ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތަށް ރޯދަ އިނާޔަތް ނުދޭކަން ފާހަގަ ކުރެވިގެން އެ އިނާޔަތް ދިނުމަށް ލޭބަ ރިލޭޝަން އޮތޯރިޓީން ހުރިހާ ފަރާތްތަކަށް އަންގައިފި އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ވަޒީފާ އަދާ ކުރާ ކޮންމެ މުވައްޒަފަކަށް ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭން ޖެހޭނެ އެވެ.
ލޭބަ ރިލޭޝަން އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އޮތޯރިޓީން ބަލަމުންދާ ބެލުންތަކުން ވަޒީފާ ދޭ ބައެއް ފަރާތްތަކުން ރޯދަ އިނާޔަތް ދެމުން ނުދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ރޯދަ އިނާޔަތް ދިން ނަމަވެސް ގާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ މަދުން ދޭކަން ފާހަގަކުރެވިފައިވާ ކަމަށް ލޭބަރިލޭޝަން އޮތޯރިޓީން ވަނީ ބުނެފަ އެވެ.
"ވަޒީފާދީގެން މުވައްޒަފުން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުންވެސް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން 1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތް ދެއްވުމަށް ދަންނަވަން،" ލޭބަ ރިލޭޝަން އޮތީރިޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ރޯދަ އިނާޔަތް ދޭން ޖެހޭނީ ރޯދަ މަސް ފެށުމުގެ ކުރިންނެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އިސްލާމީ ކަލަންޑަރު ދައްކާ ގޮތުން މޭ މަހުގެ ހަވަނަ ދުވަހެވެ.
ވަޒީފާގައި އުޅޭ ފަރާތްތަކަށް ރޯދަ އިނާޔަތް ނުދޭ ނަމަ އެ މައްސަލަ ލޭބަރިލޭޝަން އޮތޯރިޓީއަށް ހުށަހެޅޭނެ އެވެ. އަދި ރޯދަ އިނާޔަތް ހޯދަން ބޭނުން ނަމަ އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.