ފަޔަރ އެންޑް އައިސް (2)

ފަޔަރ އެންޑް އައިސް

އެ ދެލިކޮޅެއްފަދަ ކަޅު ލަފުގެ ސަބަބުން އަވަށްޓެރިންނާއި ސްކޫލްކުދިންގެ ފަރާތުން އިންތިހާއަށް ބުލީކުރުމާއި ދިމާވިއެވެ. އެކަނިވެރިކަން މަތީ މުޅި ހަޔާތް ވޭތުކުރަން ޖެހުނީވެސް މި ލަފުގެ ސަބަބުންނެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅުންވެސް އޭނައަށް ފަސޭހަކަމަކަށް ނުވެއެވެ. އެހާލަދުގަނެއެވެ. ނަފްސާނީ ބަލީގެ ޝިކާރައަކަށްވެފައިވާ ކަމުގައި އޭނަ އަމިއްލައަށް ގަބޫލުކުރެއެވެ. މިފަހަރު އެ އަންހެންކުއްޖާވެސް އޭނަ ފެނިފާ އަނބުރައިގަތީއެވެ.

"ސިއެނާ. ސިއެނާ...ކީއްވެ ހަޅޭއްލަވަނީ؟" މަންމަ ބަލްސަމްގެ އަޑު އިވުމާއެކު އާރިޒު ހާސްކަމާއިއެކު އަވަހަށް ގަހުގެ ނިވަލަށް ވަދެ އެމީހުންގެ ނަޒަރުން ސަލާމަތްވިއެވެ. ނަމަވެސް މަންމަގެ އަޑު ބާރުކަމުން އެހިސާބަށްވެސް މަންމަ ބުނި އެއްޗެއް އިވުނެވެ.

"އަނހަ އާޔާ ދޯ. މިދެމީހުން އަޑު ވައްތަރުކަމުން އޮޅޭ. ކިހިނެއްވީ................" ބަލްސަމް ލޯ ހިމަކޮށްގެން ހުރެ ސުވާލުކުރިއިރު ރުންކުރުކަމެއް ހުއްޓެވެ. އާޔާ ބުނީ އޭނަ ނިދާހެދުމަށް ފައިން އެރިފާ ބެލެންސް ކަޓާލާ ޖެހުނުގޮތަށް ހަޅޭއްލެވުނީ ކަމަށެވެ. އެއީ މުޅިއަކުން ދޮގެއްނޫނެވެ. ގަސްދަށުން "ބީސްޓް"އެއް ފެނުމުން އޭނަ ބިރުން އަނބުރައިގަންނަ ގޮތްވިއެވެ. ނަމަވެސް ވެއްޓުނީ ދުވަން ހަދައިގެން ނިދާ ހެދުމަށް ފައިން އެރިފައެވެ.

"ސޯޅަ އަހަރު ފުރުނީމަވެސް އާޔާ ކުޑަކުއްޖެއްހެން އުޅުން ތިހުންނަނީ. ދުވެތަންތަނަށް އަރާ ވެއްޓޭއިރު ބޮޑު އަނިޔާއެއް ނުލިބޭކަމާމެދު ޝުކުރުކޮށްބަލަ." ބަލްސަމް މޫނުމަތި ރީތިކޮށްލައިފިއެވެ. އޭނަގެ ޝަކުވާއެއް ފުރުގާންއާއި ހަމަޔަށް ގެންދެވޭފަދަ ގޮތަކަށް އޭނަ ފަހަރެއްގައިވެސް އާޔާއާއި މުއާމަލާތު ކޮށްފައެއް ނުވާނެއެވެ.

އާޔާ ދެއަތް މޭގައި ޖައްސާ ބާރުކޮށްލައިގެން ހުރިއިރު އަދިވެސް މޭގަނޑު ނެގިނެގިފައި ޖެހެއެވެ. އޭނަގެ ލޮލަށް އަދިވެސް ސިފަވަނީ އެ މީހާގެ ބިރުވެރިކަމުން ފުރިފައިވާ މޫނެވެ. ހޭވިފައިވާ ކަޅުކުލަ ގަދައިސްތަށިގަނޑެކޭ މޫނުގެ ކުލަ ތަފާތެއް ނެތެވެ. މިގެއަކު ފިރިހެނެއް ނޫޅެއެވެ. ތިމާގެ ކުއްޖަކުވެސް އެގަޑީގައި މާސްކެއް އަޅައިގެން އެގަސްދަށުގައި އެގޮތަށް އިންނާނެކަމަކަށް ގަބޫލެއްނުކުރެއެވެ. ދަމުން ދަމުން އޭނަ ފަސް އެނބުރި ބަލައިލިއިރު އުނދޯލި ހުހަށެވެ. އެކަމަކު އަދިވެސް ހެއްލެމުން ދިޔައެވެ. ހުރިތަނަށް ޣައިބުވެގެން ލޯ މައްޗަށް އެ ސޫރަ ގެއްލުނީ ގައިން ހީބިހި ނަގާފައެވެ. ޖިންނިން އުޅޭކަމަށް ފުރަތަމަ ފަހަރަށް ގަބޫލުކުރެވިއްޖެއެވެ. މިރޭ އޭނަގެ މާމަ ގުރުއާނުގައި "ޖިންނި" ސޫރަތެއް އޮންނަކަމަށް ބުނެ އެ ސޫރަތުން ތަންކޮޅެއް ކިޔަވައިދިނެވެ. އެފަހުން އާޔާ އިނީ އެކަނި ފިޔަވަޅެއް އަޅަންވެސް ޖެހިލުންވެފައެވެ. ނަމަވެސް ފަހުން ހުރީ އެކަން ހަދާންނެތިފައެވެ. އޭނަ އެފަރާތަށް ދިޔައީ ބަލްސަމް ބުނެގެން ގޭގެ ފަހަތަށް ނުކުމެވެން ހުންނަ ދޮރުގައި ތަންޑުއަޅާށެވެ. މީހަކު އެތާ އިނދެފާނެކަމަކަށް ނޫނެވެ. އަޖައިބު އިއްތިފާގަކީ މާމަ ޖިންނިންގެ ވާހަކަދެއްކި ރޭ އޭގެ އެއްޗެއް ފެނުނީމައެވެ.

