ސީއެންއެމްއަށް ފިޔަވަޅު އަޅައިދޭން ޑީޖޭއޭއިން އެދިއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކޮށް އޮންލައިން ނޫސް، ސީއެންއެމް އިން ޝާއިއު ކުރި ރިޕޯޓަކާ ގުޅިގެން އެ ނޫހާ މެދު ފިޔަވަޅު އަޅައިދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފުލުހުންނާއި ޕީޖީ އަދި މީޑިއާ ކައުންސިލްގައި އެދިއްޖެ އެވެ.

ޑީޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ބަދަލެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން ދިނުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން ހުކުމް ކުރީ އެ ކޯޓްގެ ފަނޑިޔާރުން ރިޝްވަތު ނަންގަވައިގެން ކަމަށް ތުހުމަތުކޮށް މިދިޔަ ހަފްތާ ސީއެންއެމް ނޫހުގައި ޝާއިއު ކުރި ރިޕޯޓްގައި ވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ ރިޕޯޓަކީ ކޯޓްތަކާއި ފަނޑިޔާރުންގެ އަގު ވައްޓާލައި ކޯޓްތަކުގެ ހުރުމަށް ކެނޑުމުގެ އަމަލެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ޑީޖޭއޭގެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން އެ ލިޔުމުގެ ސަބަބުން އިންސާފު ގާއިމްކުރުމަށް ހުރަސް އެޅޭނެ ކަމަށް ވެސް ބުންޏެވެ.

"އެކަމާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް ކޮށް، އަޅަންޖެހޭ ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް މީޑިއާ ކައުންސިލަށް މި ޑިޕާޓްމެންޓްގެ ފަރާތުން 15 މެއި 2019 ވީ ބުދަ ދުވަހު ހުށަހަޅާފައިވާ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.

ޑީޖޭއޭއިން އެ ބަޔާނުގައި އިތުރަށް ބުނީ، ދީބާޖާ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމް ބިނާކޮށްފައި ވަނީ ގާނޫނު އަސާސްތަކުގެ މައްޗަށް ކަމަށާއި އެ ތަފްސީލީ ހުކުމް ވެބްސައިޓްގައި އާންމުވެސް ކޮށްފައިވާނެ ކަމަށެވެ. އަދި އެގޮތަށް އޮތް ކަމެއްގައި އަދި ރިޝްވަތުގެ ތުހުމަތު ކުރެވިއްޖެ ނަމަ، އެ މައްސަލަތައް ހުށަހެޅޭނެ މުއައްސަސާތަކެއް ހުއްޓާ ތަފާތު ދޮގު ވާހަކަ ފެތުރުމަކީ ނޫސްވެރިކަމުގެ ނަމުގައި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

"ނަފްރަތާއި ފިތުނަ ފަސާދަ އުފައްދަން އެފަދަ އަމަލުތައް ނުހިންގުމަށާއި އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަށް ވެސް ގޮވާލަމެވެ،" ޑީޖޭއޭގެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް