ފަޔަރ އެންޑް އައިސް (3)

ފަޔަރ އެންޑް އައިސް

އާރިޒް ގޮނޑިން ތެދުވުމާއެކު އެނބުރުނީ މަންމަގެ އަޑު ބާރުކަމުންނެވެ. ހައިރާންވެ އަންތަރީސްވީ ބަލްސަމްގެ އަތުން ދެތިންއެތިފަހަރު އޭނަގެ ކަންކަށިމައްޗަށް އެރުމުންނެވެ. އެވަރުންވެސް ބަލްސަމްގެ ރުޅި މައިތިރިއެއް ނުވިއެވެ. އާރިޒްގެ ގައިގެ އެތަންމިތާ މުށްކަވާފައިވާ ދެއަތުން ތަޅައިގަތެވެ. ޒަޚަމްވެފައިވާ ސިންގާއެއް ފަދައިން ހަމަލާދެމުން ދިޔައިރު އަނިޔާ ލިބިގަންނަން އާރިޒް ހުރީ ހިމޭނުންނެވެ. ޖިސްމުގައި ލަމުން ދިޔަ ލަކުނަށްވުރެ ހިތަށް ވީ ތަދު މާ ބޮޑެވެ. އާރިޒްގެ ރޫހު މަރާލައި އިސްޖައްސުވާލައިފިއެވެ. އެލޮލުން ފެނުނު ނަފްރަތާއި ނުރުހުމުން އާރިޒުއަށް ލިބުނު ވަގުތީ އުފާކޮޅު ސައިބޯނި ބޮއްކެއްފަދައިން ފަޅައިގެން ހިގައްޖެއެވެ. އޭނަގެ މަންމަ މިހާ ރުޅިއަންނަން ޖެހޭނެ ސަބަބެއް އާރިޒްއަކަށް ނުވިސްނުނެވެ. އޭނަ މިއުޒިކް ކުޅުމުން މަންމަ މޮޔަވާވަރަށް ރުޅިއައީ ކީއްވެބާވައެވެ.

"ކަލޭ ކީއްވެ މީގައި އަތްލީ؟ މަގޭ އެއްޗެއްގައި ހުއްދަނެތި އަތްލައިގެން ނުވާނެ އަޑުއިވިއްޖެތަ. މިއީ ބާތުޑޭ ދުވަހު އަހަރެންގެ ހަޒްބެންޑް ދިން ގިފްޓެއް. އިޓްސް މޯ އެކްސްޕެންސިވް ދޭން އެވްރީން ތިންގް ޔޫ އޯން. އެނގިއްޖެތަ؟ އާރިޒުގެ މާމައަށް ގުޅާފައި މިހާރުން މިހާރަށް ރަށަށް ދާން ބުނޭ. ނޫނީ މީނައާއި ހެދި މަ ސްޓްރެސް ވަމުންގޮސް މަރުވެދާނެ..." ބަލްސަމްގެ އަޅި ދެލޮލުގެ ކުލަވެސް ބަދަލުވެފައިވާ ފަދައެވެ. ލޮލުން އަލިފާންގެ ތީރުތައް އުކާފަދައެވެ.

"އައިމް ސޮރީ......." އާރިޒް ދާން ހިނގައިގަތެވެ.

"އަމީރާ ނޫރިއާ މިގޭގައި މިއުޒިކް ރާޒުވާފަދަ ދީނާއި ފުށުއަރާ ކަންތައް ކުރުން ހުއްދައެއްނުދޭ. އެހެންވެ ޕިއާނޯ ފޮރުވާފައި ތިހިރީ...." ބަލްސަމްގެ ރުޅި ކޮންމެވެސް ވަރަކަށް ފިނިވުމުން ވިސްނާލާފައި ބުނެލިއެވެ. އޭނަ ހައްދުން ބޭރުވާވަރަށް ރުޅިގަދަވީ އެކަން ހުއްދަ ކަމަކަށް ނުވީމައެއް ނޫނެވެ.

އޭނަގެ މަސްހުނި އިހުސާސްތަކުގެ އަސްލަކީ އާރިޒް ޕިއާނޯކުޅެ ލަވަކިޔުމެވެ. އެއީ ބަލްސަމްގެވެސް ހުނަރެކެވެ. އެހުނަރު ގުދުރަތީގޮތުން އާރިޒްއަށް ވާރުތަވީއެވެ. އާރިޒް ލަވަ ކިޔާކަން އެނގޭއިރަށް އާރިޒްއާއިމެދު މިގޭ މީހުންޝައްކުކުރަން ފަށާފާނެއެވެ. އެހާ ރުޅިގަދަވެ އާރިޒްގެ ގަޔަށް އަތްލާ ހިސާބަށް ދިޔަ ސަބަބަކީ އޭނަ ބޭޒާރުވެދާނެކަމުގެ ބިރެވެ. އާރިޒްއަކީ އޭނައަށް މާޒީގައި ކުރެވުނު ކުށެކެވެ. ކަޅު ސިއްރެކެވެ. އެސިއްރު ބޭޒާރުވިޔަ ނުދޭން އޭނަ އާރިޒްގެ ފުރާނަ ދުއްވާލާކަށްވެސް ފަހެއް ނުޖެހޭނެއެވެ. އޭނަގެ އުފާވެރިކަމާއި ހަމަޖެހުން ނަގާލާ މުއްސަދި ދިރިއުޅުމަށް އާރިޒް ކަޅު ހިޔަންޏެއްހެން ފުންމައިލިކަމަށްޓަކާ ހިތުގައި ނަފްރަތު އުފެދެމުންގޮސް އާރިޒްގެ ސޫރަ ފެނުނަސް ރުޅި އަންނާންފެށިއެވެ.

އާރިޒް ހަރުކޮށް ހިނގާފައި ނުކުންނަން ދަނިކޮށް ކުއްލިއަކަށް މީހެއްގެ ގައިގާ އަޅައިގެންފާ އެމީހަކު ބިންމަތީ ހަރުނުލާ ވިއްސައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އާރިޒްއަށް ހިފަހައްޓައިލެވުނީ އަމިއްލަ އިޚުތިޔާރުގައެއް ނޫނެވެ. އެމީހަކަށް ހިމާޔަތްދިނުމުގެ ގޮތުންނެވެ. ދާދި ކައިރިން ފެނުނީ ކުރީރޭ އޭނަ ފެނިފާ ބިރުން ހަޅޭއްލަވައިގަތް އަންހެންކުއްޖާގެ މޫނެވެ. ކުދި ބުޅިތަކެއްލާފައި ހުރި އިސްތަށިގަނޑަށް ރަންކުލައިގެ ދިހުމެއް ހުއްޓެވެ. ހައިލައިޓްކޮށްފައިވާ ފަދައިންނެވެ. އެސްފިޔަތައް ދިގުކަމުން ހައިރާންވާހާވެއެވެ. މަޑުމުށިކުލައިގެ ދެލޮލުން މައުސޫމްކަމާއިއެކު ބިރުވެރިކަން ފެނުނެވެ.

"އާ...." އާޔާގެ ކަރުތެރެއިން ފިސްއަޑެއް ނުކުތެވެ.

އާރިޒް އަވަސްއަވަހަށް އާޔާގެ ގައިން ދޫކޮށްލާފައި އެތަނުން ދިޔައިރު އާޔާ މޭގައި އަތް އަޅާލައިގެން ބަލަން ހުރެފައި ބަލްސަމްއާއި ހަތަރުކަޅި ހަމަކޮށްލައިފިއެވެ.

"އެއީ އިންސާނެއްތަ؟ "

"އާޔާ. އިންސާނުންނަށް ފުރައްސާރަނުކުރާށޭ މާމަ ނުބުނޭތަ؟ މީހާގެ ސިފައަކީ އެމީހާ އަމިއްލައަށް ހޯދައިގަންނަ އެއްޗެއް ނޫން. އެއީ އޭނަ ހެއްދެވިފަރާތުން ދެއްވި ސިފަ. އޭނަގެ މޫނުމަތީގައި އެހެރީ އުފަންލައް. އެއީ އިންސާނެއް. ހަތަރުކަށިމަތި ދިވެއްސެއް. ނަމަކީ އާރިޒް. މިރަށަށް އައީ ޕައިލެޓްކަން ކިޔަވަން. ކިޔަވަމުން މިގޭގައި ސާވެންޓެއްގެ ގޮތުގައި ހުންނާނީ. ގޭގައި ޖެހޭ ކުދި ކުދި ކަންތައްކޮށްދޭނެ. ޓޮމީވެސް ރިޒައިން ކުރީމަ ރަގަޅު އެހެން މީހެއްވެސް ނުވެފައި ހުއްޓާ އާރިޒް އައުމަކީ ނަސީބެއް. އޭނައަށް ޓްރަސްޓްކުރެވިދާނެ........................." ބަލްސަމް އަމިއްލަ ފިރިހެންދަރިފުޅަށް ރަހުމެއްނެތި ޚާދިމެއްގެ ގޮތުގައި އާޔާއަށް ތައާރަފުކޮށްދިނެވެ.

