ހުޅުދެލީގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ރައީސް ކިބައިން އެދިއްޖެ

ހުޅުދެލީ ކައުންސިލް މެމްބަރުންނާ މިއަދު ރައީސް ސޯލިހް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

ދ. ހުޅުދެއްޔަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން އެދިއްޖެއެވެ.

ހުޅުދެލީ ކައުންސިލް މެމްބަރުން މިއަދު މެންދަރު ރައީސް އޮފީހުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމުގައި، ރަށުގެ މިހާރުގެ ހާލަތާއި، ހުޅުދެލި ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސްއަށް ވަނި އަރުވައިފައެވެ.

ހުޅުދެލީ ކައުންސިލްގެ ރައީސް އިސްމާއިލް ނިޒާމް "ސަން" އަށް ވިދާޅުވީ އެރަށުގައި މިހާރު ތިން ޖަނެރޭޓަރު ހުރި ނަމަވެސް ކަރަންޓްގެ ލޯޑު ބޮޑުވެ ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެމުންދާ ކަމަށެވެ.

އަދި ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓް ބޭނުންކުރުން އިތުރުވާނެތީ، ކަރަންޓް ކެނޑުމުން އިންތިހާއަށް އުނދަގޫވާނެތީ އެކަމުގެ ކަންބޮޑުވުން ރައީސްއާ ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ބަނދަރުގެ ދަތިކަމާއި، ރަށުގެ ސިއްހީ މަރުކަޒުން ލިބެންހުންނަ ސިއްހީ ހިދުމަތްތައް މަދުވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވަނީ ހިއްސާ ކޮށްފައެވެ. އަދި ރަށުގެ ބިންހިއްކުމާއި ސްކޫލުގެ ޖާގަ އިތުރުކުރުމަށް ބޭނުންވެފައިވާކަން ވެސް ހުޅުދެލީ ކައުންސިލުގެ މެންބަރުން ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި އެގޮތުން ބަނދަރުގެ ދަތިކަން ހައްލުކުރުމާއި ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ.

comment ކޮމެންޓް