެއް ދެއްވި އެވެ. ރައުދާ އާއި ރަހުމަތްތެރިންގެ ފޯނުތަކާއި ލެޕްޓޮޕްތަކުން މައުލޫމާތުތަކެއް ލިބުނު ވާހަކަ އެވެ. ތަފްސީލެއް ނުދެއްވަ އެވެ. މިއާ އެކު އުފެދުނު ގިނަ ސުވާލުތަކުގެ ޖަވާބުތައް "ސަން"އަށް އިތުބާރު ހުރި މަސްދަރުތަކަކުން ވަނީ ހިއްސާ ކޮށްފަ އެވެ.

އެންމެ ފަހު މެސެޖު

ރައުދާގެ މައުލޫމާތު އެނގޭ، އިތުބާރު ހުރި ފަރާތަކުން ބުނި ގޮތުގައި، އޭޕްރިލް ހަ ވަނަ ދުވަހު ރައުދާގެ ފޯނު އަންލޮކު ކުރި އިރު، އެންމެ ފުރަތަމަ ވެސް ފޯނުން ފެނުނީ ރައުދާ ވަޓްސްއެޕުން މީހަކަށް ކޮށްފައިވާ މެސްޖްތަކެކެވެ. އެއީ ހިތްހަމަނުޖެހި، ނުރުހުންވެ، ކޮށްފައި ހުރި ޒުވާބުތަކެއްކަން އެނގެ އެވެ.

ރައުދާ އެންމެ ފަހުން މެސެޖެއް ކޮށްފައި ވަނީ މަރުވެފައި ހުއްޓައި ފެނުނު ދުވަހުގެ ކުރީ ރޭ ދަންވަރު 2:30 އެހާކަންހާއިރު އެވެ. އެ މެސެގުގައި ބުނެފައި ވަނީ "ޔޫ ހޭވް ކިލްޑް މީ، އައި ލަވްޑް ޔޫ (އަހަރެން ކަލޭ ދެކެ ވަރަށް ލޯބިވިން، އެކަމަކު ކަލޭ އަހަރެން މަރާލައިފި)"އެވެ. މިކަން ގިނަ މަސްދަރުތަކެއްގެ ފަރާތުން 'ސަން'އަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

ރައުދާގެ އެ މެސެޖަށް ފަހު އެމީހާ ރައުދާއަށް މެސެޖްކޮށް ގުޅާ ހަދާފައިވީ ނަމަވެސް އެ މެސެޖްގެ ފަހުން ރައުދާ އެއްވެސް މެސެޖެއް ކޮށްފައެއް ނުވެ އެވެ.

ރައުދާ އާތިފް ---

ރައުދާ މަރުވި ރޭ އޭނާ، ކޮލެޖުގެ އެހެން ދިވެހި ކުއްޖެއްގެ ލެޕްޓޮޕް "ބޮރޯ" ކުރިކަން ފުލުހުން ހާމަކުރި މައުލޫމާތުން އެނގެ އެވެ. އިތުބާރު ހުރި ފަރާތަކުން "ސަން"އަށް ބުނި ގޮތުގައި، އެރޭ އެ ލެޕްޓޮޕް ރައުދާ ބޭނުންކުރީ، އޭނާ ވަޓްސްއެޕުން އެންމެ ފަހުން މެސެޖުކުރި ފަރާތުގެ ފޭސްބުކް އެކައުންޓަށް ވަނުމަށެވެ. އަދި އޭނާ އަށް ވެގެން ކުއްޖަކާ ވާހަކަ ދައްކާފައިވާ ކަމަށާއި، އަދި ފަހުން ވަޓްސްއެޕްގައި ހިނގި ޒުވާބުތަކަކީ އެކަމާ ގުޅުން ހުރި ޒުވާބުތަކެއްކަން އެނގިފައިވެ އެވެ.

ރައުދާ ފޭސްބުކަށް ވަންނަން ބޭނުން ކުރި ލެޕްޓޮޕް ގެންގުޅޭ ކުއްޖާގެ ވާހަކަތަކަށް ބަލާއިރު ރައުދާ ލެޕްޓޮޕް ބޭނުންކޮށްފައި އެ އަނބުރާ ރައްދު ކުރި އިރު، ރައުދާ ހުރީ ވަރަށް ރުޅިގަދަވެ، މޫޑީ ވެފަ އެވެ. އެހެން ނަމަވެސް ރަހުމަތްތެރިޔާ އެކަމާ ގުޅިގެން ރައުދާއާ އެއްވެސް ސުވާލެއް ނުކުރާކަން ވަނީ އެނގިފަ އެވެ.