"ބަޓް ހީ ލުކްސް ވިއާޑް......އެންޑް ސޯ އަގްލީ. ފަރުބަދަ ފަޅިވަރެއްގައި ޖެހުމެކޭ ތަފާތެއްނެތް. ވިއްސައިގެން ވިއްޔަ ދިޔައީ.............." އާޔާ ހިތުގައި އޮތް އެއްޗެއް ވަންހަނާނުކޮށް ސީދަލަށް ބުނެލިއެވެ.

ބިރުގަތްވަރުން އޭނަގެ ހިތުގެ ތެޅުން އަދިވެސް މަޑެއްނުވެއެވެ. އިންސާނަކަށްވިޔަސް އެހެރީ މީހަކު ބިރުން ހަލާކުނުވާވަރުގެ ސިފައެއް ނޫނެވެ. މޫނުގެ ކުލައާއި ގުޅުވަން ކަޅުކުލައިގެ ޓީޝާޓަކާއި ޖިންސެއްލައިގެން މުޅިން ކަޅު އެއްޗެހީގައި ހުރުމުން އަދި ވަކިން ބިރުވެރިކަމަށް ދެއްކިއެވެ. އަދި އެހެރަ ބާރެކެވެ. ދަގަނޑެކޭ ތަފާތެއް ނެތެވެ.

ފްލޯރާއާއި ގުޅެއޭ ހިތަށް އަރާފައި އާޔާ ހިނި އަންނަގޮތްވިއެވެ. ފްލޯރާފަދަ އާދައިގެ އަންހެން ކުއްޖަކާއި ބަލާއިރުވެސް އާރިޒް ހާދަ ހުތުރެވެ. ބިއުޓީ އެންޑް ބީސްޓްގެ ބަދިގޭ ވާޝަން ކުޅެން މި ދެމީހުން ރަގަޅުވާނެއެވެ.

އާރިޒް ކޮޓަރިއަށްވަދެ ދަބަސް ޕެކްކުރަންފެށިއެވެ. ހިނދުކޮޅަކަށްވެސް މިގޭގައި ހުންނާކަށް އޭނަގެ ހިތެއް ނުރުހުނެވެ. މާމަ އެކަނިކޮށްލާފައި އައުމަކީ މޮޔަކަމެކެވެ. އޭނަގެ އުފަން މައިމީހާގެ ހިތުގައި އޭނައަށްޓަކާ ލޯބީގެ ޒައްރެއްހާ މިންވަރުވެސް ނެތެވެ. އޭނަގެ ހުރި އެކަނި މީހަކީ ލޮބުވެތި މާމައެވެ. އާރިޒް އޭނަގެ މާމައަށް ގުޅިއެވެ. މާމަ ހަދާންވާ ވާހަކައާއި ލޯބިވާ ކަމުގައި ބުނުމުން މާމައަށް ރޮވުނެވެ. ރަށަށް ދާން ބޭނުންވާ ކަމުގައި ބުނެލުމާއިއެކު މާމަ ބުނީ ތައުލީމް ހާސިލްނުކޮށް އައިއްޔާ މާމަހިތް ހެޔޮ ނުކުރާނެކަމުގައެވެ.

ފަނަރަވަރަކަށް މިނިޓް ނުވަނީސް ބަލްސަމް ގެނެސް ދިއްކޮށްލީ ފޯމެކެވެ.

