އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒްގެ ގޯލުތައް ފެނިގެންދިޔަ ނަމަވެސް، އަލް ހިލާލް އަތުން އިންޓަ މަޔާމީ ބަލިވެއްޖެއެވެ.
ސައުދީ އަރަބިއާގައި މިހާރު ކޭމްޕްކުރަމުންދާ އެމެރިކާގެ އިންޓަ މަޔާމީން ރޭ ކުޅުނު މެޗުގައި އަލް ހިލާލް އަތުން ބަލިވީ 4-3ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ 11 އިން ބާސެލޯނާއަށް އެކުގައި ކުޅުނު މެސީ އާއި ސުއަރޭޒާއި ސްޕެއިން މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އަދި ސްޕެއިން ޑިފެންޑަރު ޖޯޑީ އަލްބާ ފެނިގެންދިޔައެވެ.
އެ މެޗުގެ ދިހަވަނަ މިނެޓުގައި ސާބިއާ ފޯވަޑް އެލެކްސެންޑާ މިޓްރޮވިޗް އަލް ހިލާލަށް ލީޑު ހޯދައިދިން އިރު، އޭގެ ތިން މިނެޓު ފަހުން އަބްދުﷲ އަލް ހަމްދާން ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް މެޗުގެ 34 ވަނަ މިނެޓުގައި ސުއަރޭޒް ވަނީ އިންޓަ މަޔާމީގެ ޖާޒީގައި އޭނާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް، ފަރަގު ކުޑަކޮށްދީފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، މައިކަލް ވަނީ އަލުން އަލް ހިލާލަށް ލީޑު ފުޅާކޮށްދީފައެވެ. އެ ގޯލާއެކު އޭނާ ވަނީ މެސީގެ ވާދަވެރިޔާ، ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ "ސޫއީ" ސެލެބްރޭޝަން ދައްކާލައިފައެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ.
އެ މެޗުގެ ދެވަނަ ހާފުގައި އިންޓަ މަޔާމީގެ ތަފާތު ގޭމެއް ފެނިގެންދިޔަ އިރު، މެޗުގެ 54 ވަނަ މިނެޓުގައި އިންޓަ މަޔާމީއަށް ކެޕްޓަން މެސީ ވަނީ ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެ މިނެޓެއް ފަހުން ޑޭވިޑް ރުއިޒް ވަނީ ހިތްގައިމު ގޯލަކާއެކު އިންޓަ މަޔާމީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، އަލް ހިލާލުން ވަނީ އަލުން ލީޑު ހޯދައި މޮޅު ޔަގީންކޮށްފައެވެ. އަލް ހިލާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވަޑް މެލްކޮމްއެވެ.
އިންޓަ މަޔާމީން ސައުދީގައި އަދި އިތުރު މެޗެއް ކުޅޭނެއެވެ. އަންނަ ބުރާސްފަތި ދުވަހު ކުޅޭ އެ މެޗުގައި އިންޓަ މަޔާމީ ނުކުންނަން ޖެހޭނީ ޕޯޗުގަލް ތަރި ރޮނާލްޑޯގެ އަލް ނަސްރާ ދެކޮޅަށެވެ. ނަމަވެސް އަނިޔާއާ ގުޅިގެން ރޮނާލްޑޯއަށް އެ މެޗުގައި ކުޅެވޭނެކަން އަދި ކަށަވަރެއް ނުވެއެވެ.