އެކޮލެޖުގައި ކިޔަވަން އުޅޭ ކުދިންނާ ހަވާލާދީ އިތުބާރު ހުރި ފަރާތަކުން 'ސަން'އަށް ކިޔައިދިން ގޮތުން ރައުދާއަކީ ރުޅިގަދަ ކުއްޖެކެވެ. އެކުދިން ބުނާ ގޮތުގައި ރައުދާ ރުޅިގަދަވެއްޖެ ނަމަ އެންމެ ރަނގަޅު ގޮތަކީ އެއްޗެކޭ ނުބުނުމެވެ. ނަމަވެސް ރައުދާ އޭލެވެލްއަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ކިޔަވަން އުޅުނު އިރު ރައުދާއަކީ ރުޅި އިސް ނުކުރާ، ވަރަށް އެކުވެރި، މަޖާ ކުއްޖެއް ކަމަށް، އޭނާއާ އެކު އޭރު ސްކޫލުގައި އުޅުނު ބައެއް ކުދިން "ސަން"އަށް ކިޔައިދިނެވެ.

ރައުދާ ކިޔަވަމުން ދިޔަ ރާޖް ޝާހީ މެޑިކަލް ކޮލެޖް --

ފެންނަން ހުރި ނިޝާންތައް

ރައުދާގެ މަރުގެ ތަހުގީގާ ގުޅިގެން ފުލުހުން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވެފައި ވަނީ ރައުދާގެ ކަރުގައި ހުރި ނިޝާންތަކަކީ ދަންޖެހިފައި ހުރި ޝޯލްގައި ހުރި މެޓަލް ބޯލްސްތަކެއް ޖެހުމުން އަރާފައި ހުރި ނިޝާންތަކެއް ކަމަށެވެ.

ދަންޖެހުމާއި، މަރުގެ މައްސަލަތައް ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރަކާ 'ސަން'އިން ވާހަކަ ދައްކާލީމެވެ. އޭނާ ބުނި ގޮތުން ދަންޖެހި މަރުވެފައި ހުންނަ މީހުންގެ އަތް ހުންނަނީ މުށްކެވިފަ އެވެ. އަދި ނިޔަފަތިތަކުގެ ކުލަ ބަދަލުވުމަކީ ވެސް ވާ ކަމެއް ކަމަށް އެ ފުލުސް އޮފިސަރު ބުންޏެވެ.

ރައުދާ މަރުވެފައި އޮއްވައި ފެނުނު ފަރާތަކާ 'ސަން'އިން ސުވާލު ކުރި އިރު، އޭނާ ބުނި ގޮތުން ރައުދާގެ އަތުގެ ނިޔަފަތިތައް ހުރީ ދަނބުކުލަ އަރައިފަ އެވެ.

ރައުދާ އާތިފް ---

ރައުދާ ދަންޖެހި މަރުވެފައި ހުއްޓައި ވާގަނޑު ކަނޑާލައިގެން ތިރިކުރީ ރައުދާއާ އެއްކޮށް އެއް ބެޗެއްގައި ކިޔަވާ އިންޑިއާއަށް ނިސްބަތްވާ އަންހެން ކުއްޖެކެވެ. އެ ވަގުތު އެތަނުގައި ނަގާފައިވާ ފޮޓޯތަކެއް 'ސަން' އަށް ވަނީ ފެނިފަ އެވެ.

މިދިޔަ ހަފްތާގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވި ގޮތުގައި، ރައުދާގެ އަނގައިން ފޮނުތަކެއް ނުވަތަ ސޮނި ފައިބައި، އެތަކެތި ހިކި، ރައުދާގެ ހެދުމުގައި އަދި ކަރުގައި އޮޅިފައި ހުރި ސްކާފްގައި ވެސް ހުއްޓެވެ.

ދަންޖެހިގެން މަރުވެއްޖެ ނަމަ އަންގައިން ފޮނު އެރުމަކީ ވާކަމެއް ކަމަށް މިފަދަ މައްސަލަތައް ތަހުގީގުކުރާ ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަކު މީގެ ކުރިން ވަނީ ކިޔައިދީފަ އެވެ.

