އެއްވެސް އުސޫލެއް ނެތި ސަރުކާރުން މީޑިއާ ވެބްސައިޓުތައް ބްލޮކްކުރަމުން އަންނާތީ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސަރުކާރާ ދެކޮޅަށް ލިޔުންތައް ލިޔަމުންދިޔަ ދެ ވެބްސައިޓެއް ބްލޮކްކުރުމާ ގުޅިގެން ސަރުކާރަށް ވަނީ ނުރުހުން އަމާޒުވެފައެވެ. ބްލޮކްކޮށްފައިވަނީ ކުރުސީ ޑޮޓް ކޮމާއި، ދިޔަވަރު ޑޮޓް ކޮމެވެ.
އެކަމާ ގުޅިގެން އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ، ރަޖިސްޓަރުނުކޮށް ހިންގާ ނޫސް މަޖައްލާތަކާއި ވެބްސައިޓުތަކަކީ ވެސް މީޑިއާކަމަށް އެ ކައުންސިލްގެ ގާނޫނުގެ 36ވަނަ މާއްދާގައި ބަޔާންކުރާކަމަށެވެ.
އަދި ބްލޮކްކޮށްފައިވާ ދެ ވެބްސައިޓްގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް އެ ކައުންސިލަށް ހުށަހަޅައިފައި ނުވާއިރު އުސޫލެއް ނެތި ބްލޮކްކުރުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
"މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް އަދި ނުރައްކަލެއް،" އެ ކައުންސިލުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ވިދާޅުވީ އެ ދެ ވެބްސައިޓް ބްލޮކުކުރީ ކީއްވެތޯ މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން ރައީސް އޮފީހާއެކު މަޝްވަރާތަކެއް ވެސް ކުރަމުން އަންނަ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
މި މައްސަލައިގައި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްޖޭއޭއިން ބުނި ގޮތުގައި ނޫސްތައް ރަޖިސްޓްރީނުކުރާ މައްސަލައިގެ ތެރެއަށް ސަރުކާރުން ވަދެ ބަސް ކިޔައި ފިޔަވަޅު އެޅުމަކީ ގާނޫނީ ނިޒާމު ތަރުތީބުކޮށްފައިވާ ގޮތް ނޫންކަމަށެވެ.
އަދި ވެބްސައިޓްތަކުގެ މައްސަލައެއް އުޅޭ ނަމަ, އެކަން ބަލައި ފިޔަވަޅު އެޅުމަކީ އެމްއެމްސީއަށް ގާނޫނުން ލާޒިމުކުރާ ކަމެއްކަމަށް ވެސް ބުނެފައިވެއެވެ.
ލަދުހުތުރު މަންޒަރުތައް ހުންނަ ވެބްސައިޓުތައް ބްލޮކްކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ ހަފުތާގައެވެ. މިއީ ސަރުކާރަށް ތައުރީފް އަމާޒުވި ކަމެކެވެ.
ނަމަވެސް ސަރުކާރަށް ނުރުހުން އަމާޒުވެފައި ވަނީ ރޭ ސަރުކާރާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއްކޮށް ލިޔުންތައް ލިޔަމުންގެންދިޔަ ދެ ވެބްސައިޓެއް ބްލޮކުކުރުމުންނެވެ.