އިމްރާންޚާން ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" ދިފާއު ކުރައްވައިފި

'ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް'ގެ މަހާސިންތާގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ތަގުރީރު ކުރައްވަނީ. -- ފޮޓޯ/ އޭޕީ

ބެއިޖިންގް (އެޕްރީލް 28) -- ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްރާސްޓްރަކްޗާ ބިނާކޮށް ދިނުމަށް 'ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް'ގެ ދަށުން ޗައިނާ ކުރަމުން ގެންދާ މަސައްކަތްތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ތައުރީފް ކުރައްވައިފި އެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގްގައި ނިމުނު 'ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް' މަހާސިންތާގެ ހަވާސާގައި ދެއްވި ބަޔާނެއްގައި އިމްރާންޚާން ވިދާޅުވީ ކުރިއަރަމުން އަންނަ ގައުމުތަކަށް ބޭނުންވާ ލޯންތައް ދިނުމަށް ދަތިކޮށް ލޯންތައް ސިޔާސީ ހަތިޔާރަކަށް ހަދައިގެން އުޅުނީ ހުޅަނގުގެ ކޮންޓްރޯލްގެ ދަށުގައިވާ ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކުން ކަމަށާއި އެ މުއައްސަސާތަކުން އުޅުނީ ބައިނަލްއަގްވާމީ މާލީ ނިޒާމާއި ގައުމުތަކުގެ ތަރައްގީއަށް ދޭ ލޯންތައް މޮނޮޕޮލީ ކޮށްގެން ކަމުގަ އެވެ.

އިމްރާންޚާން އިޝާރާތް މިކުރެއްވީ ދުނިޔޭގެ މާލީ ނިޒާމު ކޮންޓްރޯލްކޮށް މޮނޮޕޮލީކޮށްގެން އުޅޭ ދެ މުއައްސަސާކަމަށްވާ ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑަށް ކަމަށް ވިޔަސް އެދެ މުއައްސަސާގެ ނަން ސީދާ ގޮތެއްގައި އިމްރާން ޚާން ވިދާޅެއް ނުވެ އެވެ.

އިމްރާންޚާން ވިދާޅުވީ މި މޮނޮޕޮލީ ފިލައިގެންގޮސް ކުރިއަރަން ބޭނުންޥާ ގައުމުތަކަށް ފަސޭހައިން ލޯންލިބި ތަރައްގީގެ ކަންކަން ފަސޭހައިން ކުރެވޭ ގޮތް ވީ ޗައިނާ އިގްތިސާދީ ބޮޑު ބާރެއްގެ ގޮތުގައި ފާޅުވެ ކުރިއަރަމުން އަންނަ ގައުމުތަކަށް ފަސޭހައިން ލޯން ލިބުމުގެ އިންތިޒާމު ޗައިނާގެ އެގްޒިމް ބޭންކުންނާއި 'ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް'ގެ ދަށުން ހަމަޖައްސައި ދިނުމުގެ ސަބަބުން ކަމުގަ އެވެ.

ބެއިޖިންގްގެ މަހާސިންތާގެ އަރިމަތީގައި ޗައިނާއިން ވަނީ 'ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް'ގައި ބައިވެރިވާ ބައެއް ގައުމުތަކުގައި 64 ބިލިޔަން ޑޮލަރު އިންވެސްޓް ކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. މިއީ އެގައުމުތަކުގެ ބަނދަރުތަކާއި ހައިވޭތަކާއި ބްރިޖްތަކާއި މަގުތައް ފަދަ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށާއި އޭގެއިތުރުން ސިނާއަތާއި ހަކަތައިގެ ދާއިރާތައް ތަރައްގީ ކޮށްދިނުމަށް ޗައިނާއިން ކުރާ އިންވެސްޓްމަންޓްތަކެކެވެ.

ބެއިޖިންގް މަހާސިންތާގެ އިފްތިތާހީ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާންޚާން ވަނީ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" އަކީ ގައުމުތައް ދަރުވާލުމަށް ނޫނީ ގައުމުތައް ބާރާއި ނުފޫޒުގެ ދަށަށް ގެނައުމަށް ޗައިނާ އިން ޖަހާ ދަންތުރައެއް ކަމަށް ބުނެ ހުޅަނގުން ފަތުރަމުންދަނީ ދޮގު ޚަބަރުތަކެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އަދި 'ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް' އަކީ އޭޝިޔާ، އެފްރިކާގެ ގައުމުތަކުގައި ތަރައްގީގެ އިންފްރާސްޓްރަކްޗާ ބިނާކޮށް އެދެ ބައްރާއި ޔޫރަޕް ވިޔަފާރީގެ ގުޅުންތަކުން ގުޅުވާލައި އެންމެން ގުޅިގެން ތަރައްގީވުމަށް ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށް ވެސް އިމްރަންޚާން ވިދާޅުވި އެވެ.

"ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" އަކީ ގައުމުތައް ދަރުވާލުމަށް ޗައިނާއިން ޖަހާ ދަންތުރައެއް ކަމަށްބުނެ ހުޅަނގުން ޕްރޮޕަގެންޑާ ކުރަމުން ގެންދަނީ ހުޅަނގުން ދުނިޔެއަށް އަތްގަދަކޮށް ގައުމުތައް އިގްތިސާދީ ގޮތުން އަޅުވެތި ކުރުމަށާއި ކުރިއަރަމުންދާ ގައުމުތަކުގެ ރޯމެޓީރިއަލްގެ ނާޖާއިޒު ފައިދާ ނަގައިގެން މުއްސަނދިކޮށް އުޅުމަށް އެމެރިކާ އާއި ޔޫރަޕުން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތު ޗައިނާގެ ސަބަބުން ނާކާމިޔާބުވެ ގައުމުތަކަށް ކުރިއެރުމުގެ ފުރްސަތު ލިބުމުން ހުޅަނގުގެ ބާރާއި ނުފޫޒު ދުނިޔޭގައި ކުޑަވަމުންދާތީ ކަމަށް އެކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

ޗައިނާ އާއި ޕާކިސްތާން ގުޅިގެން ކުރިޔަށްގެންދާ ތަރައްގީގެ ސްޓްރެޓެޖީ މިހާރު މިސްރާބު ޖަހާފައިވަނީ އޭގެ ދެ ވަނަ މަރުހަލާއާ ދިމާލަށް ކަމަށާއި މި ސްޓްރެޓެޖީގެ ސަބަބުން ޕާކިސްތާނުގެ އިގްތިސާދަށް އެނގުންވާވަރުގެ ހެޔޮ ބަދަލެއް ވަރަށް އަވަހަށް އަންނާނެ ކަމަށް ވެސް އިމްރާންޚާން ވިދާޅުވި އެވެ.

ބެއިޖިންގް މަހާސިންތާގައި ދުނިޔޭގެ 37 ގައުމަކުން ބައިވެރިވެފައިވާ އިރު މީގެތެރެއިން ބައެއް ގައުމުތަކުން ބައިވެރިވެފައިވަނީ އެންމެ އިސްވެރިން ކަމަށްވާ ރައީސުންނާއި ބޮޑުވަޒީރުންނެވެ. އަދި އެމެރިކާއަށް ގޮންޖަހާފައި އިޓަލީ ފަދަ ޔޫރަޕްގެ ގައުމުތައް ވެސް ވަނީ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް"ގައި ބައިވެރިވެފަ އެވެ. ބެއިޖިންގްގެ މަހާސިންތާގައި އިޓަލީގެ ބޮޑުވަޒީރު ގޮސެޕެ ކޮންޓޭ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އިޓަލީ ޗައިނާގެ ބައިވެރިއަކަށް ވުމުން އެމެރިކާ ވަނީ ދާދިފަހުން އެކަމާ ހިތްހަމަ ނުޖެހޭކަން ފާޅުކޮށްފަ އެވެ.

ބެއިޖިންގް މަހާސިންތާގައި އެމެރިކާ، އިންޑިއާ އަދި ޖަޕާން ބައިވެރިއެއް ނުވެ އެވެ. މީގެތެރެއިން އެމެރިކާ އާއި ޖަޕާނަކީ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" އާ އިދިކޮޅު ދެގައުމު ނަމަވެސް އިންޑިއާއަކީ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް"ގައި ހިމެނޭ އަދި ޗައިނާގެ ލޯން އެހީގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާ ގައުމެކެވެ. ނަމަވެސް މިފަހަރުގެ މަހާސިންތާގައި ބައިވެރިވުމަށް އިންޑިއާ ވަނީ ފަސްޖެހިފަ އެވެ. --- ނޫސްއެޖެންސީތައް

comment ކޮމެންޓް