"މި ކިޔާބަލަ. މިތަނުން ޕައިލެޓް ކޯސް ހަދަންޏާ އުމުރުން ވިހި އަހަރު ފުރެންޖެހޭ. ޖާމަން ލެންގުއޭޖް އެނގެން ޖެހޭ. މާމަ ގާތު ބުނޭ. އަދި އަހަރެއްފަހުން އާރިޒް ކިޔަވަން ބޭނުމިއްޔާ އަންނަންވީ. ޕެކްކުރިޔަސް ވަރަ ފަޅާފައި އުދުހިގެން މާލެއަކަށް ދާން ތީ އަދި ޖިންނިއެއް ނޫނޭ. ޓިކެޓް ނަގަންދެން މިގޭގައި ހުރޭ. އަހަރެން ކަލޭ ވިހެއީ. އެހެން ހުރިހާ ދަރިންނަށްވުރެ މާ ހާލުގައި ވޭނުގައި އުޅެފަ. ވީއިރު މަގޭ ނުފޫޒް އޮންނާނެ. މަ ބޭނުންގޮތަށް އުޅެންޖެހޭނީ............................" ބަލްސަމް އެދިޔަގޮތަށް ގޮސް ދަބަހުގައިވާ ހެދުންތަކާއި އެއްޗެހި ނަގާފައި ބިންމައްޗަށް ހޫރާލައިފިއެވެ. އަދި ދޮރު ބާރަކަށް ލައްޕާލަފައި ނުކުމެގެން ދިޔައީވެސް ކުދި ކިޔަމުންނެވެ.

އާރިޒް އެ ފޯމުގައި ހުރި އެއްޗެއް މަތިމަތިން ކިޔައިލިއެވެ. ދެއަހަރުގެ އެ ކޯހުގައި ޒިއުރިކް ގްރެންޗެން އަދި އެމެރިކާގެ ފްލޮރިޑާގައިވެސް ހޭދަކުރަންޖެހެއެވެ. ބޮޑުބައި އޮތީ ޒިއުރިކްގައެވެ. ނިމޭއިރު ސީޕީއެލް، އައި އާރު އަދި އޭޓީޕީއެލް ލައިސެންސް ލިބި ސްވިސް އެއާލައިންސްތައް ދުއްވުމުގެ ހުއްދަ ލިބޭނެއެވެ. މާމަ ފަޚުރުވެރިކޮށްދޭނެ ފުރުސަތެއް ލިބިފައި އަތުން ބީވެގެން ދިޔައީއެވެ. އާރިޒްގެ އުއްމީދު ފުރިހަމަވާން އުޅެފައި މިފަހަރުވެސް އެންމެފަހު ވަގުތު ހުޅުކޮޅު ނިވިއްޖެއެވެ.

މިސްކިތުގައި ދަރުހެއް އޮންނާނެ ވާހަކަބުނެ ސެވިންގެ މެސެޖެއް ލިބިފައި އޮތުމުން އާރިޒް ގެއިން ނުކުތެވެ.

އާރިޒު ޕޭވްމެންޓްމަތިން ކުރިއަށް ދިޔައިރު ވަށައިގެންވާ ގެތަކަށް ނަޒަރު ހިންގައިލިއެވެ. މުއްސަދިން އުޅޭ ހިތްފަސޭހަ ސަރަހައްދެކެވެ. އަގުބޮޑު ގެތަކެވެ. ޕާކުކޮށްފައިވާ ފެރާރީފަދަ ކާރުތައް ރީތިކަމުން ދުއްވާލުމުގެ ޝައުގުވެރިކަން ހިތުގައި އުފެދުނަސް ޝައިތާނާގެ ވަސްވާސްތައް ކަމަށް ނިންމާފައި އެކަންތަކުން ބަރީއަވިއެވެ. މިއިން ކޮންމެ އެއްޗަކީ ފަނާވެދާނެ ތަކެއްޗެވެ. އެހާވަރުން މުދަލާއި މުއްސަދިކަމާއިހެދި އުޅުމުގެ މާނައެއް ނެތެވެ. ރަގަޅުމީހަކަށް ވެވޭނީ ހެއްދެވިފަރާތާއި އޮތް ގުޅުންވަރުގަދަ ކޮށްގެންނެވެ. ވަކިވަރަކަށްވުރެ މީހާގެ ހިތް ސާފުވެ އެއްވެސް ވަރަކަށް ފާފަ ނުކުރާ ހިސާބަށް ހިގައްޖެނަމަ އެމިހަކާއިއެކު އުޅޭ ގަރީންވެސް ކޮންޓްރޯލް ކުރެވިދާނެކަން އޭނަ ދަނެއެވެ. ނަމަވެސް ގަރީންއަށް ބާރު ފޯރުވޭވަރުގެ ފަހުލަވާނަކަށް ވާން ވަރަށް ހިތްވަރުގަދަ އީމާންތެރިއަކަށްވާން ޖެހޭނެއެވެ.