ބިރުން އިންވަރުން ލޯމައްޗަށް ސިފަވީކަމަށް ވެދާނެއެވެ.

ސިކުނޑި އެގޮތަށް ކެހިދޭ ނޫންހެއްޔެވެ.

އާޔާ އޭނަގެ ކޮޓަރިއަށްވަދެ ހުރިހާ ދޮރުތަކެއް ރަގަޅަށް ލައްޕާލައިފިއެވެ. ބޯ ރަޖާއާއި ބާލީސްތަކުގެ ހިމާޔަތް ހޯދައިގެން އޮތްއިރުވެސް މޭގަނޑު ތެޅޭވަރުން އަގަޔަށް އައިސްދާނެފަދައެވެ. ހަޔާތުގައި މިފަދަ ބިރުވެރިކަމަކާއި އަދި ދިމަލެއްނުވެއެވެ. އޭނަ ކުޑައިރުން ފެށިގެން އެންމެ ބޮޑު ބިރަކީ ރޫހާނީ ތަކެއްޗެވެ. އަނދިރިތަންތަނެވެ. އެހެންކުދިންފަދައިން އޭނަ ބިރުވެރި އަދި ޖިންނި ވާހަކަތަކަށް ޝައުގެއް ނުހުރެއެވެ. އެހެން އަންހެންކުދިން މޮޔަވެފައިވާ ވެމްޕަޔާ ޑައިރީސްތައް ފަދަ ސީރީޒްތަކުގެ ފޭނަކަށް އޭނަ ދުވަހަކުވެސް ނުވާނެއެވެ. ފެންޓަސީ އަދި ޖިންނިންގެ ދުނިޔެއަށް އާޔާގެ ޝައުގެއްނެތެވެ.

"އޯ މައިގޯޑް. ޑިޑް ދެޓް ރިއަލީ ޖަސްޓް ހެޕެން. ދެޓް ވޯޒް ސްކެއަރީ. ދެން އޭތި ކުއްލިއަކަށް ކުޑަދޮރުން ބޯ ދިއްކޮށްލައިފިއްޔާ ވާނީ ކިހިނެއްތަ....." އާޔާ ދެލޯ މަރާ ބާރުކޮށްލައިގެން އޮތްވަރުން ލޮލަށް ތަދުވިއެވެ. ކިރިޔާ ފަތެއް ހެލިލާއަޑު އިވުނަސް ހިތް ފުންމައިގެންދާފަދަ ގޮތެއްވިއެވެ.

"އެއީ ހަމަ ބީސްޓެއް......" އާޔާ އަށް ބުނެވުނެވެ. މިފަދަ އަމާން އޮމާން ހިތްގައިމު މާހައުލެއްގައި ބިރުވެރި އެއްޗެއް އުޅެދާނެކަމަށް އާޔާ ދުވަހަކުވެސް ހީކޮށްފައެއް ނެތެވެ. އާޔާ ދެކެނީ މިއީ ދުނިޔޭގައިވާ އެންމެ ހިތްފަސޭހަ އަރާމު މަންޒިލްކަމުގައެވެ.

ފަތިހުގެ ފިނި ފިނި ވަގުތެވެ. ރަޖާގެ ހިމާޔަތުގައި ބޮނޑިވެގެން އާޔާ އޮތީ މަންމަގެ އުނގުގައިވެސް އޮންނާނެފަދަ އަރާމުކޮށެވެ. ގަދަކަމުން ހަށިގަނޑު އެނދުން ނަގަން އާޔާއަށް ޖެހުނެވެ. ނަމާދުކުރަން އެންމެ ކަންނެތްވާ ގަޑިއަކީ މިއިއެވެ. އެކަމަކު މާމަ އޮންނަނީ ގަވާއިދުން ނަމާދުނުކުރާ ކުއްޖަކުވާނީ ކާފަރަކަށް ކަމުގައި ބުނެފައެވެ. ޖިންނި ޝައިތާނުން އަވަލާނެކަމުގައި ބުނެފައެވެ. ޖިންނި އަވަލާފާނެކަމުގެ ބިރު ހުރިހާކަމަކަށްވުރެ ބޮޑުވެ އާޔާ ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ ދަތް އުނގުޅިއެވެ. ނަމާދަށް ދާންވީމަ އަތުގައި އޮތް އެންމެ ރީތި ހެދުން އަޅާ މީރުވަސް ދުއްވާ ޒީނަތްތެރިވާން ޖެހޭނެކަމަށް މާމަ ވަނީ ބުނެފައެވެ. ހޫނުފެނުން ފެންވަރާލުމަށްފަހު ރީތިހެދުމެއް ލައިގެން ސެންޓްވެސް ޖެހިއެވެ. ދުއްވައިގަތީ ނަމާދު ކުރާ ބަޔަށެވެ. ނަސީބަކުން މާމަވެސް އަދި ކިރިޔާ ނަމާދު ބަޔަށް ވަނީއެވެ. އާރްޔާއާއި ސިއެނާ އެހާ ކަންނެތްކަމާއިއެކު އާފުރިފުރި ދޮޅިލާން ތިބިއިރު ބަލްސަމްވެސް އިނީ ދުޢާ ކުރަން އަތްމައްޗަށް އުފުލައިގެންނެވެ. އާޔާ މި ނަމާދު ކޮޓަރި ދެކެ ރުހެއެވެ. އެންމެ ހިމޭންކަމާއި ހިތްހަމަޖެހުން ލިއްބާދޭ އެއް ކޮޓަރިއަކީ މިތަނެވެ.