ކޮލެޖު އެޓެންޑަންސް ދަށް،

ރައުދާއަކީ ކިޔެވުމަށް މޮޅު ދަރިވަރެކެވެ. ރައުދާއާ އެކު މާލޭގައި އޭލެވެލްއަށް ކިޔެވި ބައެއް ކުދިން "ސަން"އަށް ބުނި ގޮތުގައި، ރައުދާއަކީ "ފްރެންޑްލީ"، ވިސްނުން ތޫނު، އަދި ރަނގަޅު ނަތީޖާތައް ވެސް ހާސިލުކުރާ، ކަންކަމުގައި ހަރަކާތްތެރިވެ އުޅޭ ކުއްޖެކެވެ. އެހެން ނަމަވެސް އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ދިން މައުލޫމާތަށް ބަލާއިރު ހާމަވަނީ، ރައުދާ ބަންގާޅުގެ ރާޖްޝާހީ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި އުޅުނު އިރު ކިޔެވުމާ ކޮންމެ ވެސް ވަރަކަށް ބީރައްޓެހި ކަމެވެ. އަދި ރައުދާގެ ކޮލެޖް އެޓެންޑަންސް ވަރަށް ދަށެވެ. މިކަން ދައްކުވައިދޭ، ކޮލެޖުގެ އެޓެންޑަންސް ޑޮކިއުމެންޓްސް ވެސް "ސަން"އަށް ފެނިފައިވެ އެވެ.

ރައުދާ އާތިފް --

ނަމަވެސް ރައުދާ، އިންޑިއާގެ "ވޯގް" މަޖައްލާގެ ކަވަރުގައި ފީޗާކުރި އިރު، އެ މަޖައްލާއަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުން އޭނާއަށް އެންމެ މުހިންމުވީ ޑޮކްޓަރުކަން ކިޔަވައިގެން ރައްޔިތުންތަކަކަށް އެހީތެރިވެދިނުމެވެ. އަދި އެ ދުވަސްވަރު އޭނާ ކިޔެވުމާއި އިމްތިހާނުތައް މަހުރޫމުކޮށްފައި ވޯގު މަޖައްލާގެ ފޮޓޯޝޫޓަށް އިންޑިއާއަށް ދިއުމަށް ވެސް ހުރީ ތައްޔާރަށް ނޫންކަން، ރައުދާގެ މަރާ ގުޅިގެން ވޯގުގައި ލިޔުނު ލިޔުމެއްގައި ބުނެފައިވެ އެވެ.

ފުރަތަމަ ދެ ސެމެސްޓަރުގައި ކިޔެވުމާ މާ ގަޔާ ނުވި ކަމަށް، ކޮލެޖު އެޓެންޑެންސާއި އިމްތިހާނުތަކުން ދެއްކި ނަމަވެސް، ތިންވަނަ ސެމެސްޓަރުގައި އޭނާ ކިޔެވުމަށް ސަމާލުކަންް ދޭންފެށި ކަމަށްވެ އެވެ. އެ ދުވަސްވަރަކީ ރައުދާ ކިޔެވުމަށް އޮސްޓްރޭލިއާއަށް ދިއުމުގެ ވާހަކަތައް ދެއްކި ދުވަސްވަރަށް ވުމުގެ ފުރުސަތު ބޮޑެވެ.

ގިނަ ކުދިން ޖީންސް ލައި އުޅޭ

ދީނީ ހަރުކަށި ޚިޔާލުގެ ބަޔަކު، ރައުދާ ހެދުން އަޅާ ގޮތާ ނުރުހުންވެ އުޅޭ ކަމާއި، އެފަދަ ބަޔަކު ރައުދާއަށް ހަމަލާދީ މަރައިލީ ކަމަށް ވާހަކަ ދެކެވެ އެވެ. ރައުދާއަކީ މޮޑެލް ކުރާ ކުއްޖަކަށް ވެފައި، ޖީންސް ލައިގެން ކްލާހަށް ދާތީ އޭނާއާ މެދު ބައެއް ކުދިން ފުރައްސާރަކޮށް، ތަފާތުކޮށް ހަދާ ކަމަށް ބުނެ އެވެ. އާންމު ގޮތެއްގައި ރައުދާ ބުރުގާ ނޭޅި ނަމަވެސް، ކްލާހަށް ދާ އިރު އޭނާ ދަނީ އިސްތަށިގަނޑު ނިވާކޮށް، ކޮލެޖުގެ ޑްރެސް ކޯޑާ އެއްގޮތަށް ކަމަށާއި، ރައުދާ ކޮލެޖުގެ ޑްރެސް ކޯޑަށް އަމަލުކުރާ ގޮތާ މެދު ކޮލެޖުގެ އެއްވެސް މައްސަލައެއް ނެތްކަން ވެސް އެނގިފައިވެ އެވެ.