ސެވިންއާއި ދިމާވުމުން ދެމީހުން ބައްދާލާ ސަލާމްކުރީ އަރަބި ސަލާމުންނެވެ.

ދަރުސްދޭން އައީ މަޝްހޫރު އިލްމުވެރިއެކެވެ. އޭނަގެ ދަރުސްގައި ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކުރުމާއި ދުވާލު ހޭދަކުރަންޖެހޭ ގޮތާއި ބެހޭގޮތުން އިބުރަތްތެރި ވާހަކަތަކެއް ދެއްކިއެވެ. ވަގުތު ބޭކާރުނުކޮށް އެ ބަރަކާތްތެރި މަސް އެންމެ ރަގަޅުގޮތުގައި ހޭދަކުރުމުގެ މުހިއްމުކަމާއި ބެހޭގޮތުންވެސް އިލްމުވެރިޔާ ވާހަކަދެއްކިއިރު އެއިން ކޮންމެ ކަމެއް އާރިޒުގެ ސިކުނޑީގައި ބިންވަޅުނެގިއެވެ. ފާފަތަކުން ދުރުހެލިވާނެ ގޮތްތަކާއި ޒިކުރުކުރުމާއި ސަދަގާތްކުރުން އަދި ގިނަގިނައިން ގުރުއާން ކިޔެވުމާއި ރޭ އަޅުކަމާއި ބެހޭގޮތުން އިލްމުވެރިޔާ ދެއްކީ ނިކަން އަގުހުރި ވާހަކަކޮޅެކެވެ. ސޯޝަލް މީޑިއާއަށް ވަގުތު ނުދިނުމަށް އެދުނެވެ. މަލާމާތްކުރުން ދެބައޮޑުވުން ޣީބަބުނުމާއި ހަސަދަވެރިވުން އަދި ބޮޑާވުންފަދަ ހުރިހާ ނުބައި ޚަސީލަތްތަކުން ނަފުސް ސަލާމަތްކުރަން ނަސޭހަތްތެރިވިއެވެ.

ހޫނު މޫސުމްގައި ކައިއުޅެނީ ކާކޮޓަރިއަކު ނޫނެވެ. ކާން ހަދާފައި ހުންނަނީ ޕޯޓިކޯ ނުވަތަ ބެލްކަނީގައެވެ. މެންދުރަށް ގިނައިން ހުންނަނީ އިޓޭލިއަން ޗައިނީޒް ފަދަ އިންޓަނޭޝަނަލް ކެއުމެކެވެ. އާރިޒު ބެލްކަންޏަށް އައީ ބަލްސަމް އަންގާފައިވާ ގަޑިއަށެވެ. ދުރުދުރަށްދާންދެން ފީރޯޒްކުލައިގާ އުޑު ފެންނާން އޮތީ މޫސުމްގެ ހިތްފަސޭހަކަމުގެ ބައިވެރިއަކަށް ވެގެންނެވެ. ފިނިހޫނުމިން އެންމެ އެކަށީގެންވާ ވަރަށެވެ. ރޭ ތަންކޮޅެއް ކުޑަކޮށް ކެއުމުން އޭނަ ހުރީ ހާންތިވާވަރުވެފައެވެ. ކޮފީއަކުން ލިބުނު ހައްލެއް ނެތެވެ. ފްލޯރާ އަދަބުވެރިކަމާއިއެކު ބޯ ތިރިކޮށްލިއެވެ. އޭނަގެ މޫނަށް ބަލާފައި ބިރުން ފިތްކެނޑިފައިވާކަން އެނގުނެވެ. އާރިޒު އެދުނީ ކޮފީއަކަށެވެ.

"ރަށުގައިވެސް އަހަރެން ބޮއިއުޅެނީ ކޮފީ ނޫނީ ސައި. އެގޮތް މާ ރަގަޅު...." އާރިޒު ފްލޯރާގެ މޫނަށް ބަލާނުލާ މަޑުމަޑުން ބުނެލިއެވެ.