"ގުޑް މޯނިން އާޔާ...." ސިއެނާ ކިޔާލިއެވެ.

އާޔާ ހީލަމުން އެއްލޯ މަރައިލިއެވެ. ވައި އަޑުން ބުނީ ނަމާދު ކޮޓަރީގައި ވާހަކަދެއްކީމަ މާމަ ރުޅިއަންނާނެކަމުގައެވެ. ބަލްސަމް ކަޅި އަޅާލާފައި އިންޒާރުކުރުމުން އާޔާ ހިމޭންވިއެވެ. ނަމާދުކުރަމުންގޮސް ސަޖިދައަށް ތިރިވެފައި އާރްޔާ ނުލަފާކަމެއްކޮށްލިއެވެ. އާޔާގެ ފައިތިލައިގެ ދަށްފުށުގައި އިނގިލި ޖައްސައިލިއެވެ. އާޔާއަށް ހަޅޭއްލަވައިގަނެވެން އުޅެފައި އެކަން ފޮރުވަން ކެއްސައިލިއެވެ. ޚުޝޫއަތްތެރިކަމާއި ތަގުވާވެރިކަމައިއެކު ނޫނީ ނަމާދުނުކުރަން މާމަ ނަސޭހަތްދިނަސް އެކުދިންނަށް އަދި އެކަމުގައިވާ މުހިއްމުކަމެއް އިހުސާސް ނުކުރެވެނީއެވެ. އެމީހުން އަޅުކަން މިކުރަނީ އެންމެ މަތިވެރި ފަރާތަށެވެ. މިތިބީ އެފަރާތުގެ ހަޟުރަތަށް ކުރިމަތިލައިގެން އެ ދަރުބާރުގައެވެ. އެންމެ ނިކަމެތިވެ މަޑުމޮޅިވާން ޖެހޭނެއެވެ. ނަމާދުގެ ފޮނިކަމާއި މީރުކަން ލިބި އެނަމާދު ގަބޫލުކުރެވޭނީ އޭރުންނެވެ. ނިތްތަޅައިގެނެއް ނޫނެވެ. ކިޔަމަންތެރިވެ ކުރުނީސްކުރަން ޖެހެނީ ރަސްކަލުންގެ ދަރުބާރުގައެއް ނޫނެވެ. މިތަނުގައެވެ. ނަމަވެސް އެކުދިން އަދިވެސް ނަމާދަށް ދަނީ މާމަގެ އުސޫލުތަކަށް ބޯ ލަނބަން މަޖުބޫރުވާތީއެވެ. އާރްޔާގެ އަނެއްފަރާތުގައި ސަޖިދައިގާ އޮތް ސިއެނާއަށްވެސް ގޯނާކުރިމަތިވިއެވެ. އާޔާއޮތީ ކެތްކޮށްލައިގެންނެވެ. އާރްޔާގެ އަތުގައި ޖަހަންވެސް ހިތަށް އެރިއެވެ. ގިޔާމަށް ހުރިއިރު ހަނދާނަށް އަންނަނީ ޖިންނިއެވެ. އުނދޯލީގައި އިން ކަޅުދެލިކޮޅެއްފަދަ ބީސްޓެވެ. އެއްވެސް ގޮތަކުން ނަމާދަކަށް ސަމާލުކަމެއް ނުދެވުނެވެ.

ނިދީގެ އަސަރު ލޮލުގައި އެކުލެވުނުނަމަވެސް އާޔާގެ ޚިޔާލު ހިސާރުކޮށްފައިވަނީ ޖިންނިންނެވެ.

ފުރަތަމަ ފަހަރަށް އޭނަ ގުރުއާން ތަރުޖަމާ ނަގައިގެން ޖިންނި ސޫރަތް ހުޅުވާލައިފިއެވެ.

قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا

"ސޭ ޔޫ. އިޓް ހޭޒް ބީން ރިވީލްޑް ޓު މީ ދެޓް ސަމް އޮފް ޖިން ލިސެންޑް ޓު މައި ރެސައިޓޭޝަން އޮފް ގުރުއާން އެޓެންޓިވްލީ އެންޑް ސެޑް ވީ ހޭވް ހާޑް އެ ވޮންޑަފުލް ގުރުއާން"

އާޔާ ދެލޯ ބޮޑުކޮށްލައިގެން އިނދެ ދެވަނަފަހަރަށްވެސް އެ އާޔަތް ކިޔައިލިއެވެ.

