އަންނަ ހަފުތާގެ ބުރާސްފަތީގެ ކުރިން ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން އަންގައިފި

ސިވިލް ސާވަންޓުންތަކެއް: މިމަހު 20ގެކުރިން ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭން އަންގައިފި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިއަހަރުގެ ރޯދަ އިނާޔަތް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން ސަރުކާރު މުވައްޒަފުންނަށް ދިނުމަށް ފިނޭންސް މިނިސްޓްރީން މިއަދު އަންގައިފިއެވެ.

ކަލަންޑަރުން ދައްކާގޮތުގައި މިއަހަރުގެ ރޯދަމަސް ފެށެނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ސަރުކާރު ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ، މިމަހު 20ގައި ރޯދަ އިނާޔަތުގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާތީ މިމަހު 18ގެ ކުރިން އެ ފައިސާ ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑުކުރުމަށް އެދިފައެވެ.

އެގޮތުން، އިނާޔަތްދޭއިރު، އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާތައް އަދާކުރާ މުވައްޒަފުންނަށް ފައިސާ ދެނީ ހަމައެކަނި އެ މުވައްޒަފެއް އަސާސީ ވަޒީފާ އަދާކުރާ އޮފީހުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

ރޯދަ މަސް ފެށޭއިރު، 'ޕޭ ލީވް'ގެ ތެރެއިން ސްކޮލާޝިޕް މުވައްޒަފުންނާއި 'ނޯޕޭ ލީވް'ގައި ތިބި މުވައްޒަފުންނަށް އިނާޔަތް ނުދޭން ވަނީ އަންގާފައެވެ. އެ ލީވްތަކުގެ ތެރެއިން ލީވެއްގައި ހުރި މުވައްޒަފަކު ވަޒީފާއަށް ނިކުމެއްޖެނަމަ، އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އިނާޔަތް ދޭން ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ވަނީ ޕްރައިވެޓާއި ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރާ މުސްލިމް މުވައްޒަފުންނަށް ރޯދަ މަސް ފެށުމުގެ ކުރިން އިނާޔަތުގެ 3،000 ރުފިޔާ ދިނުމަށް ލާޒިމުކޮށްފައެވެ.

comment ކޮމެންޓް