މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކުއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
މިދިޔަ ހަ ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި ވާދަ ކުރި 386 ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، މާލީ ބަޔާން ހުށަހަޅާފައިވަނީ، 347 ކެންޑިޑޭޓުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖާމަނު އަދި މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ، މާލީ ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންނާ މެދު ދައުވާ ކޮށްދިނުމަށް އެދި މި ހަފްތާ ތެރޭ ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.
"އެ ކެންޑިޑޭޓުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިހަފްތާ ތެރޭ ޕީޖީ އަށް ފޮނުވާނަން. ދެން ޕީޖީ އިން ގޮތެއް ނިންމަވާނީ،" އަކްރަމް ވިދާޅުވި އެވެ.
އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ބުނާގޮތުން އިންތިހާބު ބާއްވާތާ، 21 ދުވަސް ތެރޭ ކެންޑިޑޭޓުން، ކެމްޕޭނަށް ހޭދަކުރި ގޮތުގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. އެ މުއްދަތު ހަމަވީ، މިދިޔަ ހޮނިހިރު ދުވަހު ގެ ރޭ 12:00 އަށެވެ.
މާލީ ބަޔާން ހުށަހަޅާފައި ނުވާ 39 ކެންޑިޑޭޓުންގެ ތެރެއިން، ގިނަ ކެންޑިޑޭޓުންނަކީ އަމިއްލަ ކެންޑޭޓުންނެވެ. އެގޮތުން 31 އަމިއްލަ ކެންޑިޑޭޓަކު މަލީ ބަޔާން ހުށަހަޅާފައިނުވާއިރު، ޕީޕީއެމްގެ ދެ ކެންޑިޑޭޓަކު، ޕީއެންސީ އާއި އަދާލަތު މިއިން ކޮންމެ ޕާޓީއަކުން އެއް ކެންޑިޑޭޓަކު މާލީ ބަޔާން ހުށަ ނާޅުއްވަ އެވެ. އަދި އެމްޓީޑީއިން ދެ ކެންޑިޑޭޓަކު އަދި ލޭބާ ޕާޓީއިން ދެ ކެންޑިޑޭޓަކު ވެސް ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ.
ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޑީއާރުޕީގެ ހުރިހާ ކެންޑިޑޭޓުން ވަނީ މާލީ ބަޔާން ހުށަހަޅުއްވާފަ އެވެ.
އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ބުނާގޮތުން، ވަކި ކަމެއް ކުރުމަށް އެ ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިހާބީ ކުށެއް ކަމަށެވެ. އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި 24،000ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެ އެވެ.