"މާ ޝައުގާއެކު ކިޔަނީ ކޯންޗެއްތަ؟ " އާރްޔާ ތާއްޔާ ޖެހިޖެހި އިނދެފައިވެސް އާޔާއާއި ދިމާލަށް ގުދުވެލިއެވެ. އޭނަ ވަގުތުން ގުރުއާން ލައްޕާލާފައި ޝެލްފްމަތީ ބޭއްވިއެވެ. މާމަ ނިމެންދެން އިންތިޒާރުގައި އިނދެފައި ފަހަތުން ހިނގައިގަތެވެ. މާމަ އަތުލަފިކޮށްގެން އާޔާ ހިނގައިގަތެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން މާމަގެ ޟައީފްކަމާއި ނާޒުކްކަން އިތުރުވެ އެކަނިމާ އެކަނި ހިނގާ އުޅުން ފަސޭހައެއް ނޫނެވެ. މައިބަދަ ކޮންމެވެސް ވަރަކަށް ގުދުލައިފިއެވެ. މޫނުގައި ކުދި ރޫތައް ގިނައެވެ. ފައިގެ ހުޅުތައް އާތްރައިޓިސްގެ ސަބަބުން ދުޅަވެ ހަލާކުވެފައެވެ. އަދިވެސް އެންމެ ރީތީ ލޮލެވެ. ލޯމައްޗަށް ބުމަ ވެއްޓުނަސް އެ ބޮޑު ދެލޮލުގެ ރީތިކަމަށް އަދިވެސް ބަދަލެއްނާދެއެވެ.

"މާމާ. ރޭ މާމަ ކިޔައިދިނީމެއްނު ޖިންނިންނާއި ބެހޭގޮތުން ގުރުއާންގެ ސޫރަތެއް. ޖިންނިން އުޅެންޏާ އެއްޗެހިތައް ދިރިއުޅެނީ ކޮންތާކު..." އާޔާ ޝައުގާއެކު ސުވާލުކުރިއެވެ.

"ހަވާގައި. ޖަބަލްގާފުގައި...."

"އޯ......." އާޔާގެ ހިތް ތެޅިލިއެވެ.

"އެއީ އިންސާނުންފަދައިން ސިފަ ލިބިގެންވާ ބައެއްނޫން. އަލިފާނުން ހެއްދެވިގެންވާތީ ޖިންނިންނަށް ދުންކޮޅެއްފަދައިން ވެވިދާނެ. އިންސާނުންގެ ލޭގެ ތެރެއަށްވެސް ވަދެ އިންސާނުންނަށް ގޯނާކޮށްފާނެ. އެއެއްޗެހިތައް ކައި އުޅެނީ އިންސާނުން ކައިފާ ބާކީ ހުންނަ ކަށިތަކާއި އެއްޗެހި. ކާންފަށާއިރު ބިސްމި ކިޔާށޭ މާމަ ބުނަނީ ޝައިތާނާ އެއްބައި ކާލާނެތީ. އެހެންވެ ބިސްމި ކިޔާފައި ކާނާގައި ބަރަކާތް ލެއްވުމަށް ދުޢާކޮށްފައި ކާން ފަށަންވާނީ. އެހެންވެ ނިދާއިރު ކުރުސިއާއި ދުޢާތައް ކިޔަވަން މާމަ ބުނަމެއްނު. މަޣުރިބާއި އިޝާނަމާދާއި ދެމެދު ބަގަރާ ސޫރަތް ކިޔަވާ. އޭރުން ޖިންނިންގެ އުދަގުލެއް ނުފޯރާނެ. އާޔާ ހާދަ ވަރަކަށް ޖިންނިންގެ ވާހަކަ ތިއަހަނީ.........." މާމަ ނޫރިއާ ކުޑަކޮށް ހީލިއެވެ.

"ބައްޕަ ބުނުއްވާގޮތުން ދޭ ޑޯންޓް އެގްޒިސްޓް...." އާޔާ ހަދާންކޮށްލަދިނެވެ.

"ބައްޕަ އެހެން ބުނިތަ؟ " ނޫރިއާގެ އަޑަށް ކުޑަ ހަރުކަށިކަމެއްވެރިވިއެވެ.

"ނޮޓް އެގްޒެކްޓްލީ މާމާ. ބައްޕަ ބުނުއްވީ އަޅުގަނޑުމެންގެ ތެރެއަކު ނޫޅެއޭ....." އާޔާ ކުށް ރަގަޅުކޮށްލިއެވެ.

"އަހަރެމެންގެ ތެރެއަކު އަނެއްހެން ނޫޅުނަސް ޖިންނިންނަކީ ލައްވާފައިވާ މަޚުލޫގުންތަކެއް. އެކަމާއި އިންކާރުކުރާ މީހާ މުސްލިމަކަށްނުވާނެ. ގުރުއާންގެ ކޮންމެ އާޔަތެއް ކޮންމެ ލަފުޒެއް އެއީ މާތް ﷲގެ ވަހީބަސްފުޅުކަން ހަދާންނައްތާލައިގެން ނުވާނެ އާޔާ..........." މާމަގެ ދުލުން އަބަދުވެސް އޮހެމުންދާނީ އެފަދަ އަގުހުރި ލަފުޒުތަކެވެ.