ފްލޯރާ އަނގަ ފާޑަކަށް ހަދައިގެން ހުރިގޮތުން އެކުއްޖާއަށް އޭނަ ކީ އެއްޗެއް ދޭހަނުވެގެން ހުރިފަދައެވެ.

"ޔޫ މޭ ގޯ ނައު....." އާރިޒް އިނގިރޭސިން ބުނެލީމަވެސް އެކުއްޖާއަކަށް އެނގުނު ކަމަކަށް ނުވިއެވެ.

އާރިޒުގެ ބޮލަށް އުދަގޫވިއެވެ. ސްވިޒަލޭންޑްގައި އުޅެން އެންމެ އުދަގޫވާ އެއް ސަބަބަކީ އެމީހުންގެ ބަސް ތަފާތުވުމެވެ. ސެވިން ބުނިގޮތުން އެހިސާބުގައި އުޅެނީ ޖަރުމަން ބަހުން ވާހަކަ ދައްކާ އަވަށްޓެރިންނެވެ. އާރިޒު ހިމޭނުން އިނދެ އޭނަ ކާންފެށިއެވެ. ޕާނާއި ބަޓަރު އަދި މާމަލޭޑާއި ސްވިސް ޗީޒެވެ. ކުޑަ ޕޮޓެއްގައި ހުރި އެއްޗެއް ނޭގިގެން އެހުމުން ފްލޯރާ އާރިޒްއަށް އެ ކާންވީ ގޮތް ދަސްކޮށްދިނެވެ. ކިއުބްގޮތަށް ކޮށާފައި ހުރި ޕާން އުލުގައި ޖަހާފައި އޭގެ ތެރެއަށް ލައިގެން ކެއުމަށެވެ. ފްލޯރާ އޭގެ ނަމަކަށް ބުނީ ފޮންޑޫއެވެ. ދެން ހުރީ ކްރްސަންޓާއި ހޫނު ޗޮކްލެޓް ތަށްޓެކެވެ. އެނގޭހާ އެއްޗަކީ ސްވިސް ކާއެއްޗެހީގައި މިމީހުން ޗިޒްއާއި ކިރުގެ އެހެން ބާވަތްތައް ގިނައިން ހިމަނާފަ ހުންނަ ކަމެވެ. ފޮންޑޫ ކެއުން ވީ މަޖާކަމަކަށެވެ. އާރިޒްއަށް އޭގެ ރަހަ ރަގަޅުކަމުން ބަނޑުފުރޭވަރަށް ކެވުނެވެ.

އާޔާ ފިލާ ހުރެގެން ގަހުގެ ގޮފިތައް ދުރުކޮށްލައިގެން އާރިޒްގެ ހަރަކާތްތަކަށް ބަލަން ހުރީ ލޯ ހަނިކޮށްލައިގެންނެވެ. އަދަބެއް އަޚުލާގެއްވެސް ނެތް ފިރިހެނެކެވެ. ފްރިޖުން ޖޫސްޕެކެޓެއް ނެގިގޮތަށް އަނގަޔަށް އަޅައިގެން ބޯލިއެވެ. މޭޒުމަތީގައި ހުރި ޓުކުރިން ނަގައިގެން މޭވާއެއް ނަގާ އަނގައިގާ ޖެހިއެވެ. އާޔާ ފަކުރުން ހަލާކުވިއެވެ.

"އަގް.....ހޮޑުލެވިދާނެ..ކަޅުދެލިކޮޅެއްފަދަ އަނގަ ޖަހާފައި ޖޫސްޕެކެޓްވެސް ހަޑިކޮށްލީ. އެއްވެސް ކަހަލަ މެނާސް އެއްވެސް ނެތް........"

