ބަނގްލަދޭޝްގައިި މެޑިސިން ކިޔަވަމުން ދިޔަ ދިވެހި މޮޑެލް ރައުދާ އާތިފް މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށް ރައުދާގެ މަރުގެ މައްސަލަ ތަހުގީގު ކުރި ބަނގްލަދޭޝްގެ ފުލުހުންގެ ޓީމުން ނިންމާފައިވަނިކޮށް އެ މައްސަލަ އަލުން ބަލަން ނިންމައިފިއެވެ.
އުމުރުން 21 އަހަރުގެ ރައުދާ ދަންޖެހިފައި ހުއްޓައި ފެނުނީ މިދިޔަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު، އޭނާ ދިރިއުޅުނު ކޮޓެރި ތެރެއިންނެވެ.
ކޯޓު އަމުރެއްގެދަށުން އެ މައްސަލަ ފަސްވަނަ ފަހަރަށް ބެލުމާ ހަވާލުވީ ބަނގުލަދޭޝްގެ ޕޮލިސް ބިއުރޯ އޮފް އިންވެސްޓިގޭޝަން އެވެ. އެ އިދާރާއިން އިންވެސްޓިގޭޝަން އޮފިސަރެއްގެގޮތުގައި ހަމަޖެއްސީ އަލަމްގިރް ހުސައިންއެވެ. ހުސެއިން ވަނީ މި ހާދިސާ ހިނގި ތަނަށް ގޮސް ތަހުގީގުކޮށްފައެވެ.
ރައުދާ މަރުވީ ދަންޖެހިގެން ކަމަށް ގަބޫލުނުކުރާ ކަމަށް އޭނާގެ އާއިލާ އިން ވަނީ ބުނެފަ އެވެ. މިކަމާ ގުޅިގެން މިދިޔަ އަހަރުގެ އެޕްރީލް މަހު ރައުދާގެ ބައްޕަ މުހައްމަދު އާތިފް ވަނީ ރައުދާ މަރާލީ ކަމަށް ބުނެ މައްސަލަ ފުލުހުންނަށް ހުށައަޅާފައެވެ.
މީގެ ތިން މަސް ކުރިން ބަނގުލާދޭޝްގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ސްޓާ އޮންލައިނާއި ބީޑީ ނިއުސް އިން ބުނި ގޮތުގައި ރައުދާގެ މަރާ ގުޅިގެން އޭނާގެ ހަށިގަނޑުގެ ދެ އޮޓޮޕްސީއެއް ހެދިއެވެ. އަދި ފުލުހުންގެ ތަހުގީގާއި އޮޓޮޕްސީ ރިޕޯޓްތަކަށް ބެލުމަށްފަހު ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ނިންމައި ބަނގްލަދޭޝް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއައިޑީ) ވަނީ ރާޖްޝާހީ މެޓްރޯޕޮލިޓަން މެޖިސްޓްރޭޓް ކޯޓަށް ލިޔުންތައް ހުށަހަޅައިފަ އެވެ.
ބަނގްލަދޭޝް ސީއައިޑީގެ އިންސްޕެކްޓަރަކާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން ރައުދާ ދަންޖެހިފައި ވަނީ އޭނާގެ ލޯބިވެރިޔާއާ ދެމެދު މައްސަލަތަކެއް ޖެހުމަށް ފަހު އެވެ. ރައުދާ ދަންޖެހިފައި ހުރި ދުވަހުގެ ކުރީ ރޭ ދެ މީހުންގެ ދެމެދުގައި ވާހަކަ ދެކެވުނު ކަމަށް ވެސް ބަނގްލަދޭޝް ފުލުހުން ބުނެ އެވެ. މީގެ އިތުރުން އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވޭ، ރައުދާގެ އެކުވެރިޔާ އަދި ކްލާސްމޭޓް ސީރަތު ޕަރްމީނަށް ކުރާ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށް ވެސް ބަނގްލަދޭޝް ފުލުހުން ބުނެ އެވެ.