އާޔާ މި ސުވާލުތައް ބައްޕައާއި ކޮށްލަން ބޭނުންވެއެވެ. ބައްޕަ ޖިންނިން އުޅޭކަމަކަށް ގަބޫލުނުކުރަނީ ނަފްސާނީ ޑޮކްޓަރަކަށް ވީމަހެއްޔެވެ؟ ބައްޕަ އެހެން ބުނީ އޭގެ ތަފްސީލަށް ނުގޮހެވެ. ބައްޕަ ބުނުއްވީ އެމީހުންގެ ތެރޭ ޖިންނިން ނޫޅޭ ވާހަކަކަން ޔަގީނެވެ. އަވަހަށް ބައްޕަ ދުރުވާނެނަމައެވެ. ބައްޕަ ރާއްޖެ ދުރުވިގޮތަށް އަދިވެސް އެކޮޅުގައެވެ.

އާރިޒު އޮތީ ނުނިދިފައެވެ. ސެވިން ކިތަންމެ ވަރަށް ނަސޭހަތް ދިނަސް އޭނަ އެކަނިވުމާއެކު ޝައިތާނާ ސިކުނޑިއަށް ސަވާރުވެ ފާޑުފާޑުގެ ވަސްވާސްތަކުން ހިތް ފުރައިލައެވެ. ސެވިން ބުނީ އެންމެ ގިނަ އިމްތިހާންތައް ކުރިމަތިވާނީ މާތް ﷲ އެންމެ ލޯބިވާ އަޅުތަކުންނަށް ކަމަށެވެ. އޭގެ ތެރޭގައި އޭނަ ހިމެނޭކަމަކަށް އޭނައަށް ގަބޫލު ނުކުރެވެނީއެވެ. އެހާ ލޯބިވެވޮޑިގެންވާނަމަ މިހާ ހުތުރު ސިފައެއްގައި ދުނިޔެއަށް އައިސްދާނެހެއްޔެވެ؟ އޭނަގެ އުފަން މަންމަވެސް އޭނަދެކެ ކުރާ ނަފްރަތެއްގެ ބޮޑުކަމާއެވެ. މާމަ ފިޔަވާ އެއްވެސް ފަރާތެއްގެ ލޯތްބެއް އާރިޒުއަށް އިހުސާސްކުރެވިފައެއް ނެތެވެ. ދަންނަ ޖަޒުބާތަކީ ހަމައެކަނި ނަފްރަތެވެ. ލޯތްބަކީ އާރިޒުއަށްޓަކާ ހިލޭ އެއްޗެކެވެ.

އާރިޒް އެނދުމަތީ އޮތް އަލްބަމެއް ހުޅުވާލައިގެން ފަހަރަކު ގަނޑެއް އެއްލަމުން ދިޔައެވެ. އެއާއެކު މާޒީގެ ތެރެއަށް ފީނައިގަނެވިއްޖެއެވެ. ކުޑައިރު ފެންވަރުވާ ކާންދީ ހެދީ މާމައެވެ. ގަދަޔަށް އަނދުން އަޅުވާ އެހާވަރަށް ކާށި ތެޔޮލައްވާފައެވެ. އިސްތަށިގަނޑުވެސް އޮމާންކޮށް އެއްފަރާތަކަށް ކަހާލަފައެވެ. މޫނުގައި ހުންނަ އުފަން ލައް އޭރު ތަންކޮޅެއް ކުޑައެވެ. ހުރިހާ ފޮޓޯއިންވެސް އަޅައިގަންނަނީ މޫނުގައިވާ ހުތުރު ލަފެވެ. އޭނަ އިނގިލި ބޯން ހުންނަ ކަމެވެ. މޫނުމަތިން ފެންނަ މާޔޫސީކަމެވެ. ދުނިޔެއިން ފެންނާނެ އެންމެ ހިތާމަވެރި ކުޑަކުއްޖާއެވެ.

"ކުޑަ ކުޑަ ބީސްޓް....." އާރިޒު އަލްބަމް އެއްފަރާތަކަށް އެއްލާލައިފިއެވެ. އަދި އެނދަށް ވެއްޓިގަތުމަށްފަހު ދެލޯ މަރައިލުމަށްފަހު ޚިޔާލުގެ ދުނިޔެއަކަށް ފީނައިގަތެވެ.