ރައުދާ އާތިފް ---

އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި ކިޔަވާ ދަރިވަރުންނާ ހަވާލައިދީ، މައުލޫމާތު ދެނެ ހުރި ފަރާތަކުން ބުނި ގޮތުގައި އެ ކޮލެޖުގައި ޖީންސް ލައި އުޅުނީ ރައުދާ އެކަންޏެއް ނޫނެވެ. ބަންގްލަދޭޝްގެ ރާޖުޝާހީ ނޫން އެހެން ސަރަހައްދުތަކުން އައި ބައެއް ކުދިންނާއި، އިންޑިއާގެ ބައެއް ކުދިންނާއި، އަދި ބައެއް ދިވެހި ކުދިން ވެސް ޖީންސް އަދި ޓޮޕް ލައި އުޅޭ ކަމަށް ވެއެވެ. އަދި ކޮލެޖުގައި އުޅޭ ބައެއް ފިރިހެން ކުދިންގެ ތެރޭގައި ފަށް އަޅައިގެން އުޅޭ ކުދިން ވެސް އުޅޭ ކަން އެނގެ އެވެ.

އަދިވެސް ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި

މި މައްސަލައަކީ ބަންގާޅުގެ ފުލުހުން އަދިވެސް ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ، ދިވެހި ފުލުހުން މިކަމުގައި ގޮތެއް ނިންމާފައި ނުވާކަން، މިދިޔަ ހަފްތާގައި ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

މިހާރު އާންމުންނާ ހަމައަށް ރައުދާގެ މަރާ ގުޅިގެން ގިންކަންތައް ތަކެއް ހާމަވެފައިވާ އިރު އަދި ވެސް ގިނަ ސުވާލުތަކެއް އާންމުންދަނީ އުފައްދަމުންނެވެ. މިހާރު ރައުދާގެ މަރުގެ ތަހުގީގު ކުރަމަށް ހަވާލުކޮށްފައިވާ އެގައުމުގެ ސީއައިޑީއިން ރޭ ހާމަކޮށްފައިވާ ގޮތުން ރައުދާގެ ހަށިގަނޑު ކޮނެގެން ނަގަން އެފަރާތުން ބޭނުންވެ އެވެ. އެއީ މިހާރު މައްސަލައިގައި ހަމައެކަނި ހެއްކަކީ ރައުދާގެ ހަށިގަނޑު ކަމަށް ބުނެ އެވެ. ސީއައިޑީން ބޭނުންވަނީ އާ އޮޓޮޕްސީއެއް ހެދާށެވެ.

އޭގެ އިތުރުން ރައުދާގެ މަރުގެ ތަހުގީގު ބަންގާޅު ފުލުހުން ކުރިއަށް ގެންދިޔަ ގޮތާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެއީ މަރުގެ ތަހުގީގެއްގައި ފުރިހަމަކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފުރިހަމަ ނުކުރާ ކަމަށް ބުނެ އެވެ.

'ސަން' އަށް އެނގިފައިވާ ގޮތުން އެޓޮޕްސީގެ ކުރިން ރައުދާގެ އެކްސްރޭއެއް ވެސް ނަގާފަ އެއް ނުވެ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އޮޓޮޕްސީ ރިޕޯޓް އެހާ ތަފްސީލުކޮށް ބަންގާޅު ފުލުހުން އާންމުކޮށްފައި ނުވާ ކަމެވެ. އޮޓޮޕްސީ ރިޕޯޓުން މީހާ މަރުވި ގަޑިއާ އެކު ގިނަ ތަފްސީލުތަކެއް އެނގޭ އިރު، ރައުދާގެ އޮޓޮޕްސީ ރިޕޯޓާ ގުޅިގެން ބަންގާޅު ފުލުހުން ހަމައެކަނި ބުނެފައި ވަނީ ރައުދާ މަރުވީ ދަންޖެހިގެން ކަމެވެ.

މި ކޭސްގައި ދެން ވާނެ ގޮތެއް އަންދާޒާ ކޮށްލަން ވެސް ނޭނގެ އެވެ.

comment ކޮމެންޓް