އާރިޒް ކާކޮޓަރިން ނުކުތްތަން ބަލަން ހުރި އާޔާ ގަސްތަކުގެ ތެރެއިން ބޮދަމުންގޮސް އެތެރެއަށް ވަންއިރު ފްލޯރާ މޭޒުމަތި ސާފުކުރަން ހުރިތަން ފެނުނެވެ. އާޔާ އެދިޔަ ބާރުމިނުގައި ގޮސް ޖޫސްޕެކެޓްނަގާފައި ޑަސްބިނަށް ލިއެވެ. ފްލޯރާއަށް އެންގީ މީގެ ފަހުން އޭނަގެ ތަށިތައް ވަކިކުރުމަށެވެ. ކަބަޑުން ނެގި ވަކި ތަށި ސެޓެއް އޭނައަށް ޚާއްސަކުރަން އަމުރުކުރިއެވެ. އިތުރު އެއްވެސް މީހަކު އެއިން ތަށްޓަކުން ކައިގެން ނުވާނެއެވެ. ބަލްސަމްއަށް އާރިޒްއަކީ ގޭގެ ޚާދިމެއްކަން ނޭގުނުކަމާއިމެދު ހައިރާންވިއެވެ. އާއިލާ މެމްބަރުން ކާތަށިތަކުން ފްލޯރާވެސް ކައިއުޅެނީއެއް ނޫނެވެ. އާރިޒްއަށް ލިބިގެން މިއުޅެނީ ކޮންފަދަ މިނިވަކަންކަމެއް ހެއްޔެވެ؟ އެމީހުން ބޯން ބަހައްޓާފައި ހުންނަ ޖޫހާއި އެއްޗެހިވެސް އެބަ ބޭނުންކުރެއެވެ. ރުޅިގަދަވެގެންގޮސް އާޔާ ވަގުތުން އޭނަގެ ބައްޕަ ފުރުގާންއަށް ގުޅާފައި ޝަކުވާކުރިއެވެ. އެގެއަށް ގެނެސްގެން އުޅޭ ނޯކަރު މީހާދެކެ ބިރުންގޮސް ރޭގަނޑު ނުނިދި ބޮޑުބިރަކަށްވެއްޖެ ކަމަށާއި އަބަދު ހުރެވެނީ ސިހިފައި ކަމަށް ބުނެލީ ރޮވިފައެވެ. އޭނަ ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެދާނެކަމަށްވެސް ބުނެލިއެވެ.

އާރިޒް ކުޑަދޮރުގެ ތަންޑުތައް އަޅުވާލާފައި ފަރުދާތައް ކަހާލުމުން ހަނދުވަރުގެ އަލިކަން ކުޑަދޮރުތަކުން ފާއްދާލިއެވެ. ކޮޓަރިތެރޭގައި ރަސްކަން ކުރަމުން ދިޔައީ ނަލަ ނަލަ ހަނދުވަރުގެ އައްޔެވެ. އޭނަ ދެލޯ މަރައިލުމަށްފަހު ކަންނޭލުގައި ބައްދައިލަމުން ނިދަން މަސައްކަތްކުރިއެވެ. ކުއްލިއަކަށް މާ ބޮޑަށް ހޫނުވާންފެށިއެވެ. ބަރު ބޫޓެއްގެ އަޑު ކައިރިވިއެވެ. ކޮޓަރިތެރެއަށް މީހަކު ވަންނާނީ ކިހިނެއްހެއްޔެވެ؟ ތަންޑުތައް އަޅުވާލީ އޭނަގެ ދެއަތުންނެވެ. ލޯ ހުޅުވައިލަން ޖެހިލުންވެފައި އޮތްވާ އެނދުގައި ހިފާފައި ހަލުވައިގަތެވެ. ބިން ހެލުމެއް އަންނަނީހެއްޔެވެ؟ ގުޑާލަން ނުކެރި އޮތްވާ އޭނަގެ ގައިމަތީ އޮތް އަޅިކުލައިގެ ރަޖާގަނޑު ތިރިއަށް ދަމައިގަތެވެ. އާރިޒް ފުންމައިގެން ތެދުވެ ހެޑްބޯޑަށް ލެނގިލިއެވެ. އެނދުކައިރީ ހުރި އިސްކޮޅުން ދިގު ޒުވާނާ ހުރީ ލާނެތް ގޮތަކަށް ހިނިއައިސްފައެވެ

"އަލާން...އިޒް ދެޓް ޔޫ..........މިތާ.........." އާރިޒް ހައިރާންކަމާއިއެކު އޭނަގެ އެކުވެރިޔާގެ ނަން ކިޔައިލިއެވެ.

"ބިރުންތަ؟ ޔަ އިޓްސް މީ...އަލާން....އާ ޔޫ ސްކެއާޑް އޮފް މީ ނައު.................... ................" އަލާން އެއް ލޯ މަރައިލިއެވެ.

(ނުނިމޭ...)

https://sun.mv/118996

comment ކޮމެންޓް