އާރިޒުގެ މާމަ ބުނެފައިވާގޮތުން އޭނަ ކުޑައިރުއްސުރެ "ޚިޔާލީ އެކުވެރިން" ގެންގުޅެއެވެ. އެކަނި އިނދެ ހީހީފައި ނުފެންނަ ފަރާތަކާއި ވާހަކަދައްކައެވެ. އެހެން ދިމާވާންފެށީ މަންމަ އާރިޒު އެއްލާލާފައި ދިޔުމަށްފަހުގައެވެ. ތުއްތުކުއްޖެއް ނަމަވެސް ހިތް ހަލާކުވެ ނަފްސާނީ އަނިޔާތައް އެކުޑަ ކުޑަ ރޫހު މުޅިން ބަލިކަށިކޮށްލީއެވެ. ބާރުބާރަށް ރޮއިފާ ކުއްލިއަކަށް ރުއިން ހުއްޓާލާނެއެވެ. މައްޗަށް ބަލަން އޮވެ ދެފައި ތަޅުވާނެއެވެ. މީހަކު ފެނިގެން ބަލާފަދަ ގޮތަކަށް އާރިޒް އޮންނަނީ މައްޗަށް ބަލާށެވެ. އެހެން ކުޑަކުދިންނާއި ތަފާތުކަމެއް ހުރެއޭ މާމަ ބުނެއެވެ. އެހެންވާތީ މާމަ ތަވީދެއް ލިޔުއްވާފައި ކަރުގައި އެޅުވިއެވެ. އުމުރުން ހަތަރުވަރަކަށް އަހަރުވީއިރުވެސް އާރިޒު އެ ނުފެންނަ ޚިޔާލީ އެކުވެރިން ގެންގުޅުނެވެ. އެފަހުން އެކަންތައް ހުއްޓުނުކަމުގައި މާމަ ހީކުރިއެވެ. މާމައަށް ނޭގުނީ އާރިޒުގެ ޚިޔާލީ އެކުވެރިން އަލާނިއަލް އާއި ޒޭބް އަދިވެސް އޭނައާއި ބައްދަލުކުރާކަމެވެ. ޚާއްސަކޮށް ފިރިހެންކުއްޖާ އެލާނިއެލް އެވެ. ކުރުކޮށް ކިޔާނަމުން ނަމަ އަލާންއެވެ. ޒޭބްގެ އުމުރުން ހަތްއަހަރުގައި އޭނައަށް ގެނެސްދިން ބޮއްޔާއި ތަފާތު ކުލަކުލައިގެ ވެއްޔާއި އެސްތައް އަޅާގައި ހުރި ފުޅިއެއް އަދިވެސް އާރިޒު ރައްކާކޮށްފައި ހުރެއެވެ. އޭނަ ހައިރާންވަނީ ޚިޔާލީ އެކުވެރިން ހަދިޔާ ގެނެސްދޭތީއެވެ. ނޫނީ އޭނަ އަމިއްލައަށް ފަރުމައްޗަށްގޮސް ހޮވާ އެއްޗެހި ހެއްޔެވެ؟ އެނގެނީ ރޭގަނޑު ނިދީގައި އޭނަ ހިގާކަމެވެ. މާމަވެސް އެކަމާއި ކަންބޮޑުވެގެން އުޅެއެވެ. އެއްރޭ މާމަ އޭނަ ފަރުމަތީގައި ހުއްޓާ މީހުން ފޮނުވައިގެން ގެއަށް ގެނައިއިރުވެސް އޭނަ ހަމަ ގަދަނިދީގައެވެ. އެވާގޮތެއް އަދިވެސް އޭނައަކަށް ނޭގެއެވެ. އެލާނިއެލް އޭނަ ގޮވައިގެން މަސްބާނާށޭ ކިޔާފައި ދިޔަޔަސް މޫދަކަށް ނޭރޭނެއެވެ. އަލާނިއަލް ބުނާނީ ފަތަން ނޭގޭކަމުގައެވެ. އެނގެނީ އުދުހެން އެކަނި ކަމަށެވެ. ވީއިރު އޭނަ ފަރާއި ހަމަޔަށްދާން ޖެހެނީ ކީއްވެހެއްޔެވެ؟

އެލާނިއަލްއާއި ޒޭބްއަކީ އޭނަގެ ސިކުނޑީގައި ދިރިއުޅެމުންދާ ބަޔެއްހެއްޔެވެ. ސްވިޒަލޭންޑަށް އައިފަހުން އޭނަގެ ހަޔާތުން އަލާނިއަލް ގެއްލިއްޖެއެވެ.

އެވާހަކަ އެއްވެސް މީހަކާއި ހިއްސާކުރާކަށް އާރިޒު ނުރުހެއެވެ.

އޭނަގެ އެކަނިވެރިކަމުގެ ބައިވެރިންނަކީ އެލާނިއެލްއާއި ޒޭބްއެވެ.

ސްވިޒަލޭންޑްފަދަ ގައުމެއްގައި ދިރިއުޅުމުގެ ފުރުސަތަކީ އާރިޒްފަދަ ޒުވާނަކަށް ތަފާތު ތަޖުރިބާއެކެވެ. އަލަށް ބޭރު ގައުމަކަށް އާދެވުނުއިރު އާދެވުނީ އެންމެ ހިތްގައިމު އަމާން އެއް ގައުމަށެވެ. އުޑުގެ ވިލާތަކާއި ބޮސްދޭން މަސައްކަތްކުރަމުންދާ ވަރުގަދަ އާލްޕްސް ފަރުބަދައިގެ މަންޒަރުތައް ބަލަބަލާ ފޫހިވާގޮތެއް ނުވެއެވެ. ކޮންމެ ދިމާލަކުންވެސް ކޯރުތަކާއި ވާދީތަކެވެ. ހޫނު މޫސުމްގައި ފެހިކަންގަދަ ވާދީތައް ހަމަ ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި މިސާލު ޖެހިދާނެއެވެ. ކުޑަދޮރުގެ ދާރައިގެ މަތީ އިށީދެ އިނުމަކީ މިހާރަކަށް އައިސް ހޮބީއެކެވެ. ފެންނަ ވާދީތަކާއި ފަރުބަދަތަކާއި ގުޅުވާލައިގެން ހިތާމަވެރި ލަވަތައް ލިޔުމުން އޭގެ ލަފުޒުތަކަށް އިތުރު ފުރިހަމަކަމެއް ގެނުވާދެއެވެ.

