ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަގުޗާޓު 20 ކަމަކާއެކު އާންމުކޮށްފި

"ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަގުޗާޓު"އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކުރާނެ ބޮޑު 20 ކަމެއް ހިމެނޭ ގޮތަށް "ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަގުޗާޓު" އާންމުކޮށްފި އެވެ.

ފަނޑިޔާރުގެ މިނިވަންކޮށް އިސްލާހު ކުރުމުގެ މަގު ޗާޓު އިފްތިތާހު ކުރުމަށް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ބޭއްވި ޖަލްސާގައި ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ ޒަރިއްޔާއިން ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކުރަން ރާވާފައިވާ ކަންކަން ވަނީ އިއުލާނުކޮށްފަ އެވެ.

އިސްލާހު ކުރުމަށް ކުރަން ރާވައިވާ ކަންކަމުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަން އިސްލާހު ކުރުމާއި ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުން ހަރުދަނާ ކުރުމާއި ފަނޑިޔާރުގެއަކީ ކޮރަޕްޝަނާއި ފަސާދައިން އެއްކިބާވެފައިވާ ތަަނަކަށް ހެދުން ހިމެނެ އެވެ.

ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަގުޗާޓުގައި ހިމެނޭ ބައެއް ކަންކަން

  • ޖުޑިޝަލް ސާވިސް ކޮމިޝަން އިސްލާހު ކުރުން
  • ބޭނުންވާ މުހިންމު ގާނޫނުތައް ހެދުން
  • ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުން ހަރުދަނާ ކުރުން
  • ފަނޑިޔާރުގެއަކީ ކޮރަޕްޝަނާއި ފަސާދައިން އެއްކިބާވެފައިވާ ތަަނަކަށް ހެދުން
  • ފަނޑިޔާރުން ޖަވާބުދާރީ ކުރުމުވުމެގެ ނިޒާމު ހަރުދަނާ ކުރުން

"ފަނޑިޔާރުގެ އިސްލާހު ކުރުމުގެ މަގުޗާޓު"އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

  • ރައްޔިތުންގެ ޝަކުވާތައް ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ގާއިމް ކުރުން
  • ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް ހަރުދަނާ ކުރުން
  • ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމުގެ އުސޫލެއް ގާއިމް ކުރުން
  • ހުކުމް ތަންފީޒު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުން
  • ހުރިހާ ސިޓީތަކެއްގައި ސުޕީރިއާ ކޯޓުތަކެއް ގާއިމް ކުރުން
  • ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޒަމާނީކޮށް ހަރުދަނާ ކުރުން
  • ފަނޑިޔާރުގޭގެ މާލީ މިނިވަންކަމާއި ވަސީލަތްތައް ކަށަވަރު ކުރުން
  • ޝަރުއީ ގާނޫނީ ތައުލީމުގެ ނިޒާމު ހަރުދަނާ ކުރުން
  • ލީގަލް ޕްރޮފެޝަން ހަރުދަނާ ކުރުން
  • ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމް ކުރުން

ޖުޑިޝަލް ސާވިސް ކޮމިޝަން އިސްލާހު ކުރުމަށް ކުރާނެ ކަންކަމުގެ ތެރޭގައި ގާނޫނުއަސާސީއާއި ގާނޫނުތައް އިސްލާހުކޮށްގެން އެ ކޮމިޝަން އަލުން އެކުލަވާލައި މިނިވަންކަމާއި އެކު ސިޔާސީ އަދި އެހެނިހެން ނޭދެވޭ ނުފޫޒުތައް ނެތި ޖޭއެސްސީ މަސައްކަތް ކުރެވޭނެ ގޮތް ހެދުން ހިމެނެ އެވެ.

ފަނޑިޔާރުގެއަށް އައްޔަން ކުރެވެނީ އިލްމީ ގޮތުންނާއި އަހުލާގީ ގޮތުން ގާބިލް ބޭފުޅުންތޯ ކަށަވަރު ކުރުމަށް ޖޭއެސްސީ އިސްލާހުކޮށް ކަމާ ގުޅުން ހުރި ގާނޫނުތައް މުރާޖާ ކުރަންވެސް މަގުޗާޓުގައި ވަނީ އެކުލަވާލާފަ އެވެ. ގާބިލް އަދި އަހުލާގީ ގޮތުން ޒިންމާދާރު ފަނޑިޔާރުން ނެތި އަދުލު އިންސާފު ގާއިމެއް ނުކުރެވޭނެ ކަމަށް މަގު ޗާޓުގައި ވަނީ ބުނެފަ އެވެ.

ފަނޑިޔާރުގެ އިސްލާހުކޮށް މިނިވަން ކުރުމުގެ އެންމެ މުހިންމު އެއް ބަޔަކީ ފެބުރުއަރީ މަހު ބޭއްވުނު ޖުޑިޝަލް ރިފޯމް ފޯރަމް ކަމަށް ޑީޖޭއޭއިން ބުންޏެވެ. އެ ކޮންފަރެންސަކީ ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާއި ބައިނަލްއަގްވާމީ ތަޖުރިބާ ކާރުން ބައިވެރިވެ ވަޑައިގެން ފޯރަމެއް ކަމަށްވެސް ބުންޏެވެ.

comment ކޮމެންޓް