ލިވަޕޫލް ބަލިކޮށް ބާސެލޯނާއިން ފައިނަލާ ގާތަށް ޖެހިލި އިރު މެސީއަށް ރެކޯޑެއް

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ރޭ ލިވަޕޫލް ކޮޅަށް ގޯލު ޖެހުމަށް އުފާ ފާޅު ކުރަނީ --- ފޮޓޯ/ އޮމްނި ސްޕޯޓްސް

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ލިވަޕޫލް މައްޗަށް ކުރި ހޯދައި، ފައިނަލާއި ގާތަށް ބާސެލޯނާއިން ފިޔަވަޅެއް އެޅި އިރު އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އަނެއްކާ ވެސް އިތުރު ރެކޯޑު ތަކެެއް މުގުރާލައިފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޫގައި ރޭ ކުޅުނު އެ މެޗުން ބާސެލޯނާ ކުރި ހޯދީ 0-3ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު އަންނަ ހަފްތާ ލިވަޕޫލްގެ އެންފީލްޑުގައި ކުޅޭ ދެވަނަ ލެގުގައި ބާސެލޯނާއަށް ކުޅެން ފަސޭހަވި ނަމަވެސް ލިވަޕޫލްއަކީ ތާރީހުގައި ވެސް އެތަކެއް ފަހަރު އެނބުރި އައުމަކުން އައިސް ނަތީޖާ ބަދަލުކޮށްފައިވާ ޓީމެކެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ރޭ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ބާސެލޯނާއިން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއަކުން --- ފޮޓޯ/ ލިއަމް ބްލެކް ބާން

ވޭތުވެ ދިޔަ ސީޒަނުގެ ފައިނަލުގައި ވެސް ކުޅުނު ލިވަޕޫލްއިން ރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު ނަމަވެސް ގިނައިރު ބޯޅަ ހިފަހައްޓާ ޑޮމިނޭޓް ކުރީ ލިވަޕޫލްއިންނެވެ. އަދި ގިނަ ނުރައްކާތެރި ހަމަލާތަކެއް ވެސް އެ ޓީމުން އުފައްދަން މަސައްކަތް ކުރި އެވެ.

ބާސެލޯނާ އިން ރޭގެ މެޗަށް ނުކުތީ އެ ޓީމުގެ މެދުތެރެއަށް ކުޅޭ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އާތުރް ފުރަތަމަ އެގާރައިގައި ނުހިމަނަ އެވެ. އޭނަގެ ބަދަލުގައި ރޭގެ މެޗުގައި މެދު ތެރެ ބަލަހައްޓާފައި ވަނީ އާޓުރޯ ވިދާލް އެވެ.

ސީޒަނުގެ އެންމެ ވާދަވެރި މެޗުގެ ގޮތުގައި ވެގެން ދިޔަ އެ މެޗު ފެށިގެން ދެ ޓީމުން ވެސް ކުޅެމުން ދިޔައީ ޕްރެޝަރުގަ އޮވެގެންނެވެ. ބާސެލޯނާގެ ޑިފެންސާއި މެދުތެރޭގައި ބޯޅަ ނުހިފޭއްޓި އަމިއްލަ ގޯލަށް ނުރައްކާވަމުން ދިޔަ ދަނޑިވަޅުގައި ތަފާތު ދެއްކީ ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ ލުއިސް ސުއަރޭޒް އެވެ.

ސުއަރޭޒްގެ ގޯލާ އެކު ލިވަޕޫލްގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ނަމަވެސް ބާސެލޯނާގެ ކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެންގެ މޮޅު ސޭވްތަކުން އެ ބޯޅަތައް ވަނީ ދިފާއުކޮށްފަ އެވެ. ލިވަޕޫލްއަށް ލިބުނު ގިނަ ފުރުސަތުތައް ބޭނުން ނުކުރެވި ބޭކާރުވަމުން ދިޔައިރު ބާސެލޯނާއިން އެ ޓީމުގެ ދެވަނަ ގޯލު ޖަހައި ލީޑު ފުޅާ ކުރި އެވެ.

ލިއޮނެލް މެސީގެ އެ ގޯލާ އެކު ބާސެލޯނާއަށް އަނބުރާ ހިއްވަރު ލިބި ކުޅުމުގެ ތެރެއަށް ވަދެ ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރަން ފެށި އެވެ. އެގޮތުގައި މާ ގިނައިރުތަކެއް ނުވަނީސް ލިބުނު ހިލޭ ޖެހުމަކުން ބާސެލޯނާގެ ލީޑު ތިން ގޯލަށް ފުޅާ މެސީ ވަނީ ފުޅާ ކޮށްދީފަ އެވެ. ތިރީސް ޔާޑު ދުރުން އޭނާ ފޮނުވާލި އެ ހިތްގައިމު ހިލޭ ޖެހުން އަމާޒުވީ މަތީ ކަނަށެވެ.

ރޭގެ މެޗުގައި ޖެހި ގޯލުތަކާ އެކު މެސީ ވަނީ ބާސެލޯނާއަށް 600 ގޯލު ހަމަކޮށްފަ އެވެ. މީގެ ހަފްތާއެއް ކުރިން މެސީއާއި އެންމެ ވާދަވެރި ކުރިސްޓިއާނޯ ރޮނާލްޑޯ ވެސް މިއަދަދަށް ގޯލު ހަމަކޮށްފައިވީ ނަމަވެސް މެސީ ރޭގެ މެޗުގައި 600 ގޯލު ހަމަކުރީ ރޮނާލްޑޯއަށް ވުރެން 100 މެޗު މަދުން ކުޅެގެންނެވެ.

comment ކޮމެންޓް