އެރިއިރާއެކު މާމައާއި ކުދިންކޮޅު ގޮވައިގެން ބަލްސަމް ދިޔައީ ޕިކްނިކަށްކަން ނޭގެއެވެ. ލާފައި ތިބިހެދުމުންނާއި ޕިކްނިކް ވަށިތައް ފެނިފާ އާރިޒްއަށް ޔަގީންކުރެވުނީ އެގޮތަށެވެ. މަންމަ ދިޔައީ ގެ ބަލަހައްޓަން އާރިޒްއާއި ހަވާލުކޮށްފައެވެ. މަންމަ ލޯބިން ގެންގުޅޭ ގަސްތަކަށް ފެންދޭން ހަވާލުކުރިއެވެ. އަދި ބައެއް ޕޮޓްތަކަށް ފަސްއަޅާ ގަސްތަކެއް އިންދަންވެސް އެދުނެވެ. ގެ އާއި ކާރު ސާފުކުރަންވެސް ޖެއްސިއެވެ. ފްލޯރާ ބަލިވީއެވެ. ބަގީޗާ ބަލަހައްޓާ ސާފުކުރާ މީހާ ޗުއްޓީނެގީއެވެ. އާރިޒް ހިތް ބުރަކަމެއްނެތި މަންމަވީމަ މަންމަގެ ހައްގު އަދާކުރަން އެހުރިހާކަމެއް ފުރިހަމައަށް ކޮށްލިއިރު މަންމަ އުފާވާނެކަމުގައި ހީކުރިއެވެ.

މަންމަމެން ދިޔައިރު އޭނަވެސް ގެންދިޔަނަމައޭ ހިތަށް އެރިއެވެ. ޒިކުރިއުކްގެ މަޝްހޫރު ބިނާތައް ދެކެން ހިތް އެދުނަސް އަދި އާރިޒްއަށް އެފުރުސަތެއް ނުލިބެއެވެ. ވަށައިގެންވާ ކުދި ޓައުންތައްވެސް އެހާ ހިތްގައިމު ވާނެއެވެ. އޭނަ ގޮވައިގެން މަންމަ ދާނެ ނަމައެވެ. އެކަމަކު އެއީ ހުވަފެނެއްގައި ނޫނީ ކުރެވޭނެކަމެއް ނޫނެވެ. ބޯ ގޮވައިގެން ގިނަވަގުތު އޭނަ ހޭދަކުރަނީ ކުޑަދޮރުގެ ހަތަރުފާރުން އެތެރޭގައެވެ. މިސްކިތަށް ދާން ނުކުތަސް ބައެއް މީހުންގެ އުދަގޫކުރުވަނިވި ނަޒަރުން ސަލާމަތެއް ނުވެވެއެވެ. އެހެންވެ ގެއިން ނިކުންނަ ހިތް ނުވަނީއެވެ. ނަމަވެސް މަންމަމެންނާއިއެކު ކޯރެއްގެ އައްސޭރިފަށަށް ޕިކްނިކް ދެވިދާނެ ނޫންހެއްޔެވެ؟

މަންމަދެއްކި މަސައްކަތް ނިންމާލާފައި އާރިޒް ފެންވަރާ ހަދާލައިގެން ގޭތެރޭގައި ހިގައިލިއެވެ. ގެ ފަރުމާކޮށްފައިވާގޮތާއި ސިޑި އަދި ސީލިންގެ ހިތްގައިމުކަމަށް ހިތް ތައުރީފުކުރިއެވެ. މަތީބަޔަށް އެރުމުން އެބައި އަދި އެތައް ގުނަ ރީތިކަން އެނގުނެވެ. ބޮޑު ބެލްކަނީއިން ވިއުފެންނަލެއް ރީތިކަމުން ހިނިތުންވެލެވުނެވެ. ހީލެވުމާއިއެކު މަންމަ މަނާކޮށްފައިވާކަން އެނގުމުން ތުން ފިތައިލިއެވެ.

"ޑޯންޓް ސްމައިލް އާރިޒް.......އިޓްސް އެ ކްރައިމް ހިއާ..." އާރިޒު އަމިއްލަ ނަފުސަށް އަމުރުކުރިއެވެ. އެ ޚިޔާލުން މޮޅިވެރިވެ އުދަގޫގޮތަކަށް ލޯ މަރައިލަން ޖެހުނެވެ. ސިކުނޑީގައިވި އުދަގޫޚިޔާލުތަކާއި އިރުކޮޅަކަށް ވަކިވާން ބޭނުންވިއެވެ. ބެލްކަނީގެ ރެއިލިންގައި އަތުން ހިފަހައްޓާލަމުން ހިތާއި ރޫހުވެސް ދޫކޮށްލީ މޭވާތަކާއި މާތައް އަޅާ ބަރާވެފައިވާ ގަސްތަކަށެވެ. ކުޅަދުންވަންތަކަމާއިމެދު ވިސްނަން އިރުކޮޅަކު ހުރެފައި އާރިޒު ފޯނު ނެގިއެވެ. ފޮޓޯކޮޅެއްނެގިއެވެ. ސެލްފީ ނަގާފައި އަމިއްލަ ނަފުސަށް ބަލައިލުމަށްފަހު ކްރޮޕްކޮށްލިއެވެ.

ބެލްކަނިއަށް ނުކުމެވޭ ބައިގާ ފޮތިގަނޑަކުން ނިވާކޮށްފައިވާ އެއްޗަކަށް އާރިޒްގެ ނަޒަރު ހުއްޓުނެވެ. އޭނައަށް ހީވިގޮތް ރަގަޅުތޯ ބަލަން ފޮތިގަނޑު ދުރުކޮށްލުމާއިއެކު އާރިޒްގެ ހިތް އޭގެ މަގާމު ދޫކޮށް އުދުހިގަތްހެން ހީވިއެވެ. މިއީ ޔަމަހާ އޭރިއަސް ބްރޭންޑްގެ ޕިއާނޯއެކެވެ. ފިރުމައިލެވުނީ ނިކަން ލޯބިންނެވެ. ކޮންފަދަ ފުރިހަމަކަމެއް ހެއްޔެވެ؟ ދުނިޔޭގެ ހުރިހާ ޚިޔާލުތަކުން ވަކިވެގެން މިއުޒިކީ ދުނިޔެއަށް އާރިޒް ގެންގޮސްދީފިއެވެ. އަތްލާން ދައުވަތުދޭފަދައެވެ. ކުޑައިރުއްސުރެ މިއުޒިކާއި އާޓަށް ލޯބިކުރާ ކުއްޖަކަށްވުމާއިއެކު ފޮޓޯގްރާފަރަކަށް އަދި މިއުޒިޝަނަށްވުމަކީވެސް އާރިޒް ދެކުނު ހުވަފެނެކެވެ. އިނގިރޭސިން ޅެންތައް ލިޔެ އޭނަ ފޮރުވާފައި ބަހައްޓައެވެ. ލަވައެއް ކިޔާލާފައި ޔޫޓިއުބަށް ލާން ހިތަށް އަރާފައިވެސް އެކަން ކޮށްލަން އަދި ފަސްޖެހެނީ އޭނަގެ ސޫރަފެނި މީހުން ނުރުހިދާނެތީއެވެ. މިއޮތީ އެކަމަށް މަގުފަހިވެފައެވެ.

ފިތްތަކުގައި އިނގިލި ހިންގާލުމާއެކު ކިޔައިލީ އަޑުން އާރިޒުއަށް ލިބުނީ ތަފާތު އުފަލެކެވެ. ހަލާކުވެފައިވާ ހިތެއްގެ އެތިކޮޅުތައް މިއުޒިކްގެ ސިފައިގާ އަހާ މީހެއްގެ ހިތަށް ފޯރުކޮށްދިނެވެ. އާރިޒް މަޑުމަޑުން ލަވައެއްގެ ބައިތު ކިޔާލިއެވެ. އެއަޑުގައިވީ ހިތާމަވެރިކަމާއި އަސަރުން ގައިން ހީބިހިނަގާވަރުވިއެވެ.

"އާރިޒް.........." ބަލްސަމް ކަރުބުޑުން ހަޅޭއްލަވައިގަތެވެ.

އާރިޒް ގޮނޑިން ތެދުވުމާއެކު އެނބުރުނީ މަންމަގެ އަޑު ބާރުކަމުންނެވެ. ހައިރާންވެ އަންތަރީސްވީ ބަލްސަމްގެ އަތުން ދެތިންއެތިފަހަރު އޭނަގެ ކަންކަށިމައްޗަށް އެރުމުންނެވެ. އެވަރުންވެސް ބަލްސަމްގެ ރުޅި މައިތިރިއެއް ނުވިއެވެ. އާރިޒްގެ ގައިގެ އެތަންމިތާ މުށްކަވާފައިވާ ދެއަތުން ތަޅައިގަތެވެ. ޒަޚަމްވެފައިވާ ސިންގާއެއް ފަދައިން ހަމަލާދެމުން ދިޔައިރު އަނިޔާ ލިބިގަންނަން އާރިޒް ހުރީ ހިމޭނުންނެވެ. ޖިސްމުގައި ލަމުން ދިޔަ ލަކުނަށްވުރެ ހިތަށް ވީ ތަދު މާ ބޮޑެވެ. އާރިޒްގެ ރޫހު މަރާލައި އިސްޖައްސުވާލައިފިއެވެ. އެލޮލުން ފެނުނު ނަފްރަތާއި ނުރުހުމުން އާރިޒުއަށް ލިބުނު ވަގުތީ އުފާކޮޅު ސައިބޯނި ބޮއްކެއްފަދައިން ފަޅައިގެން ހިގައްޖެއެވެ. އޭނަގެ މަންމަ މިހާ ރުޅިއަންނަން ޖެހޭނެ ސަބަބެއް އާރިޒްއަކަށް ނުވިސްނުނެވެ. އޭނަ މިއުޒިކް ކުޅުމުން މަންމަ މޮޔަވާވަރަށް ރުޅިއައީ ކީއްވެބާވައެވެ.

(ނުނިމޭ...)

https://sun.mv/118907

comment ކޮމެންޓް